ލަނޑު ޖެހުމަށް ފަހު އާސެނަލް ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
27 ނޮވެމްބަރ 2020 - 05:58
ލަންޑަން (ނޮވެމްބަރު 27) - ޔުއެފާ ޔޫރޮޕާ ލީގުގައި ރޭ ކުޅުނު މެޗުތަކަށް ފަހު އިނގިރޭސި ދެ ޓީމު ކަމަށްވާ އާސެނަލާއި ލެސްޓާ ސިޓީ، އިޓަލީގެ އޭއެސް ރޯމާ އަދި ޖަރުމަނުގެ ހޮފެންހައިމް ބާކީ ދެ މެޗު އޮއްވައި ދެ ވަނަ ބުރުގެ ޖާގަ ކަށަވަރުކޮށްފި އެވެ.
ގްރޫޕް ބީގެ އެއް ވަނައިގައި 2018 ވަނަ އަހަރުގެ ރަނަރަޕް އާސެނަލް އޮތީ ސައްތަ އިން ސައްތަ ރެކޯޑަކާ އެކީ ހަތަރު މެޗުން 12 ޕޮއިންޓާ އެކީ އެވެ. ރޭ އާސެނަލް ވަނީ މި ގްރޫޕް ދެ ވަނައިގައި އޮތް ނޯވޭގެ މޯލްޑް ދަނޑުގައި 3-0 އިން މޮޅުވެފަ އެވެ. މޯލްޑަށް ހަތަރު މެޗުން ލިބިފައިވަނީ ހަ ޕޮއިންޓެވެ. އޮސްޓްރިއާގެ ރެޕިޑް ވިއޭނާ ވަނީ 3-1 އިން ޑަންޑޯކް ބަލިކޮށް ހަތަރު މެޗުން ހަ ޕޮއިންޓް ހޯދައިފަ އެވެ. ފުލުގައި އޮތް ޑަންޑޯކަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.
ރަށުންބޭރުގައި ރޭ ބްރާގާއާ 3-3 އިން އެއްވަރުކޮށް ލެސްޓާ އަނެއް ބުރުގެ ޖާގަ ހޯދީ ހަތަރު މެޗުން 10 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ބްރާގާ އަށް ވަނީ ހަތަރު މެޗުން ހަތް ޕޮއިންޓް ލިބިފަ އެވެ. ޔޫކްރޭނުގެ ޒޯރްޔާ ލުހަންސް ވަނީ ރޭ ގްރީސްގެ އޭއީކޭ އެތަންސް އަތުން 3-0 އިން މޮޅުވެފަ އެވެ. ތިން ވަނައިގައި އޮތް އޭއީކޭ އާއި ހަތަރެއްގައި އޮތް ލުހަންސްކަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ.
ބްރާގާގެ ކުޅުންތެރިއަކު ކައިރިން ލެސްޓާގެ ވާޑީ (ކ) ބޯޅަ ހޯދަނީ.-- ފޮޓޯ: އޭއެފްޕީ
ގްރޫޕް އެލްގެ އެއް ވަނައިގައި އޮތް ހޮފެންހައިމް ވެސް ވަނީ ކުޅުނު ހަތަރު މެޗުން މޮޅުވެފަ އެވެ. ރޭ ސްލޮވަން ލިބެރެކް އަތުން 2-0 އިން ހޯދި މޮޅާ އެކު ހޮފެންހައިމް ވަނީ 12 ޕޮއިންޓް ހަމަކޮށްފަ އެވެ. މި ގްރޫޕްގެ ދެ ވަނައިގައި އޮތީ ރޭ ގެންޓް އަތުން 2-0 އިން މޮޅުވި ރެޑްސްޓާ ބެލްގްރޭޑް އެވެ. ރެޑްސްޓާ އަށް ނުވަ ޕޮއިންޓް ލިބިފައިވާއިރު، ސްލޮވަންކަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ގެންޓް ފުލުގައި އޮތީ އަދި ޕޮއިންޓެއް ނުލިބި އެވެ.
ރުމޭނިއާގެ ސީއެފްއާރް ކްލޫޖް އަތުން 2-0 އިން މޮޅުވި ރޯމާ ވަނީ ހަތަރު މެޗުން ނުވަ ޕޮއިންޓް ހަމަކޮށްފަ އެވެ. އެ ގްރޫޕްގެ ދެ ވަނައިގައި އޮތީ ރޭ ބަލްގޭރިއާގެ ސީއެސްކޭއޭ ސޯފިއާ އަތުން 1-0 އިން މޮޅުވި ސްވިޒަލެންޑްގެ ޔަންގް ބޯއީސް އެވެ. ޔަންގް ބޯއީސް އަށް ހަތަރު މެޗުން ހަތް ޕޮއިންޓް ވަނީ ލިބިފަ އެވެ. ތިން ވަނައިގައި އޮތް ކްލޫޖަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ސޯފިއާ ފުލުގައި އޮތީ އެއް ޕޮއިންޓާ އެކު އެވެ.
މޯލްޑް ދަނޑުގައި އާސެނަލުން ތިން ގޯލު ޖެހީ ވެސް ދެ ވަނަ ހާފުގަ އެވެ. ފުރަތަމަ ގޯލު ޖެހީ މިދިޔަ އާދިއްތަ ދުވަހުގެރޭ ރަތް ކާޑެއް ހޯދި ނިކޮލަސް ޕެޕޭ އެވެ. ދެ ވަނަ ގޯލު ޖެހީ ރީސް ނެލްސަން އެވެ. އަދި ފަހު ގޯލު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި 19 އަހަރުގެ ފޯވާޑް ފޮލަރިން ބަލޮގަން އެވެ.
ބްރާގާގެ މުހައްމަދު މުސްރާތީ ލީޑުނަގާފައިވަނިކޮށް ލެސްޓާ އަށް އެއްވަރުކޮށްދިނީ ހާވީ ބާންސް އެވެ. ޕައުލީނިއޯ ބްރާގާ އަށް ދެ ވަނަ ފަހަރަށް ލީޑުނަގައިދީފައިވަނިކޮށް ލޫކް ތޯމަސް އަނެއްކާ ވެސް ލެސްޓާ އަށް އެއްވަރުކޮށްދިނެވެ. އިތުރު ވަގުތުގެ ފުރަތަމަ މިނިޓްގައި ރޮޑްރިގޭޒް ބާބޯސާގެ ގޯލުން ބްރާގާ އަނެއްކާ ވެސް ލީޑުނަގާފައިވަނިކޮށް މެޗު ނިމެން ކުޑަ ވަގުތު ކޮޅަކަށް ވެފައި ހުއްޓަ ޖޭމީ ވާޑީ ވަނީ ލެސްޓާ އަށް މެޗުގައި ތިން ވަނަ ފަހަރަށް އެއްވަރުކޮށްދީފަ އެވެ.
މަރަޑޯނާގެ ހަނދާނުގައި ނަޕޯލީ މެޗުގެ ކުރިން ސުކޫތެއް ގެންނަނީ.-- ފޮޓޯ: އޭއެފްޕީ
ހާޓްއެޓޭކެއް ޖެހިގެން މަރުވި ނަޕޯލީގެ ކުރީގެ ކުޅުންތެރިޔާ ޑިއޭގޯ މަރަޑޯނާގެ ހަނދާނުގައި އެ ޓީމުގެ ކުޅުންތެރިން ރޭ ޔޫރޮޕާ ލީގުގައި ކުޅުނު މެޗަށް ނުކުތީ 10 ނަމްބަރު ޖަހާފައި ޖޯޒީތަކެއްގަ އެވެ. ކްރޮއޭޝިއާގެ ރިޔެކާ އަތުން ނަޕޯލީ މި މެޗުގައި މޮޅުވީ 2-0 އިންނެވެ. ގްރޫޕް އެފްގެ އެއް ވަނައިގައި އޮތް އޭޒެޑާއި ދެ ވަނައިގައި އޮތް ނަޕޯލީ އާއި ތިން ވަނައިގައި އޮތް ރެއާލް ސޮސިއެޑާޑަށް ލިބިފައިވަނީ ހަތަރު މެޗުން ހަ ޕޮއިންޓެވެ.
ޔޫރޮޕާ ލީގުގައި ރޭ ކުޅުނު އެހެން ފާހަގަކޮށްލެވޭ މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު ރޭންޖާސް އާއި ބެންފީކާ ކުޅުނު މެޗު ވަނީ 2-2 އިން އެއްވަރުވެފަ އެވެ. ފްރާންސްގެ ލިލް އާއި އޭސީ މިލާން ކުޅުނު މެޗު 1-1 އިން އެއްވަރުވިއިރު، ޓޮޓެންހަމް ހޮޓްސްޕާސް ވަނީ އަމިއްލަ ދަނޑުގައި ބަލްގޭރިއާގެ ލުޑޮގޮރެޓްސް ރަޒްގާޑް އަތުން 4-0 އިން މޮޅުވެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy