29 ނޮވެމްބަރ 2020 - 07:48
ކޮވިޑް-19 އާ ހެދި މި އަހަރު ހިންދީ ސިނަމާގައި އެކަށީގެންވާ ވަރަށް ފިލްމު އަޅުވާނެ ފުރުސަތު ލިބިފައި ނުވާތީ އަންނަ އަހަރުގެ އެވޯޑް ހަފުލާތައް ނުބާއްވަން ނިންމައިފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި މާޗް މަހުގެ މެދުތެރެއިން ސިނަމާތައް ބަންދުކުރަން ޖެހި، މި އަހަރު އަޅުވަން ޕްލޭންކުރި ބޮޑެތި ގިނަ ފިލްމުތައް އަންނަ އަހަރަށް ފަސްކޮށްފައިވުމާއި ބައެއް ފިލްމުތައް ޑިޖިޓަލްކޮށް ޕްރިމިއާކުރަން ޖެހުމުން މި އަހަރުގެ ފިލްމުތަކަށް ހާއްސަކޮށްގެން އަންނަ އަހަރު އެވޯޑްތައް ހަފުލާތައް ނުބާއްވަން ނިންމީ އެވެ.
އެހެންވެ، ބޮލީވުޑްގެ ފިލްމުތަކަށް ދޭ އެންމެ ބޮޑެތި އެވޯޑްތައް ކަމަށްވާ ފިލްމުފެއާ އާއި ސްކްރީން އެވޯޑްސް އާއި ޒީ ސިނެ އެވޯޑްސް ފަދަ ހަފުލާތައް އަންނަ އަހަރު ނުބާއްވާނެ ފިލްމީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ. ބޮލީވުޑަަކީ ކޮންމެ އަހަރަކު ވެސް ވަރަށް ތަރުތީބުން އެވޯޑްތައް ހަފުލާތައް ބާއްވާ އިންޑަސްޓްރީއެކެވެ. އެގޮތުން ކޮންމެ އަހަރަކު ވެސް ރިލީޒްވާ ފިލްމުތަކަށް ޖެހިގެން އަންނަ އަހަރުގެ ފުރަތަމަ ހަތަރު މަސް ވަރަކަށް ދުވަހުގެ ތެރޭގައި އެވޯޑް ހަފުލާތައް ބާއްވައި އެވޯޑްތައް ދެ އެވެ.
ނަމަވެސް މި އަހަރު ފިލްމު އިންޑަސްޓްރީ އަށް ކޮވިޑްގެ ހިޔަނި ވަރަށް ބޮޑަށް އެޅި، މި އަހަރުގެ ބޮޑު ބައި ސިނަމާތައް ފަޅުކޮށް ދާން ޖެހުމުން އަންނަ އަހަރު އެވޯޑް ހަފުލާތައް ނުބާއްވަން ނިންމީ އެވެ. ބައެއް މީޑިއާތަކުން ބުނިގޮތުގައި ދެން އެވޯޑްތައް ހަފުލާތައް ބާއްވަން ފަށާނީ 2022 އެވެ. އަދި އެއީ މި އަހަރާއި އަންނަ އަހަރު ރިލީޒްކުރާ ފިލްމުތައް ބައިވެރިކޮށްގެން ބާއްވާ ގޮތަށެވެ.
ބޮލީވުޑްގެ އެވޯޑް ހަފުލާތަކަކީ އަބަދު ވެސް މުޅި ފިލްމު އިންޑަސްޓްރީ އެއްތާކަށް ޖަމާކޮށްގެން ވަރަށް ކުލަގަދަކޮށް ބާއްވާ ހަފުލާތަކެކެވެ. ނަމަވެސް ކޮވިޑްގެ ހާލަތު އަދިވެސް އިންޑިއާގައި އޮތް ގޮތުން ގިނަ ބަޔަކު އެއްވާ އެފަދަ ހަފުލާތައް ބޭއްވުމަކީ ރައްކާތެރި ކަމަކަށް ނުވާނެތީ އެވޯޑްތައް ހަފުލާތައް އަންނަ އަހަރު ނުބާއްވަން ނިންމީ އެވެ.
ކޮވިޑްގެ ހާލަތު އިންޑިއާގައި ގޯސްވުމުގެ ކުރިން އަހަރުގެ އެންމެ ކުރީކޮޅު ބޮޑެތި ބައެއް އެވޯޑްތައް ހަފުލާތައް ބޭއްވުނު ނަމަވެސް މި އަހަރު ނުބޭއްވުނު އެއް ހަފުލާ އަކީ އައިފާ އެވޯޑްސް އެވެ. އެ އެވޯޑް ހަފުލާ ކެންސަލްކުރީ މާޗް މަހުގެ 29 ގައި ބާއްވަން ނިންމާފައި ވަނިކޮށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy