ރަޝިއާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ، ސިޑިއަކުން ފައިބަނީ: ވަރުގަދަ ވިހައެއްގެ ސަބަބުން ހާލު ސީރިއަސްވި ނަވަލްނީ މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައި
24 ސެޕްޓެމްބަރ 2020 - 14:40
ސައިބީރިޔާގެ އެއާޕޯޓެއްގައި ބޭނުންކުރެއްވި ފެނަށް އަޅާފައި ހުރި ނުރައްކާތެރި ވިހައެއް ބޮއިގެން، މަތިންދާބޯޓު ތެރޭގައި ހާލު ސީރިއަސްވި ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ، ފަރުވާއަށް ފަހު ޖަރުމަނުގެ ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.
އޮގަސްޓް 20 ވަނަ ދުވަހު ސައިބީރިއާ އިން ފުރައިގެން ރަޝިއާގެ ވެރިރަށް މޮސްކޯއަށް ދަތުރުކުރި ފްލައިޓްގައި އިންނަވަނިކޮށް ނަވަލްނީގެ ހާލު ސީރިއަސް ވީ، މިހާރު ޔަގީންވެފައިވާ ގޮތުގައި، އެއާޕޯޓްގައި އޭނާ ބޭނުންކުރެއްވި ފެން ފުޅިއަށް އަޅާފައި ހުރި ބާރުގަދަ ވިހައެއްގެ ސަބަބުންނެވެ. ޓެސްޓްތަކުން ކަށަވަރުވެފައިވާ ގޮތުގައި އެއީ ނާރުތަކަށް ހަމަލާދޭ ނޮވިޗޮކް އެވެ.
ނަވަލްނީގެ އެހީތެރިން ތުހުމަތުކުރާ ގޮތުގައި އޭނާއަށް ވިހަ ދިނީ، ރަޝިޔާގެ ރައީސް ލަޑީމިއާ ޕުޓިންގެ އަމުރަށެވެ. އެކަމަކު ރަޝިޔާ ސަރުކާރުން އެ ތުހުމަތުތައް ދޮގުކުރެ އެވެ.
މީގެ ކުރިން ވެސް ޕުޓިންއާ ދެކޮޅު ބައެއް މީހުންނަށް ވިހަ ދީފައިވެ އެވެ. އެގޮތުން އިނގިރޭސި ވިލާތުގައި އެކަކު މަރުވި އެވެ. ނޮވިޗޮކް ދިން އެހެން މީހަކާއި އޭނާގެ ދަރިފުޅު ސަލާމަތްވީ ކިރިޔާ އެވެ. އެ ވިހަ އުނގުޅާފައި ހުރި ތަނެއްގައި އަތް ލެވިގެން، އިނގިރޭސި ވިލާތުގެ މީހަކު އެފަހަރު މަރުވި އެވެ.
ޖަރުމަނުގެ ހޮސްޕިޓަލަކަށް ނަވަލްނީ ބަދަލުކުރީ، އޭނާ ފުރަތަމަ އެޑްމިޓްކުރި ސައިބީރިއާގެ ހޮސްޕިޓަލުން އެކަމާ ދެކޮޅުހަދައި، ވަގުތުތަކެއް ވެސް ބޭކާރުވީ ފަހުންނެވެ. އެކަމަކު ޖަރުމަނުގައި ފަރުވާ ދިނުމަށް ފަހު އޭނާ ދޫކޮށްލީ، އާންމު ދިރިއުޅުމެއްގައި އުޅެވޭ ވަރަށް ރަނގަޅުވުމުންނެވެ.
ރަޝިއާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ، ޖަރުމަނުގެ ހޮސްޕިޓަލުން ދޫކޮށްލި ފަހުން ނަގާފައިވާ ފޮޓޯއެއް: އޭނާ މިހާރު ގެންދަވަނީ ރިހެބްގައި ކަސްރަތުކުރައްވަމުން
ނަވަލްނީގެ ތަރުޖަމާނަކު ވިދާޅުވީ ދުވަސްކޮޅަކު އަދިވެސް ޖަރުމަނުގައި އޭނާ ހުންނަވާނެ ކަމަށެވެ.
"ޑޮކްޓަރުން ބުނޭ މުޅިން ރަނގަޅުވާނެއޭ،" ތަރުޖަމާން ވިދާޅުވި އެވެ.
ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި އުމުރުން 44 އަހަރުގެ ނަވަލްނީ ހޮސްޕިޓަލްގައި އޮންނެވި 32 ދުވަހުގެ ތެރެއިން 24 ދުވަސް ބޭއްވީ އައިސީޔޫގަ އެވެ.
"ބަލިމީހާގެ މިހާރުގެ ހާލަތަށް ބަލާއިރު ޑޮކްޓަރުންނަށް ފެންނަނީ މުޅިން ރަނގަޅުވާނެ ކަމަށެވެ. އެކަމަކު ވިހައިގެ އަސަރު ވަރުގަދަކަމުން، ކުރިމަގުގައި ކުރިމަތިވެދާނެ މައްސަލަތައް ލަފާކުރުން އަދި އަވަހެވެ،" ބަޔާނުގައިވެ އެވެ.
އިންސްޓަގްރާމްގައި ޖެއްސެވި ޕޯސްޓެއްގައި ނަވަލްނީ ވިދާޅުވީ އޭނާގެ ރިހަބިލިޓޭޝަން ޕްރޮގްރާމް ކުރިއަށް ދާ ކަމަށެވެ.
"ހޮސްޕިޓަލްގައި އޮވެގެން ދެން ކުރެވޭނެ ކަމެއް ނެތް. ދެން އޮތީ ރިހެބިލިޓޭޝަން ސެންޓަރު. އެއް ފައި ޖައްސައިގެން ކޮޅަށް ހުރުން. އަހަރެންގެ އިނގިލިތަކަށް ހަރަކާތް ގެނައުން. ބެލެންސް ހިފެހެއްޓުން،" އޭނާ ލިއުއްވި އެވެ.
ޖަރުމަނުގައި އޭނާއަށް ލިބިވަޑައިގެންނެވި ފަރުވާއަށްޓަކައި ޑޮކްޓަރުންނަށް ޝުކުރު ވެސް އަދާކުރެއްވި އެވެ.
ޖަރުމަނުގެ ސަރުކާރުން ބުނީ އެ ގައުމުގައި ހެދި ޓެސްޓްތަކުން ދެއްކި ނަތީޖާ، ފްރާންސާއި ސްވިޑްގެ ލެބޯރަޓަރީތަކުން މިހާރު ކަށަވަރުވެފައިވާ ކަމަށެވެ. އެހެންކަމުން ނަވަލްނީއަށް ދީފައި ވަނީ ނޮވިޗޮކް ކަން މިވަނީ ޔަގީންވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބާގިރު
24 September 2020
ޕުޓިން އިސްތިއުފާ.
ޕުޓިން
24 September 2020
އޯކޭ