18 ޑިސެމްބަރ 2020 - 11:00
ލަންޑަން (ޑިސެމްބަރު 18) - އިނގިރޭސި ޕްރިމިއާ ލީގުގައި ސައުތެމްޓަން އަތުން މެންޗެސްޓާ ޔުނައިޓެޑް މޮޅުކޮށްދޭން އެހީވި އުރުގުއޭގެ ފޯވާޑް އެޑިންސަން ކަވާނީ އިންސްޓަގްރާމްގައި ކުރި ނަސްލީ ތަފާތުކުރުމާ ގުޅޭ ޕޯސްޓެއްގެ މައްސަލައިގައި އޭނާ އަށް އަދަބުދޭން އިނގިރޭސި އެފްއޭ އިން ނިންމައިފި އެވެ.
މިދިޔަ މަހު ފަހުކޮޅުގައި ޔުނައިޓެޑުން 3-2 އިން ސައުތެމްޓަން ބަލިކުރި މެޗުގައި އުމުރުން 32 ކަވާނީ ވަނީ ދެ ގޯލު ޖަހައި އެއް ގޯލު ޖަހަން ފުރުސަތު ތަަނަވަސްކޮށްދީފަ އެވެ. އެ މެޗަށް ފަހު ސަޕޯޓަރުން ކަވާނީ އަށް މަރުހަބާ ކިޔުމަށް ކުރި ޕޯސްޓުތަކެއްގެ ތެރެއިން އެއް ޕޯސްޓު ކަވާނީގެ ރަސްމީ އިންސްޓަގްރާމް އެކައުންޓުގައި ހިއްސާކުރުމަށް ފަހު އޭނާ ވަނީ ނަސްލީ ތަފާތު ކުރުމަށް ބާރުއަޅާ އިބާރާތެއް ބޭނުންކޮށްފަ އެވެ. އެއާ އެކު ވަގުތުން އޭނާ އަށް ފާޑުކިޔުން އަމާޒުވި އެވެ. އެކަން އެނގުމާ އެކު ކަވާނީ ވަނީ އެ ޕޯސްޓު ޑިލީޓްކޮށްލައިފަ އެވެ. ކަވާނީ ކުރި ޕޯސްޓުގައި "ކަޅު ކުޑަ މީހެއް" ކަމަށް ބުނީ އޭނާގެ ރަހުމަތްތެރިއަކަށް ނިސްބަތްކޮށް ސަމާސާއެއްގެ ގޮތުގައި ކަމަށާއި އެއީ މައްސަލައެއްކަން އެނގުމާ އެކު އެކަމަށް މައާފަށް އެދޭ ކަމަށެވެ.
މައާފަށް އެދުނު ނަމަވެސް އިނގިރޭސި އެފްއޭ އިން ނިންމީ ކަވާނީ އަށް މިކަމުގައި އަދަބު ލިބެންޖެހޭ ކަމަށާއި ސޯޝަލް މީޑިއާގައި ކުޅުންތެރިން އަމަލުކުރަންޖެހޭ އުސޫލާ ކަވާނީ ހިލާފުވެފައިވާ ކަމަށެވެ. ގަވައިދުގައިވާ ގޮތުން ކަވާނީ އަށް ތިން މެޗުގެ ސަސްޕެންޝަނެއް އަތުވެދާނެ އެވެ. އެފްއޭ އިން ވަނީ ކަވާނީ ޖަވާބުދާރީވާން ޖެނުއަރީ 4 އަކާ ހަމައަށް ފުރުސަތު ދީފަ އެވެ. ރިޕޯޓްތައް ބުނާގޮތުން އެފްއޭގައި ވެސް ކަވާނީ މިކަމުގައި އަދަބަކަށް އެއްބަސްވެއްޖެނަމަ އޭނާ އަށް އަންނާނީ އެކެއް ނޫނީ ދެ މެޗުގެ ސަސްޕެންޝަނެކެވެ.
ނަސްލީ ތަފާތުކުރުމަށް ހިތްވަރުދޭ ގޮތަށް ސޯޝަލް މީޑިއާގައި ޕޯސްޓެއްކޮށްފައިވާތީ އިނގިރޭސި އެފްއޭ އިން މީގެ ކުރިން މެންޗެސްޓާ ސިޓީގެ ބެނާޑޯ ސިލްވާ އާއި ޓޮޓެންހަމްގެ ޑެލޭ އަލީ އަށް އަދަބުދީފައިވާތީ އެވެ. ދެ ކުޅުންތެރިންނަށް ވެސް އައީ އެއް މެޗުގެ ސަސްޕެންޝަނެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކެލަވަކި
20 December 2020
ކަވާނީ އޭނާގެ ގާތް އެކުވެރިއަކަށް ނިސްބަތްކޮށް ލެޓިން އެމެރިކާ ބަހުން ލިޔެފަ އޮތް އެތި އިނގެރޭސި ބަހަށް ތަރުޖަމާ ކުރީމަ އަންނަނީ ފްރެންޑް، ބަޑީ ފަދަ އިބާރާތެއް، ނަމަވެސް ކަވާނީ ލެޓިން އެމެރިކާ ބަހުން ލިޔެފަ އޮތް އެޖުމްލަ ސްޕެއިން ބަހަށް ބަދަލުކުރީމަ މި އަންނަނީ "ކުޑަ ކަޅު މީހެއް" މިގޮތައް ތަރުޖަމާ ކޮށްގެން ކަންކަމަށް ފިޔަވަޅު އަޅަންވެއްޖެޔާ ފިޔަވަޅު އަޅާފަ ނާޅާނެ އެއްވެސް ކަމެއް ނޯންނާނެ