ކުޅިވަރު / މެންޗެސްޓާ ޔުނައިޓެޑް

ކޮވިޑާ ހެދި ފުޓްބޯޅަ ކުޅުން ހުއްޓާލަން ވިސްނިން: ކަވާނީ

07 އޮކްޓޯބަރ 2020 - 11:18

މޮންޓެވީޑޯ، އުރުގުއޭ (އޮކްޓޫބަރު 7) - އޭނާގެ އާއިލާގެ ބައެއް މެމްބަރުންނަށް ކޮވިޑް-19 ޖެހުމާ ގުޅިގެން ފުޓްބޯޅަ ކުޅުން ހުއްޓާލައި އަމިއްލަ ގައުމުގައި އާއިލާ ގާތުގައި މަޑުކުރަން ބޭނުންވާތީ ރިޓަޔާކުރަން ވިސްނި ކަމަށް ދާދި ފަހުން މެންޗެސްޓާ ޔުނައިޓެޑަށް ސޮއިކުރި އުރުގުއޭ ފޯވާޑް އެޑިންސަން ކަވާނީ ބުނެފި އެވެ.

ހަތް އަހަރު ޕީއެސްޖީ އަށް ކުޅެދިން އުމުރުން 33 އަހަރުގެ ކަވާނީ އެ ކްލަބާ އެކި ހަދާފައިވާ ކޮންޓްރެކްޓް ޖޫން މަހު ހަމަވުމުން އޭނާ ހުރީ ކްލަބަކާ ނުގުޅި އެވެ. އަމިއްލަ ގައުމުގައި ހޭދަކުރި ދުވަސްތަކުގައި ކަވާނީ ވަނީ އުރުގުއޭގެ ކުޑަކުދިންނަށް ބެލޭ ޑާންސް ކިޔަވައިދިނުމުގައި ހަރަކާތްތެރިވެފަ އެވެ. އޭރު އުރުގުއޭ ޓީވީ އަކަށް ދިން އިންޓަވިއުއެއްގައި ކަވާނީ ބުނީ ފުޓްބޯޅައިގެ އިތުރުން ވެސް އާންމުންނަށް ހިދުމަތް ދެވެން އޮތްގޮތަަކަށް އެހީތެރިވެދީ އެހެން މީހުންނަށް ހިތްހަމަ ޖެހުން ގެނެސްދޭން ބޭނުންވާ ކަމަށެވެ.

އާޖެންޓީނާގެ ރޭޑިއޯ އަކަށް ދިން އިންޓަވިއެއްގައި ކަވާނީ ބުނީ ފުޓްބޯޅަ ކުޅުން ހުއްޓާލަން ވިސްނީ އާއިލާ އަށް ދިމާވި ކަންތައްތަކުން ކަމަށެވެ. އެއީ ކަވާނީގެ ލޯބިވެރިޔާ އާއި އާއިލާގެ މެމްބަރުން ކޮވިޑަށް ޕޮޒިޓިވްވުމުންނެވެ.

"އަމިއްލަ ސިއްހަތާއި އާއި އާއިލާގެ ރައްކާތެރިކަން ކޮންމެ މީހަކަށް ވެސް އެންމެ ފުރަތަމަ ކަމަކަށް އޮންނާނީ. ތެދެއް ތިބުނީ. އަހަރެން ވިސްނިން ފުޓްބޯޅަ ކުޅުން ހުއްޓާލަން. އަހަރެން އެއްވެސް ކްލަބެއްގެ ކޮންޓްރެކްޓްގައެއް ނޫން އޭރު ހުރީ. ދެން ބޭނުންވީ އާއިލާ ގާތުގައި އަމިއްލަ ގައުމުގައި ހުންނަން،" ކުރިން ޕަލާމޯ އާއި ނަޕޯލީ އަށް ކުޅުނު ކަވާނީ ބުންޏެވެ.

މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ކަވާނީ ހޯދަން ބެންފީކާ އާއި ޔުވެންޓަސް އަދި އެތުލެޓިކޯ މެޑްރިޑުން ހުށަހެޅި އެވެ. އެކަމަކު އޭގެއިން ޓީމަކާ ނުގުޅެ މަޑުކޮށްގެން ހުއްޓައި މެންޗެސްޓާ ޔުނައިޓެޑްގެ ހުށަހެޅުން ލިބުމުން އޭނާ އޭގެ ބޭނުންހިފީ ދޫކޮށްނުލެވޭ ވަރުގެ ފުރުސަތަކަށްވުމުންނެވެ.

"ޔުނައިޓެޑުން އަހަންނަށް ލިބުނު އޮފާ އަކީ ދޫކޮށްލެވޭނެ އެއްޗެއް ނޫން. ބޮޑު ކްލަބެއްގެ އެ ފަދަ ފުރުސަތެއް އަހަންނަށް ބޭނުމީ މި ޗެލެންޖް ވަރަށް ޝައުގުވެރި،" ކަވާނީ ބުންޏެވެ.

ޔުނައިޓެޑާ އެކު ދެ އަހަރުގެ އެއްބަސްވުމެއްގައި ކަވާނީ ސޮއިކުރިއިރު، އޭނާ އެ ޓީމާ ގުޅުމުގައި ކުރިން ޔުނައިޓެޑަށް ކުޅުނު އުރުގުއޭގެ ފޯވާޑް ޑިއޭގޯ ފޯލާންގެ ދައުރެއް ވެސް އޮތެވެ. ކަވާނީ ބުނީ ޔުނައިޓެޑްގެ އޮފާ ގަބޫލުކުރަން ފޯލާން ވަނީ ބޮޑަށް ބާރު އެޅި ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން ކަވާނީ ޔުނައިޓެޑަށް ކުޅެ ފުރަތަމަ މެޗަށް ވުމުގެ ފުރުސަތު ބޮޑީ ޗެމްޕިއަންސް ލީގުގައި މި މަހު 20 ވަނަ ދުވަހު އޭނާގެ ކުރީގެ ޓީމު ޕީއެސްޖީއާ ދެކޮޅަށެވެ. އެކަމަކު ފިޓްނަސް ރަނގަޅުނަމަ މި މަހު 17 ވަނަ ދުވަހު ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑް ކުޅޭ މެޗުން ކަވާނީ ފެނުމުގެ ފުރުސަތު އެބައޮތެވެ. ކަވާނީ ބޭނުންކުރާނީ ޔުނައިޓެޑްގެ ތާރީހީ ހަތް ނަމްބަރު ޖޯޒީ އެވެ.

0 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 89%
icon sad icon sad 0%
icon angry icon angry 11%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454