01 ނޮވެމްބަރ 2020 - 10:11
މެންޗެސްޓާ (ނޮވެމްބަރު 1) - ބާސެލޯނާގެ ކޯޗެއްގެ ގޮތުގައި ދެން އޭނާ ނުފެންނާނެ ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
ގާޑިއޯލާ އަކީ ބާސެލޯނާގެ ތާރީހުގައި އެންމެ ކާމިޔާބު ކޯޗެވެ. އޭނާ ވަނީ އެ ޓީމަށް 2008 އިން 2012 ވަނަ އަހަރާ ހަމައަށް ކޯޗުކޮށްދިންއިރު، އެ ޓީމަށް 14 މުބާރާތުގެ ތަށި ހޯދައިދީފަ އެވެ.
ސިޓީއާ އެކު ގާޑިއޯލާ ހަދާފައިވާ އެއްބަސްވުން އަންނަ އަހަރު ޖޫންގެ ނިޔަލަށް ހަމަވާނެ އެވެ. ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ބާސެލޯނާގެ އިންތިހާބު ކާމިޔާބުކޮށް އެ ކްލަބްގެ ރައީސް ކަމަށް ވިކްޓަ ފޮންޓް ނޫނީ ޔޮއާން ލަޕޯޓާ އައިސްފިނަމަ ގާޑިއޯލާ ބާސެލޯނާ ކޯޗަކާ ހަވާލުވުމުގެ ފުރުސަތު ބޮޑެވެ. އެކަމަކު އިއްޔެ އިނގިރޭސި ޕްރިމިއާ ލީގުގައި ޝެފީލްޑް ޔުނައިޓެޑް އަތުން ސިޓީ މޮޅުވި މެޗަށް ފަހު ގާޑިއޯލާ ވަނީ ބާސެލޯނާ އަށް ބަދަލުނުވާނެ ކަމަށް ބުނެފަ އެވެ.
"އަހަރެން ވަރަށް ގިނަ ފަހަރު ބުނެފިން. އަހަރެން ބާސެލޯނާ ކޯޗަކަށް ހުރި ވަގުތު މިހާރު މި އޮތީ ނިމިފައި. ދިރިއުޅުމުގައި ހުންނާނެ ބައެއް ކަންތައް އެއް ފަަހަރު ކުރަން ޖެހޭ،" ބާސެލޯނާއާ ދެން ހަވާލުވުމާ ބެހޭގޮތުން ނޫސްވެރިއަކު ސުވާލުކުރުމުން ގާޑިއޯލާ ބުންޏެވެ.
"ބާސެލޯނާގެ ހާލަތު ބަދަލުކުރެވޭނެ ވަރަށް މޮޅެތި ކޯޗުން އެބަތިބި. މިސާލަކަށް ބަލަމާ މިހާރު އެ ހުރި ކޯޗު ރޮނާލްޑް ކޫމަން އަކީ ވެސް މޮޅު ކޯޗެއް. އަހަރެން ބާސެލޯނާ އަށް ދެން ދާނީ ކްލަބް ސަޕޯޓަރެއްގެ ގޮތުގައި މެޗު ބަލަން،"
ގާޑިއޯލާ އަންނަނީ ސިޓީއާ އެކު އޭނާ ހަދާފައިވާ އެއްބަސްވުން އާ ކުރަން މަޝްވަރާކުރަމުންނެވެ. ސިޓީގެ ޗެއާމަން ހަލްދޫން އަލް މުބާރަކް ދާދި ފަހުން ބީން ސްޕޯޓްސް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ގާޑިއޯލާ އެ ޓީމުގައި މަޑުކުރާނެ ކަމަށެވެ.
"އަހަރެން މި ކްލަބްގެ ޕްރޮޖެކްޓާ ހަވާލުވެ މި ހުރީ އަދިވެސް މި ކްލަބަށް ގިނަ ކަންތައްތަކެއް ހާސިލްކޮށްދޭން. އެ ޝައުގުވެރިކަން އަދިވެސް އަހަރެންގެ އެބަހުރި. އެކަން ނުނިމެނީސް އަހަރެން އެހެން މިސްރާބަކަށް ދާން ބޭނުމެއް ނޫން. އެކަމަކު އަހަރެން ކްލަބެއްގައި މަޑުކުރާނީ އެ ކްލަބުން އަހަންނަށް ކުރާ އިތުބާރުގެ ބަދަލުގައި އަހަންނަށް ކާމިޔާބު ހޯދޭނަމަ،" ގާޑިއޯލާ ބުންޏެވެ.
ބަޔާން މިއުނިކް ދޫކޮށް 2016 ވަނަ އަހަރު ސިޓީ އަށް ބަދަލުވި ފަހުން ގާޑިއޯލާ ވަނީ އެ ޓީމާ އެކު ޕްރިމިއާ ލީގު ދެ ފަހަރު ލީގު ކަޕް ތިން ފަހަރު އަދި އެފްއޭ ކަޕް އެއް ފަހަރު ކާމިޔާބުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕޮގުބޮ
01 November 2020
ގާޑިޔާ ދާނެ ފައިސާފަހަތުން ޕީއެސްޖީއަށް
ރަދީފްއޮފިޝިއަލް
01 November 2020
ތިޔާއި ވަރަށް ހިތާމަވެރި ނިންމުމެއް.ނަމަވެސް @ލެއްގިކޮމިޝަނަރ ވަރަށް އުފާވާނެ މިހަބަރުކިޔާފަ. ކުޅުންތެރިއެއްގެ ގޮތުގައާއި ކޯޗެއްގެ ގޮތުގަ ހުރެ ބާސާއަށް ގާޑިޔޯލާގެ ފަރާތުން ލިބުނު ހިދްމަތްތައް އެއީ ފޭނުން ދުވަހަކުވެސް ހަނދާންނެތޭނެ ކާމިޔާބީތަކެއް ނޫން.ގުޑް ލަކް.ވ.ވެދުން
ސާޖިދު ނަދި އަދުވާލާ
01 November 2020
އެހެން އެ ބުނަނީ މިހާރު ޓީމުގެ މޮޅެތި ކުޅުންތެރިން ނެތީމަ.