ސޮނެވާފުށީގެ ވޯޓާ ވިލާތައް: މިއީ ރާއްޖޭގެ ޓޫރިޒަމް ބަދަލުކޮށްލި ރިސޯޓެއް
30 އޮކްޓޯބަރ 2020 - 15:52
ބ. އަތޮޅު ކުންފުނަދޫގައި ރިސޯޓެއް ހިންގައި، އެ ރިސޯޓް ހުއްޓިފައި އެތައް އަހަރެއް ވީ ފަހުން، އެ ރަށުގައި އާ ރިސޯޓެއް އެޅުމުގެ ޚިޔާލު ގެންނެވީ އިނގިރޭސި ވިލާތުގެ ވިޔަފާރިވެރިޔާ ސޯނޫ ޝިވްދަސާނީ އާއި އޭނާގެ އަނބިކަނބަލުން އީވާ އެވެ. އެ ދެ ބޭފުޅުންގެ ނަމާ ގުޅުވައި، އެ ރިސޯޓަށް ސޮނެވާފުށި ކިޔާފައިވާ އިރު، އެއީ އީވާ ވިދާޅުވެފައިވާ ގޮތުގައި، ވަރަށް ފުން ހަނދާންތަކެކެވެ. އެ ބޭފުޅުންގެ އެންމެ ފުރަތަމަ ރިސޯޓް، އަދި ރާއްޖޭގެ ޓޫރިޒަމްގެ ފެންވަރު އެހެން ހަރުފަތަކަށް ގެންގޮސްދިން، ސޮނެވާފުއްޓަށް 25 އަހަރު ފުރުމާ ދިމާކޮށް އޭނާ ވަނީ އެ ރަށަށް ފުރަތަމަ ވަޑައިގެންނެވި ދުވަހުގެ ފޮޓޯތަކާއި ރަށް ތަރައްގީ ކުރުމަށް ކުރި މަސައްކަތްތަކުގެ ފޮޓޯ އާންމުންނަށް ދައްކާލައްވައިފަ އެވެ.
އީވާ އާއި ސޯނޫ ކުންފުނަދު އަށް 1994 ގައި ކުރި ފުރަތަމަ ޒިޔާރަތުގައި ނަގާފައިވާ ފޮޓޯއެއް
ތިރީގައި މި ވަނީ، މިހާރު ރާއްޖޭގެ އިތުރުން ދުނިޔޭގެ ބައެއް ގައުމުތަކުގައި ވެސް ރިސޯޓްތައް ހުޅުވާފައިވާ ސޮނެވާގެ އެއް ބާނީ އީވާ، ސޮނެވާފުށީގެ ފޮޓޯތައް ދޫކޮށްލައްވަމުން ފޮޓޯތަކުގެ ތަފުސީލު ލިޔުއްވާފައިވާ ގޮތެވެ. އިވާ އަކީ، ސޮނެވާފުށީގެ ކްރިއޭޓިވް ޑައިރެކްޓަރު ވެސް މެ އެވެ.
މިއީ 1994 ގައި ސޯނޫ އާއި އަހަރެން އެންމެ ފުރަތަމަ ކުންފުނަދުއަށް (ސޮނެވާފުށި ތަރައްގީކުރި ރަށް) އަށް ދިޔަ ދުވަހު އެ ރަށް އޮތް ގޮތެވެ. ރީތި، ސާފު އަތިރިމައްޗެކެވެ. މިހާރު ވެސް ހަމަ އެގޮތަށެވެ.
އެންމެ ފުރަތަމަ 1994ގައި ސޮނެވާފުއްޓަށް އަހަރެން ދިޔަ ހެލިކޮޕްޓަރަކީ އެންމެ ފުރަތަމަ އެ އަތޮޅަށް ޖެެއްސި ހެލިކޮޕްޓަރެވެ. އޭދަފުށީ ފުޓުބޯޅަ ދަނޑަށް ހެލިކޮޕްޓަރު ޖެއްސި އިރު އެ ރަށުގެ ވަރަށް ގިނަ ބަޔަކު ހައިރާންކަމާ އެކު އެތަން ބަލަން ތިއްބެވެ. އެންމެ ޖެޓީއެއް އޮތުމާއި ކުންފުނަދުއަށް ޖެއްސެން ނެތުމުން އެ ރަށަށް ދެވެން ދެން އޮތް ހަމައެކަނި މަގަކީ އޭދަފުށިން ދޯންޏެއްގައި ދަތުރުކުރުމެވެ. އަހަރެމެން އެ ރަށަށް ދިޔަ މަގުމަތީގައި ކޯމަހުގެ އައިނެއް ފެނުނެވެ. ކުންފުނަދޫ ބަލާލުމުގައި ސޯނޫ އާއި އަހަރެން އެ ދުވަހު ތިން ގަޑިއިރު ހޭދަކުރީމެވެ. އެނބުރި ދިޔަ އިރު ވެސް ކޯމަސް އައިނަކާ ދިމާވި އެވެ.
ސޮނެވާފުއްޓަށް އަހަރެމެން ދިއުމުން، އެ ރަށާ ހަވާލުވެ ހުރި ކުޑަފަރީ އަބްދުﷲ އަހަރެމެންނަށް ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔައިފަ އެވެ. އޭދަފުށީގެ ކުޑަކުދިން އަހަރެމެންނަށް މާބޮނޑިޔާ އާއި ހަދިޔާ ދިނެވެ.
މިއީ ކުންފުނަދޫގައި ރިސޯޓެއް ތައްޔާރުކުރުމުގެ ކުރިން އޮތް ހަމަ އެކަނި ފާލަން/ ޖެޓީ އެވެ.
ސޮނެވާފުށި ހުޅުވުމުގެ ކުރިން ކުންފުނަދޫގައި 1975 ގައި ވަނީ ކުޑަ ރިސޯޓެއް ހަދައިފަ އެވެ. އެކަމަކު އެ ރިސޯޓު 1979 ގައި ބަންދުކުރަން ޖެހުނު މައިގަނޑު ސަބަބަކީ މާލެ އިން (ހުޅުލެ އިން) އެ ރަށަށް ޓޫރިސްޓުން ގެންދިއުން އިންތިހާ އަށް އުނދަގޫވުމެވެ. މި ފޮޓޯ އިން އެ ފެންނަނީ އަހަންނާއި ސޯނޫ އެ ރަށަށް ކުރި ފުރަތަމަ ދަތުރުގައި އެ ރިސޯޓުގައި ބޭނުންކުރި ރިސެޕްޝަނެވެ. އަހަރެމެން ސޮނެވާފުށި ހެދިއިރު، މިހާރު ބޭނުންކުރާ ބާ އަކީ މި ރިސެޕްޝަންގެ ފައުންޑޭޝަންގައި އަޅާފައިވާ ތަނެކެވެ.
މި ފެންނަނީ ސޮނެވާފުއްޓަށް އެންމެ ފުރަތަމަ ފޮނުވި ޝިޕްމަންޓް ކޮންޓެއިނަރު އިނގިރޭސިވިލާތުން ލޯޑް ކުރާ ތަނެވެ.
މި ފޮޓޯ ނަގާފައި މި ވަނީ ސޮނެވާފުށީގެ ކޮންސްޓްރަކްޝަން މަސައްކަތް ފެށުނުތަނާ އެވެ. ގްރޫޕްގެ ވާތް ފަރާތުގައި އެހުރީ ތޯމަސް، އަދި ކަނާތް ފަރާތުގައި އެ ހުރީ އަހަރެމެންގެ ސޮލެނީ ޑައިވް ސެންޓަރުގެ ވެރިޔާ ލިސާ އެވެ. ސޯނޫއާ ޖެހިގެން އެހުރީ ޕްރޮޖެކްޓް މެނޭޖަރު ނީލް އެވެ. ދެން ރީނދޫ ކުލައިގެ އެއްޗެއް ލައިގެން އެ ހުރީ އަހުމަދު ސަލީމް (ކްރައުން) އެވެ. އޭނާގެ ސަބަބުން އަހަރެމެންނަށް ވަރަށް ގިނަ ވަގުތު ސަލާމަތް ކުރެވި ވަރަށް ގިނަ އެހީތަކެއް ލިބުނެވެ.
އަހަރެމެން ރާއްޖެ އަށް ތައާރަފުކޮށްދިނީ ހަމައެކަނި ލަގްޒަރީ ރިސޯޓެއް ނޫނެވެ. އޭގެ އިތުރުން ޑޮމެސްޓިކް ޓްރާންސްފާ ވެސް ވަނީ ތައާރަފުކޮށްދީފަ އެވެ. ބަލްގޭރިއަން ސްޓޭޓް ހެލިކޮޕްޓަ އެޖެންސީގެ ހަތަރު ހެލިކޮޕްޓަރާ އެކު ހިންގާ ހަމިންބާޑް މެދުވެރިކޮށް ސޮނެވާފުއްޓަށް ޓޫރިސްޓުން އުފުލަން ފެށި އެވެ. އޭރު ހަމިންބާޑް އަދާކުރީ ރާއްޖޭގެ ދަތުރުފަތުރުގައި ވަރަށް މުހިންމު ދައުރެކެވެ. ފަހުން، 1997 ގައި ހަމިންބާޑުގެ ނަން ޓީއެމްއޭ އަށް ބަދަލުވެ ސީޕްލޭންގެ ހިދުމަތް ފަށައި، މިހާރު ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭ ނެޓްވޯކް ހިންގަނީ ޓީއެމްއޭއިންނެވެ.
މިއީ ކުންފުނަދުއަށް އަހަރެން ފުރަތަމައަށް ކުރި ދަތުރެއްގައި ބާބަކިޔުއެއްގައި ނަގާފައިވާ ފޮޓޯއެކެވެ. މަސްޓަޑް ކުލައިގެ އެއްޗެއް ލައިގެން ފޮޓޯގެ މެދުގައި އެ ފެންނަނީ އަހަރެމެން މި ރިސޯޓް ހެދިއިރު މީރު ކާއެއްޗެހިތައް ހަދައިދިން ޝެފް ގަނޭޝް އެވެ. މި ރަށް ހަދައި ނިމުމުން، އޭނާ މާލެ ބަދަލުވެ ވަރަށް ގިނަ ދުވަހު ޝެފަކަށް އުޅުނެވެ. އޭގެ ފަހުން ކޮލަމްބޯ އަށް ބަދަލުވެ ޕްރޯންސްގެ ވިޔަފާރި ފެށި އެވެ. ފަންސަވީސް އަހަރު ފަހުން، މިހާރު އޭނާ އަކީ ސީފުޑްގެ އެންމެ ވަރުގަދަ އެއް ސަޕްލަޔަރެވެ. ސޮނެވާފުއްޓާއި ސޮނެވާ ޖާނީގެ އިތުރުން ރާއްޖޭގެ ބޮޑެތި ބައެއް ރިސޯޓްތަކަށް މިހާރު ވެސް އޭނާ ޕްރޯންސް އާއި ޑިނގާ އަދި އިހި ސަޕްލައި ކުރެ އެވެ. އޭނާގެ ދެ ހޮޓާ މިހާރު ލަންކާގައި ހުރެ އެވެ.
މި ފޮޓޯއިން އެ ފެންނަނީ ސޮނެވާފުށީގެ ފާލަން ހަދާ މަންޒަރެވެ.
މިއީ ސޮނެވާފުށީގެ ބިމަށް ހެޕިކޮޕްޓަރު ޖައްސައި، ގެސްޓަކު އަންނަ މަންޒަރެވެ. ފަހުން މި ބިމުގައި ވަނީ ހެލިޕޭޑެއް އަޅައިފަ އެވެ. މިހާރު އެތާނގައި ހުންނާނީ ސިނަމާ ޕެރަޑިސޯ އެވެ. ކުރިން ކަނޑުމަގުން މަދުވެގެން ހަ ގަޑިއިރު ހޭދަކުރި ވަގުތުތައް ކުރުކޮށްލެވުނީ އެވެ.
ސޮނެވާފުއްޓަކީ މިއަދު ރާއްޖޭގެ އެންމެ އަގުބޮޑު، އެންމެ ފެންވަރުމަތީ އެއް ރިސޯޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގޯސް
31 October 2020
މިހަާރު 25 އަހަރުވީ. ތިޔަ އިންވެސްޓްމަންޓް ކަވަރުވީތާ ކިތަށް އަހަރު ވެދާނެ. ޢެކަމަކު މަޖިލިސް މެމްބަރުން ރިޝްވަތުގަ ޖެހި ރިސޯޓްތައް ވަނީ 99 އަހަރަށް މިލްކް ކުރެވޭގޮތް ހަދައިދީފަ. ދިވެހިން މިފަދަ ރިސޯޓްތައް ހުރީތީ އުފާކުރަނީ ކީއްވެބާ? މަ ކުރަނީ ހިތާމަ. ޢެއީ ދެން ތިޔަރަށްވެސް ދިވެހިންނަށް ގެއްލިފައިވާތީ. ޢަދި ދައުލަތަށް ވެސް މާބޮޑު އެއްޗެއް ނުލިބޭތީ.
ރަދީފުގެ ރަދީފު
31 October 2020
ރާއްޖޭގައި ހުރިހާ މަޖުލިސް މެމްބަރުން ތިބޭނީ ކޮންމެ ރިސޯޓު އޯނަރެއްގެ ޖީބުގައެވެ. ހުރިހާ ރިސޯޓުތަކުންވެސް މަޖުލިހަށް މެމްބަރުން ވައްދާނެެއެވެ. މީރާގެ ތަފާސް ހިސާބުތައް އެގި ތިބެ ޤައުމުގެ 70% ޖީޑީޕީ ނިސްބަތްވާ ސެކްޓަރުން ދައްކާޓެކްސް އެހެން ސެކްޓަރާއި އަޅުވާ ކިޔާލީމާ ރިސޯޓު އޯނަރުން ސަރުކާރުތަކާއި އެމްޕީއިންނާ ގުޅެނީ ކީއްވެކަން ވަރަށް ރަނގަޅަށް އިނގޭނެއެވެ.
ގިރި
31 October 2020
މަ ހީކުރީ އެއްކަލަ މަޖިލީހުގެ އުޅޭ އީވާކަަމަށް ، އެކަމަކު ފަހުން އެގިއްޖެ ! ޝުކުރިއްޔާ ، ތީވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ އާ ބާބެއްގެ ފެށުން ، އެއީ ރާއްޖޭ ގެ ޓޫރިޒަމް ވިދުވާލި ރިސޯޓެއް !
ސޯނޫ.
31 October 2020
އަކީ އިންޑިޔާ ދަރިކޮޅު މީހެއް، އީވާ އަކީ ޔޫކޭ މީހެއް، މީހަކު މުއްސަނދި ވާން ހުރިއްޔާ އެކަންވާނެ، އެކަމު އަހަންނަށް އަޑު އިވިފަވާ ގޮތުގައި ތި ސޯނޫ މެން ހިންގާ ރިސޯޓް ތަކުގައި ދިވެހިންނަށް ވަރަށް ތަފާތު ކުރޭ، ޒަމާނުއްސުރެ އިންޑިޔާ މީހުންނަކީ ރޭސިޒަމް ގެންގުޅޭ ބައެއް އަދި ވަކި ކާސްޓްތައް ތަފާތުވެސް ކުރާ ބައެއް، އެއީ އެމީހުންނަށް ވަރަށް އުފާވެރިކަން ލިބޭ ކަމެއް، އަދި ފަހުރުވެރި ވާކަމެއް
ރެޑްމޭން
30 October 2020
ހެޑްލައިންގައި "އީވާ" އިނީމައި ފުރަތަމައިނުން ހިތައްއެރީ މަޖްލިސް ޢިވާ! ޚަބަރުކިޔަން ފެށީމައި މިއެނގުނީ އެހެން އީވާއެއްކަން.. ހެހެހެ
ތުންބުރި_
30 October 2020
"ސޮނެވާފުއްޓަކީ މިއަދު ރާއްޖޭގެ އެންމެ އަގުބޮޑު، އެންމެ ފެންވަރުމަތީ އެއް ރިސޯޓެވެ." ރާއްޖޭގެ ސަޕްލަޔަރުންނަށް ދަރާ އޮތް ވަރު ތިއަލްބަމުން ނުފެނުނު ދޯ؟
މުޑަހަންޖާ
30 October 2020
ރާއްޖޭގަ ބޭރުގެ އެތައް މަހުޖަނުންނަކާ ދުނިޔޭގެ އެންމެ ނަންހިނގާ ކުންފުނިތަކުން ރާއްޖޭގަ ރިސޯޓު އެބަހިންގާ އެކަމަކު މިފަހަކަށްއައިސް ތިޔާ ދެމީހެއްގެ ވާހަކަ އަބަދު ނޫހުގަ އޮންނަންޖެހޭ ސަބަބަކީ ކޮބާތޯ ސުވާލު އުފެދޭ. އޭގެ ޖަވާބު ސޯޝަލް މީޑިއާއިން ފެންނަ ފޮޓޯތަކުން ކޮންމެވެސް ވަރަކަށް ލިބޭ.
ޙާލިދާ
30 October 2020
ކްރައުން ކޮމްޕެނީ ގެ މީހަކު އެބަ ފެނޭތަ މަތީގައިވާ ފޮޓޯ ތަކުން. މިއީ ވަރަށް ވާހަކަ.
ބުރަފަތިކަނބުލޮ
30 October 2020
ކޮންފަދަ ބޭފުޅުންނެކޭތަ މިކިޔަނީ. ލާރިބޮނޑި އޮތީމަ ނިމުނީ ދޯ
1234
30 October 2020
ނޫނޭ އެއީ އިންޑިޔާ ބޭފުޅެއްވީމަ އަދި ހަމުގަ ކުލަ އަލި ބަޔަކަށްވީތީ..
އަހަންމާފުތާ
30 October 2020
ދިވެހި ބަހުގައި ބޭފުޅުންނަށް ވަނީ. 1. ފައިސާވެރިން. 2. މަޖިލިސް މެންބަރުން 3. ސިޔާސީ ޕާޓީއެއް ހަދައިގެން އިސްކޮށް އުޅޭ މީހުން. ދެން ތިބި އާންމު ރައްޔިތުންނަކީ އާދައިގެ ރައްޔިތުން. އާދައިގެ ރައްޔިތުމީހާގެ ފުރާނަ ދިޔައިމާ "މަރުވަނީ". ކުރިން މިބުނި ގަބީލާގެ މީހަކުގެ ފުރާނަ ދިޔައިމާ "ނިޔާވާނީ" ނުވަތަ "އަވަހާރަވާނީ".
ކުއްޔަށްދިނުމުން
30 October 2020
ރާއްޖޭގެ ޓޫރިޒަމް ނޫން ގޮތެއް އެބަޖެހޭ ހޯދަން އެގޮތުން މާލެ ސަރަހައްދުގައި ހުރި ފަޅު ތައް ހިއްކާ އެފަޅު ތައް އެބަޖެހޭ ކުއްޔަށް ދޭން ރިއަލް އެސްޓޭޓް އުސޫލުން އިމާރާތް ތައް ހަދާ އަދި އިންޑަސްޓްރިއަލް ވިޔަފާރި ކުރަން ބާ ސޮނެވާފުށި ހެދުމުން ބާ އަތޮޅަށް އައި މާބޮޑު ކުރިއެރުމެއް ނެތް އެތަނުގައި އެދުވަހު ވެސް މިއަދު ވެސް ތިބީ ބޭރު މީހުން މަތިން ތިރިއަށް މިހެން ނުވާނެ އިންޑަސްޓްރިއަލް މަސައްކަތް ކުރަން މާލެ ސަރަހައްދުން ފަޅު ތައް ހިއްކާ ބިން ތައް
ރޯނު އެދުރު
30 October 2020
އެހެނަސް ބ އަތޮޅު ބަޔޯސްފިޔަރ ރިޒާވްއަކަށް ހެދުމުން މެދު ފަންތީގެ ގެސްޓްހައުސް ވިޔަފާރިވެސް ވަރަށް ކުރިއަރައިގެން ދިޔަ. ރާއްޖެ އަދިވެސް ކުރިއަރާނީ ރާއްޖޭގެ ގުދުރަތީ ރީތިކަން ދަމަހައްޓާ އަންނަންއޮތް ޖީލުތަކަށް އޭގެ މަންފާ ލިބޭގޮތަށް ފޯރުކޮށްދީގެން. ފަޅުތައް ހިއްކާ ތިމާވެށި ހަލާކުކޮށްގެން ވާނީ ހުސް ގެއްލުން.
ބާބާ
30 October 2020
އިންޑަސްޓްރިއަލް މަސައްކަތް ކުރަން ތިބޭނީ ބަންގާޅީން. ޢޯކޭ ދޯ.
1828
30 October 2020
މާލެ ނޫން ސަރަހައްދެއް ރާއްޖޭގައި ނެތީ ތޯ؟
ރަދީފްއޮފިޝިއަލް
30 October 2020
ސާބަހޭ އީވާ & ސޯނޫ. މާވެލަސް ޖޮބް.
ރަދީފާއްތަ ނޮންއޮފިޝަލް
31 October 2020
ކަލޭ ދެން ކޮން ސާބަހެއް ދޭކައް، ކަލޭ ބަލާބަލަ އައްޑު އަތޮޅުގަ އޮތީ ކިތައް ރިސޯޓް ތޯ، އެ ރިސޯޓް ތަކުގެ އޯނަރުންނަށް ސާބަސް ދީބަލަ