24 ސެޕްޓެމްބަރ 2020 - 12:51
ގްރީންސްޓްރީޓްސްގެ ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) އަންނަ ސީޒަނުގައި ޔުނައިޓެޑް ވިކްޓްރީ އަށް ކުޅެން ސޮއިކޮށްފި އެވެ.
ކޮވިޑް-19 ގެ ސަބަބުން މި ސީޒަން ކެންސަލްކުރުމަށް ފަހު އަންނަ ސީޒަން ފަށާނެ ދުވަހެއް އަދި ނޭގެ އެވެ. އެކަމަކު ބައެއް ކްލަބްތަކުން ވަނީ އާ ސީޒަނަށް ތައްޔާރީތައް ފަށައިފަ އެވެ. އެގޮތުން ޔުނައިޓެޑް ވިކްޓްރީން ވަނީ ބަކާގެ އިތުރުން ކްލަބް އީގަލްސްގެ އިސްމާއިލް ފަރުހާދު (ފަރޭ) އާއި އަހުމަދު ނިޒާމް (ކުޑަ ނިޒާމްބެ) ވެސް ގެނެފަ އެވެ.
ބަކާ ވަނީ އޭއެފްސީ ކަޕަށް މާޒިޔާ އިން ދާދި ފަހުން ތައްޔާރުވިއިރު އެ ޓީމާ އެކު ޕްރެކްޓިސްކޮށްފަ އެވެ. އޭރު އޭނާ ހުރީ އެ މުބާރާތުގައި މާޒިޔާ އަށް ކުޅޭ ގޮތަށެވެ. އެކަމަކު ފަހު ވަގުތު އޭއެފްސީ ކަޕް ކެންސަލްވީ އެވެ.
ބަކާ އަންނަނީ، އަންނަ ސީޒަނަށް ފިޓްނަސް ރަނގަޅުކުރުމުގެ ގޮތުން ބައެއް އެހެން ކުޅުންތެރިންނާ އެކު ރާއްޖޭގެ ގައުމީ ސްޕްރިންޓް ކޯޗު އަހުމަދު ފާއިލްގެ ޕްރޮގްރާމެއްގައި ބައިވެރިވަމުންނެވެ.
އައިއެފްސީން 2004 ވަނަ އަހަރު ވިދާލި ބަކާ އަކީ ރާއްޖޭން އެންމެ ގިނަ ޓީމުތަކަށް ކުޅުނު އެއް ކުޅުންތެރިޔާ އެވެ. އެގޮތުން އޭނާ ވަނީ އައިއެފްސީގެ އިތުރުން ވެލެންސިއާ، ވީބީ އައްޑޫ އެފްސީ، ނިއު ރޭޑިއަންޓް، ވިކްޓްރީ، މާޒިޔާ، އީގަލްސް އަދި ގްރީންސްޓްރީޓްސް އަށް ކުޅެފަ އެވެ. މީގެ އިތުރުން މިޔަންމާގެ ކޭބީޒެޑަށް ވެސް އެއް އަހަރު ކުޅުނެވެ.
ބަކާ އަކީ ރާއްޖޭން ސާފް ޗެމްޕިއަންޝިޕް 2008 އާއި 2018 ގައި ކާމިޔާބުކުރިއިރު އެ ދެ ޓީމުގައި ވެސް ހިމެނުނު މަދު ކުޅުންތެރިންގެ ތެރެއިން އެކެކެވެ. އަދި އޭނާ އަކީ ރާއްޖޭން 2009 ގެ ފައިނަލަށް ދަތުރުކުރިއިރު އެ މުބާރާތުގައި އެންމެ މޮޅަށް ކުޅުނު އެއް ކުޅުންތެރިޔާ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy