ކުޅިވަރު / މެންޗެސްޓާ ޔުނައިޓެޑް

ޕޮގްބާ އިތުރު އެއް އަހަރަށް މަޑުކުރުވަން ޔުނައިޓެޑުން ނިންމައިފި

17 އޮކްޓޯބަރ 2020 - 07:52

މެންޗެސްޓާ (އޮކްޓޫބަރު 17) - މެންޗެސްޓާ ޔުނައިޓެޑުން އެ ޓީމުގެ މިޑްފީލްޑަރު ޕައުލް ޕޮގްބާގެ އެއްބަސްވުން އިތުރު އެއް އަހަރަށް އާ ކުރަން ނިންމައިފި އެވެ.

އުމުރުން 27 އަހަރުގެ ޕޮގްބާއާ އެކު ޔުނައިޓެޑުން ހަދާފައިވާ އެއްބަސްވުން އަންނަ އަހަރުގެ ޖޫން އަށް ހަމަވާނެ އެވެ. އެކަމަކު ޔުނައިޓެޑުން ބޭނުން ނަމަ ޕޮގްބާއާ އެކު އެ އެއްބަސްވުން އިތުރު އެއް އަހަރަށް އާ ކުރުމުގެ އިހުތިޔާރު އޮވެ އެވެ. ޔުނައިޓެޑުން އެ އިހުތިޔާރުގެ ބޭނުން ހިފީ ދާދި ފަހުން ޕޮގްބާ ރެއާލް މެޑްރިޑާ ގުޅުމުގެ ޝައުގުވެރިކަން ގެންގުޅޭ ކަމަށް ފްރާންސްގެ މީޑިއާގައި ވާހަކަ ދައްކާފައިވަނިކޮށެވެ. އެކަމަކު އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޔުނައިޓެޑުން ޕޮގްބާގެ އެއްބަސްވުން އިތުރު އެއް އަހަރަށް އާ ކުރަން މާ ކުރިން އޮތީ ނިންމައިފަ އެވެ.

މިހާރު އޮތްގޮތުން ޕޮގްބާ ޔުނައިޓެޑާ އެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2022 ވަަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެކަމަކު މި ސީޒަން ނިންމާފައި ޔުނައިޓެޑުން ބޭނުންނަމަ ޕޮގްބާ ވިއްކާލުމުގެ އިހުތިޔާރު އޮންނާނެ އެވެ.

ޔުވެންޓަސްގެ ކޯޗުކަމާ ހަވާލުވި ކުރީގެ މިޑްފީލްޑަރު އަންދްރޭ ޕިރްލޯ އެ ޓީމު ވަރުގަދަ ކުރުމުގެ ގޮތުން އެންމެ ބޮޑަށް ފާރަލާ ކުޅުންތެރިންގެ ތެރޭގައި ޕޮގްބާ ހިމެނޭ ކަމަށް އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނެ އެވެ. ޕޮގްބާ އަކީ ޔުނައިޓެޑުން އެކަށީގެންވާ ފުރުސަތުތަކެއް ނުލިބުމުން 2012 ވަނަ އަހަރު ޔުވެންޓަސްއާ ގުޅުނު ކުޅުންތެރިއެކެވެ. ޕިރްލޯ 2011 އިން 2015 ވަނަ އަހަރާ ހަމައަށް ޔުވެންޓަސް އަށް ކުޅުނުއިރު ޕޮގްބާއާ އެކު ވަނީ އެކުގައި ގިނަ މެޗުތަކެއް ކުޅެފަ އެވެ. ފަހުން ޕޮގްބާ އަލުން ޔުނައިޓެޑާ ގުޅުނީ އޭރު ދުނިޔޭގެ ރެކޯޑް އަގަކަށް 2016 ވަނަ އަހަރުގަ އެވެ.

ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ވަނީ ޕޮގްބާ އެ ޓީމުގައި ބަހައްޓަން ވަރަށް ބޭނުންވާ ކަމަށް ތަކުރާރުކޮށް މީޑިއާގައި ވާހަކަ ދައްކައިފަ އެވެ. އަދި އޭނާގެ ޕްލޭނުގައި ޕޮގްބާ އަށް މުހިއްމު ރޯލެއް އަދާކުރެވޭނެ ކަމަށް ސޯލްޝެއާ ވަނީ ބުނެފަ އެވެ.

އެންމެ ފަހުން ލީގުގައި ކުޅުނު މެޗުގައި 6-1 އިން ޓޮޓެންހަމް ހޮޓްސްޕާސް އަތުން ޔުނައިޓެޑް ބަލިވި މެޗުގެ ފުރަތަމަ ހާފް ނިމުމުން ޔުނައިޓެޑްގެ ޗޭންޖިން ރޫމް ތެރޭގައި ކަންތައްތަކެއް ހިނގައި ޔުނައިޓެޑްގެ ޕޯޗުގީސް ތަރި ބްރޫނޯ ފެނާންޑޭސް އާއި ކޯޗު ސޯލްޝެއާއާ މެދު މައްސަލަތަކެއް ޖެހިފައިވާ ކަމަށް ޕޯޗުގަލްގެ މީޑިއާގައި ރިޕޯޓްކުރެވުނު ނަމަވެސް ސޯލްޝެއާ އާއި ބްރޫނޯ ވަނީ އެކަން ދޮގުކޮށްފަ އެވެ. ސޯލްޝެއާ އާއި ބްރޫނޯ ބުނީ ގިނަ ބަޔަކު ބޭނުންވަނީ ޔުނައިޓެޑުގެ ތެރޭގައި މަސްލަހަތު ނަގާލަން ކަމަށެވެ،

ބައިނަލްއަގުވާމީ މެޗުތަކަށް މެދުކަނޑާލުމަށް ފަހު ޕްރިމިއާ ލީގުގެ މެޗުތައް މިއަދު ފަށާއިރު ޔުނައިޓެޑުން މިރޭ ރަށުން ބޭރުގައި ކުޅޭނީ ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށެވެ. މެޗު ފަށާނީ ރާއްޖެ ގަޑިން 00:00 ގަ އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454