ކުޅިވަރު

ސްޕެއިން ބަލިވިއިރު، ޖަރުމަނާއި ސްވިޒަލެންޑް އެއްވަރު

ޔޫކްރޭނުގެ ދެ ކުޅުންތެރިން ސްޕެއިނުގެ އަޑަމާ ހިފަހައްޓަން މަސައްކަތްކުރަނީ.-- ފޮޓޯ: އޭއެފްޕީ

14 އޮކްޓޯބަރ 2020 - 09:21

ކިއޭވް (އޮކްޓޫބަރު 14) - ޔުއެފާ ނޭޝަންސް ލީގުގައި ރޭ ޔޫކްރޭން އަތުން 1-0 އިން ބަލިވެ ދެ އަހަރު ތެރޭ ފުރަތަމަ ފަހަރަށް ސްޕެއިނަށް ނާކާމިޔާބީއާ ކުރިމަތިވިއިރު، އަމިއްލަ ދަނޑުގައި ޖަރުމަނު ކުޅުނު މެޗުން ފޯރިގަދަ ކުރިމަތިލުމަކަށް ފަހު 3-3 އިން ސްވިޒަލެންޑާ އެއްވަރުވެއްޖެ އެވެ.

ސްޕެއިނުން 2012 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކުރި ދަނޑުގައި ރޭ ކުޅުނު މެޗުން އެ ޓީމުން ވަނީ 21 ހަމަލާ އުފައްދައިފަ އެވެ. އޭގެ ތެރެއިން އެންމެ ރަނގަޅު ފުރުސަތުތައް ގެއްލުނީ ލީޑްސް ޔުނައިޓެޑްގެ ފޯވާޑް ރޮޑްރީގޯ މޮރޭނޯ އަތުންނެވެ. އޭނާ ފޮނުވާލި ހަމަލާތައް ހުއްޓުވީ ޔޫކްރޭން ގޯލުގައި ހުރި ޖިއޯޖީ ބުޝްޗާން އެވެ.

ޔޫކްރޭން މޮޅުވި ގޯލު ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ވިކްޓޯ ސިގާންކޯވް އެވެ. މެޗުގެ 76 ވަނަ މިނިޓްގައި ސިގާންކޯވް މި ގޯލު ޖެހީ ޔޫކްރޭނުން މެޗުގައި ގޯލާ އަމާޒުކޮށް ފޮނުވާލި ފުރަތަމަ ހަމަލާއިންނެވެ. އޭނާ އަށް އެ ބޯޅަ ފަސޭހައިން ގޯލަށް ފޮނުވާލެވުނީ ސްޕެއިނުގެ ގޯލުގައި ހުރި ޑޭވިޑް ޑެހެއާ ކުރިއަށް އަރައި ހުރުމުންނެވެ.

ރޭގެ ކުރިން ސްޕެއިން އެންމެ ފަހުން ބަލިވީ ނޭޝަންސް ލީގުގައި މީގެ ދެ އަހަރު ކުރިން ރަށުން ބޭރުގައި ކްރޮއޭޝިއާ އަތުންނެވެ. ޒަގްރެބްގައި އެ ފަހަރު ކުޅުނު މެޗުން ސްޕެއިން ބަލިވީ 3-2 އިންނެވެ. ރޭގެ މެޗުން ޔޫކްރޭން މޮޅުކޮށްދިނުމުގައި އެ ޓީމުގެ ކޯޗު އަންދްރޭ ޝެވްޗެންކޯގެ ރޭވުންތެރިކަން ފެނިގެންދިޔަ އެވެ. ސްޕެއިނުން މެޗު ކޮންޓްރޯލް ކޮށްގެން ކުޅުނު ނަމަވެސް މާ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރެވޭ ގޮތެއްނުވި އެވެ.

ލަނޑު ޖެހުމަށް ފަހު ޖަރުމަނުގެ ކައި (ކ) އާއި ވާނާ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

މެޗުގެ ފަސް ވަނަ މިނިޓްގައި ސްވިޒަލެންޑަށް އެ ޓީމުގެ މާރިއޯ ގަވްރާނޮވިޗް ލީޑުނަގައިދީފައިވަނިކޮށް އެ ޓީމަށް ލީޑުފުޅާކޮށްދިނީ 26 ވަނަ މިނިޓްގައި ރެމޯ ފްރެއޮލާ އެވެ. އޭގެ ދެ މިނިޓް ފަހުން ޗެލްސީގެ ފޯވާޑް ޓިމޯ ވާނާ ވަނީ ލަނޑެއް ޖަހައި ޖަރުމަނަށް މެޗުގެ އުއްމީދު އާ ކޮށްދީފަ އެވެ. ދެ ވަނަ ހާފްގެ ކުޅުން ފެށިގެން 10 މިނިޓް ތެރޭ ޖަރުމަނަށް ނަތީޖާ ހަމަހަމަކޮށްދިނީ ކައި ހާވާޓްޒް އެވެ.

މެޗުގައި ދެ ވަނަ ފަހަރަށް ސްވިޒަލެންޑަށް ލީޑުނަގައިދިން ގޯލު ޖެހީ ވެސް ގަވްރާނޮވިޗް އެވެ. ޖަރުމަނު ބަލިނުވެ ސަލާމަތްވީ ސާޖް ގްނަބްރީ ޖެހި ގޯލުންނެވެ. ސްވިޒަލެންޑުން މެޗު ނިންމާލީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ އިތުރު ވަގުތުގައި ދެ ވަަނަ ރީނދޫ ކާޑާ އެކު ފަބިއަން ޝެއާ އަށް ރަތް ކާޑު ދެއްކުމުންނެވެ.

ރޭގެ ނަތީޖާތަަކަށް ފަހު ވެސް ނޭޝަންސް ލީގުގެ މި ގްރޫޕްގެ އެއް ވަނައިގައި އޮތީ ސްޕެއިން އެވެ. އެއީ ހަތަރު މެޗުން ހަތް ޕޮއިންޓް ހޯދައިގެންނެވެ. ރޭގެ މެޗުން މޮޅުވިނަމަ ޖަރުމަނަށް އެއް ވަނަ އަށް އެރެން އޮތެވެ. އެކަމަކު އެއްވަރުވުމުން އެ ޓީމު ދެ ވަނައިގައި އޮތީ ތިން ވަނައިގައި އޮތް ޔޫކްރޭނާ އެއްވަރަށް ހަތަރު މެޗުން ހަ ޕޮއިންޓް ހޯދައިގެންނެވެ. ގްރޫޕްގެ އެއް ވަނައިގައި އޮތް ސްވިޒަލެންޑަށް ހަތަރު މެޗުން ލިބިފައިވަނީ ދެ ޕޮއިންޓެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454