ބަލޮޓެލީ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. --ފޮޓޯ: އޭއެފްޕީ
31 އޮކްޓޯބަރ 2016 - 10:19
ނީސް، ފްރާންސް (އޮކްޓޯބަރު 31) - މާރިއޯ ބަލޮޓެލީގެ ލަނޑާ އެކު ނަންޓެސް އަތުން 4-1 އިން މޮޅުވެ ފްރާންސް ލީގުގެ އެއް ވަނައިގައި ނީސް އިން ހަމަޖެހިލައިފި އެވެ.
ލިވަޕޫލުން ދޫކޮށްލުމުން ނީސްއާ ގުޅުނު އިޓަލީ ފޯވާޑް ބަލޮޓެލީ އަންނަނީ އެ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އޭނާ ވަނީ 11 މެޗުން ހަ ގޯލް ޖަހައިފަ އެވެ. މިއީ 2012/2013 ގެ ސީޒަނަށް ފަހު ބަލޮޓެލީ އެންމެ ގިނައިން ލަނޑު ޖަހާފައިވާ ސީޒަނެވެ. މިދިޔަ ދެ ސީޒަން ލިވަޕޫލަށް ކުޅުނުއިރު އަދި ލޯނެއްގެ ދަށުން މިދިޔަ ސީޒަން މިލާނަށް ކުޅުނުއިރު އޭނާ އަށް ޖެހުނީ ޖުމްލަ ދެ ގޯލެވެ.
ވީލަން ސައިޕްރިއެންގެ ލަނޑުން ނީސް އިން ލީޑު ނަގާފައިވަނިކޮށް ދެ ވަނަ ލަނޑު ކާމިޔާބުކޮށްދިނީ ބަލޮޓެލީ އެވެ. އޭގެ ފަހުން ނަންޓެސް ވަނީ އެމިލިއާނޯ ސަލާގެ ގޯލުން ތަފާތު ކުޑަކޮށްފަ އެވެ. ނީސްގެ އަނެއް ދެ ލަނޑު ޖެހީ އަލަސާނޭ ޕްލީ އަދި ސައިޕްރިއެން އެވެ.
މި މޮޅާ އެކު ލީގުގެ އެއް ވަނައިގައި ނީސް އޮތީ 29 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި 23 ޕޮއިންޓާ އެކު މޮނާކޯ އޮތްއިރު ޗެމްޕިއަން ޕީއެސްޖީ އޮތީ 23 ޕޮއިންޓާ އެކު ލަނޑުގެ ތަފާތުން ތިން ވަނައިގަ އެވެ.
ފްރާންސް ލީގުގެ ޗެމްޕިއަންކަން އެންމެ ފަހުން 1959 ވަނަ އަހަރު ހޯދި ނީސް އަންނަނީ އާ ކޯޗު ލުސިއެން ފާވޭއާ އެކު ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy