ކުޅިވަރު / އިންޑިއަން އޯޝަން އައިލެންޑް ގޭމްސް

އައިއޯއައިޖީއާ މެދު ގޮތެއް ނިންމާނީ ކެބިނެޓުން: މަހުލޫފް

ރާއްޖޭގައި 2023 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ބޭއްވުމާ ބެހޭގޮތުން ގޮތެއް ނިންމާނީ ކެބިނެޓުން ކަމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ އުނދަގޫ ހާލަތުގެ ތެެރެއިން 2023 ވަނަ އަހަރު ރާއްޖޭގައި އައިއޯއައިޖީ ބާއްވަން ވަރަށް ބައިވަރު ގޮންޖެހުންތަކެއް އެބަހުރި ކަމަށް މިނިސްޓަރު ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ.

އައިއޯއައިޖީ ބޭއްވުމާ މެދު ދުރާލާ ގޮތެއް ނިންމާފައި ބޭއްވުމުގެ ގަސްދުގައި މިނިސްޓަރު ވަނީ ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ އިސް ވެރިންގެ އިތުރުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ހިންގާ ކޮމިޓީއާ ވެސް މަޝްވަރާކޮށްފަ އެވެ. އަދި މީގެ އެއް ދުވަސް ކުރިން މިނިސްޓަރު ވަނީ އައިއޯއައިޖީގެ ކައުންސިލް ކީޖްއާ ވެސް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބައްދަލުކުރައްވައިފަ އެވެ.

ޕީއެސްއެމް އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ އައިއޯއައިޖީއާ ގުޅިގެން ބޭއްވުނު ބައްދަލުވުންތަކަށް ރިއާޔަތްކޮށް ކެބިނެޓަށް ކަންތައްތަކެއް ހުށަހަޅާނެ ކަމަށެވެ. ބޭނުމަކީ ދުރާލާ މީގެ ކުރިއަށްދާނެ ގޮތެއް ފެންނަން އޮތުން ކަމަށާއި ވިސްނުން ހުރީ 2023ގެ ގޭމް 2025 އަށް ފަސްކުރުމަށްކަމަށާއި އެކަން ނުވެއްޖެނަމަ 2023ގެ ފުރުސަތު ދޫކޮށްލާނީ ދެން އޮންނަ ގޭމްސް އެއް ހޯސްޓްކުރަން ފުރުސަތު ލިބޭ ގޮތަށް ކަމަށް ވިދާޅުވި އެވެ.

"ރާއްޖޭގައި ގޭމްސް ބާއްވާނެތޯ ނުވަތަ ނޫންތޯ ދެން ނިންމާނީ ކެބިނެޓުން. ހުރިހާ ކަމަކަށް ކުރާ ހުރިހާ ހަރަދެއް ކުރާނީ ސަރުކާރުން ދެއްތޯ. މިހާރު އަޅުގަނޑުމެންގެ ގައުމު ކޮވިޑާ ގުޅިގެން މި އޮތް ހާލަތަށް ބަލާއިރުގައި އަޅުގަނޑަށް ހީވަނީ ވަރަށް ޗެލެންޖިން ކަމެއް. އޭގެ މާނައަކީ އަޅުގަނޑުމެން ކުރަމުންދާ މަސައްކަތް ހުއްޓާލުމެއް ނޫން. އިރާދަކުރެއްވިއްޔާ އެ ބޭނުންވާ ވަސީލަތްތައް މިހާރު ވެސް މިކުރަމުންދާހެން މަސައްކަތްތައް ކުރަމުންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އައިއޯއައިޖީ ކައުންސިލްއާ އެކު ބޭއްވި ބައްދަލުވުމުގައި ވެސް ވާހަކަތައް ދިޔައީ ވަރަށް ޕޮޒިޓިވްކޮށްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އަންނަ މަހު އޮންނަ އިތުރު ބައްދަލުވުމެއްގައި ބައިވެރިވުމުގެ ކުރިން ރާއްޖޭން ކުރިއަށްދާ ގޮތެއް ކެބިނެޓް މެދުވެރިކޮށް ނިންމާފައި އޮތުން މުހިއްމު ކަމަށެވެ.

"ކޮންމެ ގޮތެއް ވިޔަސް އަޅުގަނޑަށް އިއްޔެ ކީޖް މީޓިންގައި ވާހަކަ ދިޔަ ގޮތަށް ބަލާއިރު އަޅުގަނޑަށް ހިއެއްނުވޭ 2023ގައި މިކަން ކުރަން އެއްވެސް ގައުމަކުން ތައްޔާރުހެން. މަޑަގަސްކަރަ އަކީ ކުރިން ފަހަރު ވެސް ގޭމްސް ހޯސްޓްކުރަން ބިޑްކުރި ފަރާތަކަށް ވެފައި އެ މީހުން ކޮންމެވެސް ވަރެއްގެ ޝައުގުވެރިކަމެއް ނުސީދާ ގޮތަކަށް ދައްކަމުން ދިޔަ މީޓިންގައި. ފަހަރެއްގައި މަޑަގަސްކަރަ އިން ހޯސްޓްކޮށްފާނެ ކަންނޭނގެ ސީދާ އެކަމުގެ މައުލޫމާތު އެނގެން އަޅުގަނޑަށް ހީވަނީ ދުވަސްކޮޅެއް ނަގާނެހެން،" މިނިސްޓަރު ވިދާޅުވި އެވެ.

ކުޅިވަރުގެ އިންފްރާސްޓްރަކްޗާގެ ތަރައްގީތައް ނުހުއްޓޭނެ

އައިއޯއައިޖީ ފަސްކުރަން ނިންމާ އެންމެ ބޮޑު ސަބަބަކީ ގޭމްސް ހޯސްޓްކުރަން ރާއްޖޭން ކުރަން ޖެހޭ މަސައްކަތުގެ އެންމެ ބޮޑުބައި ކަމަށްވާ ކުޅިވަރު ކުޅޭނެ ވަސީލަތްތައް ގާއިމްކުރުމުގެ ޕްރޮޖެކްޓްތަކަށް ކޮވިޑްގެ ސަބަބުން އައި ހުއްޓުމެވެ.

މިނިސްޓަރު މަހުލޫފް ވިދާޅުވީ ގޭމްސްއާ މެދު ކޮންމެ ގޮތަކަށް ނިމުނު ކަމުގައި ވިޔަސް ޑިވެލޮޕްމަންޓަށް ކުރަމުން އަންނަ މަސައްކަތް ނުހުއްޓޭނެ ކަމަށެވެ. އަދި ވަށައިގެން މިހާރު ވެސް ފެންނަމުން އަންނަ ކަންތައްތަކަށް ބަލާއިރު އޭގެ ހެކި ފެންނަން ހުރިކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"އެކުވެނި ޓްރެކް މަސައްކަތް ކުރަމުންދަނީ. ހޭންޑްބޯލް ނޭޝަނަލް ސްޓޭޑިއަމްގެ ފުރަތަމަ ކޯޓު އެޅުމުގެ މަސައްކަތް ދަނީ ކުރިއަށް. ބިލިއަޑް ފެސިލިޓީގެ މަސައްކަތް ދާނީ ކުރިއަށް. މިހެން ގޮސް ބައިވަރު މަސައްކަތް އެބަކުރެވޭ. އަންނަ އަހަރު ފެށޭއިރަށް އަޅުގަނޑު ވަރަށް އުއްމީދު އެބަކުރަން ވޮލީ އިންޑޯގެ މަސައްކަތް ވެސް ފެށޭނެ ކަމަށް. ސްވިމިން ޕޫލް މި އަހަރު ނިމުމުގެ ކުރިން ކުޑަމިނުން ބިންގާ އަޅައިގެން މަސައްކަތް ފެށޭވަރުވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

1 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 50%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސުޕުން ބައްޕަ

22 October 2020

އެހެން ކަމަކާ އުޅެން ވީނޫން ތޯ ،މަހޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454