ކުޅިވަރު / އިޓަލީގެ ގައުމީ ޓީމް

ފައިނަލް ބުރުގެ ފަހު ދެ ޖާގަ އިޓަލީ އާއި ބެލްޖިއަމަށް

19 ނޮވެމްބަރ 2020 - 08:53

ބްރުސެލްސް (ނޮވެމްބަރު 19) - ޔުއެފާ ނެޝަނަލް ލީގުގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ މުބާރާތުގެ ފައިނަލް ބުރު (ސެމީ ފައިނަލް) ގެ ފަހު ދެ ޖާގަ ބެލްޖިއަމް އާއި އިޓަލީން ކަށަވަރުކޮށްފި އެވެ.

ބެލްޖިއަމް އާއި އިޓަލީގެ އިތުރުން ދެން ސެމީގައި ވާދަކުރާނީ ފްރާންސް އާއި ސްޕެއިން އެވެ. ނެޝަނަލް ލީގުގެ ފުރަތަމަ މުބާރާތުގެ ސެމީގައި ކުޅުނު އެއްވެސް ޓީމަކަށް ދެ ވަނަ މުބާރާތުގެ ގަދަ ހަތަރަކުން ފުރުސަތެއް ނުލިބެ އެވެ. ފުރަތަމަ މުބާރާތުގެ ސެމީގައި ސްވިޒަލެންޑާއި އިންގްލެންޑާއި ނެދަލެންޑްސްއާ ވާދަކޮށް ތަށި ހޯދީ ޕޯޗުގަލް އެވެ. އަންނަ އަހަރު އޮކްޓޫބަރު މަހު ކުޅޭ ނޭޝަންސް ލީގުގެ ފައިނަލް ބުރު ހޯސްޓްކުރާނެ ގައުމެއް ކަނޑައަޅާނީ އަންނަ މަހު ތިން ވަނަ ދުވަހު އެވެ.

ބެލްޖިއަމް އިން ގްރޫޕް އޭ2 ގެ އެއް ވަނަ ހޯދީ ރޭ އަމިއްލަ ދަނޑުގައި ޑެންމާކް އަތުން 4-2 އިން މޮޅުވެގެންނެވެ. މި ގްރޫޕްގައި ވާދަކުރި އިންގްލެންޑް ރޭ އައިސްލެންޑް އަތުން 4-0 އިން މޮޅުވި ނަމަވެސް ދިޔައީ ތިން ވަނަ އެވެ. އެއް ވަނައިގައި އޮތް ބެލްޖިއަމް އަށް 15 ޕޮއިންޓް ލިބުނުއިރު، ދެ ވަނައިގައި އޮތް ޑެންމާކާއި ތިނެއްގައި އޮތް އިންގްލެންޑަށް ލިބިފައިވަނީ 10 ޕޮއިންޓެވެ. ހަ މެޗުން ޕޮއިންޓެއް ނުލިބި މުބާރާތް ނިންމާލި އައިސްލެންޑް ވަނީ ނޭޝަންސް ލީގުގެ ބީ ކެޓަގަރީ އަށް ރެލިގޭޓްވެފަ އެވެ.

ޔޫރީ ޓިއެލެމަންސްގެ ގޯލުން މެޗުގެ ތިން ވަނަ މިނިޓްގައި ބެލްޖިއަމް ލީޑުނަގާފައިވަނިކޮށް ޑެންމާކަށް 17 ވަނަ މިނިޓްގަައި އެއްވަރުކޮށްދިނީ ޔޮނަސް ވިންޑް އެވެ. ބެލްޖިއަމް މޮޅުވީ ދެ ވަނަ ހާފުގެ ގޯލުތަކާ އެކީ އެވެ. ބެލްޖިއަމް ރޮމެލޫ ލުކާކޫ ދެ ގޯލު ޖެހިއިރު، އަނެއް ގޯލު ޖެހީ ކެވިން ޑިބްރޭނާ އެވެ. ޑެންމާކްގެ ދެ ވަނަ ގޯލަކީ ބެލްޖިއަމްގެ ނާސިރު ޗަޑްލީ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ގިނަ ބަދަލުތަކާ އެކު ރޭ ކުޅުނު އިންގްލެންޑް ޓީމުގެ ލަނޑުތައް ޖެހީ ފިލް ފޯޑެން ދެ ގޯލާއި ޑެކްލަން ރައިސް އަދި މޭސަން މައުންޓް އެވެ. މި މެޗުގެ ފަހު 40 ވަރަކަށް މިނިޓް އައިސްލެންޑުން ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ އެ ޓީމުގެ ބާހީރް ސްވައޭސަން އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކުމުންނެވެ.

ރޮބާޓޯ މަންޗިނީގެ ކޯޗުކަމުގައި ކުޅޭ އިޓަލީ ރޭ މޮޅުވީ ރަށުން ބޭރުގައި ބޮސްނިއާ އަތުން 2-0 އިންނެވެ. އިޓަލީގެ ދެ ގޯލު ޖެހީ އަންދްރެއާ ބެލޮއްޓީ އާއި ޑޮމެނީކޯ ބެރާޑީ އެވެ. އިޓަލީ ގްރޫޕް އޭ1ގެ އެއް ވަނަ އަށް ދިޔައީ 12 ޕޮއިންޓާ އެކު އެވެ. ރަށުންބޭރުގައި ޕޮލެންޑް އަތުން 2-1 އިން މޮޅުވި ނެދަލެންޑްސް ދިޔައީ 11 ޕޮއިންޓާ އެކު ދެ ވަނަ އެވެ. ތިން ވަނައިގައި ޕޮލެންޑް ނިންމާލީ ހަތް ޕޮއިންޓް ހޯދައިގެންނެވެ. ހުރިހާ މެޗަކުން ދެ ޕޮއިންޓް ލިބުނު ބޮސްނިއާ ވަނީ ނޭޝަންސް ލީގުގެ ދެ ވަނަ ކެޓަގަރީ އަށް ރެލިގޭޓްވެފަ އެވެ.

ޕޮލެންޑްގެ ކަމިލް ޔޯވިއަކްގެ ގޯލުން އެ ޓީމު ލީޑުނަގާފައިވަނިކޮށް ނެދަލެންޑްސް އިން ނަތީޖާ އަނބުރާލީ ފަހު ވަގުތު ދެ ގޯލު ޖަހަ އެވެ. މެމްފިސް ޑިޕާއިގެ ޕެނަލްޓީން ނަތީޖާ ހަމަހަމަކުރިއިރު، މޮޅުވި ގޯލު ޖެހީ އެ ޓީމުގެ ކެޕްޓަން ޖިއޮޖީނިއޯ ވައިނަލްޑަމް އެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454