ކުޅިވަރު / ބާސްކެޓްބޯލް އެސޯސިއޭޝަން

އޮފީސް ނުހުޅުވިގެން ބާސްކެޓްބޯޅައިގެ ހަރަކާތްތައް ހުއްޓިފައި

ބާސްކެޓްބޯޅަ އެސޯސިއޭޝަނުގެ އިންތިހާބުގައި އާއްމު މެމްބަރުން ބައިވެރިވަނީ: އިންތިހާބަށް ފަހު ހޮވުނު އެގްޒެކެޓިވް ކޮމިޓީއަށް އަދި މަސައްކަތް ފަށައިނުގަނެވޭ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ހޯމް މިނިސްޓްރީގެ ރަޖިސްޓްރާގެ ހުއްދަ ނުލިބޭތީ، ބާސްކެޓްބޯޅަ އެސޯސިއޭޝަނުގެ އޮފީސް ނުހުޅުވި ގިނަ ދުވަސްތަކެއްވެ، އެ ކުޅިވަރުގެ ހިންގުން ހުއްޓުމަކަށް އައިސްފި އެވެ.

މި މަހުގެ 20 ވަނަ ދުވަހުގެރޭ ބޭއްވި އިންތިހާބަށް ފަހު ހޮވުނު އާ އެގްޒެކެޓިވް ކޮމިޓީން އޮފީހާ ހަވާލުވާން ޖެހިގެން އައި ދުވަހު ދިޔައިރު އެތަން ހުރީ ތަޅުލައިފަ އެވެ.

ބާސްކެޓްބޯޅަ އެސޯސިއޭޝަނުގެ އިދާރީ މުއައްޒަފު މިއަދު ބުނީ، އޮފީސް ނުހުޅުވަނީ މިނިސްޓްރީން ވަކި އެއްޗެއް އަންގަންދެއް މަޑުކުރަން އަންގާފައިވާތީ ކަމަށެވެ.

ބާސްކެޓްބޯޅަ އެސޯސިއޭޝަނުގެ ނައިބް ރައީސް ހަސަން އިސްމާއިލް މިއަދު ވިދާޅުވީ އޮފީސް ނުހުޅެވޭތީ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭ ކަމަށާއި އަންގާރަ ދުވަހު ފަށަން ޝެޑިއުލްކޮށްފައިވާ އޮފީސް މުބާރާތް ވެސް ކެންސަލްވާ ހިސާބަށް ގޮސްފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވިފައި މިތިބީ އެސޯސިއޭޝަން ނުހުޅިވިގެން. އޮފީސް މުބާރާތް ވެސް ބޯމަތިވެފައި މިއޮތީ. ޓީމުތަކުން އެބަ ގުޅާ މުބާރާތާ ބެހޭ ގޮތުން މައުލޫމާތު އޮޅުންފިލުވަން،" ހަސަން ވިދާޅުވި އެވެ.

އޮފީސް ނުހުޅުވާތީ ސްޓިންގާސް ބާސްކެޓްބޯލް ކްލަބުގެ އޮފިޝަލުން މިއަދު ވަނީ ހޯމް މިނިސްޓްރީ ޝަކުވާ ހުށަހަޅައިފަ އެވެ. ހޯމް މިނިސްޓްރީގެ އިސް އޮފިޝަލަކާ ހަވާލާދީ އެ ކްލަބުގެ މަސްއޫލުވެރިޔާ މުހައްމަދު ނަސީރު ވިދާޅުވީ، އޮފީސް ނުހުޅެވިގެން އުޅެނީ ރަޖިސްޓްރާގެ ހުއްދަ ނުލިބިގެންނެވެ.

"އެ ބޭފުޅުން ވިދާޅުވީ ރެޖިސްޓްރާ ގޮތެއް ނުނިންމަވައިގެން ކަމަށް ހުޅުވަން ހުއްދަ ނުދީ އޮތީ. ހޭންޑް އޯވާކުރުމުގެ ހުއްދަ ރެޖިސްޓްރީ ދިންހާ އަވަހަކަށް ހުޅުވަން ހުއްދަ ދޭނެ ކަމަށް މިނިސްޓްރީން ބުނީ،" ނަސީރު ވިދާޅުވި އެވެ.

ގައުމީ ލީގުގައި ރެޑް ލައިން ކްލަބާއި ދަ ބައުސް ކުޅެނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭނާ ވިދާޅުވީ މާދަމާގެ ކުރިން އަންނަ އަހަރުގެ ކަލަންޑަރު މިނިސްޓްރީއަށް ފޮނުވަން ޖެހޭ ކަމަށާއި އެކަމަކު އޮފީސް ނުހުޅުވޭތީ އެ މަސައްކަތް ވެސް ދެން ކުރުމުގެ ފުރުސަތެއް އެސޯސިއޭޝަނަށް ނެތް ކަމަށެވެ.

"މިދިޔަ އަހަރާއި މި އަހަރު ވެސް ކަލަންޑަރެއް ނެތި މުބާރާތްތައް ބޭއްވީ. މި ފަހަރު ވެސް ކަލަންޑަރު ހުށަނާޅަންޔާ އަންނަ އަހަރު ވެސް މުބާރާތްތައް އެއްވެސް ޝެޑިއުލެއް ނެތި ބާއްވަން ޖެހޭނީ. ކަލަންޑަރު ހުށަނާޅަންޏާ މުބާރާތް ބާއްވަން ސޯޝަލް ސެންޓަރު ލިބުމުގައި ވެސް ދަތިތަކެއް ދިމާވާނެ. މީގެ ސަބަބުން ކްލަބްތަކަށް ގެއްލުންވާނީ،" އޭނާ ވިދާޅުވި އެވެ.

އާއްމު އުސޫލެއްގެ ދަށުން އިންތިހާބު ނިމުމާ އެކު އާ އެގްޒެކެޓިވް ކޮމިޓީން އެސޯސިއޭޝަނާ ހަވާލުވާން ޖެހެ އެވެ. އަދި އިންތިހާބު ރަޖިސްޓްރީކުރުމުގެ މަސައްކަތްތަކީ ވެސް އަލަށް ހޮވޭ އެކްސްކޯގެ ޒިންމާއެކެވެ. ރަޖިސްޓްރީކުރަން 30 ދުވަހުގެ މުއްދަތެއް ދީފައި އޮތް ނަމަވެސް އާ އެކްސްކޯ އިން ވަގުތުން ވަގުތަށް އެސޯސިއޭޝަނާ ހަވާލުވެ މަސައްކަތް ފަށަން ޖެހެ އެވެ.

މިކަމާ ބެހޭގޮތުން ހޯމް މިނިސްޓްރީގެ ރަޖިސްޓްރާ ޔޫސުފް އަބްދުލްގަފޫރުގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.

މި މަހުގެ 20 ވަނަ ދުވަހުގެރޭ ބޭއްވި އިންތިހާބަށް ފަހު ރައީސްގެ މަގާމަށް ހޮވުނު ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން ވަނީ އިންތިހާބުވިތާ އިރުކޮޅެއް ތެރޭ އިސްތިއުފާ ދެއްވައިފަ އެވެ.

އިންތިހާބުގައި އެކްސްކޯގެ މެޖޯރިޓީ ލިބުނީ ސިނާންއާ ވާދަކޮށް ނާކާމިޔާބުވި އަހުމަދު މަމްދޫހު (މަންޑޭ) ގެ ޓީމަށެވެ. ނައިބް ރައީސްގެ މަގާމަށް އިންތިހާބުވީ، މަންޑޭގެ ޓީމުގައި ހިމެނޭ ކުރީގެ މަޝްހޫރު ބާސްކެޓްބޯޅަ ކޯޗު ހަސަން އެވެ.

ސިނާންގެ އިސްތިއުފާއާ މެދު ވެސް ހޯމް މިނިސްޓްރީން ވަކި އެއްޗެއް އަދި ނާންގަ އެވެ. އާ ރައީސަކު ހޮވުމަށް ބާއްވާ އިންތިހާބެއްގެ އެއްވެސް ތަފްސީލެއް މިނިސްޓްރީން ހާމަކޮށްފައެއް ނުވެ އެވެ.

ހަސަން މިއަދު ވިދާޅުވީ އޭނާގެ ހަމައެކަނި ކަންބޮޑުވުމަކީ ބާސްކެޓްބޯޅަ ހުއްޓިފައި އޮތް އޮތުން ކަމަށާއި އެކަމަށް ވަރަށް އަވަހަށް ހައްލެއް ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

2 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 38%
icon sad icon sad 8%
icon angry icon angry 54%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަދީފް

30 October 2016

ތިޔަ ކަންތައް ނިންމަންޖެހެނީ ކޯޓުން.އެއީ މިހާރުގެ ސަގާފަތް.

The name is already taken The name is available. Register?

ބަކުރު އެންޑް ޒުބޭރް

30 October 2016

ޕާޓީތަކުގެ އޮފިސްތައް އެދަނީ ބަންދުކުރެވެމުން. ދެން ތިތަތަންވެސް ހުޅުވާފާ ބަހއްޓާނެކަމެއްނެތް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454