ކުޅިވަރު / ދިރާގު ދިވެހި ލީގު

އާ ސީޒަން: އީގަލްސް އަށް މާލީ ދަތިކަން

މިދިޔަ ސީޒަންގެ މެޗެއްގެ ތެރެއިން އީގަލްސްގެ ރިޒޭ (ކ) ގޯލަށް ބޯޅަ ފޮނުވާލަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ކުރިއަށް އޮތް ސީޒަނުގައި އޭއެފްސީ ކަޕްގެ ކޮލިފައިންގައި ވެސް ވާދަކުރަން ޖެހިފައިވާ ކްލަބް އީގަލްސް އަށް މި ވަގުތު އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ މާލީ ދަތިތަކުގެ މައްސަލަތައް ކަމަށް އެ ކްލަބުން ބުނެފި އެވެ.

އީގަލްސް އަށް އަންނަ ސީޒަން މުހިއްމުވާ އެންމެ ބޮޑު ސަބަބަކީ އެ ކްލަބުގެ ތާރީހުގައި ފުރަތަމަ ފަހަރަށް އޭއެފްސީ ކަޕުގައި ވާދަކުރަން ފުރުސަތު ލިބިފައިވާތީވެ އެވެ. އެފްއޭ ކަޕުގެ ޗެމްޕިއަނުންނަށްދޭ ޕްލޭއޮފް ޖާގަ އީގަލްސް އަށް ލިބުނީ އެފްއޭ ކަޕް ކެންސަލްވުމާ އެކު އެ ޖާގަ ލީގުގެ ދެ ވަނަ އަށް ދިނުމުންނެވެ. އަނެއްކޮޅުން ކުރިއަށް އޮތް ސީޒަން ފަށަން ކުޅޭ ޗެރިޓީ ޝީލްޑް މެޗުގައި ވެސް ފުރަތަމަ ފަަހަރަށް އީގަލްސް ކުޅޭނެ އެވެ. އެ މެޗުގައި އީގަލްސް ބައްދަލުކުރާނީ އެންމެ ފަހުގެ ލީގު ޗެމްޕިއަން މާޒިޔާއާ އެވެ.

އީގަލްސް އަށް ކުރިއަށް އޮތް ސީޒަނުގައި ވެސް ކޯޗުކޮށްދޭނީ ތަޖުރިބާކާރު ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) އެވެ. ފުޓްބޯޅައިގެ އެންމެ މަތީ ކޯޗިން ލައިސަންސް ކަމަށްވާ އޭއެފްސީ ޕްރޯ ލައިސަންސް ހާސިލްކޮށްފައިވާ މޯހަން އަންނަނީ އީގަލްސްއާ ހަވާލުވެ ރަނގަޅު މަސައްކަތްތަކެއް ކުރަމުންނެވެ. އީގަލްސް އިން ޕްރެކްޓިސް ފަށަން މަސައްކަތްކުރަމުން އަންނަނީ އަންނަ މަހު އެއް ވަނަ ދުވަހު އެވެ.

އީގަލްސްގެ ޖެނެރަލް ސެކްރެޓަރީ އަދި އެފްއޭއެމްގެ އެގްޒެކްޓިވް ކޮމިޓީގެ މެމްބަރު މުފާވިޒު ހާޝިމް (މުފާ) މިއަދު "މިހާރަ"ށް ވިދާޅުވީ ކުރިއަށް އޮތް ސީޒަނަށް ބަޖެޓެއް ހަދަން ބަލާއިރު ހާލަތު އޮތްގޮތުން މަސައްކަތްކުރެވެން އޮތީ ޔަގީނުން ވެސް ލިބޭނެ އެއްޗަކަށް ބަލައިގެން ކަމަށެވެ.

"އީގަލްސް އަށް އޮތް އެންމެ ބޮޑު ޗެލެންޖަކީ މާލީ ދަތިކަން. ބަޖެޓެއް ހަދަން ބަލާއިރު މި ވަގުތަށް މި އޮތީ އެފްއޭއެމުން ދޭ މާލީ އެހީ އާއި ދެން މިނިސްޓްރީން ދޭ ފައިސާއެއް. ސްޕޮންސަރުން ހޯދުމުގައި ވަރަށް ބޮޑު ދަތިތަކެއް އެބަހުރި. މިއީ ސްޕޮންސަރުންގެ އިންޓްރަސްޓް ވެސް މާ ބޮޑަށް ފުޓްބޯޅަ އަށް ހަރަދުކުރުމުގައި ނުހުންނާނެ ވަގުތެއް. މާލީގެ ދަތިކަން ހުރިހާ ދިމާލެއްގައި އޮތީ،" މުފާ ވިދާޅުވި އެވެ.

މިދިޔަ ސީޒަނަކީ އީގަލްސް އަށް ނިސްބަތުން ރަނގަޅު ލެވަލެއްގައި ހިފަހައްޓާލެވުނު ފަހަރެކެވެ. އީގަލްސްގައި މިދިޔަ އަހަރު ތިބި ކުޅުންތެރިންގެ ތެރެއިން ގިނަ ކުޅުންތެރިން އަންނަ ސީޒަނުގައި ވެސް އެ ޓީމުން ފެންނާނެ އެވެ. އެކަމަކު ބަޖެޓް ހަދަން ޖެހޭ ގޮތަކުން ބައެއް ކުޅުންތެރިން ދޫކޮށްލި ނަމަވެސް ރަނގަޅު ޓީމެއް ބާއްވާނެ ކަމަށް މުފާ ވިދާޅުވި އެވެ.

މިދިޔަ ސީޒަނުގައި އީގަލްސްގެ މެޗެއްގެ ތެރެއިން ސުޖަން: ކުރިއަށް އޮތް ސީޒަނުގައި ސުޖަން އީގަލްސް އިން ނުފެންނާނެ. -- ފޮޓޯ: މިހާރު

އީގަލްސް އިން ކޮންމެ ގޮތެއް ވިޔަސް ފެންވަރު ރަނގަޅު ގޯލްކީޕަރެއް ހޯދަން ޖެހެ އެވެ. ފާއިތުވި ފަސް އަހަރު އީގަލްސްގެ ގޯލު ބެލެހެއްޓި ސްރީލަންކާ ގައުމީ ޓީމުގެ ގޯލްކީޕަރު ސުޖަން ޕެރޭރާ ވަނީ އާއިލާއާ އެކު ވަގުތު ހޭދަކުރަން ބޭނުންވާތީ ލަންކާގައި މަޑުކޮށް އެ ގައުމުގެ ކްލަބަކާ ގުޅިފަ އެވެ.

މުފާ ވިދާޅުވީ ކީޕަރެއް ހޯދުމުގައި ދެން ވެސް ވިސްނަނީ ބިދޭސީ ކީޕަރެއް ހޯދަން ކަމަށާއި ބަޖެޓް އޮތްވަރަކުން ދެން ބިދޭސީ ކުޅުންތެރިން އިތުރުކުރުމުގައި ވިސްނާނެ ކަމަށެވެ.

"މިހާރު ކޮންމެ ގޮތެއްވިޔަސް ފޮރިން (ބިދޭސީ) ކީޕަރެއް ގެންނަން ޖެހޭ. ދެން ޑިފެންޑަރަކާ މެދު ވެސް މި ދަނީ ވިސްނަމުން. ފޮރިން ކުޅުންތެރިންނަށް ދާނީ އީގަލްސް އިން ބޭނުންވާ ދިވެހި ކުޅުންތެރިޔާ ނުލިބުނީމަ. މިހާރު ކޮންމެ ގޮތެއް ވިޔަސް ލިމިޓެޑް ބަޖެޓެއްގެ ތެރެއިން ކުރިއަށް މި ދަނީ. ސްޕޮންސަރުންގެ ތެރެއިން ވެސް ފައިސާ ލިބޭނަމަ ބިދޭސީ ކުޅުންތެރިން އިތުރުކުރަން މަސައްކަތްކުރާނަން،" މުފާ ވިދާޅުވި އެވެ.

އޭއެފްސީ ކަޕްގެ ކޮލިފައިން ބުރުގައި އީގަލްސްގެ ކުރިމަތީގައި އޮތީ އުނދަގޫ ޗެލެންޖެކެވެ. މިހާރު އޮތްގޮތުން ގްރޫޕް ސްޓޭޖުގެ ޖާގައަކަށް އީގަލްސް އިން ވާދަކުރަން ޖެހޭނީ އިންޑިއާގެ ބެންގަލޫރު އެފްސީއާ އެވެ. މި އަހަރުގެ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ރާއްޖޭގެ މާޒިޔާ ފުރުސަތު ހޯދީ ބެންގަލޫރު ކަޓުވާލުމަށް ފަހު އެވެ. މާޒިޔާ އާއި ޓީސީ ސްޕޯޓްސް ކްލަބް އޭއެފްސީ ކަޕަށް ތައްޔާރުވަމުން ދަނިކޮށް އޭއެފްސީން ވަނީ ކޮވިޑް-19ގެ ހާލަތު އޮތްގޮތުން ހުރިހާ ގްރޫޕް ސްޓޭޖެއްގެ މެޗުތަކެއް ނުބޭއްވޭނެތީވެ މުބާރާތް ކެންސަލްކޮށްފަ އެވެ.

1 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 50%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގަޓް ބްރޯ

19 October 2020

ކޮންމެހެން ބިދޭސީ ކީޕަރެއް ބޭނުމިއްޔާ ޒިކުރާ މިސްކިތް ދޮށުންވެސް ތިޔަކުޅޭ ފެންވަރުގެ ގޯލް ކީޕަރަކު ލިބިދާނެ. މާބޮޑު އެއްޗެއް ދޭކަށްވެސް ނުޖެހޭނެ ދުވާލަކު ދުއިސައްތައެއްހާ ރުފިޔާ ދިނަސް ވާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454