މާލެ: 14 މާޗް 2018: ފަހަތުން އަރައި އިންޑިއާގެ އައިޒޯލް އެފްސީ އަތުން 3-1 އިން ނިއު ރޭޑިއަންޓް މޮޅުވި މެޗުގެ ތެރެއިން އަލީ އަޝްފާގް ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ --. ފޮޓޯ: ނިޝާން އަލީ/މިހާރު
25 ނޮވެމްބަރ 2020 - 10:46
މިހާރު ކުރިއަށްދާ އޭއެފްސީ ކަޕުގެ މޮޅު ގޯލު ހޮވުމުގެ ބްރެކެޓް ޗެލެންޖްގެ ފައިނަލުގެ ވޯޓުލުން މިއަދު ފެށުމާ އެކު ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) މޮޅުކޮށްދޭން އޭނާގަ ސަޕޯޓަރުން ފޯރީގައި މަސައްކަތް ފަށައިފި އެވެ.
އޭއެފްސީ ބްރެކެޓް ޗެލެންޖުގެ ފައިނަލުގައި ދަގަނޑޭ ވާދަކުރާނީ ހޮން ކޮންގުގެ ޗަން ސިއު ކީއާ އެވެ. ބްރެކެޓް ޗެލެންޖްގައި ވާދަކުރަން ހޮވާފައިވާ ޗަންގެ ގޯލަކީ އޭނާ ސައުތު ޗައިނާ އަށް ކުޅެމުން މެލޭޝިއާގެ ޕަހާންގް ކޮޅަށް ޖަހާފައިވާ ގޯލެވެ. ދަގަނޑޭގެ ފަރާތުން ވާދަކުރާ ގޯލަކީ 2013 ވަނަ އަހަރުގެ އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގައި ނިއު ރޭޑިއަންޓުގެ ޖާޒީގައި އިންޑޮނީޝިއާގެ ޕާސިބޯ ކޮޅަށް އޭނާ ޖެހި ގޯލެވެ.
ބްރެކެޓް ޗެލެންކް ފެށި ފަހުން ދަގަނޑޭ ވަނީ ކުވޭތު އެސްސީގެ ރޮޖެރީނިއޯ އާއި ބަންގްލަދޭޝްގެ ޑާކާ އަބަހާނީގެ ސޮހޭލް ރާނާގެ އިތުރުން ކުއާޓާ ފައިނަލުގައި ވަނީ ހަނޯއިގެ ގުޔެން ވެން ޔުޔެޓް އަދި ސެމީ ފައިނަލުގައި ވިއެޓްނާމްގެ ހަނޯއީގެ ގުޔެން ހުއާންގެ މައްޗަށް ކުރިހޯދައިފަ އެވެ.
އޭއެފްސީން ބުނީ ކުއާޓާ ފައިނަލާއި ސެމީ ފައިނަލުގައި ދަގަނޑޭ އަށް ކޮންމެ ފަހަރަކު ލައްކަ އަކަށް ވުރެ ގިނަ ވޯޓު ލިބޭ ކަމަށެވެ. ފައިނަލުގެ ވޯޓުލުން މިއަދު ފެށުމާ އެކު ދަގަނޑޭގެ ސަޕޯޓަރުންގެ ކުރި މަސައްކަތުން މިހާރު ވެސް ދަގަނޑޭ ވަނީ ލީޑެއް ނަގައިފަ އެވެ. ދަގަނޑޭ އަށް މި ވަގުތަށް ބަލާއިރު 90% ވޯޓު ލިބިފައިވެ އެވެ. ޗަން އަށް ލިބިފައިވަނީ މި ވަގުތަށް ބަލާއިރު 10% ވޯޓެވެ.
ދަގަނޑޭ އަށް މި ލިންކް މެދުވެރިކޮށް ވޯޓުލެވޭނެ.
ވޯޓުލުން ކުރިއަށްދާނީ އާދިއްތަ ދުވަހު ރާއްޖެ ގަޑިން މެންދުރު 1 ޖެހުމާ ހަމައަށެވެ. އެންމެ ފަހުން ކުރިއަށް ދިޔަ ދެ ބުރަށް ބަލާއިރު ހޮނިހިރު ދުވަހުން ފެށިގެން ވޯޓުގެ ކަންތައްތައް ދިޔައީ ވަރަށް ވާދަވެރިކޮށެވެ. ދަގަނޑޭގެ ސަޕޯޓަރުން އެންމެ ފަހު ވަގުތާ ހަމައަށް މަސައްކަތްކޮށް ކޮންމެ ފަހަރަކު އޭނާ މޮޅުކޮށްދެ އެވެ. ދަގަނޑޭ ވަނީ "ރެއާދުވާލު އޭނާ އަށް ވޯޓު ހޯދައިދޭން" މަސައްކަތްކުރާ ސަޕޯޓަރުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފަ އެވެ.
ދަގަނޑޭ އަށް ރަނގަޅު ކާމިޔާބެއް ހޯދައިދިނުމުގައި ދިވެހި ފުޓްބޯޅަ ސަޕޯޓަރުން ވަނީ ތަފާތު ރޫހެއް ދައްކައިފަ އެވެ. އެކި ދާއިރާތަކުގެ ދިވެހިން ވެސް މި ކަމުގައި އަންނަނީ ބައިވެރިވެ އަމިއްލަ ހައިސިއްޔަތުންނާއި ކްލަބް ޖަމިއްޔާތައް ބައިވެރިވެގެން ކުރެވޭނެ މަސައްކަތްތައް ކުރަމުންނެވެ. އޮންލައިން ވޯޓެއް ކަމަށްވާތީ ގިނަ މަސައްކަތްތައް އޮތީ ސޯޝަލް މީޑިއާގައި ޓްރެންޑަކަށްވެފަ އެވެ. އެންމެ ފަހުން ސެމީ ފައިނަލުން ދަގަނޑޭ މޮޅުކޮށްދޭން މަސައްކަތްކުރުމުގެ ގޮތުން ކޮމިއުނިޓީ ވައިބަ ގްރޫޕެއް ވެސް ހަދާފައިވެ އެވެ. އަދި ފައިނަލުގައި ދަގަނޑޭ އަށް ވޯޓު ހޯދައިދޭން ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) އިން ވެސް ވަނީ ހަރަކާތްތަކެއް ރާވައިފަ އެވެ.
ބްރެކެޓް ޗެލެންޖްގައި ވާދަކުރާ އެ ގޯލަކީ 2013 ވަނަ އަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އެ އަހަރުގެ މާޗު 12 ގައި ޕާސިބޯ އަތުން 7-0 އިން ރާއްޖޭގެ ނިއު ރޭޑިއަންޓް މޮޅުވި މެޗުގައި ދަގަނޑޭ ޖެހި ފަސް ގޯލުގެ ތެރެއިން، ތިން ކުޅުންތެރިން ކައިރިން ނައްޓާލާފައި ޖެހި ގޯލެވެ. އިންޑޮނީޝިއާގެ ސުރަކަރްޓާގައި ބޯވާރޭގެ ތެރޭގައި ކުޅުނު އެ މެޗުގައި މުހައްމަދު އުމެއިރަށް މެދުތެރެއިން އެ ބޯޅަ ލިބުމާ، ދަގަނޑޭ، އޭނާ އަށް ލޯ އަޅަމުން ދިޔަ ޕާސިބޯގެ ޑިފެންޑަރު، ކައިރިން ކުރިއަށް ދެމިގަތުމާ ދެމެދު ސިކުންތެއް ވެސް ނުހިނގަ އެވެ. އެއާ އެކު އުމެއިރު ބޯޅަ ކޮންޓްރޯލް ކޮށްލުމަށް ފަހު ދަގަނޑޭ އަށް ބޯޅަ ފޯރުކޮށްދިނީ އެވެ. ދަގަނޑޭ ބޯޅަ ހިފައިގެން އެ ދިޔަ ބާރުމިނުގައި ގޮސް ބޮޑު އޭރިއާ މަތިން ކީޕަރު ކައިރިން ދެމި ގަތް ވަގުތު، އޭނާ ފަހަތުން އައި ޑިފެންޑަރު ދަގަނޑޭ ކުރިއަށް އަރައި ޖާގަ ބައްދާލި އެވެ. ދަގަނޑޭ ފަސޭހަކަމާ އެކު އޭނާ ކައިރިން ނައްޓާލައި ގޯލަށް ބޯޅަ ފޮނުވާލަނެ ޖާގަ ހޯދި އެވެ. އެކަމަކު، އޭރު އަނެއްކާ ވެސް ކީޕަރު އަރާ ހުރުމާ އެކު ދަގަނޑޭ މަޑުމަޑުން އަރިމައްޗަށް ޖެހެންޖެހުމުން ގޮސް ކީޕަރަށް އޮޅުވާލައި އޭނާ ލައްވާ ޑައިވެއްކުރުވި އެވެ. އަދި މިސްރާބު ބަދަލުކޮށްލައި ރަނގަޅަށް ވާތު ފަޔަށް ބޯޅަ ހެޔޮވަރުކޮށްލައި ގޯލުގައި ބޯޅަ ތަތްކޮށްލީ، ތިން ފަހަރަށް ތެދުވި ކީޕަރަށާއި ގޯލް ރޮނގު ބަލަހައްޓަން އެރި ޑިފެންޑަރަށް އެއްވެސް ފުރުސަތެއް ނުދީ އެވެ.
ދަގަނޑޭ 2013 ވަނަ އަހަރުގެ އޭއެފްސީ ކަޕުގައި ނިއު އަށް ޖަހައިދިން އެ ގޯލް ވަނީ އޭއެފްސީ ކަޕުގައި ޖަހާފައިވާ ސޯލޯ ގޯލްތަކުގެ ތެރެއިން އެންމެ މަގުބޫލު ގޯލަކަށް މިދިޔަ ޖޫން މަހު ވެސް ހޮވިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝިއަލް
28 November 2020
ނިއުގެ ދުވަސް ދުއްވާލަން އުޅުނު މީހުންނަށް ފެނޭތަ؟ ނިއުގެ ނަން އަދި ލޯގޯ މުޅި ދުނިޔޭގެ ކަންކޮޅުތަކުގަ އެދަނީ ވިހުރެމުން.މަރުހަބާ އަޝްފާގް.އަހަރުމެން އަދި އެނބުރި އަންނާނަން.އިންޝާﷲ
ސަފޯޓަރ
25 November 2020
މަވެސް ދަގޭއަށް ވޯޓްދީދީ ޑާޓާ ކޮޅު މި ހުސްކޮށްލަނި ދަނގޭ ނިއުރޭޑިޔަންޓްގަ ހުރެގެން ހޯދި ކާމިޔާބަށްޓަކައި. ނިއުގެ ޖާޒީގެ ޖެހި ގޯލަކަށް ވީމަ. ސާފް ވެއްޖެތޯ.
މުހައްމަދު25
25 November 2020
ދަނގަޑޭ އަކީ ދެވިހިން ފަހުރުވެރިވާފަދަ އަގުހުރި ޖަވާހިރެއް، ﷲ ތިބާޔައް ދެދުނިޔޭގައިވެސް ކާމިޔާބުދެއްވާތޯ ދުއާކުރަން... ހުރިހަބޭފުޅުން ދަނގަޑޭއަަައް ވޯޓްދެއްވާ...
ނަގިއްޔާ
25 November 2020
ދަނގަޑޭގެ ކެރިޔަރު ދުއްވާލުމަށް ގައުމީ ޓީމުގެ ބޭރު ކޯޗެއް މަސައްކަތް ކުރި، އެކަމަށް އޭރު އެފްއޭއެމް އިން އަޅައެއްނުލި. ސީޒަނުގެ އެންމެ ގިނަގޯލު ޖަހާ ސިޒަން ނިންމަލާއިރުވެސް ގައުމީޓިމަކުުން ޖާގައެއްނުދިން އުމުރު މާމަތިއޭ އެއެއްޗެކޭ މިއެއްޗެކޭ ކިއާ. ސަޕޯޓަރުންގެ ޕްރެޝަރާހެދި އެންމެ ފަހުން ގޮތްދޫކުރީ. އެވަރުގެ ކޯޗުން އަހަރުމެންނަށް މިލިބެނީ. ސަޕޯޓަރުން އައްސަރިބަހާއި ސާބަސް އެމީހުން ކުޅުންތެރިންގެ އަގުވަޒަން ކުރަން ވަރަށް ބޮޑު ގުރުބާނެއްވޭ.
ވީއާރބުލޫސް
25 November 2020
ދަނގޭގެ ހުރިހާ ކާމިޔާބެއް ވެެސް ގުޅިފައިވަނީ ނިއުރޭޑިޔަންޓާއި. އެއީ މިއަދު އަހަރަމެން އުފާވާ ކަމަކީ. ހިތާމަޔަކީ ވާދަވެރި ކުލަބުތަކަށް މިކަން ކަން ހަޖަމް ނުވުން.
އާރީ
25 November 2020
ނިއުރޭޑިޔަންޓޭ ބުންޏަސް ގައިން ހީބިނަގާ މިހާރުވެސް. އެކަމް ކީއްކުރާނި ބައެއްގެ ނުބައި ރޭވުމެއްގެ ސަބަބުން ލޯބިވާ ޓީމް މިއޮތީ ވުޖޫދުން ގެންލުވާލައިފަ. އެބޭފުޅުން ހިތަށް ކެތެއް ނުވާނެ ނިއުރޭޑިޔަންޓް ނަން މިހާ ގިނައިން ނޫސްތަކުގަ ލިޔަންޏާ ވެސް. އެހޭ ހިތް ނުބައި ވާދަ ވެރިން ތަކެއް އެއީ.. ދަގޭއަށް ކާމިޔާބު ހޯދައި ދިނުމުގައި އެއްމެ ތަންކޮޅެއް ވެސް ފަހަތަށް ނުޖެހޭނަށް. އިންސާ ﷲ. ދަގޭ އަށް އަބަދުވެސް ކާމިޔާބަށް އެދެން. ދަނގޭ މިކުލަބަށް ހޯދަދިން ކާމިޔާބު ތަކަކީ ރަންއަކުރުން ފަވާލެވޭ ކާމިޔާބު ތަކެއް. އެކަން މިކުލަބު ސަފޯޓަރުން އަބަދުވެސް ހަނދާން ހުންނާނެ.
ނަސޭހަތް އާރީއަށް
25 November 2020
ދިވެހިން ދަނގަޑޭއަށް ވޯޓުދެނީކީ ނިއުރޭޑިއަންޓްއަށް ޖަހައިދިން ގޯލެއް ވީމައެއް ނޫން.. ދިވެހި ގައުމަށް ރީތިނަމެއް ހޯދައިދޭން.. އާރީ މެންނަށް ހީވަނީ އަބަދުވެސް ނިއު އޭ ނިއު އޭ ގޮވުނީމަ އެދެން މާބޮދަކަށް ލޯބިވެވެނީއޭ.. ކޮންމެ ކަމެއްގެ ތެރެއަށް ނިއު ނުވައްދަބަލަ
ހެންޑެލިި
25 November 2020
މަ ވޯޓް ދެނީ ނިއުއަށް ޖަ ހާދީފައިން ގޯލެއްވީމަ