ކެންސަ ސެލް އެއް
02 ޖޫން 2016 - 06:14
ހުރިހާ ބާވަތެއްގެ ކެންސަރުން ސަލާމަތްކޮށްދޭނެ ފަދަ ވެކްސިނެއް އުފެއްދޭނެ ކަމުގެ އުންމީދު އާ ދިރާސާއަކުން އާވެއްޖެ ކަމަށް ސައިންސްވެރިން ބުނެފި އެވެ.
ބައިނަލްއަގުވާމީ ރިސާޗަރުންގެ ޓީމަކުން "ނޭޗާ" ޖާނަލްގައި ލިޔުއްވާފައިވާ ގޮތުގައި އެ ބޭފުޅުން ވަނީ ކެންސަރުގެ ޓިއުމަރަކީ ވައިރަހެއްގެ ގޮތުގައި ހަށިގަނޑުން ބަލައިގަނެ ހަށިގަނޑުގެ ދިފާއީ ނިޒާމުން އެޔަށް ހަމަލާދޭ ގޮތަށް ވެކްސިނެއް އީޖާދުކޮށްފަ އެވެ.
ސައިންސްވެރިން ބުނެފައި ވަނީ ކެންސަރު ޖެނެޓިކްގެ އާރްއެންއޭ ކޯޑް ނަގައި ފެޓްގެ ނެނޯޕާޓިކްލްސްއާ އެއްކޮށް، ކެންސަރުގެ ފަހުގެ މަރުހަލާގައިވާ ތިން މީހެއްގެ ހަށިގަނޑަށް ވަނީ އިންޖެކްޓްކޮށްފައިވާ ކަމަށެވެ. މިހެން ހެދުމުން އެންމެންގެ ހަށިގަނޑުވެފައި ވެސް ވަނީ ކެންސަރު ސެލް މަރާލުމަށް ދިފާއީ ނިޒާމުން ހަމަލާ ދީފަ އެވެ.
ކެންސަރުގެ ވަރަށް ވަރުގަދަ ޓިއުމަރު ހުރި މީދަލަށް މި ވެކްސިން ދިނުމުން ދިފާއީ ނިޒާމުން ކެންސަރާ ދެކޮޅަށް މަސައްކަތްކޮށް ކުރިއެރުން ހޯދި ކަމަށް ސައިންސްވެރިން ބުނެފައިވެ އެވެ. މި ވެކްސިން ދިން ތިން މީހުންނަށް ވެކްސިން ދިނީ ކެންސަރު ނައްތާލެވޭނެ ކަމަށް ބަލައިގެން ނޫން ކަމަށް ސައިންސްވެރިން ބުނެ އެވެ.
ވެކްސިން ދިން މީހުންގެ ތެރެއިން އެކެއްގެ ހަށިގަނޑު ކެންސަރާ ދެކޮޅަށް ވަރުގަދަ އަށް މަސައްކަތް ފެށި ކަމަށާއި އެކަމަކު އެ މީހާގެ ގައިން ކެންސަރު ފިލައިގެން ދިޔަކަން އަދި ނޭނގޭ ކަމަށް ބުނެފައިވެ އެވެ. އަދި މި ވެކްސިން ދިން އެކެއްގެ ހަށިގަނޑުގައިވާ ޓިއުމަރެއް ވަރަށް ބޮޑަށް ކުޑަވި ކަމަށާއި ސާޖަރީއެއް ހަދައިގެން އެ ޓިއުމަރު ނެގިތާ ހަތް މަސް ފަހުން ކެންސަރު ފިލައިގެން ގޮސްފައިވާ ކަމަށް ވެސް ސައިންސްވެރިން ބުންޏެވެ.
މި ވެކްސިން ދިން ތިން ވަނަ މީހާގެ ޓިއުމަރުތައް ގޯސް ނުވެ ކޮންޓްރޯލް ކުރެވިފައިވެ އެވެ.
ވެކްސިނާ ބެހޭ ލިޔުމުގައި ބުނެފައި ވަނީ ލޭގެ ތެރެއަށް ފޮނުވާލާ ވެކްސިނަކުން ކެންސަރާ ދެކޮޅަށް ހަށިގަނޑު ތައްޔާރުކުރެވޭ ގޮތް ވުމަކީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މިއީ އުފައްދަން ފަސޭހަ އަގު ހެޔޮ ވެކްސިނަކަށް ވެސް ވާނެ ކަމަށް ބުނެފައިވެ އެވެ. މި ވެކްސިންގެ އިތުރު ޓެސްޓުތައް، އެކި ބާވަތުގެ ކެންސަރު ހުންނަ މީހުންނަށް ދިގު މުއްދަތެއް ވަންދެން ދޭންޖެހޭނެ ކަމަށާއި ކާމިޔާބު ވާނެ ކަމުގެ އުންމީދު ބޮޑު ކަމަށް ސައިންސްވެރިން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަލީ
02 June 2016
ތި ދުވަސްދެކެން އަހެރެން ވަރަށް ބޭނުން
އަހުމަދު
02 June 2016
އަލްހަމްދުލިއްލާހި. ތިއީ ވަރަށް ބޮޑުކުރިއެރުމެއް.