ކުޅިވަރު / އިގިރޭސިވިލާތުގެ ގައުމީ ޓީމް

ކޮވިޑާ ހެދި އިންގްލެންޑް-އައިސްލެންޑް މެޗު އަލްބޭނިއާގައި ކުޅެފާނެ

އިންގްލެންޑާ ދެކޮޅަށް އައިސްލެންޑުން އެ ގައުމުގައި ކުޅުނު މެޗުގެ ތެރެއިން: އިންގްލެންޑް ހޯމް މެޗު އެ ގައުމުގައި ކުޅެވޭނެ ގޮތެއް ނެތް.-- ފޮޓޯ: އޭއެފްޕީ

10 ނޮވެމްބަރ 2020 - 09:12

ލަންޑަން (ނޮވެމްބަރު 10) - މި މަހު 18 ވަނަ ދުވަހު އިންގްލެންޑާއި އައިސްލެންޑް ބައްދަލުކުރާ ޔުއެފާ ނޭޝަންސް ލީގުގެ މެޗު ކޮވިޑް-19ގެ ޕްރޮޓޮކޯލްތަކާ ހެދި އަލްބޭނިއާގައި ބާއްވަން މަޝްވަރާތައް ފަށައިފި އެވެ.

އިންގްލެންޑްގައި ކުޅޭ ގޮތަށް ކުރިން އޮތް މެޗު އެ ގައުމުގައި ނުކުޅެވޭގޮތްވީ އިންގްލެންޑާ ދެކޮޅަށް އައިސްލެންޑް ކުޅޭ މެޗުގެ ތިން ދުވަސް ކުރިން އެ ޓީމުން ޑެންމާކުގައި އެ ގައުމާ ދެކޮޅަށް ކުޅެން ހަަމަޖެހިފައި އޮތުމުންނެވެ. އިނގިރޭސި ސަރުކާރުން ދާދި ފަހުން ހަމަޖައްސާފައިވާ ޕްރޮޓޮކޯލްގައިވާ ގޮތުން ކޮވިޑް-19ގެ ހާލަތު ގޯސްވެފައިވާ ޑެންމާކަށް ދާ އިންގްލެންޑް ނޫން ގައުމުތަކުގެ މީހުންނަށް އެ ގައުމަށް އެތެރެނުވެވޭނެ އެވެ. އިނގިރޭސި ރަށްވެހިކަން އޮންނަ ފަރާތެއް ޑެންމާކަށް ގޮސްފައި އައިސްފިނަމަ 14 ދުވަހަށް ހޯމް އައިސޮލޭޝަންގައި މަޑުކުރުން ވަނީ ލާޒިމްކޮށްފަ އެވެ.

އިނގިރޭސި ސަރުކާރުގެ މި ނިންމުމާ އެކު އިންގްލެންޑުން ވަނީ އައިސްލެންޑާ ދެކޮޅަށް ކުޅޭނެ މެޗު ނިއުޓްރަލް ދަނޑެއްގައި ކުޅޭނެ ގޮތެއް ހެދޭތޯ މަސައްކަތް ފަށައިފަ އެވެ. އެ ގޮތުން އެ މެޗު ހޯސްޓް ކުރަން އަލްބޭނިއާ އިން ވަނީ ހުށަހަޅައިފަ އެވެ. އިނގިރޭސި އެފްއޭ އިން އަންނަނީ އެ ކަމުގެ މަޝްވަރާތައް އަލްބޭނިއާ ފުޓްބޯޅަ ފެޑެރޭޝަނާ އެކު ފަށައިފަ އެވެ.

ޔުއެފާގެ ގަވާއިދުގައިވާ ގޮތުން ގައުމުތަކުގެ ސަރުކާރުން ކަނޑައަޅާފައިވާ ޕްރޮޓޮކޯލްތަކަށް ބޯލެނބުމުގެ ގޮތުން މެޗުތައް ކުޅޭ ވަގުތާއި ދަނޑަށް ބަދަލު ގެނެވޭނެ އެވެ. އެކަމަކު އެކަން ކުރެވޭނީ އެ މެޗެއް އިންތިޒާމުކުރާ ފަރާތުގެ ހުއްދަ ހޯދައިގެންނެވެ. މި އުސޫލުން ބަލާއިރު އިންގްލެންޑާއި އައިސްލެންޑް މެޗު އަލްބޭނިއާގައި ކުޅޭނަމަ ޔުއެފާގެ ހުއްދަ ހޯދަން ޖެހޭނެ އެވެ. އެއީ ނޭޝަންސް ލީގަކީ ޔުއެފާގެ މުބާރާތެއް ކަމަށްވާތީ އެވެ.

ޑެންމާކުގައި ކޮވިޑް-19 ހަލުވިކަމާ އެކު ފެތުރޭތީ ޔޫރަޕްގެ ގިނަ ގައުމުތަކުން އަންނަނީ އެ ގައުމަށް ދަތުރުނުކުރަން ޓްރެވަލް އެޑްވައިޒަރީ ނެރެމުންނެވެ.

މާދަމާރޭ ޑެންމާކުގެ ކޯޕެންހޭގަންގައި ސްވިޑެންއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗުގައި އެ ދެ ގައުމީ ޓީމަށް ކުޅޭ އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބްތަކަށް ނިސްބަތްވާ ކުޅުންތެރިން ނުކުޅޭނެކަމަށް އެ ދެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ. އެއީ އިނގިރޭސި ސަރުކާރުގެ ޕްރޮޓޮކޯލާ އެކު އެ ކުޅުންތެރިން ނިސްބަތްވާ ކްލަބްތަކުން ކުރި ރިކުއެސްޓަކަށް ނިންމި ނިންމުމެކެވެ.

އެ ގޮތުން ޑެންމާކަށް ކުޅޭ ލެސްޓާ ސިޓީގެ ގޯލްކީޕަރު ކެސްޕާ ޝްމައިކަލް އާއި ސައުތެމްޓަންގެ ޔަނިކް ވެސްޓެގާޑް އާއި ޗެލްސީގެ އަންދްރެއަސް ކްރިސްޓައެންސަން އަދި ޓޮޓެންހަމްގެ ޕިއޭ-އެމީލް ހޮއިބިއޭ އެ މެޗުގައި ނުކުޅޭނެ އެވެ. އަދި ސްވިޑަން އަށް ކުޅޭ މެންޗެސްޓާ ޔުނައިޓެޑްގެ ވިކްޓަ ލިންޑެލޯފާއި އެވަޓަންގެ ރޮބިން އޮލްސަން އާއި ނިއުކާސަލް ޔުނައިޓެޑްގެ އެމީލް ކްރާފްޓް ވެސް އެ މެޗުން ނުފެންނާނެ އެވެ. މި ދެ ޓީމުގެ މި ކުޅުންތެރިންތައް ގައުމީ ޓީމާ ގުޅޭނީ އެ މެޗަށް ފަހު ކަމަށް އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަންތަކާ ހަވާލާދީ މީޑިއާތަކުން ރިޕޯޓްކުރެ އެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 50%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454