ކުޅިވަރު / އުރީދޫ ދިވެހި ޕްރިމިއާ ލީގު

ވިކްޓަރީ ފުރަތަމަ ޑިވިޝަނުގެ ޖާގަ ކަށަވަރުކޮށްފި

ޒެފްރޯލުގެ ޒުއްބަ އާއި ވިކްޓަރީގެ އޮމަޑޫ (ވ) ބޯޅައަށް މަސައްކަތްކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ރެލިގޭޝަން ޕްލޭއޮފުގެ ދެ ވަނަ ލެގުން މިއަދު ދެ ވަނަ ޑިވިޝަނުގެ ރަނަރަޕް ކްލަބް ޒެފްރޯލް އަތުން 3-1 އިން މޮޅުވެ، އަންނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގުން ވިކްޓަރީ ސްޕޯޓްސް ކްލަބް ފުރުސަތު ހޯދައިފި އެވެ.

ބުރާސްފަތި ދުވަހު ކުޅުނު ފުރަތަމަ ލެގު 4-0 އިން ވިކްޓަރީ ކާމިޔާބުކުރިއިރު މިއަދުގެ މޮޅާ އެކު ދެ ލެގުގެ އެގްރިގޭޓުން ވިކްޓަރީ ކުރި ހޯދީ 7-1 އިންނެވެ.

މި ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގެ ހަތް ވަނަ އަށް ދިޔަ ވިކްޓަރީ ޕްލޭއޮފުން ސަލާމަތްވެ ފުރަތަމަ ޑިވިޝަނުގައި ދެމިއޮތުމުގެ ފުރުސަތު ހޯދިއިރު ޒެފްރޯލް ޖެހޭނީ އަންނަ ސީޒަނުގައި ވެސް ދެ ވަނަ ޑިވިޝަނުގައި ވާދަކުރާށެވެ. ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަން ކްލަބް ގްރީންސްޓްރީޓް ވަނީ ފުރަތަމަ ޑިވިޝަނުން ޖާގަ ހޯދައިފަ އެވެ. އަދި ލީގުގެ އެންމެ ފުލަށް ދިޔަ ބީޖީ ސްޕޯޓްސް ވަނީ ރެލިގޭޓްވެފަ އެވެ.

އެގްރިގޭޓުން ކުރި ހޯދަން ޒެފްރޯލް ތަފާތު ބޮޑުކޮށް މިއަދުގެ މެޗުން މޮޅުވާން ޖެހިފައި އޮތްއިރު ވިކްޓަރީން ވަނީ 10 ވަނަ މިނެޓުގައި ލީޑު ނަގައި ޒެފްރޯލަށް އިތުރު ޕްރެޝަރެއް ދީފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އުއްމީދީ ފޯވާޑް މުހައްމަދު ރިސްވާނެވެ.

އެކަމަކު 21 ވަނަ މިނެޓުގައި ވިކްޓަރީގެ ކެޕްޓަން ރިލްވާން ވަހީދު (ރިލޭ) އޭރިއާ ތެރެއިން ބޯޅައިގައި އަތްލުމުން އޭނާ އަށް ރެފްރީ ސީދާ ރަތްކާޑެއް ދެއްކުމުން ވިކްޓަރީއަށް ކޮންމެވެސް ވަރެއްގެ މައްސަލަތަކެއް ދިމާވި އެވެ. އަދި ރިލޭ ބޯޅައިގައި އަތްލުމުން ރެފްރީ ދިން ޕެނަލްޓީ ޒެފްރޯލުގެ ބިދޭސީ ފޯވާޑް ޖަންޖުސް މިލޮރަޑް ކާމިޔާބުކޮށް ނަތީޖާ ހަމަހަމަކުރި އެވެ.

ވިކްޓަރީގެ ރިސްވާން (ވ) އަތުން ބޯޅަ ހޯދަން ޒެފްރޯލުގެ ޝާފިއު މަސައްކަތްކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ފުރަތަމަ ހާފު ނިމުމުގެ ކުރިން ވިކްޓަރީ އަށް އަލުން ލީޑު ނަގައިދިނީ އަހުމަދު ރިޒްވާން އިސްމާއިލެވެ. އެ ޓީމުގެ ރިސްވާން އަތުން ގެއްލުނު ބޯޅަ ރިޒްވާން ގޯލް ތެރެއަށް އޮއްސާލިއިރު ޒެފްރޯލުގެ ގޯލްކީޕަރު އަހުމަދު އާތިފް ހުރީ ކުޑަކޮށް ކުރިއަށް ނުކުމެ އެވެ.

ފުރަތަމަ ޑިވިޝަނުގައި ކުރިން ކުޅެފައިވާ އާތިފުގެ އިތުރުން އަހުމަދު ނިޝާން (ކާނޫ) އާއި އަބްދުﷲ ޒުބައިރު (ޒުއްބަ) ފަދަ ކުޅުންތެރިން ހިމެނުނު ޒެފްރޯލުން ފަހު ހާފުގައި ގޯލް ޖަހަން ވަރަށް ހިތްވަރުކުރި އެވެ. އެކަމަކު 83 ވަނަ މިނެޓުގައި ވިކްޓަރީގެ އޮމަޑޫ ގޮޑްފްރޭ ވެސްޓް ވައްދާލި ގޯލާ އެކު އެ ޓީމުން ފުރަތަމަ ޑިވިޝަނުގެ ޖާގަ ކަށަވަރުކުރި އެވެ. އޭގެ ކުރިން ވެސް ރިސްވާނާއި އޮމަޑޫ އަށް ގޯލް ޖަހާނެ ހުސް ފުރުސަތުތައް ލިބި ވަނީ ބޭކާރުވެފަ އެވެ.

ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ އަދި އެންމެ ކާމިޔާބު އެއް ޓީމު ކަމަށްވާ ވިކްޓަރީން މިއީ، ރެލިގޭޝަނުގައި ވާދަކުރި ތިން ވަނަ ފަހަރެވެ. އެ ޓީމަށް ގައުމީ މުބާރާތުގެ ލީގު ބުރުގެ ގަދަ ހަތަރެއްގެ ތެރޭ ނުހިމެނުމުން އެންމެ ފުރަތަމަ ރެލިގޭޝަނުގައި ކުޅުނީ 1995 ވަނަ އަހަރެވެ. އެ ފަހަރު ސަލާމަތްވިއިރު 2013 ވަނަ އަހަރު ސަލާމަތްވީ ހަނި ގޮތަކަށެވެ. އެ ފަހަރު ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްނުވެ ސަލާމަތްވީ ފަހު މެޗުގައި ވީބީ އައްޑޫ އެފްސީ ކޮޅަށް ފަހު ސިކުންތުގައި ވައްދާލި ގޯލާ އެކު މޮޅުވެގެންނެވެ.

ވިކްޓަރީގެ އިތުރުން އަންނަ ސީޒަނުގެ ލީގުގައި ވާދަކުރާނީ ޗެމްޕިއަން މާޒިޔާ އާއި ކްލަބް އީގަލްސް އާއި ޓީސީ ސްޕޯޓްސް ކްލަބާއި ޔުނައިޓެޑް ވިކްޓަރީ އާއި ނިއު ރޭޑިއަންޓާއި ކްލަބް ވެލެންސިއާގެ އިތުރުން ގްރީންސްޓްރީޓެވެ.

0 ކޮމެންޓް, 27 ރިއެކްޝަންސް

icon happy icon happy 89%
icon sad icon sad 7%
icon angry icon angry 4%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454