ހއ. ކެލާގެ ކުޅިން ފެނުނު ބުރުގެރިއާ ހެނެސީ ބާވަތުގެ ގަހެއް.-- ފޮޓޯ: އެންވަޔަރްމަންޓް މިނިސްޓްރީ
08 އޮކްޓޯބަރ 2020 - 21:08
ދުނިޔޭގައި ވަރަށް މަދުން ހެދޭ އަދި ނެތިދިއުމުގެ ބިރު ހީވެފައިވާ މެންގްރޫވް ގަހުގެ ވައްތަރެއް ރާއްޖެއިން ފެނިއްޖެ އެވެ.
އެންވަޔަރްމަންޓް މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ "ބުރުގެރިއާ ހެނެސީ" ގަސް ފެނުނީ ހއ. ކެލާގެ ކުޅިން ކަމަށެވެ. މިދިޔަ މާޗު މަހު ހިންގި އިކޮލޮޖިކަލް ސާވޭގެ ތެރެއިން އެ ބާވަތުގެ ހަތަރު ގަހެއް ފެނިފައިވެ އެވެ.
މައުލޫމާތު ފޯރުކޮށްދިނުމުން، އެ ބާވަތުގެ ގަހެއްކަން ފާހަގަކޮށްދިނީ އައިޔޫސީއެން މެންގްރޫވް ސްޕެޝަލިސްޓް ގްރޫޕް އަދި އެމްއެސްޖީ ރެޑް ލިސްޓް ކޯޑިނޭޓާ ޑރ. ޔޮން އެވެ. ކަމާބެހޭ އިދާރާތަކާއެކު އެ ވައްތަރުގެ ގަހަށް ކިޔާނެ ދިވެހި ނަމެއް ހޯދަމުން އަންނަކަމަށް ބުންޏެވެ.
ހއ. ކެލާގެ ކުޅިން ފެނުނު ބުރުގެރިއާ ހެނެސީ ބާވަތުގެ ގަހުގައި އަޅާ މޭވާ.-- ފޮޓޯ: އެންވަޔަރްމަންޓް މިނިސްޓްރީ
އެ ސާވޭ ހެދީ ހިމާޔަތްކޮށްފައިވާ ސަރަހައްދުގެ ދިރުންތަކާ ބެހޭ މައުލޫމާތު އެއްކުރުމަށް ޔޫއެސްއޭއައިޑީގެ ހިލޭ އެހީގެ ދަށުން ސަރުކާރުން ގެންދާ "ރީޖެނެރޭޓް" ޕްރޮޖެކްޓުގެ ތެރެއިން، އިންޓަނޭޝަނަލް ޔޫނިއަން ފޯ ކޮންޒަވޭޝަން އޮފް ނޭޗާ (އައިޔޫސީއެން) މޯލްޑިވްސްއާ ގުޅިގެންނެވެ.
މިނިސްޓްރީން ބުނީ ކަނޑޫއާއިލާއަށް ނިސްބަތްވާ އެ ގަހުގައި އަޅާ މޭވާ ވައްތަރީ ބޮޑަވަތްކާއާ ކަމަށެވެ. ނަމަވެސް އެ މޭވާ، "ބޮޑަވަކި" އަށްވުރެ ކުރުވެފައި ފަލަ އެވެ.
ހެނެސީ ގަހަކީ ކަނޑޫފަލަށް ނިސްބަތްވާ ގަސްތަކުގެ ތެރެއިން ނެތިދާނެކަމުގެ ބިރު ހީވެފައިވާ ދެ ބާވަތުގެ ތެރެއިން އެއް ބާވަތެވެ. އެއީ އައިޔޫސީއެން ރެޑް ލިސްޓުގައި، ނެތިދާނެ ކަމުގެ ބިރު އެންމެ ބޮޑަށް ހީވެފައިވާ ކެޓަގަރީ ލިސްޓުގައި ހިމެނޭ ބާވަތެކެވެ.
ހއ. ކެލާގެ ކުޅިން ފެނުނު ބުރުގެރިއާ ހެނެސީ ބާވަތުގެ ގަހެއް.-- ފޮޓޯ: އެންވަޔަރްމަންޓް މިނިސްޓްރީ
އޮސްޓްރޭލިއާ، ޕަޕުއާ ނިއު ގިނީ، އިންޑޮނޭޝިއާ، މެލޭ ޕެނިންސުލާ، ތައިލެންޑް އަދި މިޔަންމާއިން އެ ބާވަތުގެ ގަސް ފެނިފައި ވެ އެވެ. އެގޮތުން 2010 ވަނަ އަހަރާ ހަމައަށް ކުރި ސާވޭއިން ދައްކާގޮތުގައި، ދުނިޔޭގައި ހުރީ އެ ބާވަތުގެ ބޮޑުވެފައިވާ 200 ގަހެވެ. އަދި އޭގެ އާބާދީ މަދުވަމުންދާއިރު، ކެލާއިން ބުރުގެރިއާ ހެނެސީގެ ގަސް ފެނުމަކީ އެ ރަށަށް ލިބޭ އިތުރު ހާއްސަ ސިފައެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
ރާއްޖޭގެ ކަނޑޫފާތަކުން މީގެ ކުރިން 14 ބާވަތުގެ ކަނޑޫފާ ގަސް ފެނިފައި ވެ އެވެ. އަލަށް މި ފެނުނު ބާވަތާއެކު 15 ވައްތަރުގެ ގަސް ފެނިފައި ވެ އެވެ. އެ ބާވަތް ކެލާއިން ރިކޯޑު ކުރެވުނަސް ރާއްޖޭގެ އެހެން ކުޅީފާތަކުން ވެސް ފެނުން އެކަށީގެންވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ީހށނ
10 October 2020
އެންވައިރޮމެންޓަލް މިނިސްޓްރީ އަށް އައްސަރިބަހާއި ސާބަސް! ތިހޯދުން ހޯދި ޓީމަށް މެޑެއްޔާއި އިނާމު ހައްޤު.
ގައްބެ
10 October 2020
ތިޔަ ގަސްތައް ހުންނަތާ އެތައް ދިހަ އަހަރެއްވެއްޖެ. ދެން ތިގަސްތައް ނެތިދާކަށް މާގިނަދުވަހެއްނުވާނެ. ކަޅުބެ މޮހޮއްމަދަށް ނުވިއްޔާ ރަނގަޅު.
ހެނެސީ
10 October 2020
ފޮޓޯގައި ކަނޑުލާއި، ބޮޑަވަކިއާ ބުރުގޭރިއާ އެއްކޮށް ފެންނަ ގޮތަށް ފޮޓޯނަގާފަ ހިމެނިނަމަ ވަރަށް ފަސޭހަވީސް. މިހާރު ހީވާގޮތުން 80ގެ އަހަރުތަކުގެ ތެރޭ ހުރާގައިވެސް ތި ފެނުނުހެން ހީވޭ. މިދޭތެރެއިން އެކި ސަރަހައްދުގެ ކަނޑޫފާތަކުގެ ބައެއް މަރުވާ ވާހަކަ އިވުނީ. މިހާރު އާ ބާވަތެއް ފެނުނީ. އެއް ވައްތަރަށް ޖާގަ ލިބެން އެހެން ބާވަތެއް ނެތިގެންދަނީބާ؟
ކުޅުދުއްފުށީ މުއިއްޒު
09 October 2020
1970ގައި ފެނި ، ޙއ.ފިއްލަދޫ 2 ފަލެއްގައި މިވައްތަރުގެ ކަނޑޫ ހުންނަތާ އެތައްޒަމާނެއްވެއްޖެ؟ މިހާ ބޮޑު ސާރވޭއެއްގަ ބެލީ ކިތައްކަނޑޫފާބާ؟ ކާން ހޮވިއިރު މިވައްތަރު މީ މީހުން އެހާ ގަޔާވާވައްތަރެއްނޫން.
ކުރުކުރު
09 October 2020
އައްޑޫ މޫދުގަ މޫދުވިނަ ހުންނަކަންވެސް ކުރިން ނޭނގުމެއްގަ އޮންނަނީ. އެކަންވެސް އެނގުނީ އިހައްދުވަހު މާލޭބަޔަކު އައްޑުއަށް ގޮސްގެން އުޅެނިކޮށް އެމީހުނަށް މޫދުވިނަ ފެނިގެން.
ރައިޒޮޕޮޑާ
09 October 2020
ގަހުގެ ރަނގަޅު ފޮޓޯ ގަނޑެއް ނުލިބުނު ދޯ!
ބޯގަޅި
09 October 2020
ނެތިނުދާނެ އެއްޗެއް މިދުނިޔެއައް އާދޭތަ؟. ދެންކޮން ބިރެއް ހީވާކައް، ތިގަސްނެތިދިޔައިއްޔާ ވަކި ވާނީކީއް، ހުރިއެއްޗެއްކަންވެސް އަދިކިރިޔާ ތިއެނގުނީ.!!!!!!!.
ޖައިސާމް
09 October 2020
ތިގަސް ނެތިއްޔާ ލިބޭނެ ގެއްލުން ނޭނގިހުރެ، ތިގަހުން ކުރިއަށް އޮތްތާނގައި ލިބިދާނެ ފައިދާ ނޭނގި ހުރެ މޮޅު ކޮމެންޓް ކުރީމަ އެޅޭނީ ބޮލުގަ މުންޑު.
ޙަސަން އަޙްމަދު
09 October 2020
ދުނިޔޭގަ އިންސާނުން ޚަލީފާކުރެއްވީ ތިކަހަލަ ކޮސް ގޮވާކަށް ނޫން. އެހެނިހެން ތަކެތީގެ ބެލެނިވެރިން ކަމުގައި ވުމަށް.
ބޯގަޅި
10 October 2020
ތިޔަގަސް ނެތިއްޔާ ވާނީ ފައިދާ ކަމެއް ނޫނީ ގެއްލުމެއް ކަން އެގޭބާ؟. މިހާތަނައް ތިޔަގަހުން ހުރި ކަންއްނޭގިވެސް ވީފައިދާއަ ކީ ކޮބައިތޯ؟.ތމިހާރު ރަށްރަށުގަ ކާންވެސް ބޭނުން ކުރާ އެއްޗެއްނޫން. ދެން މީހަ ކު ދުނިޔަވީ ކަމެއްގައި ކޮމެންޓެއް ކުރާއިރައް ދީނީފަގުޑި އުފުއްލާޖަހާފަ ޚަލީފާއިންނާ ރަސުލުންނާހަމަޔައް ދާންޖެހޭބާ؟.
ކެނދިކޮޅު މީހާ
09 October 2020
ތިޔަ ވައްތަރުގެ ގަސް އެބަހުރި ބައިވަރު ނ. ކެނދިކޮޅުގަ!!!!! އާދޭ ބަލަން.....
ނައިޓްރިޖަން
09 October 2020
ކ. ހުރާގަވެސް އެބަހުރި ބައިވަރު.
ސިމްޕަލް
09 October 2020
މިއީ އެންވަޔަރްމަންޓް މިނިސްޓްރީން މިހާތަނަށް ހާސިލް ކުރެވުނު އެންމެ މުހިންމު އެއްކަން. ރޭގަޑެއްގައި "ބުރުގެރިއާ ހެނެސީ" ގަސް ފެނުނުކަމަށް ނޫސްބަޔާނެއް ނެރޭނީ އެހެންވީމަތާ. އޮކްޓޯބަރ 8 ވަނަދުވަހަކީ "ބުރުގެރިއާ ހެނެސީ" ދުވަސްކަމަށް ފާހަގަކުރަން ފަށަންވީ. ކޭކެއްވެސް ފަޅާލުން ރަގަޅުވާނެ.
ފެންސު3
09 October 2020
ކަނޑުލުގެ ބާވަތެކޭ ކިޔަން ލަދުގަންނަނީ؟ ނަމުގަ މީ ދިވެހިބަސް ކުރިއަރުވާ ބައެއް. ދިވެހިބަސް ކުރިނާރައިގެން ފަޔަށް ހިނިއަރާ، ލޮލަށް ނިދިނައިސްގެން އުޅޭމީހުނަށް ވާވަރު މިއީ.
ކާޅުސޮރު
10 October 2020
ކަނޑޫ، ރަނޑޫ ބޮޑަވަކި މީ ތީގެ ބާތްތައް.