ކުޅިވަރު / ދިރާގު ދިވެހި ޕްރިމިއާ ލީގު 2020

އީގަލްސް ލީގުގައި ފުރަތަމަ މޮޅު ހޯދައިފި

ޔޫވީގެ ޝަމާލް ބޯޅަ ފޮނުވާލާއިރު އީގަލްސްގެ ކުޅުންތެރިޔަކު ސަމާލުވެގެން. --ފޮޓޯ: އަހުމަދު އައުޝަން/ މިހާރު

09 ޖެނުއަރީ 2021 - 18:45

ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އަތުން 3-2 އިން މޮޅުވެ މި ސީޒަނުގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކްލަބް އީގަލްސް ފުރަތަމަ މޮޅު ހޯދައިފި އެވެ.

މި ނަތީޖާއާ އެކު ފަސް މެޗުން އީގަލްސް ވަނީ ހަތަރު ޕޮއިންޓް ހޯދައި ހަ ވަނަ އަށް އަރައިފަ އެވެ. ޔޫވީ އޮތީ ދެ ޕޮއިންޓާ އެކު އަށް ވަނައިގަ އެވެ. ތާވަލުގެ އެއް ވަނައިގައި ހަތަރު މެޗުން 10 ޕޮއިންޓާ އެކު ކްލަބް ވެލެންސިއާ އެވެ.

މިއަދުގެ މެޗުގައި އީގަލްސް އިން ތިން ލަނޑު ޖަހާފައި ވަނިކޮށް ޔޫވީން ފަހު ވަގުތު ދެ ގޯލް ޖަހައި އެއްވަރުކުރުމާ ގާތަށް ވެސް ދިޔަ އެވެ.

އީގަލްސް އަށް ފުރަތަމަ ގޯލް ޖަހައިދިނީ 22 ވަނަ މިނެޓުގައި މިސްރު ފޯވާޑް އޮސާމާ އަމްބަރެވެ. މިއީ ގޯލް ކުރިމަތީ ހުހަށް ހުރި އޮސާމާ އަށް ހައިޝަމް ހަސަން ހުސްކޮށްލާފައި ދިން ބޯޅައަކުން ޖެހި ލަނޑެކެވެ.

ޔޫވީން ހާފުގެ ފަހުކޮޅު އިސްމާއިލް އީސާ އަރުވައިގެން އެޓޭކް ވަރުގަދަކުރި އެވެ. އެކަމަކު ގޯލަށް ނުރައްކާ ކުރެވޭ ގޮތެއް ނުވި އެވެ.

ޔޫވީން ދެ ވަނަ ހާފު ފެށީ ކުރިއަށް ޖެހިގެންނެވެ. އޭގެ ފައިދާ ނަގައި އީގަލްސް އިން ކައުންޓާގައި ނުރައްކާ ކުރަން ފެށި އެވެ. އެ ޓީމަށް ދެ ވަނަ ގޯލް ޖަހައިދިނީ މުހައްމަދު އޮސާމާ ނަގައިދިން ހުރަހަކުން ބޮލުން ހަސަން ރާއިފް އަހުމަދު (ހަންނަ) އެވެ.

އަދި 76 ވަނަ މިނެޓުގައި ޒައިން ޒަފަރު ދިން ބޯޅައަކުން ހަންނަ އީގަލްސްގެ ތިން ވަނަ ގޯލް ޖެހި އެވެ. ޔޫވީން ކުރިއަށް ޖެހުމުގެ ފައިދާ ނަގައިގައި ކައުންޓާގައި އީގަލްސްގެ އޮސާމާ އަމްބަރާއި ޒައިން އަށް ނުރައްކާ ކުރި އެވެ.

ދެން ފެނިގެން ދިޔައީ ޔޫވީން ފުލުފުލުގައި ދެ ގޯލް ޖެހި ތަނެވެ. ފުރަތަމަ ގޯލް 90 ވަނަ މިނެޓުގައި ޖެހީ އަލީ ހައިޝަމް (ޗުމްޕު) ދިން ބޯޅައަކުން ބައްސާމް މުހައްމަދު (ބައްކު) އެވެ. އަދި އިތުރު ވަގުތުގެ ތެރޭ ވަސިޗޭފް އަނަޓޮލީ ދިން ބޯޅައަކުން އީސަ ޔޫވީ އަށް ދެ ވަނަ ގޯލް ޖެހި އެވެ.

އެ ގޯލާ އެކު އީގަލްސް އިން ވަރަށް ބޮޑަށް ހާސްވި އެވެ. އެ ވަގުތު ޔޫވީ އަށް ލިބުނު ހިލޭ ޖެހުމަކުން އުފެއްދި އެޓޭކެއްގައި އޭރިއާ ތެރެއަށް ހުރަސްވި ބޯޅައެއް އަހުމަދު ރަޝީދު (އައްމަޑޭ) ހުހަށް އަރައި ބޮލުން ޖެހުމުން ދިޔައީ ސީދާ ނުވެ އެވެ.

އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ މެޗުން މޮޅުވުމުން ހިތްހަމަޖެހޭ ކަމަށާއި އެކަމަކު ފަހު ވަގުތު ކޮންސެންޓްރޭޝަން ގެއްލި ދެ ގޯލް ވަނުމުން ހިތްހަމަނުޖެހޭ ކަމަށާއި އެއީ ރަނގަޅުކުރަން ޖެހޭ ކަމެއް ކަމަށެވެ.

"ތިން ޕޮއިންޓަށް ނުކުތީ. އެކަން ވުމަކީ ބޮޑު ހިތްހަމަޖެހުމެއް،" މޯހަން ބުންޏެވެ.

ޔޫވީގެ ކޯޗު މުހައްމަދު އާދަމް ބުނީ އޭނާގެ ޓީމަށް ދިމާވެފައިވަނީ އަނިޔާގެ މައްސަލަ ކަމަށާއި މެޗުގެ ކުރިން ވެސް އަދި މެޗުގެ ތެރޭގައި ވެސް އެ މައްސަލަ ދިމާވި ކަމަށެވެ.

"ކުޅުން ރަނގަޅު. ފަހުން ހިތްވަރުކޮށްގެން ދެ ގޯލް ޖަހައި ތިން ވަނަ ގޯލެއް ޖެހުމާ ގާތަށް ވެސް ދިޔަ. ކުޅުންތެރިންގެ މަސައްކަތާ ދޭތެރެ ހިތްހަމަޖެހޭ،" މުހައްމަދު ބުންޏެވެ.

0 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 45%
icon sad icon sad 0%
icon angry icon angry 36%
icon wow icon wow 18%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454