ރިޕޯޓް

ކުޑައިރުގެ ކެންސަރުން ސަލާމަތްވެ އާދައިގެ ދިރިއުޅުމުގައި

- ރާއްޖޭގައި ކެންސަރު ޖެހިފައި ތިބި މީހުންގެ 15 ޕަސެންޓަކީ ކުޑަކުދިން.

ރުމެއިޒާ: ފުރާވަރުގައި ކެންސަރާ ހަނގުރާމަކުރަމުން ކިޔެވުމަށް ފަހު، ޓީޗަރަކަށް ވުމުގެ ހުވަފެން ހަގީގަތަކަށް ހެދި.

އެޑިޓަރުގެ ނޯޓު: މިއީ ކުޑަކުދިންނަށް ޖެހޭ ކެންސަރާ މެދު ހޭލުންތެރިކުރަން ހާއްސަ ކެމްޕޭނެއް ކުރިއަށް ގެންދާ މަހަކަށް ވާތީ، އެ ދާއިރާއަށް ބިނާކޮށް ލިއުނު ތިން ރިޕޯޓްގެ ތެރެއިން ދެ ވަނަ ރިޕޯޓެވެ.

މަލާހާ އަބްދުއްރަޝީދަކީ އައިޖީއެމްއެޗުގެ ސީނިއަ ޑައިޓީޝަންއެކެވެ. އާމިނަތު ރުމެއިޒާ (ރުމޭ) އަކީ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ލީޑިން ޓީޗަރެކެވެ. ދެ މީހުންގެ އެއްގޮތް ކަމަކީ ކުޑައިރު ކެންސަރާ ކުރި ހަނގުރާމަ އެވެ.

ލިއުކީމިއާ އާއި އެ ބަލީގެ ފަރުވާތަކުގައި ވޭންހުރި، ގޮންޖެހުން ބޮޑު ދުވަސްތަކެއް ހޭދަކުރަން ޖެހުނަސް މަލާހާ، 31، އާއި ރުމޭ، 29، ވަނީ ދިރިއުޅުމުގެ އަމާޒުތައް ހާސިލްކޮށްފަ އެވެ. ކެންސަރަށް ބޭސް ކުރަމުން ސްކޫލް ނިންމައި މަތީ ތައުލީމު ވެސް ފުރިހަމަކޮށް، އެ މީހުން ކުރިއަށް ދާން ބޭނުންވި ދާއިރާތަކުގައި ފައިތިލަ ސާބިތުކޮށްފަ އެވެ.

މަލާހާ އަށް ލޭގެ ކެންސަރު ޖެހިފައިވާކަން އެނގުނު އިރު އުމުރުން ހަތަރު އަހަރެވެ. ކެންސަރުން ސަލާމަތްވެވުނީ އަށެއްކަ އަހަރު ވަންދެން ފަރުވާކުރުމަށް ފަހު އުމުރުން 12 އަހަރުގަ އެވެ. އެ ދިގު މުއްދަތުގައި ދޭތެރެ ދޭތެރެ އިން ސްކޫލަށް ނުދެވި، ފިލާވަޅުތަކަށް ސަމާލުކަން ނުދެވި ތައުލީމަށް ނުހަނު ބޮޑަށް ހުރަސްއެޅުނެވެ. އެކަމަކު ވެސް ކުރިމަގު ބައްޓަންކުރުމުގެ ހިތްވަރު އޭނާ ހޯދި އެވެ.

"އަދިވެސް ހަނދާން އެބަހުރި ގްރޭޑް ހައެއްގެ އިމްތިހާނަކުން ފާސްނުވެގެން ވަރަށް ބޮޑަށް ދެރަވި ދުވަހެއް. ކުރީގެ ގްރޭޑްތަކުގައި ރަނގަޅަށް ނުކިޔެވި ހުރީމަ އެ ގޮތަށް ދިމާވީ. ކިޔެވުމަށް ވަރަށް ބޮޑަށް އަސަރުކުރި. އެކަމަކު މަޑުމަޑުން ހަމައަކަށް އެޅެމުން ގޮސް އެންމެ ފަހުން ރަނގަޅުވެއްޖެ،" މަލާހާ ބުންޏެވެ.

ކެންސަރާ ހަނގުރާމަކުރާ އިރު "މި ކަހަލަ ބައިވަރު ކަންތައްތައް އަޔަސް އެ ކަންކަމުން އަރައިގަނެ، ވާން ބޭނުންވާ މީހަކަށް ވެވޭނެ."

ކެންސަރު ހުރިކަން އުމުރުން 16 އަހަރުގައި އެނގުނު ވަގުތު ރުމޭ އަށް ކުރެވުނީ އޭނާގެ މުޅި ކުރިމަގު ފުނޑުފުނޑުވެގެން ދިޔަ ކަމުގެ އިހުސާސެވެ.

"އެންމެ ފުރަތަމައިނުން ވެސް ރޯން ފެށުނީ. ހިތަށްއެރީ ދެން މި ނިމުނީއޭ، ދެން އަހަންނަކަށް ނުވާނެއޭ އެއް ކަމެއް ވެސް. ކުރިއަށް އޮތް ތާނގައި ކިހިނެއް ބާއޭ ވާނީ، އަހަރެން މަރުވާނީ ކިހިނެއް، ކޮން ހާލަތެއްގައި ބާއޭ،" ބިޒްނަސް ޓީޗަރު ރުމޭ ކިޔައިދިނެވެ.

އެކަމަކު ރަނގަޅު ފަރުވާއާ އެކު ކެންސަރުން ވެސް ސަލާމަތްވެވިދާނެ ކަމަށް ޑޮކްޓަރު ބުނި ވާހަކަ އިން އޭނާ އަށް ހިތްހަމަޖެހުން ލިބުނެވެ. މައިންބަފައިންގެ ހިފެހެއްޓުމެއް ނެތް ލޯތްބާއި އަޅާލުމުގެ ބަދަލެއްގެ ގޮތުން ވެސް ހިތްވަރުކުރަން ރުމޭ ބޭނުންވި އެވެ. އެއާ އެކު މަޑުމަޑުން އޭނާ ބަދަލުވީ އުއްމީދީ ވިސްނުމަކަށެވެ.

ގާތްގަނޑަކަށް އަހަރެއް ވަންދެން ކީމޯތެރަޕީ އާއި ރޭޑިއޭޝަންގެ ފަރުވާ ހޯދުމަށް ފަހު ރުމޭ ގްރޭޑް 11-12ގައި ކިޔެވީ ކީމޯތެރަޕީ ބޭސް ކަމުންނެވެ. ކިޔަވާ ހިތް އޮތްލެއް ބޮޑުކަމުން، ބައެއް ދުވަސް ދުވަހު ހޮޑު ލާފައި ވެސް ސްކޫލަށް ދިޔަ އެވެ. އޭލެވެލް އިމްތިހާނު ފުރިހަމަކުރި އެވެ. އަދި ޑިގްރީ ހާސިލްކޮށް ކުރިންސުރެ އޭނާގެ އޮތް، ޓީޗަރަކަށް ވުމުގެ ހުވަފެން ހަގީގަތަކަށް ހެދި އެވެ.

ރުމޭ އަންގައިދޭން ބޭނުންވަނީ ކެންސަރުން ސަލާމަތްވެ ދިރިއުޅުމައިގެން ކުރިއަށްދާން ފަށައިގަންނަ މީހުން އާދައިގެ މީހުންނެކޭ އެއްގޮތް ކަމެވެ. ކުޑަކުދިންނަށް ޖެހޭ ކެންސަރުތަކަށް ހޭލުންތެރިކުރުމަށް ކެންސަ ސޮސައިޓީ އޮފް މޯލްޑިވްސް އިން މި މަހު ބޭއްވި ވެބިނާއެއްގައި ރުމޭ ބުނިގޮތުގައި ކެންސަރު ޖެހޭ މީހުންނާ ދޭތެރޭ ތަފާތުކުރުމާއި އެފަދަ މީހުން ބާކީކުރުން ރާއްޖޭގައި އެބަ އޮތެވެ. އޭނާ ބުނީ ކެންސަރަކީ ގައިން ގަޔަށް އަރާ ބައްޔެއް ކަމުގެ ކުށްހީ ވެސް ބައެއް މީހުން ގެންގުޅޭ ކަމަށެވެ.

"މިސާލަކަށް އަޅުގަނޑުމެންގެ ތެރޭގައި އުޅޭ ބައެއް ކެންސަ ސަވައިވާސް އަށް އެބަ ދިމާވޭ، ކުރިން މަސައްކަތްކުރި މާހައުލުގައި މަސައްކަތްކުރުމަށް ފަހު އަލުން ކެންސަ ބަލިން ރަނގަޅުވެގެން މަސައްކަތުގެ މާހައުލަށް ނުކުންނަ އިރު ކުރިން ދިން ޒިންމާތަކުން އެކަހެރިކުރުމާއި ރަނގަޅުވެގެން އައުމަށް ފަހު އެ މީހާގެ ފަރާތުން ދެން ތިބޭ މީހުންނަށް ބަލި ޖެހިދާނެ ކަމުގެ ބިރަށްޓަކައި އެ މީހާ އެކަހެރިކުރެވޭ ފަހަރު އެބަ އާދޭ. މިއީ ވަރަށް ދެރަ ކަމެއް،" ވެބިނާގައި ރުމޭ ބުންޏެވެ.

ރުމޭގެ އެންމެ ބޮޑު އެދުމަކީ "އަޅުގަނޑުމެންނަކީ ބޭނުންތެރި ބައެއްގެ ގޮތުގައި، ކަންކަން ކުރެވޭނެ ބައެއްގެ ގޮތުގައި" ބަލައިގަތުމެވެ.

ކެންސަރާ ހަނގުރާމަކުރާ ކުދިންނަށާއި އެ ކުދިންގެ އާއިލާތަކަށް ރުމޭގެ ނަސޭހަތަކީ އުއްމީދު ނަގާ ނުލުމެވެ.

"ކެންސަރުގެ ފަރުވާގެ ތެރެއިން އެކި ގޮތްގޮތުން މާތްﷲގެ ރަހުމަތް އަހަންނަށް ވަރަށް ކައިރިން ފެނުނު. ގަބޫލުކުރަން ވަރަށް އުނދަގޫ، 'މިހެން ވެދާނެ ބާވައޭ، އެހެން ވީ ބާވައޭ' އެހެން ހިތަށް އަރާ ބައިވަރު ވަގުތުތައް އައި،" ރުމޭ ބުންޏެވެ.

"މިސާލަކަށް ޑޮކްޓަރު ބުނެފައި އޮވެދާނެ މިހެން އެކަންޏޭ ދެން ހެދޭނީ. އެކަމަކު ވިސްނާށޭ މާތްﷲ ކޮންމެ ކަމަކަށް ވެސް ކުޅަދުންވަތައޭ. އެހެންވީމާ އަހަރެމެންގެ ހިތުގެ އަޑިން އެކަން ޔަގީންކުރުމާ އެއްކޮށް ދުއާކުރުމުގައި ހުރެ މަސައްކަތްކުރީމަ އިންޝާﷲ މާތްﷲ އެ އަޅަކަށް އެ ކަމެއް ނިންމަވައިދެއްވާނެ."

🎗Know signs and symptoms of childhood cancers. Support families going through it. Show kindness and spread love 💛

Posted by Cancer Society of Maldives on Monday, September 7, 2020

ކެންސަރުން ސަލާމަތްވި ކުއްޖެއްގެ ވާހަކަ

ކެންސަރު ޖެހޭ މީހުންގެ 15 ޕަސެންޓަކީ ކުޑަކުދިން

ކެންސަ ސޮސައިޓީން ބުނިގޮތުގައި ރާއްޖޭގައި ކެންސަރު ޖެހިފައި ތިބި މީހުންގެ ތެރެއިން 15 ޕަސެންޓަކީ ކުޑަކުދިންނެވެ. އެކަމަކު މިއީ ހޮސްޕިޓަލް ތަފާސްހިސާބު ކަމަށް ވާތީ، ޑޮކްޓަރުން ލަފާކުރަނީ ހަގީގީ އަދަދު މިއަށް ވުރެ ވެސް މަތިވާނެ ކަމަށެވެ.

އައިޖީއެމްއެޗުގެ ކްލިނިކަލް އޮންކޮލޮޖިސްޓް ޑރ. މުހައްމަދު އަމްރު އަހުމަދު ވިދާޅުވިގޮތުގައި ކެންސަރަށް ޓެސްޓުކުރުމަށާއި ފަރުވާ ހޯދަން ދިވެހިން އާއްމުކޮށް ދާން ޖެހެނީ ރާއްޖެ އިން ބޭރަށް ކަމަށް ވާތީ، މި ތަފާސްހިސާބުގައި ނުހިމެނޭ ގިނަ އަދަދެއްގެ ކުދިން ތިބުން އެކަށީގެންވެ އެވެ.

ކުޑަކުދިންގެ މެދުގައި އެންމެ އާއްމު ދެ ބާވަތުގެ ކެންސަރަކީ ލިއުކީމިއާ އާއި ސިކުނޑީގެ ކެންސަރެވެ. އެއަށް ފަހު ނާރުގެ ކެންސަރާއި ކިޑްނީގެ ކެންސަރާއި ކަށީގެ ކެންސަރެވެ.

🎗There are many different types of cancers. These are the most common types of cancers in children

Posted by Cancer Society of Maldives on Sunday, September 6, 2020

ކުޑަކުދިންނަށް ޖެހޭ ކެންސަރުގެ ބާވަތްތައް

އެކި ކެންސަރުތަކުގެ އަލާމާތްތައް ތަފާތެވެ. ހުން އައުން، ބަނޑު ފުއްޕުން، ބޮލުގައި ރިއްސުން އަދި މާ ބޮޑަށް ވަރުބަލިވުން ފަދަ އަލާމާތްތައް ދިގުލައިގެންދާ ނަމަ އެ ކަންކަމުގެ ހަގީގަތް ހޯދަން މަސައްކަތްކުރަން ޑޮކްޓަރުން އިރުޝާދު ދެ އެވެ.

"ކުއްޖާ ކައިރީގައި އުޅޭ މައިންބަފައިން، ގާތް ތިމާގެ މީހުން، ސްކޫލެއްގައި އުޅޭ ނަމަ ޓީޗަރުން، މި ކަހަލަ އަލާމާތްތަކަށް ހޭލުންތެރިވުމަކީ ވަރަށް މުހިއްމު ކަމެއް،" ކުޑަކުދިންގެ ޑޮކްޓަރު ފަރުޒާނާ ފިރުދައުސް، ކެންސަ ސޮސައިޓީގެ ވެބިނާގައި ވިދާޅުވި އެވެ.

ކެންސަ ސޮސައިޓީގެ އިރުޝާދަކީ އަލާމާތެއް ފެނި ދިގުދެމިގެންދާ ނަމަ ޓެސްޓު ހެދުމަށާއި ފުރަތަމަ ހަދާ ޓެސްޓުން މައްސަލައެއް ނުފެނުނަސް އިތުރަށް އަލާމާތެއް ފެނިއްޖެ ނަމަ އަވަހަށް ޑޮކްޓަރަށް ދައްކައި ލަފާ ހޯދުމަށެވެ.

🎗Know the symptoms of childhood cancers & observe for these symptoms. Please see a doctor if these symptoms are present.

Posted by Cancer Society of Maldives on Wednesday, September 2, 2020

ކުޑަކުދިންނަށް ޖެހޭ ކެންސަރުތަކުގެ ބައެއް އަލާމާތްތައް

ޑރ. އަމްރު ވިދާޅުވި ގޮތުގައި ކުދިން ޑޮކްޓަރަށް ދައްކާ އިރު މައިންބަފައިންނަށް ބައެއް ފަހަރު މިފަދަ އަލާމާތްތައް ރަނގަޅަށް ކިޔައިނުދެވޭތީ ނުވަތަ ދިމާވަނީ ވަރަށް އާދައިގެ ކަންތައްތަކެއްގެ ގޮތުގައި ސިފަކޮށްދޭތީ، ޓެސްޓުކޮށް ރަނގަޅަށް ބެލުމުގެ ފުރުސަތު ކުޑަވެ އެވެ. އެކަމަކު އަނެއް ބައި ފަހަރު އޭގެ އަނެއްކޮޅު ވެސް ދިމާވެ އެވެ؛ ބެލެނިވެރިން ކިތަންމެ ކަންބޮޑުވެގެން ވާހަކަދެއްކިޔަސް ޑޮކްޓަރު އެހާ ސީރިއަސްކޮށް ނުނެގުމެވެ. ޑރ. އަމްރު ވިދާޅުވީ އެހެން އެ ވަނީ އޮންކޮލޮޖީއަކީ ރާއްޖޭގައި އާ ސްޕެޝަލިޓީއަކަށް ވުމުން އާއްމު ޑޮކްޓަރުން ނުވަތަ އެހެން ބަލިތަކަށް ހާއްސަ ޑޮކްޓަރުން އެ ދާއިރާ އަށް ފުރިހަމައަށް އަހުލުވެރިވެފައި ނެތުމުން ކަމަށް ވެދާނެ ކަމަށެވެ. އެކަމަކު ރާއްޖޭގައި ކެންސަރު ޑައިގްނޯޒްކުރުމުގެ ގާބިލްކަން އުފެދޭ މިންވަރުން އެކަން ބަދަލުވާނެ ކަމުގެ އުއްމީދު އޭނާ އަށް އެބަ އޮތެވެ.

ކެންސަރު ދެނެގަތުމުގެ ޓެސްޓުތަކަށާއި ފަރުވާ ހޯދަން އަދިވެސް ވަރަށް ބޮޑަށް ބަރޯސާވާން ޖެހެނީ ރާއްޖެ އިން ބޭރުގެ ހޮސްޕިޓަލްތަކަށެވެ. އާއިލާތަކުން އިންޑިއާ އަށާއި ސްރީ ލަންކާ އަށް ގޮސް އެކަމަށް ނަގާ ދިގު މުއްދަތުގައި ބޭރުގައި ތިބެން ޖެހުމަކީ ބޮޑު ތަކުލީފެކެވެ.

ހަމަ އެ ގޮތަށް، ރަށްރަށުން މާލެ އަންނަ މީހުން އުފުލަން ޖެހޭ މާލީ ބުރަ އާއި ކޮވިޑްގެ ހާލަތުގައި ދަތުރުފަތުރަށް ބުރޫއެރުމާ ގުޅިގެން ދިމާވާ ތަކުލީފުތައް ޑރ. އަމްރު ސިފަކުރެއްވީ "އަޅުގަނޑުގެ ހިތަށް ވަރަށް އަސަރުކުރާ" ކަންކަމުގެ ގޮތުގަ އެވެ.

"އެހެންވީމާ ވަރަށް މުހިއްމު ކަމެއް އަޅުގަނޑުމެން ވީހާ ވެސް ބޮޑަށް އާއިލާ ވެސް، ރަހުމަތްތެރިން ވެސް، މުޖުތަމައު އެއްކޮށް، މި ބަލި ތަހައްމަލްކުރާ ކުދިންނަށް އަދި މީހުންނަށް އެހީތެރިކަން ދިނުން. މުޖުތަމައު އެއްކޮށް، މި މީހުންނަށް، ކުރަން ޖެހޭ ހަރަދުތަކަށް، ނޫނިއްޔާ ފަރުވާ ހޯދުމުގައި ދިމާވާ ދަތިތަކަށް އެހީތެރިކަން ދިނުމަކީ ވަރަށް މުހިއްމު ކަމެކޭ،" ވެބިނާގައި ޑރ. އަމްރު ވިދާޅުވި އެވެ.

ރުމޭ ބުނިގޮތުގައި ކެންސަރަށް ފަރުވާ ހޯދާ މީހަކަށް ނަފްސާނީ ގޮތުން ވެސް ވަރަށް ބޮޑަށް އަޅާލުން ބޭނުންވެ އެވެ. ގާތް މީހުންގެ އޯގާތެރިކަމަކީ، އޭނާ ބުނީ، "ބަލިން ޝިފާ ހޯދުމަށްޓަކައި ވަރަށް މުހިއްމު ދައުރެއް އަދާކުރާ އެއްޗެއް" ކަމަށެވެ.

"ސަބަބަކީ ކެންސަ ބައްޔާ ހަނގުރާމަކުރަމުންދާ މީހަކީ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ވެސް ބައްޔާ ހަނގުރާމަކުރަމުންދާ މީހެއް. ކެންސަ ބައްޔަކީ ނަފްސާނީ ގޮތުން ވަރަށް ބޮޑަށް މީހާ [ބަލިކަށިކޮށްލާ] ބައްޔެއް،" ރުމޭ ބުންޏެވެ.

ރައްކާތެރިވާނީ ކިހިނެއް؟

ވާރުތަވެގެން ނުވަތަ ޖެނެޓިކް ސަބަބަކުން ކެންސަރު ޖެހުމުން ރައްކާތެރިވެވޭކަށް ނޯންނާނެ އެވެ. އެކަމަކު ކެންސަރު، ދިރިއުޅުމުގެ އާދަތަކާ ވެސް ވަރަށް ބޮޑަށް ގުޅެ އެވެ.

މި ފަހުގެ އަހަރުތަކުގައި ހަދާފައިވާ ސްކޫލް ކުދިންގެ ސިއްހީ ސާވޭތަކާ ހަވާލާދެއްވައި ޑރ. ފަރުޒާނާ ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގައި ކުޑަކުދިންގެ ބަރުދަން އިތުރުވަމުންދާ މައްސަލައާ މެދު ކަންބޮޑުވާން ޖެހިފައިވާ އިރު ޗައިލްޑްހުޑް އޮބީސިޓީއަކީ ކެންސަރާ ސީދާ ގުޅުން ހުރި ކަމެކެވެ. ހަކުރު ގިނަ ބާވަތްތަކާ ކުދިން ދުރުކުރުމަށާއި ހެލިފެލިވެ އުޅުން އިތުރުކުރުވަން އޭނާ ނަސޭހަތްތެރިވެވަޑައިގަތެވެ. ޑރ. ފަރުޒާނާ ވިދާޅުވީ ދުޅަހެޔޮ އާދަތައް އަށަގަންނުވަން، ކުއްޖާ އަށް ކާން ދޭން ފަށާ ހިސާބުން ފެށިގެން އެކަން ކުރުން މުހިއްމު ކަމަށެވެ. އަދި ނުރަނގަޅު އެއްޗެއްސަށް އާދަވެފައި ތިބި ކުދިން އެ އެއްޗެއްސާ ދުރުކުރަން އެންމެންގެ ހޭލުންތެރިކަމާއި އެއްބާރުލުން ބޭނުންވާ ކަމަށާއި އެފަދަ ބާވަތްތައް ބޭނުންކުރުން މަދުކުރަން، ރާއްޖެ އެތެރެކުރުން މަދުކުރަން އިމްޕޯޓް ޓެކްސް މަތިކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދިވެހިންގެ ތެރޭގައި އާއްމު، އެންމެ ނުރައްކާތެރި އެއް ބާވަތަކީ ސޮސެޖުކަން ފާހަގަކުރައްވައި ޑރ. ފަރުޒާނާ ވިދާޅުވި ގޮތުގައި ޕްރޮސެސްކުރި އެއްގަމު މަހަކީ ކެންސަރު ޖައްސާ މާއްދާތައް އެންމެ މަތީ ދަރަޖައަށް އެކުލެވޭ ބާވަތެއް ކަމަށް ކަނޑައެޅުމުން އެފަދަ އެއްޗެހި ބޭނުންކުރުން މަދުވި ނަމަވެސް "އެ ހޭލުންތެރިކަން ތިރިވާ ވަރަކަށް" އަނެއްކާވެސް އިތުރުވަމުންދާކަން ފާހަގަކުރެވެ އެވެ.

🎗Some childhood cancers are linked with secondhand smoke. Reduce your child’s risk of exposure to this risk. 🚭

Posted by Cancer Society of Maldives on Tuesday, September 8, 2020

ދުންފަތުގެ ދުމުން ކުޑަކުދިން ރައްކާތެރިކުރާނެ ގޮތް

އެންމެ ނުރައްކާތެރި ކެޓެގަރީގައި ހިމެނޭ ސިނގިރޭޓު ވެސް ދިވެހިން ބުއިން އާއްމުވެފައި އޮތް މިންވަރުން ކުޑަކުދިން ވަރަށް ބޮޑަށް ނުރައްކަލަށް ހުށަހެޅިފައިވާ ކަމުގެ އިންޒާރު ޑރ. ފަރުޒާނާ ދެއްވި އެވެ. އޭނާ ވިދާޅުވީ ބޮޑެތި މީހުން ދުންފަތުގެ އިސްތިއުމާލުކުރާ އިރު ކުދިން ދުމަށް ހުށަހެޅި، ބޯ މީހާއެކޭ އެއްވަރަށް ގެއްލުން ލިބޭނެ ކަމަށާއި އަމުދުން ކޮވިޑްގެ ހާލަތުގައި ގިނަ ވަގުތު ގޭގައި ތިބެން ޖެހޭ އިރު ގޭ ތެރޭގައި ސިނގިރޭޓް ބުއިމުގެ ސަބަބުން ތަންތަނުގައި ހަރުލާފައި ހުންނަ ދުމުގެ އަސަރު ވެސް ކުޑަކުދިންނަށް ކުރާނެ ކަމަށެވެ.

"ރައްކާތެރިކަމަކީ މީގެ ވަރަށް މުހިއްމު ބައެއް. އެކައްޗަކީ އެނގުން، ހޭލުންތެރިކަން. އަނެއް ބަޔަކީ ރައްކާތެރިވުން،" ޑރ. ފަރުޒާނާ ވިދާޅުވި އެވެ.

ކުޑަކުދިންގެ ކެންސަރާ ބެހޭ ގޮތުން މައުލޫމާތު ދޭން ކެންސަ ސޮސައިޓީން ބޭއްވި ވެބިނާ

15 ކޮމެންޓް, 49 ރިއެކްޝަންސް

icon happy icon happy 35%
icon sad icon sad 65%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޒޯޔާ

27 September 2020

ދައްކަވަން ހުރިތަނެއް ދައްކަވާފަ ގެންދަވާނީ

The name is already taken The name is available. Register?

ކުޅުދުއްފުށީމުސްކުޅިމީހާ

27 September 2020

އިއްޔެ ގެނެސްދެވުނު ރިޕޯޓުގައި އެ ބުނާ ކުޑަ ކުއްޖާވެސް މި ކުދިންނެކޭ އެއްގޮތަށް ބަލީގެ ޝިފާއާއި ދިރިއުޅުމުގެ ކާމިޔާބީ ދެއްވާށި އާމީން ، ވަރަށް ހިތްވަރުގަދަ ދެ ކުދިން ވަރަށް އިންސްޕިރޭޝަނަލް ، އިތުރު ކާމިޔާބީއަށް އެދެން.

The name is already taken The name is available. Register?

ާއާމިނަ

27 September 2020

ހުރިހާ ބައްޔަކަށް ޝިފާ ވާކަމަށް އަންގަވާފައިވޭ. މުސްކުޅި ބަލި ފިޔަވާ. އުއްމީދު ކަނޑާނުލާ އެކަލާނގެއަށް ދުޢާދަންނަވާ. ކޮންމެ ކަމަކީ އިމްތިޙާނެއް.

The name is already taken The name is available. Register?

ހިތްވަރު

27 September 2020

އަޅުގަނޑުމެންގެ އާއިލާގައި ދުންފަތުގެ އިސްތިއުމާލްކުރާ މީހަކު ނުހުންނާތީ ގޭތެރެއިން ވަރަށް ހިތްހަމަޖެހުންލިބޭ. ނަމަވެސް ކުޑަދަރިފުޅު އުރާލައިގެން ދާއިރު ޕޭމަންޓްމަތީގައާއި ސައިކަލްމަތީ އަދި ޕޭމަންޓާ ދިމާވާގޮތަށް އޯޕަންކޮށް ހުންނަ ކެފޭތަކުގައިތިބޭމީހުން މީހަކަށް ބަލާލުމެއްނެތި އެފޮނުވާލާ ދުންތަކުން ގެއްލުންލިބެނީ އެއަމަލުގައި ބައިވެރިނުވާ މީހާއަށް. އެދުންގަނޑުން ސަލާމަތްވުމަށް ދަރިފުޅުގެ ނޭފަތާއި އަނގަމަތި އަތުން ނިވާކޮށްލުމުން އެމީހުން ބުނާނެ ދައްތާ ސޮރީއޭ. ހާލަތު

The name is already taken The name is available. Register?

ދުނިޔެމ

27 September 2020

އަޅުގަނޑަށްވެސް ވަނީ ކެންސަރު ޖެހިފައި... ޑޮކްޓަރުންވަނީ އުންމީދު ކަނޑާލާފަ. ވަރަށް ވޭންހުރި ބައްޔެއްމީ.

The name is already taken The name is available. Register?

ތުނިޔަ

27 September 2020

ﷲތަޢާލާ ތިބާގެ ވޭން ކުޑަކުރައްވާ ޝިފާދެއްވާށި އާމީން.

The name is already taken The name is available. Register?

ފީނާ

27 September 2020

ތިބާއަށް ޝިފާދެއްވާށި. އާމީން

The name is already taken The name is available. Register?

Happy

27 September 2020

ﷲތަޢާލާ ތިބާގެ ވޭން ކުޑަކުރައްވާ ޝިފާދެއްވާށި ޢާމީން

The name is already taken The name is available. Register?

ތުނޑުހަސަނު

29 September 2020

ޝަފާކަﷲ

The name is already taken The name is available. Register?

ހުސައިންދީ5

27 September 2020

ހާރޓް ޓަޗިންގ

The name is already taken The name is available. Register?

އަހުމަދުބެގެ

27 September 2020

ކެންސަރާ ހނގުރާމަ އެއް ނުކުރެވޭނެ.

The name is already taken The name is available. Register?

އަލިބެ

27 September 2020

އެއީ ކީއްވެ؟ ނުކުރެވޭންވީ ސަބަބަކީ ކޮބާ؟

The name is already taken The name is available. Register?

ތުނިޔަ

27 September 2020

އަހުމަދުބޭ ތިހެން ނުބުނޭ! ﷲތައާލާ އެއްވެސް އަޅަކަށް ނުއުފުއްލޭވަރުގެ ބުރައެއް ނުޖައްސަވާނެ..ބޭނުންވަނީ ކެތްތެރިކައި އީމާންތެރިކަމާެި ހިތްވަރު.

The name is already taken The name is available. Register?

އަސްތާ

27 September 2020

އެކަމާ ހަނގުރާމަކުރި ބައެއްގެ ވާހަކަ ކިޔާފަވެސް ބުނަނީ ނުކުރެވޭނެއޭ؟؟؟

The name is already taken The name is available. Register?

ސްކުއިޑް

27 September 2020

ކުޑައިރުގެ ކެންސަރޭ؟؟؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454