ޚަބަރު

އާދައިގެ ރޯގާއެއް ކެންސަރަށް، މިހާރު މަރާ ހަނގުރާމަ ކުރަނީ!

އެންމެން ވެސް ހީކުރީ އާދައިގެ އަރިދަފުސް ރޯގާއެއް ކަމަށް. މާލޭގެ އެންމެ މޮޅެތި ކުޑަކުދިންގެ ޑޮކްޓަރުންނަށް ދެއްކުމުން ވެސް ލިބުނީ އެއް ޖަވާބެއް؛ ލަފާ ކުރެވެނީ އާދައިގެ ރޯގާއެއް ކަމަށް.

ނުހައިކް: އޭނާއަށް މިހާރު ފަރުވާ ދެމުން ދަނީ އައިސީޔޫގައި

އުފަންވި އިރު ވެސް ނުހައިކް ބިން މުހައްމަދު ރިޔާޒްގެ އެކި ނުކުޅެދުންތެރިކަން ހުއްޓެވެ. ވާހަކަ ނުދެކެވުމާއި އަޑު ނީވުމާއި ރަނގަޅަށް ނުހިނގޭކަން، ބޮޑުވަމުން އައި އިރު ފާހަގަ ކުރެވެން ފެށި އެވެ. އެ ކަންތައްތަކަށް، އޭނާގެ މައިންބަފައިން ދިޔައީ އެންމެ ތުއްތު އިރުއްސުރެ ފަރުވާ ހޯދަމުންނެވެ. ދޭންޖެހޭ ތެރަޕީތަކާއި، ހާލަތު ގޯސްވޭތޯ ޗެކަޕްތައް ހަދަމުން ދިޔަ އެވެ. ނުކުޅެދުންތެރިކަން ހުރި ނަމަވެސް، ނުހައިކް ބޮޑުވަމުން އައީ ރަނގަޅު ސިއްހަތެއްގަ އެވެ.

އެކަމަކު އެއީ މީގެ ހައެއްކަ މަސް ކުރިއާ ހަމައަށެވެ. ރަނގަޅު ސިއްހަތެއްގައި ހުރި 11 އަހަރުގެ ދަރިފުޅަށް ޖެހުނީ ރޯގާ އެކެވެ. އެންމެން ވެސް ހީކުރީ އާދައިގެ އަރިދަފުސް ރޯގާއެއް ކަމަށެވެ. އެކަމަކު ނޭފަތުން ފެން އައުން ނުހުއްޓި، މާބޮޑަށް އުނދަގޫވާން ފެށުމުން ޑޮކްޓަރަށް ދެއްކި އެވެ. މާލޭގެ އެންމެ މޮޅެތި ކުޑަކުދިންގެ ޑޮކްޓަރުންނަށް ދެއްކީމަ ވެސް ލިބުނީ އެއް ޖަވާބެކެވެ؛ މާބޮޑު މައްސަލައެއް ނޫން ކަމާއި ލަފާ ކުރެވެނީ އާދައިގެ ރޯގާއެއް ކަމަށެވެ.

އެންމެ ފަހުން، ކަރުންމަތީގެ ޑޮކްޓަރަކަށް ދެއްކުމުން، ނުހައިކްގެ އަނގައިގެ ތަލިމަތީގައި ދުޅަވެފައި އިންތަނެއް ފާހަގަ ކުރެވުނެވެ. އަދި އެއީ އާދަޔާހިލާފު ކަމަކަށް ވުމުން، ފަރުވާ ހޯދުމަށް ރާއްޖޭން ބޭރަށް ފުރަން އެންގި އެވެ. އިންޑިއާގެ ހޮސްޕިޓަލަކަށް ދެއްކުމުން، ނުހައިކްގެ އާއިލާއަށް ލިބުނީ އެއްވެސް ވަރަކަށް އުއްމީދުކޮށްގެން ހުރި ހަބަރެއް ނޫނެވެ. ޑޮކްޓަރުން ބުނިގޮތުގައި އެއީ އާދައިގެ ރޯގާއެއް ނޫނެވެ. ނުހައިކްގެ އަނގަ އާއި ކަރުތެރޭގައި ފެތުރެމުން ދިޔައީ، ވަރަށް މަދުން ފެންނަ، ނުރައްކާތެރި ކެންސަރެއް ކަމުގައިވާ، ބާކިޓް ލިމްފޯމާ އެވެ.

ނުހައިކް އިންޑިއާގެ ކިމްސް ހޮސްޕިޓަލުގައި: އޭނާގެ ހާލު ސީރިއަސް

އެންމެން ވެސް ހީކުރީ އާދައިގެ ރޯގާއެއް ކަމަށް!

ނުހައިކްގެ މަންމަ، ފަރުހާނާ ޝަފީގް ބުނިގޮތުގައި އުފަންވި އިރު ވެސް ދަރިފުޅުގެ ހުރި ނުކުޅެދުންތެރިކަމަށް އެންމެ ކުޑައިރުއްސުރެ ދިޔައީ ފަރުވާ ހޯދަމުންނެވެ. ކޮންމެ ހަ މަހަކުން އިންޑިއާއަށް ގޮސް، ދަރިފުޅުގެ ހާލަތު ގޯސްވިޔަ ނުދީ ބެހެއްޓުމަށް މަސައްކަތް ކުރި އެވެ.

އެ މީހުން އެންމެ ފަހުން އިންޑިއާއަށް ދިޔައީ، ކޮވިޑް-19ގެ ބަލިމަޑުކަމުގެ ކުރިން 2019 ވަނަ އަހަރު އެވެ. އެނބުރި ރާއްޖެ އައީ، ހަ މަސް ފަހުން އަނބުރާ ދިޔުމަށެވެ. އޭރު ވެސް އޭނާގެ ސިއްހަތު ގޯހެއް ނޫނެވެ. އެކަމަކު ކޮވިޑްގެ ބަލިމަޑުކަން ލައިގަނެ، އަނބުރާ އިންޑިއާއަށް ދެވޭ ގޮތެއް ނުވި އެވެ. އޭގެ ފަހުން، މިދިޔަ އަހަރު، މާލެ ތެރޭގައި ކޮވިޑް އެންމެ ބޮޑަށް ފެތުރިގެން ދުވަސްވަރު، ނުހައިކް ބަލިވާން ފެށި އެވެ.

ފަރުހާނާ ބުނިގޮތުގައި ފުރަތަމަ އެކަން ފެނުނީ އާދައިގެ ރޯގާއެއްގެ ގޮތުގަ އެވެ. އެކަމަކު ރޯގާ ނުފިލާ ހުންނަން ފެށުމުން، އޮންލައިންކޮށް އޭނާ ދިޔައީ އައްޑޫގައި ހުންނެވި، ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު، އަބްދުﷲ އަފީފަށް ދައްކަމުންނެވެ. ހަ މަސް ވާންދެން، މަހަކު އެއް ފަހަރު އެގޮތަށް ދައްކަމުން އައިސް، ދެން ޑޮކްޓަރު ލަފާ ދެއްވީ، އޮންލައިންކޮށް ފަރުވާ ހޯދުމުގެ ބަދަލުގައި ހޮސްޕިޓަލަށް ގޮސްގެން އެކަން ކުރުމަށެވެ.

އޭގެ ފަހުން ވެސް ހޮސްޕިޓަލަށް ގޮސްގެން ދެ ޑޮކްޓަރަކަށް ނުހައިކް ދެއްކި އެވެ. އެންމެ ފަހުން ފަރުވާ ދިން އައިޖީއެމްއެޗުގެ ކުޑަކުދިންގެ ޑޮކްޓަރު އަހުމަދު ފައިސަލް، ނޭފަތަށް އެޅުމަށް ފެނެއް ދެއްވުމަށް ފަހު ވިދާޅުވީ ތިން މަސް ފަހުން، ކަރުން މަތީގެ ޑޮކްޓަރަކަށް ދެއްކުމަށެވެ.

ފަރުހާނާ ބުނިގޮތުގައި އެ ދުވަހު ގެއަށް އައިސް، ނުހައިކް ނިދާފައި އޮތްއިރު، ނޭވާލާއިރު އާދަޔާހިލާފު އަޑެއް އިވެން ފެށި އެވެ. އެހެންވެ، އެއީ ގޯހެއް ކަމަށް ނިންމައި، އޭގެ އަނެއް ދުވަހު، ކަރުން މަތީގެ ޑޮކްޓަރަކަށް ދެއްކި އެވެ.

"އެ ޑޮކްޓަރު ނުހައިކްގެ އަނގައިގެ އެތެރެ ބަލާފައި ބުނީ، ތަލި މަތީގައި ދުޅަވެފައި މިއިން ތަނެއް ނުފެނޭހޭ. ހާދަ ބޮޑަކަށް ދުޅަވެފައޭ އެހެރީ. އެކަމަކު އޭގެ ކުރީ ދުވަހު ޑޮކްޓަރު ފައިސަލް ބެލި އިރު ވެސް އެ ފަދަ އެއްވެސް ކަމެއް ނެތް،" އޭނާ ބުންޏެވެ.

މާގިނަ ފައިސާތަކަކާ ނުލައި، ނުހައިކްގެ އާއިލާ އިންޑިއާއަށް ދިޔައީ، އެއީ މާބޮޑުކަމަކަށް ވާނެ ކަމަށް ހީކޮށެއް ނޫނެވެ. އެކަމަކު އިންޑިއާގެ ކިމްސް ހޮސްޕިޓަލަށް ދެއްކުމުން، އެއީ ކެންސަރުގެ ނުރައްކާތެރި ވައްތަރެއްކަން އެނގުނެވެ. ކަރުތެރޭގައި އަށަގެންފައިވާ ޓިއުމަރުގެ މޫލާފައި އިނީ، ތަލި މަތީގަ އެވެ. އަދި އެ ދިޔައީ، ހަށިގަނޑުގެ ތެރެއިން ޖާގަ ހޯދަމުން، ކަންފަތާއި ނޭފަތާއި އަދި ސިކުނޑީގެ ތެރެއަށް ފެތުރެމުންނެވެ.

ނުހައިކަށް އިންޑިއާގައި ފަރުވާ ދެމުން ދަނީ: އޭނާއަށް ޖެހުނީ އާއްމުކޮށް ނުފެންނަ، ނުރައްކާތެރި ކެންސަރެއް

"ޑޮކްޓަރުން ވިދާޅުވި ހަމަ ކިރިޔާ ލަސްވި ނަމަވެސް، ފުރާނަ ސަލާމަތް ނުކުރެވޭނެ ކަމަށް. އެންމެ ދެ ދުވަހެއްގެ ތެރޭގައި އެބަ ދެ ސެންޓިމީޓަރަށް ފެތުރިގަނޭ،" އޭނާ ބުންޏެވެ.

އަވަސް ފަރުވާ ނުހޯދައިފި ނަމަ، ބާކިޓް ލިމްފޯމާއަކީ ސަލާމަތްވުން ނާދިރު ކެންސަރެކެވެ.

މަރާ ހަނގުރާމަކުރަނީ! ފައިސާގެ އެހީ ބޭނުންވޭ.

މީގެ ނުވަ ދުވަސް ކުރިން، ނުހައިކްއަށް ވަނީ ކީމޯތެރަޕީގެ ފުރަތަމަ ޑޯޒް ދީފަ އެވެ. އެކަމަކު، ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށް ވާތީ، ފަރުވާ ދިނުންވީ ގޮންޖެހުމަކަށެވެ. ވާހަކަ ނުދެއްކޭތީ، ތަދުވާކަން ވެސް އޭނާއަށް ނުބުނެވެ އެވެ.

"ޑޮކްޓަރުން އަޅުގަނޑު ގާތު އަހަނީ އަހާބަލާށޭ ތަދުވޭތޯ. އެވެނި ކަމެއް ވޭތޯ. އެކަމަކު ނުހައިކްއަކަށް ވާހަކައެއް ނުދެއްކޭ. ވާގޮތެއް ކިޔައެއް ނުދެވޭ. ވަރަށް ހިތްދަތިވި ކަމެއް އެއީ،" ތިން ކުދިންގެ މަންމަ ކިޔައިދިނެވެ.

ކީމޯ ހަދައިގެން، ޓިއުމަރުގެ 50 ޕަސެންޓް ވަނީ ނައްތާލެވިފަ އެވެ. އެކަމަކު ޑޮކްޓަރުން އިންޒާރު ދިން ގޮތަށް އޭގެ ސައިޑް އިފެކްޓުގެ އަސަރު އޭނާއަށް ވަރަށް ބޮޑަށް ކުރި އެވެ. ކަރުތެރެ އިންފެކްޓުވެ، ވަނީ ފާރުވެފަ އެވެ. ވަރަށް ގިނައިން ހޮޑުލި އެވެ. ހުން ވެސް ހުންނަނީ ނުފިލައި، 112 ޑިގްރީގަ އެވެ. ތިން ފަހަރު ލޭ އެޅި އިރު، އެއްވެސް ވަރަކަށް ހަށިގަނޑުގައި ލެޔެއް ނުހިފަހައްޓަ އެވެ. އައިސީޔޫގައި މިހާރު އެ ކުއްޖާ އަށް ފަރުވާ ދެމުން އަންނައިރު ހާލު ވަރަށް ސީރިއަސް އެވެ.

އޭނާގެ މައިންބަފައިން ތިބީ، އައިސީޔޫގެ ބޭރުގައި ދުއާކޮށްލަ ކޮށްލަ އެވެ.

ނުހައިކްގެ ހާލު ރަނގަޅު ވެއްޖެ ނަމަ، ކީމޯ ދެ ވަނަ ޑޯޒް ދީގެން، ކެންސަރުން ސަލާމަތްވުމުގެ ފުރުސަތު ބޮޑެވެ. އެކަމަކު، އެކަމަށް އިންޑިއާގައި މަދު ވެގެން ހަ މަސް ދުވަސް ވާންދެން ތިބެން ޖެހޭއިރު، ކުރަން ޖެހޭ ހަރަދުތައް ބޮޑެވެ. ނުހައިކްގެ ފަރުވާގެ ހަރަދުތައް އެންސްޕާއިން ކަވަރު ކުރި ނަމަވެސް، އާއިލާގެ ހުރުމާއި ކެއުން އަދި އަޅަން ޖެހޭ ލެއަށް ބޮޑު ހަރަދެއް ދެ އެވެ. އެހެންވެ، ފައިސާއަށް އިންތިހާއަށް ބޭނުންވެފައިވާ އެ އާއިލާއިން އެދެނީ އާއްމުންގެ އެހީ އަށެވެ.

ނުހައިކްގެ ބައްޕަގެ އެކައުންޓު ނަމްބަރަކީ، 7704259376101 އެވެ.

27 ކޮމެންޓް, 109 ރިއެކްޝަންސް

icon happy icon happy 2%
icon sad icon sad 96%
icon angry icon angry 0%
icon wow icon wow 2%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިމްނާ

23 April 2021

ރަގަޅު އެޔޮބަހެއްބުނާ ކޮންމެ ތަނަކަށް ކަރުނައިގެ މޫނެއް ލުމަކީ އެއީ ވަރަށް ދަށުދަރަޖައިގެކަމެއް. އެއްޗެއް ދީފަ، ގިނަމީހުން ދީފީމެކޭ ނުބުނާއެ. އެކަމަކު ޝުޢޫރު ހާމަކުރާނެ. ކޮންމެ މީހަކުވެސް ދެކެންވާނީ ރަގަޅަށް. މިހެން ބުނާއިރަށް އެނގޭ ރަސޫލާއަށްވެސް މީހުން ހަޖޫ ޖަހާކަން.

The name is already taken The name is available. Register?

ފެއިލްވެފައިވާ ހެލްތު މިނިސްޓްރީ

22 April 2021

ރާއްޖެގައި އުޅޭ ގިނަ ޑަކުޓަރުންގެ ހާލު: ބަލިވެގެންގޮސް ގުނަވަންތައް ފެއިލްވާ އިރުވެސް އެއީ "އެއްވެސް ކަމެއް ނޫން" ނޫނީ "ޕެނަޑޯލް ކެއީމާ ނޫނީ އެހެން ނަމެއްގެ ޕެއިން ކިލާއެއް ކެއީމާ ރަނގަޅުވެދާނެ". ދެތިން ހަތަރު ޑަކުޓަރުންނަށް ދައްކާ ނުވީމާ ބޭރަށް ގޮސްގެން މިއެނގެނީ ބަލީގެ ނުރައްކާތެރިކަން. އަނެއްކޮޅުން މާލެގެ އައިޖީއެމްއެޗްއަށް ދާން ޖެހިއްޖެއްޔާ ސީރިއަސް ހާލުގައި 2-3 ހަފްތާވަންދެން ވޭނާއި ތަދުގައި ކިޔުގައި އުޅެން މިޖެހެނީ.

The name is already taken The name is available. Register?

Shim

22 April 2021

شَفَاكَ اللهُ

The name is already taken The name is available. Register?

ހެޔޮ ދުޢާ

22 April 2021

ސުބްޙާނަﷲ! ﷲ ތިކުއްޖާފުޅަށް ކެތްތެރިކަމާއި، ފުރިހަމަ ޝިފާ މިންވަރު ކުރައްވައި މައިންބަފައިންނަށް ކެތްތެރިކަން ދެއްވައި ހެޔޮދަރުމަ މިންވަރު ކުރައްވާށި! އާމީން. މަގޭ ހިތް ކުދިކުދިވި ފަދައެވެ. އަމްދުން ކަންކަން ބުނެދޭން ނުކުޅެދިފައިވާ ދަރިފުޅަކު އެޙާލުގައި އުޅޭތަން ފެނުމުން މައިންބަފައިންނަށް ލިބޭނެ ހިތްދަތިކަން ބަޔާންވެސް ނުކުރެވޭނެ އެވެ. އަހަރުމެންގެ ހެޔޮދުޢާ ވަނީ ކުޑަކުޑަ ނުހައިކް އާއި މައިންބަފައިންނާ އެކުގަ އެވެ!

The name is already taken The name is available. Register?

އަހުމަދުއަލޯ

22 April 2021

އަބަދުވެސް މިކަހަލަ ހިތާމަވެރި ހާދިސާއެއް ހިނގާވަގުތު އާއިލާއިން ސަލާން ޖަހާތަން ފެެންނަނީ. އާސަންދައާއި އެންސްޕާގެ ބޭނުމެއް ނެތް... އަވަސް ޝިފާއެއް މިންވަރުކުރައްވާށި. އާމީން.

The name is already taken The name is available. Register?

ނެކްސްޓް

22 April 2021

شَفَاكَ اللهُ ޔާ الله އަވަސް ޝިފާ އެތް ނުހައިކް އަށް މިންވިރު ކޮށް ދެއްވާންދޭން. އާމީން

The name is already taken The name is available. Register?

އިމްނާ

22 April 2021

އަވަސް ޝިފާ އެތް ނުހައިކް އަށް الله މިންވިރު ކޮށް ދެއްވާންދޭން.. އާމީން.. އާއިލާ އަށް ފައިސާގެ ތަނަވަސް ކަން އިތުރުކޮށްދެވާ، ކެއްތެރިކަން އިތުރުކޮއްދެއްވާންދޭ. އާމީން

The name is already taken The name is available. Register?

ގގޖގޒ

22 April 2021

ޔާ الله އަވަސް ޝިފާ އެތް ނުހައިކް އަށް މިންވިރު ކޮށް ދެއްވާންދޭން.. އާމީން.. އަދި އާއިލާ އަށް ފައިސާގެ ތަނަވަސް ކަން އިތުރުކޮށްދެވާފާދޭން އާމީން

The name is already taken The name is available. Register?

ޙެލްޕް

22 April 2021

ގުޅޭނެ ކޮންޓެކްޓެއް ހިއްސާ ކޮއްލަދެއްވާ

The name is already taken The name is available. Register?

އަލިބެ2

22 April 2021

އައި އެމް ހާރޓްބްރޯކަން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454