22 ނޮވެމްބަރ 2020 - 14:50
މިހާރު ކުރިއަށްދާ އޭއެފްސީ ކަޕުގެ މޮޅު ގޯލު ހޮވުމުގެ ބްރެކެޓް ޗެލެންޖްގެ ފައިނަލުން ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ފުރުސަތު ހޯދައިފި އެވެ.
ދަގަނޑޭ ފައިނަލުން ފުރުސަތު ހޯދީ ތިން ދުވަހުގެ މުއްދަތަށް އޭއެފްސީން ހިންގި އޮންލައިން ވޯޓިން ޕޯލުގައި ވިއެޓްނާމްގެ ހަނޯއީގެ ގުޔެން ހުއާން ބަލިކުރުމަށް ފަހު އެވެ. ވޯޓުލުން ނިމުނުއިރު ދަގަނޑޭ އަށް ވަނީ 54.68 ޕަސެންޓް ވޯޓު ލިބިފަ އެވެ. ގުޔެން ހުއާން އަށް ލިބުނީ 45.32 ޕަސެންޓް ވޯޓެވެ.
ބްރެކެޓް ޗެލެންކް ފެށި ފަހުން ދަގަނޑޭ ވަނީ ކުވޭތު އެސްސީގެ ރޮޖެރީނިއޯ އާއި ބަންގްލަދޭޝްގެ ޑާކާ އަބަހާނީގެ ސޮހޭލް ރާނާގެ އިތުރުން ކުއާޓާ ފައިނަލުގައި ވަނީ ހަނޯއިގެ ގުޔެން ވެން ޔުޔެޓްގެ މައްޗަށް ކުރިހޯދައިފަ އެވެ.
އޭއެފްސީ ކަޕުގައި ޖަހާފައިވާ ފާހަގަކޮށްލެވޭ ގޯލްތަކުގެ މެދުގައި އޭއެފްސީން ނަގާ ޕޯލުގައި މިހާތަނަށް ދަގަނޑޭ އަށް ރަނގަޅު ކާމިޔާބެއް ހޯދައިދިނުމުގައި ދިވެހި ފުޓްބޯޅަ ސަޕޯޓަރުން ވަނީ ތަފާތު ރޫހެއް ދައްކައިފަ އެވެ. އެންމެ ފަހުން ސެމީ ފައިނަލުން ދަގަނޑޭ މޮޅުކޮށްދޭން މަސައްކަތްކުރުމުގެ ގޮތުން ކޮމިއުނިޓީ ވައިބަ ގްރޫޕެއް ވެސް ހެދި އެވެ.
ދަަގަނޑޭ ވަނީ އޭނާ އަށް ވޯޓު ހޯދައިދޭން ރެޔާއި ދުވާލު މަސައްކަތްކުރި ސަޕޯޓަރުންނަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކޮށްފަ އެވެ.
"ގައުމަށް ރީތި ނަން ހޯދައިދިނުމަށް ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފުމަކީ އަޅުގަނޑުގެ ގައުމީ ވާޖިބެއްގެ ގޮތުގައި އަބަދުވެސް ދެކޭނަން،" ދަގަނޑޭ އޭނާގެ ރަސްމީ ފޭސްބުކް އެކައުންޓު މެދުވެރިކޮށް ސަޕޯޓަރުންނަށް ޝުކުރު އަދާކުރުމުގެ ގޮތުން ބުނެފައިވެ އެވެ.
އޭއެފްސީ ބްރެކެޓް ޗެލެންޖުގެ ފައިނަލުގައި ދަގަނޑޭ ވާދަކުރާނީ ހޮން ކޮންގުގެ ޗަން ސިއު ކީއާ އެވެ. ބްރެކެޓް ޗެލެންޖްގައި ވާދަކުރަން ހޮވާފައިވާ ޗަންގެ ގޯލަކީ އޭނާ ސައުތު ޗައިނާ އަށް ކުޅެމުން މެލޭޝިއާގެ ޕަހާންގް ކޮޅަށް ޖަހާފައިވާ ގޯލެވެ.
ދަގަނޑޭ އަށް ވޯޓު ހޯދައިދިނުމަށް ގިނަ ބަޔަކު އަންނަނީ އެކި ގޮތްގޮތުން މަސައްކަތްކުރަމުންނެވެ. މި މަސައްކަތުގައި އުޅޭ މީހުންގެ ތެރޭގައި ކުޅިވަރުގެ އިތުރުން އެކި އެކި ދާއިރާގައި ފާހަގަކޮށްލެވޭ މީހުންނާއި ކްލަބް ޖަމިއްޔާތައް ވެސް ހިމެނެ އެވެ.
ބްރެކެޓް ޗެލެންޖްގައި ހިމެނޭ ދަގަނޑޭގެ ގޯލަކީ 2013 ވަނަ އަހަރުގެ އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގައި ނިއު ރޭޑިއަންޓުގެ ޖާޒީގައި އިންޑޮނީޝިއާގެ ޕާސިބޯ ކޮޅަށް އޭނާ ޖެހި ގޯލެވެ. އެ ގޯލަކީ 2013 ވަނަ އަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އެ އަހަރުގެ މާޗު 12 ގައި ޕާސިބޯ އަތުން 7-0 އިން ރާއްޖޭގެ ނިއު ރޭޑިއަންޓް މޮޅުވި މެޗުގައި ދަގަނޑޭ ޖެހި ފަސް ގޯލުގެ ތެރެއިން، ތިން ކުޅުންތެރިން ކައިރިން ނައްޓާލާފައި ޖެހި ގޯލެވެ. އިންޑޮނީޝިއާގެ ސުރަކަރްޓާގައި ބޯވާރޭގެ ތެރޭގައި ކުޅުނު އެ މެޗުގައި މުހައްމަދު އުމެއިރަށް މެދުތެރެއިން އެ ބޯޅަ ލިބުމާ، ދަގަނޑޭ، އޭނާ އަށް ލޯ އަޅަމުން ދިޔަ ޕާސިބޯގެ ޑިފެންޑަރު، ކައިރިން ކުރިއަށް ދެމިގަތުމާ ދެމެދު ސިކުންތެއް ވެސް ނުހިނގަ އެވެ. އެއާ އެކު އުމެއިރު ބޯޅަ ކޮންޓްރޯލް ކޮށްލުމަށް ފަހު ދަގަނޑޭ އަށް ބޯޅަ ފޯރުކޮށްދިނީ އެވެ. ދަގަނޑޭ ބޯޅަ ހިފައިގެން އެ ދިޔަ ބާރުމިނުގައި ގޮސް ބޮޑު އޭރިއާ މަތިން ކީޕަރު ކައިރިން ދެމި ގަތް ވަގުތު، އޭނާ ފަހަތުން އައި ޑިފެންޑަރު ދަގަނޑޭ ކުރިއަށް އަރައި ޖާގަ ބައްދާލި އެވެ. ދަގަނޑޭ ފަސޭހަކަމާ އެކު އޭނާ ކައިރިން ނައްޓާލައި ގޯލަށް ބޯޅަ ފޮނުވާލަނެ ޖާގަ ހޯދި އެވެ. އެކަމަކު، އޭރު އަނެއްކާ ވެސް ކީޕަރު އަރާ ހުރުމާ އެކު ދަގަނޑޭ މަޑުމަޑުން އަރިމައްޗަށް ޖެހެންޖެހުމުން ގޮސް ކީޕަރަށް އޮޅުވާލައި އޭނާ ލައްވާ ޑައިވެއްކުރުވި އެވެ. އަދި މިސްރާބު ބަދަލުކޮށްލައި ރަނގަޅަށް ވާތު ފަޔަށް ބޯޅަ ހެޔޮވަރުކޮށްލައި ގޯލުގައި ބޯޅަ ތަތްކޮށްލީ، ތިން ފަހަރަށް ތެދުވި ކީޕަރަށާއި ގޯލް ރޮނގު ބަލަހައްޓަން އެރި ޑިފެންޑަރަށް އެއްވެސް ފުރުސަތެއް ނުދީ އެވެ.
ދަގަނޑޭ 2013 ވަނަ އަހަރުގެ އޭއެފްސީ ކަޕުގައި ނިއު އަށް ޖަހައިދިން އެ ގޯލް ވަނީ އޭއެފްސީ ކަޕުގައި ޖަހާފައިވާ ސޯލޯ ގޯލްތަކުގެ ތެރެއިން އެންމެ މަގުބޫލު ގޯލަކަށް މިދިޔަ ޖޫން މަހު ވެސް ހޮވިފަ އެވެ.
ދަގަނޑޭ އަކީ އޭއެފްސީ ކަޕުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގެ ހަތް ވަނައިގައި އޮތް ކުޅުންތެރިޔާ އެވެ. އެއީ ކްލަބް ވެލެންސިއާ، ނިއު އަދި ވީބީ އައްޑޫ އެފްސީ އަށް ޖަހައިދިން 29 ގޯލާ އެކު އެވެ. މި އަހަރުގެ އޭއެފްސީ ކަޕް ކެންސަލްވުމުގެ ކުރިން ދަގަނޑޭ ވަނީ ޓީސީ އަށް ވެސް މެޗެއް ކުޅެދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޟާނު
24 November 2020
ކޮފީމޭޒުކައިރީ ބޭކާރުމީހުން ގިނަވިވިހެން ވޯޓްލާމޒިހުންވެސް ގިނަވާނެ
މުލޭ
23 November 2020
ފައިނަލުގައިވެސް އަޝްފާގް ކާމީޔާބު ހޯދާނެ ކަމަށް ބެލެވެނީ. ވޯޓަށް މަކަރު ހަދަން ދިވެހިން ވެސް ދަސްކޮށްފި. ކޮންމެގޮތެއް ވިޔަސް މަރުޙަބާ އަޝްފާގް.
ރަށްއިތުމީހާ
22 November 2020
ދަގަނޑޭ ފައިނަލަށް ގެންގޮސްދިނީ ދިވެހި ރަށްއިތުން ހާންސަކޮށް ނިއުރޭޑިޔަންޓްގެ ދެގޮތެއްނުވާ ސަފޯޓަރުން. އެފްއޭމަކުން ވެސް އަދި ސުފޯޓްސް މިނިސްޓްރީއަކުން ވެސް އެއްވެސް ރޯލެއް ނުކުޅޭ.
ވީއާރބުލޫސް
22 November 2020
ހެއްކެތް މިފަނޑުވުން ނުވަާކަން - ނިއުރޭޑިއަންޓް ނިއުރޭޑިއަންޓް އަބަދަށް ވިދާކަން ފުޓުބޯޅައިން ދައްކައިދީފި ގަދަކަން - ނިއުރޭޑިއަންޓް
ހަަސްން
22 November 2020
ރާއްޖެިއިން ބައިވެރިވާންވީ ހުރިހާ ކުޅިވަރެްވެސް މިގޮތައް ވޯޓުދީގެ
ދިޔާން
22 November 2020
މިކަމުން އަޅުގަނޑަށް ދޭހަވީ ވަގު ވޯޓެއް ވިއްޔާ ބައިބޯ ގައުމުތަކަށްވުރެ ދިވެހީން ކުރީގައި ތިބިކަން
އާރީ
22 November 2020
ނިއުރޭޑިޔަންޓްގެ އަނޑް ކަނޑްވާލަން އުޅޭ މީހުންނަށް ކަރުބުނޑްގަ ހިތިރަހަލާނި މިހާރު. ލަގޮނޑި އަށް ކެންވެސް ނުވާނެ. ނިއުރޭޑިޔަންޓް ގެ ނަމާއި ލޯގޯ އެދަނި މުޅިދުނިޔޭގެ ކަންކޮޅުތަކުގަ ވިހުރެމުން ކާމިޔާބު ހޯދަމުން. ނިއުގެ ސަފޯޓަރުން މިކުލަބު އެންގޮތް ނެތިންޔާ އެނެއްގޮތުން ވެސް މިކުލަބު ދެމިޔޮތަދޭނެ. ސާބަހޭ ނިއުރޭޑިޔަންޓް ގެ ދެގޮތެއް ނުވާ ސަފޯޓަރުން ތި ކުރާ ހިތްވަރަށް. ދަނގޭ ގެ ކާމިޔާބީގެ ސިއްރަކީ ތިޔަ ހީވާގި ސަފޯޓަރުންކަން ކަށަވަރު.
ފުލިޕް ފުލޮޕް
22 November 2020
ނިއުގެ ޖާރޒީގައި ޖެހި ގޯލެއްވީމަ، އެފް. އޭ، އެމް އިން މިކަމާ އަޅާނުލަނީ! ޒާތީ ހަސަދަވިޔަސް، ލޯ ކުރިމަތިން ފެންނަ ކަންތައް ޤަބޫލު ކުރަންވާނެ!
ގަޓް ބްރޯ
22 November 2020
ދިވެހި ފުޓުބޯޅައިގަ ނިއު ގެ ނަމާ ސަޕޯޓަރުންނާ ނުލައި އެއްވެސް ކާމިޔާބެއް ނުލިބޭނެ. މައްސަލައަކީ އެފްއޭއެމްގެ މިހާރުގެ ވެރިންނަށް މިކަން ނޭނގޭކަން.
ރަދީފްއޮފިޝިއަލް
22 November 2020
މަރުހަބާ އަލީ އަޝްފާގް.ދިވެހިންގެ ހިތްވަރު ވަރަށް ގަދަ.ވިއެޓްނާމްގެ ހަނޯއީގެ އާބާދީ އަކީ 8 މިލިއަން މީހުން.މުޅި ވިއެޓްނާމްގެ އާބާދީ އަކީ 96 މިލިއަން މީހުން.އަހަރުމެން 400000 ލައްކައެއްހާ މީހުން މިމީހުންގެ މައްޗަށް ކުރިހޯދުން އެއީ ކުޑަކަމެއް ނޫން.އިރާދަކުރެއްވިޔާ ފައިނަލްގަ ވެސް އަޝްފާގަށް ކުރި ލިބޭނެ.އިންޝާﷲ.