ކުޅިވަރު / ދިރާގު ދިވެހި ޕްރިމިއާ ލީގު 2020

ރިޒޭގެ އަނިޔާ ސީރިއަސް، އޭނާ ނެތްތަން ދައްކާ: މޯހަން

އީގަލްސްގެ ޕްރެކްޓިހުގެ ތެރެއިން ރިޒޭ ބޯޅަ ހިފައިގެން--. ފޮޓޯ: ނިޝާން އަލި/މިހާރު

ހުނަރުވެރި ފޯވާޑް އަހުމަދު ރިޒުވާން (ރިޒޭ)ގެ ކަކުލަށް ލިބިފައިވަނީ ސީރިއަސް އަނިޔާއެއް ކަމަށާއި އޭނާ ނެތްތަން އީގަލްސް ޓީމުން ވަރަށް ބޮޑަށް ދައްކާ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފި އެވެ.

މިދިޔަ ސީޒަނުގައި 38 ގޯލު ޖެހި ރިޒޭ މި ފަހަރުގެ ސީޒަން ހުޅުވަން ކުޅުނު އެފްއޭ ޗެރިޓީ ޝީލްޑް މެޗުގައި ކުޅުނެވެ. ލީގު ޗެމްޕިއަން މާޒިޔާ އަތުން އީގަލްސް ފަހަތުން އަރައި 3-2 އިން މޮޅުވި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ރިޒޭ ވަނީ އެއް ގޯލު ޖަހައި ދެ ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. އެ މެޗުގެ 80 ވަނަ މިނިޓްގައި ރިޒޭ ބަދަލުކުރީ ކޮންމެވެސް ވަރަކަށް އަނިޔާއެއްގައި އުޅޭތީ އެވެ.

ފަހުން އީގަލްސްގެ ޕްރެކްޓިސްގައި ބައިވެރިވާން ބެލިއިރު ކަކުލުގައި ރިއްސާތީ އޭނާ ޓެސްޓްތަކެއް ހެދި އެވެ. "މިހާރު" އަށް އެނގިފައިވާ ގޮތުގައި ޓެސްޓަކުން އެނގުނީ ރިޒޭގެ ކަކުލުގެ މެނިސްކަސް އަށް އަނިޔާވެފައިވާ ކަމެވެ. ރިޒޭ ނުލައި އީގަލްސް ކުޅުނު ދެ މެޗުން ވަނީ ބަލިވެފަ އެވެ. ފުރަތަމަ މެޗުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަތުން 1-0 އިންނެވެ. އެ އަށް ފަހު ރޭ ޓީސީ އަތުން 2-0 އިންނެވެ.

"ރިޒޭ ނެތުމުން މުޅި ޓީމުން މޮޓިވޭޝަން ވެސް ދަށް ކޮށް ފެންނަ ކަހަލަ ގޮތަކަށް މެޗު ތެރެއިން މި ފާހަގަވެގެންދަނީ. ރިޒޭ ނެތްތަން ވަރަށް ބޮޑަށް ޓީމުގެ ތެރެއިން އެބަ ފެނޭ. ގޯލު ޖަހާނެ ކުޅުންތެރިއެއް ނެތިގެން މިދަނީ. ދަށްކޮށް ދިޔަ ނަމަވެސް ގޯލު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބި ބައިވަރު ފުރުސަތުތަކެއް ބޭނުން ނުކުރެވި މިދަނީ. ގޯލެއް ނުޖަހައެއް މޮޅެއް ނުވެވޭނެ. ގޯލު ނުޖަހައެއް ނީންނާނެ މި ޕްރެޝަރު ކެޑޭނެ ގޮތެއް ވެސް. ރިޒޭ ނެތް ދެ މެޗު މިދިޔައީ ޖުމްލަކޮށް ބަލާއިރު ޗާންސްތަކެއް ލިބި އެތެރެ ނުކޮށްލެވިގެން،" މޯހަން ބުންޏެވެ.

މޯހަން ބުނީ 10 ނޫނީ 15 ވަރަކަށް ދުވަސް ފަހުން ރިޒޭގެ އިތުރު ޓެސްޓްތަކެއް ހަދާނެ ކަމަށާއި ދަނޑަށް އެނބުރި އާދެވޭނެ ދުވަހެއް ބުނަން އެނގޭނީ އޭގެ ފަހުން ކަމަށެވެ.

ޗެރިޓީ ޝީލްޑް މެޗުގެ ތެރެއިން ރިޒޭ ބޯޅަ ހިފައިގެން. -- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު

"އަދި ނޭނގޭ ކުޅެވޭނީ ކިހާ ދުވަހަކުން ކަމެއް. މިހާރު ކަކުލުގެ ހަމަ ސީރިއަސް އަނިޔާއެއްގައި އެ އުޅެނީ،" މޯހަން ބުންޏެވެ.

ޓީމު ލިސްޓުގައި ޖަހާފައިވީ ނަމަވެސް ބިދޭސީ ކުޅުންތެރިއެއް ނުލައި އީގަލްސް އިން ކުޅެމުން އަންނައިރު، އެ އެ ޓީމުގެ އަނިޔާގެ މައްސަަލަތައް ގިނަ އެވެ. ހަސަން ރާއިފް އަހުމަދު (ހަންނަ) އާއި އަހުމަދު ނޫމާން (ހެލްމެޓް) ވެސް ތިބީ އަނިޔާއެއްގަ އެވެ. އީގަލްސް އިން ރޭގެ މެޗު ފެށީ ހެލްމެޓް ފުރަތަމަ އެގާރަ އަށް ނުލަ އެވެ. އެކަމަކު ފުރަތަމަ ހާފުގައި އިތުރު ގޮތެއް ނެތިގެން ހެލްމެޓް ވަނީ ކުޅެން އަރުވައިފަ އެވެ.

"ނޫމާން ވެސް އިންޖަރީގައި ހަންނަ ވެސް އިންޖަރީގައި. އިންޖަރީ ގިނަކޮށް މި އުޅެނީ. ނާރުވާވޭތޯ ބެލީ. ޓީމުގެ ހާލަތު ގޯސްވީމަ ނޫމާން ވެސް ލާން މި ޖެހުނީ. އުއްމީދުކުރީ ނާރުވާ ވާނެކަމަށް. އެހެނެއް ނޫން މެޗުގެ އޮއިވަރާއި ހާލަތު ދިޔައީ. އެހެންވީމަ ބޭނުންކުރަން ޖެހުނީ،" މޯހަން ބުންޏެވެ.

މިދިޔަ އަހަރު ލީގުގެ ރަނަރަޕް އީގަލްސް ކުޅުނު 21 މެޗުގެ ތެރެއިން ބަލިވީ ދެ މެޗުންނެވެ. މި ސީޒަނުގައި ދެ މެޗު ކުޅުނުއިރު އެ ދެ މެޗުން ވެސް ބަލިވުމުން މިހާރު އީގަލްސް އަށް ކުރިމަތިވެފައި އޮތީ ޗެލެންޖިން ހާލަތެއް ކަމަށް މޯހަން ދެކެ އެވެ. މޯހަން ބުނީ ބިދޭސީ ކުޅުންތެރިން އަވަހަށް ލިބޭތޯ ބަލަމުން އަންނަ ކަމަށާއި އޭގެ ކުރިން ވެސް ރަނގަޅުކުރަން ޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ.

"ކުޅުންތެރިންނަށް ޓެކްނިކަލީ ވެސް ހެދޭ މިސްޓޭކް ގިނަކޮށް މި ފެންނަނީ. ދެން ބައިކޮޅަށް ކޮންމެ ދުވަހަކު 10 ވަރަަކަށް 15 ވަރަކަށް މިނިޓް ތެރޭގައި ލަނޑު ވަންނަތަން މި ފެންނަނީ. މިކަންކަން ރަނގަޅު ނުކުރެވި ނުވާނެ. ކޮންސެންޓްރޭޝަން ދަށްކަމަށް ބޮޑަށް ފާހަގަކުރެވެނީ. ދެން މަޑުމަޑުން ފެށުމުގެ ކަންތައް މި އުޅެނީ،" މޯހަން ބުންޏެވެ.

އީގަލްސް ދެން ކުޅޭ މެޗުގައި ހުކުރު ދުވަހު ހަވީރު ނުކުންނާނީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.

1 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 11%
icon sad icon sad 89%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރިޒޭ ގެ ފޭން

21 December 2020

ގެޓް ވެލް ސޫން ރިޒޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454