08 ނޮވެމްބަރ 2020 - 07:56
ސްވިޑްންގެ އެޗްއެމްޑީ ގްލޯބަލްގެ ނޮކިއާ ފޯނަކީ މޯބައިލް ފޯނު ވިޔަފާރީގައި ކުރިން އެންމެ ވަރުގަދަ އެއް ނަމެވެ. ނަމަވެސް ސެމްސަންގާއި އެޕަލްގެ އައިފޯނުގެ މަޝްހޫރުކަމާ އެކު ނޮކިއާގެ ޖާދޫއެއް މިހާރަކު ނެތެވެ. ނޮކިއާގެ ނަން މިހާރު ބޮޑަށް އަޑު އިވެނީ "އެއްވެސް އެއްޗަކަށް ނުވާ" ބައްތި ފޯނާ ގުޅުވައިގެންނެވެ. އެކަމަކު ނޮކިއާ ދެކެ ލޯބިވި މީހުންނަށް އުފާވެރި ޚަބަރެއް އެބައޮތެވެ. އެއީ އެ ތައްގަނޑުގައި ދެ ވާޝަނެއްގެ ފޯނު 4ޖީ އާ އެކު ނެރެން މަސައްކަތް ކުރަމުން އަންނަ ވާހަކަ އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ދެ ވާޝަނަކީ ނޮކިއާ 6300 4ޖީ އާއި ނޮކިއާ 8000 4ޖީ އެވެ. ކައިއޯއެސް ސޮފްޓްވެއާ އެކު ނެރޭ މި ފޯނުތަކާ ބެހޭ އެއްވެސް ވާހަކައެއް ރަސްމީކޮށް ނޮކިއާ އިން އަދި ހިއްސާއެއްނުކުރެ އެވެ.
އެކަމަކު މި ފޯނުތަކާ ބެހޭ ގޮތުން މީޑިއާތަކުން ގެނެސްދީފައި ހުރި ޚަބަރުތަކަށް ބަލާ އިރު، ނޮޮކިއާ 6300 އަކީ ދެ ސިމް ލެއްވޭ، 2.4 އިންޗީގެ ޑިސްޕްލޭއެއް އިންނާނެ ފޯނެކެވެ. މީގެ ރޭމަކީ 512 އެމްބީ އެވެ. ސްޓޯރޭޖްގެ ކެޕޭސިޓީ އަކީ ހަތަރު ޖީބީ އެވެ. ބަރުދަނުގައި 1047 ގްރާމް ހުންނާނެ ފޯނުގައި 32 ޖީބީގެ މައިކްރޮއެސްޑީ ކާޑެއް އިންނާނެ އެވެ.
Leak reveals Nokia 6300 4G & Nokia 8000 4G to be launched as revamped Nokia classics https://t.co/G62vpqfLPq
— Nokiapoweruser (@Nokiapoweruser) November 3, 2020
ފޯނުގެ ކުލަތަކަކީ ޗާކޯލް، ވައިޓް އަދި ސަޔަން އެވެ.
ޓެކް ޚަބަރުތައް ގެނެސްދޭ ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި ނޮކިއާ 6300 4ޖީ އަކީ، ނޮކިއާ އިން ކުރިން ނެރުނު ނޮކިއާ 6300 ކްލަސިކްގެ އާ ވާޝަނެކެވެ.
ނޮކިއާ 8000 4ޖީ އަކީ ނޮކިއާ 8800 ގެ އާ ވާޝަނެކެވެ. މީގެ ސްޕެސިފިކޭޝަންތަކަށް ބަލާ އިރު، ޑިސްޕްލޭގައި އިންނާނީ 2.8 އިންޗި އެވެ. ބަރުދަނުގައި 110 ގްރާމް ހުންނާނެ ފޯނުގެ ބާކީ ސްޕެސިފިކޭޝަންތައް ހަމަ ނޮކިއާ 6300 4ޖީއާ އެއްގޮތެވެ. ކުލަތަކުގެ ތެރޭގައި ބްލެކް، ގޯލްޑް، ބްލޫ އަދި ވައިޓްގެ ތަފާތު ޝޭޑްތައް ހުންނާނެ އެވެ.
ބައެއް ރިޕޯޓްތައް ބުނާގޮތުން ނޮކިއާ 6300 4ޖީ އާއި ނޮކިއާ 8000 4ޖީ، ލޯންޗްކުރާނެ ކަމަށް ބެލެވެނީ މި މަހުގެ ފަހުކޮޅު ނޮކިއާ 9.3 ޕިއޯވިއު އިއުލާންކުރަން އެޗްއެމްޑީ ގްލޯބަލް އިން ބާއްވާ އިވެންޓްގަ އެވެ. އެކަނަކު ވަކި ތާރީހެއް ކަށަވަރެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy