26 އޮކްޓޯބަރ 2020 - 11:23
ނެޝެނަލް އާޓް ގެލެރީގެ ހޯލް ފުރިފައި އޮތީ އެކި އާޓިސްޓުންގެ މޮޅު ކުރެހުންތަކާއި ފަންނުވެރި މަސައްކަތްތަކުންނެވެ. ކޮންމެ އުފެއްދުމެއްގެ ވެސް އޭގެ ޒާތުގައި ނަލަ އެވެ. ރަންނަމާރި ވާހަކައިން ފެށިގެން ގޮސް އިހުގެ ދިވެހިންގެ ދިރިއުޅުމާއި ބޮޑުތަކުރުފާނު ވާހަކައަށް ބިނާކޮށް ކުރަހާފައިވާ ކުރެހުންތަކެވެ. އިޖްތިމާއީ އެކި މައްސަލަތައް ސިފަކޮށްދޭ ކުރެހުންތަކެވެ. ދިރިއުޅުން ފުރިހަމަވިކަމުގެ އުފާވެރި ކަރުނަ އެވެ. އަޅާލުން ނުލިބުމުގެ މާޔޫސްކަމެވެ. އެކަނިވެރި ދިރިއުޅުމެވެ.
މިއީ ދިވެހި ފަންނުވެރިންގެ 'އަންވެއިލިން ވިޝަންސް" މައުރަޒުގެ ބައެއް މައުލޫއުތަކެވެ.
މި ހާއްސަ އަދި ހިތްގައިމު މައުރަޒު 2016 އިން ފެށިގެން އާންމު ގޮތެއްގައި ބާއްވަމުން އައީ ކޮންމެ އަހަރެއްގެ އޯގަސްޓު މަހު އެވެ. އެކަމަކު ކޮވިޑް-19ގެ ސަބަބުން މި އަހަރު ޖެހުނީ އޮކްޓޯބަރަށް ފަސްކޮށްލާށެވެ.
ގައިދުރުކަމަށް އިސްކަންދީ އެޗްޕީއޭއިން އަންގާފައިވާ ހާއްސަ ފިޔަވަޅުތަކަށް ތަބާވެގެން ތިބެ މައުރަޒަށް ވަންނަން ދިގު ކިއުއެއް އޮތެވެ. ދިހަ ވަރަކަށް މިނިޓް މަޑުކޮށްގެން ނޫނީ ވަދެވޭވަރެއް ނުވެ އެވެ.
ބައެއް ކުރެހުންތަކާއި އުފެއްދުންތަކަށް އަބަދުވެސް ސަމާލުކަން ލިބެ އެވެ. އެއީ ގިނަ މީހުންގެ ލޮލުގައި ބޮޑަށް އަޅައިގަން ވަރުގެ ތަފާތުތައް ފެންނަ ހުނަރުވެރި އުފެއްދުންތަކެވެ. އެގޮތުން ލޯގަނޑަކުން މީހެއްގެ ސޫރަ ފެންނަ ފަދަ ގޮތަކަށް އަންހެނަކު ދައްކުވައިދީފައިވާ ކުރެހުން، މައުރަޒަށް ޒިޔާރަތްކުރި ގިނަ މީހުންނަށް ކަމުދިޔަ އެވެ. މި ކުރެހުން 12،000ރ އަށް ވިކުނު އިރު މިއީ އެންމެ ފުރަތަމަ ގަތް ކުރެހުންތަކުގެ ތެރެއިން އެއް ކުރެހުމެވެ.
ޔާން އަބްދުލް ސައްތާރުގެ ކުރެހުން: ތީމް: 'ކޮންޓެންޓް'
އުއްބަތިއެއް ކައިރީގައި، ރަތް ލިބާހެއްގައި ހުރި އަންހެންމީހާގެ ލޯ ވަނީ ކަރުނުން ތެމިފަ އެވެ. ކުރެހުންތެރިޔާ ޔާން އަބްދުލް ސައްތާރު ބުނާ ގޮތުގައި ފުރިހަމަ ހަޔާތެއް ނިންމާލުމުގެ ހިތްހަމަޖެހުމާ އެކު، އަންހެންމީހާ ބުނެދެނީ "ދެން މަރުވިޔަސް އެންމެ ރަނގަޅޭ" އެވެ. އެހެންކަމުން އޭނާގެ ލޯ ތެމިފައި އެވަނީ އުފަލުގެ ކަރުނައަކުންނެވެ.
"މުޅި މީގެ ތީމް އަކީ 'ކޮންޓެންޓް'، މާނައަކީ އޭނާގެ އެ އުމުރާ ހަމައަށް އައި އިރު މުޅި ދިރިއުޅުން ފުރިހަމަ ވެއްޖެ ކަމަށް ގަބޫލުކުރެވެއޭ. ޕާސްޓްއާ މެދު ވަރަށް ހިތްހަމަޖެހެއޭ. ދެން މަރުވިޔަސް އެންމެ ރަނގަޅޭ އެހެންވެ އަސްލު ހެޕީ ޓިއާސް އެއީ،" ކުރެހުމާ ބެހޭ ކުރު ތަފުސީލެއް ދެމުން ޔާން ބުންޏެވެ.
ދިގު ތުނބުޅިއަކާއި ބޮލުގައި ފޮށައެއް ބަނދެ މޫނު މަތީގައި އަތް އަޅައިގެން ރޮވިފައި އިން އެ ފިރިހެން މީހާގެ ކުރެހުން ވެސް އެހާމެ ޗާލެވެ. އޭނާގެ މޫނުގައި ހުރި ރޫތަކުން އުމުރު ދޭހަކޮށްދެ އެވެ. ލޯމަތީގައި ހުރި އަސަރުން އޭނާގެ ހާލަތު ވެސް ބަޔާންކޮށްދެ އެވެ. ފެންނަ ފެނުމަށް މިއީ ތިމާގެ ހާލަތާ މެދު ހިތްދަތިވެ، ރޮވިފައި ހުރި މީހެކެވެ. ގޮތް ހުސްވެފައި ހުރި މީހެކެވެ. ރޫތަކާއި އިސްތަށިތައް ވަކިވަކިން ދައްކުވައިދީފައިވާ ފުރިހަމަކަމުން މިއީ ފަންސުރު ބޭނުންކޮށްގެން ކުރަހާފައިވާ މޮޅު ކުރެހުމެއް ކަމަށް، ބައެއް މީހުން ގަބޫލުކުރި އެވެ.
މުހައްމަދު ޝާއިންގެ ޕްރިޒަނާ
ކުރެހުމުގެ މައުލޫއަކީ "ޕްރިޒަނާ" އެވެ. އެއިން ދައްކައި އެދެނީ ހަގީގަތުގައި އުމުރުން ދުވަސްވީ މީހުންނަށް ދިމާވާ ދަތިތަކެވެ. އެ އުމުރުގައި މީހާ ބާކީވެ އިހުސާސްވާ އެކަނިވެރިކަމާއި ޑިޕްރެޝަނެވެ.
ކުރެހުންތެރިޔާ އިސްމާއިލް ޔާނިމްގެ ކުރެހުމުން ފެންނަނީ މުޖުތަމައުގައި މިހާރު ދިމާވާ އެންމެ ބޮޑު އެއް މައްސަލަ އެވެ. ޒުވާނުންގެ މެދުގައި "އިންޓްރޮވާޓް"ގެ ގޮތުގައި ފެންނަ މީހުންގެ ދިރިއުޅުމެވެ. އެއީ މީހުންގެ ތެރެއަށް ނުކުމެ، ގުޅިގެން އުޅެން ދަތިވާ މީހުންގެ ސިފަކުރުމެކެވެ. ނޭނގި ނަމަވެސް އެހެން މީހުންނާ ވަކިވެގަތުމުގެ އިހުސާސެވެ.
ރަބަރުގަނޑެއްގެ ތެރޭގައި ގައިދުވެފައިވާ އެ މީހަކު އެ އިނީ، އެހެން އެންމެންނާ ދުރުވެގެންނެވެ.
"މި ކުރެހި އިރު އަސްލު ބޮލުގައި އިނީ ގައިދުރުކަން. ދެން ބެލީ މީހާގެ މެންޓަލް ސްޓޭޓާ އެ ގުޅުވޭނެ ގޮތެއް. އަސްލު މިހާރު ވަރަށް ދިމާވާ ކަމެއް މިއީ. ފަހުން ތިމާއަށް ވެދާނެ ދެރައަކަށް، ގެއްލުމަކަށް ބަލައި އެހެން މީހުންނާ ގާތް ގުޅުމެއް ބާއްވަން ގިނަ ޒުވާނުންނަށް ދަތި. އެހެންވެ އެ [ހާލަތު] ދައްކައިދޭން މަސައްކަތްކުރީ،" ޔާނިމް ބުންޏެވެ.
މި މަހުގެ 30ގެ ނިޔަލަށް ކުރިއަށް ދާ މި މައުރަޒުގައި ކުރެހުމުގެ އިތުރުން ބައެއް ކަހަލަ އަތްތެރި މަސައްކަތް ވެސް ފެންނަން ހުއްޓެވެ. އެގޮތުން އެންމެ ފާހަގަކުރެވުނު އެއް މަސައްކަތަކީ ޖީއެން ސައިލެއްގެ ޓޭންކާއި އޭގެ ދަށުން ދެ ފަރާތުގައި އިންނަ ދެ ބަޔަކަށް ގެނެސްފައިވާ ހިތްގައިމު ބަދަލެވެ.
އަހުމަދު އިހުސާންގެ ހުނަރު ދައްކައިދިން ސައިކަލް: މި ކުރެހުންތައް އަޅާފައި ހުރީ ޕުޓީ ބޭނުންކޮށްގެން
"އަރަކަ އާޓްސް"ގެ ހުނަރުވެރި އާޓިސްޓް އަހްމަދު އިހުސާން، ސައިކަލަށް އެ ބަދަލު ގެނައީ ރާއްޖޭގެ ގަދީމީ ކުރެހުންތައް ކަމަށްވާ ހިރިގަލުގެ ކަނޑާނެގުން ސިފަވާ ގޮތަށެވެ. ޖީއެންގެ ބާ ސައިކަލެއްގައި އެ ކަނޑާނެގުން ހެދީ ޕުޓީ ބޭނުންކޮށްގެންނެވެ.
"ދޯ"އަށް ދިން އިންޓަވިއުއެއްގައި އިހުސާން ބުނީ އޭނާއަށް އުނދަގޫވީ ސައިކަލްގެ އެބައިތަކުގެ ސިފައާ އެއްގޮތަށް އެކަން ކުރުން ކަމަށެވެ.
"ކުރީގައި ވެއްޖެއްޔާ ފްލެޓް ސާފޭސްއެއްގައިތާ ވޯކްކުރަނީ،" އިހުސާން ކިޔައިދިނެވެ.
މި މައުރަޒަށް ވަންނަ ކޮންމެ މީހަކަށް ވެސް ލިބޭނީ ހިތްހަމަޖެހުމެވެ. ދިވެހި ފަންނުވެރިންގެ ކުޅަދާނަކަމެވެ. އެމީހުންގެ މުއްސަނދި ހިޔާލުތަކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy