ކުޅިވަރު / ދިރާގު ދިވެހި ޕްރިމިއާ ލީގު 2020

ދަ ގްރާންޑޭގެ މަސައްކަތާ މެދު އިންމަ ހިތްހަމަޖެހިފައި

10 ޖެނުއަރީ 2021 - 10:23

ސީޒަން ފަށައިގެން މިހާތަނަށް މެޗަކުން ބަލިނުވެ އޮތީ ޓީމެއްގެ ގޮތުގައި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބްގެ ކުޅުންތެރިން ކުރަމުން އަންނަ މަސައްކަތް ރަނގަޅުވުމުން ކަމަށާއި އެއީ ކޯޗެއްގެ ގޮތުގައި ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުން ކަމަށް އެ ޓީމުގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނެފި އެވެ.

ލީގުގައި ފުރަތަމަ ކުޅުނު ހަތަރު މެޗުން ލިބުނު ހަ ޕޮއިންޓާ އެކު ދަ ގްރާންޑޭ އޮތީ ލީގުގެ ތިން ވަނައިގަ އެވެ. ފުރަތަމަ މެޗުން ޓީސީ ސްޕޯޓްސް ކްލަބް އަތުން މޮޅުވިއިރު، އޭގެ ފަހުން ވަނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި ކްލަބް އީގަލްސް އަދި މާޒިޔާއާ އެއްވަރުވެފަ އެވެ. އެންމެ ފަހުން ކުޅުނު މެޗުގައި މާޒިޔާއާ 2-2 އިން އެއްވަރުކުރީ ފަހަތުން އަރަ އެވެ.

"ކޯޗަކަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުން އެއީ ޓީމެއް މޮޅުވުމުގެ ރޫހުގައި ވިނިން މެންޓަލިޓީގައި ވިނިން އެޓިޓިއުޑްގައި ކުޅޭތަން ފެނުން. އިރާދަކުރެއްވިއްޔާ މި ޕާފޯމަންސާއި މި ވިނިން އެޓިޓިއުޑް ދަނޑުމަތީގައި މި ބޭނުންކުރާ ޑިސިޕްލިން ހިފެހެއްޓިއްޔާ މި ރަނގަޅު ނަތީޖާތައް ވެސް ހިފެހެއްޓޭނެ،" އިންމަ ބުންޏެވެ.

ދަ ގްރާންޑޭ އަށް މި ފަހަރުގެ ލީގުގައި އެއްވެސް މެޗެއް ފަސޭހަކޮށްލެވޭނެ ފުރުސަތެއް ނެތް ކަމަށާއި ބޭނުންވަނީ ކޮންމެ މެޗެއްގައި ވެސް ވީ އެންމެ ރަނގަޅަށް އިދިކޮޅު ޓީމުގެ ކުޅޭގޮތަށް ތައްޔާރުވެގެން ނަތީޖާ ނެރެން މަސައްކަތްކުރުމަށް ކަމަށް އިންމަ ބުންޏެވެ.

ކޮވިޑް-19އާ ހެދި އައި މެދުކެނޑުމަށް ފަހު ނުވަ ވަރަކަށް މަސް ކޮށްފައި ފުޓްބޯޅަ ކުޅެން އަލުން ފަށައިގެން މިހާރު ކުރިމަތިވެފައި މި އޮތީ މުޅިން އާ ހާލަތެއް ކަމަށް އިންމަ ދެކެ އެވެ. އެއީ ކުރިން ނަމަ ކުޅުންތެރިން ޕްރީ ސީޒަނަށް އަންނާނީ އެކި ރަށްރަށުގައި މުބާރާތްތައް ކުޅެފައި ކަމަށާއި އެކަމަކު މި ފަހަރު ގިނަ ކުޅުންތެރިން އައީ ގޭގައި ތިބެފައި ކަމަށްވާތީ ކުއްލި އަކަށް ދޮޅު މަސް ދުވަހުގެ ތެރޭގައި ކުޅުންތެރިން ފިޓްކޮށްގެން މެޗުތައް ކުޅެން ވަރަށް ޗެލެންޖިން ކަމަށް އިންމަ ބުންޏެވެ.

މާޒިޔާ މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި މޮޅު ކުޅުމެއް ދެއްކި ދަ ގްރާންޑޭގެ އަހުމަދު އަޔާޒް (އަޔާ) އާއި ކީޕަރު އިޔާން އަބްދުލް އަލީމް (ޗިކީ) އަކީ އެ ކްލަބަށް މި ސީޒަނުގައި ރަނގަޅު ކުޅުމެއް ދައްކާނެ ދެ ކުޅުންތެރިން ކަމަށް އިންމަ ބުންޏެވެ.

ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ނިސްތާރު މުހައްމަދު ބުނީ އަނެއްކާ ވެސް ކުޅެން މި ޖެހެނީ މެޗަކުން ބަލިނުވެ އޮތް ޓީމަކާ ދެކޮޅަށް ކަމަށާއި މި ވަގުތަށް ބަލާއިރު ފޯމު ރަނގަޅީ ވެސް އެ ޓީމުގެ ކަމަށެވެ.

"އެއްވެސް ޝައްކެއް ނެތް އެ މީހުންނަށް މި ވަގުތު އޭނީ އެ މޮޓިވޭޝަނަލް އެޑްވާންޓޭޖް. އެ ބަދަލުކުރަން ވެސް އެބަޖެހޭ. އަބަދަކު އެއްގޮތަކަށް ފުޓްބޯޅަ ވެސް ނުދާނެ. އަޅުގަނޑުމެން ބޭނުންވަނީ އެ ރިޒަލްޓް ބަދަލުކޮށްލަން،" ނިސްތާރު ބުންޏެވެ.

މި ސީޒަނުގައި މިހާތަނަށް ލީގުގައި މޮޅެއް ނުލިބި އޮތް ދެ ޓީމުގެ ތެރޭގައި ގްރީން ސްޓްރީޓްސް ހިމެނެ އެވެ. މެޗަކަށް ފަހު މެޗެއް ގްރީން ސްޓްރީޓްސްގެ ކުޅުން ރަނގަޅުވަމުން އައި ނަމަވެސް މޮޅެއް ހޯދުމުގައި އެ ޓީމުން ކުރާ މަސައްކަތުގައި އަދި ކާމިޔާބެއް ނުލިބެ އެވެ.

"މޮޅެއްވާ ހިސާބުން އަޅުގަނޑަށް ގަބޫލުކުރެވެނީ ކޮންފިޑެންސް ބޫސްޓެއް އަންނާނެ ކަމަށް. ވަރަށް ބޮޑު ހިތްވަރެއް ލިބިގެންދާނެ،" ނިސްތާރު ބުންޏެވެ.

ފުރަތަމަ މެޗުތަކުން ގްރީން ސްޓްރީޓްސް ބަލިވުމުގެ އެއް ސަބަބަކީ ގޯލްކީޕަރަަކަށް ބޭނުންކުރި ލަބާން ޝަރީފް އެއްކޮށް ފިޓްނުވެ ހުއްޓައި ބޭނުންކުރަން ޖެހުން ކަމަށް ނިސްތާރު ދެކެ އެވެ. އޭރު ލަބާން އަރުވަން ޖެހުނީ ގްރީން ސްޓްރީޓްސް އިން ގެންނަން ނިންމާފައިވާ ޕާކިސްތާންގެ ކީޕަރު ހަނީފް ސާގިބް ޓީމާ ގުޅުން ލަސްވާތީ އެވެ. ނިސްތާރު ބުނީ ސާގިބް އައި ފަހުން ގްރީން ސްޓްރީޓްސް މެޗަކުން ބަލިނުވާ ކަމަށާއި އެއީ އޭނާ ދެކޭގޮތުގައި ޕޮޒިޓިވްކަމެއް ކަމަށެވެ.

ދަ ގްރާންޑޭ އާއި ގްރީން ސްޓްރީޓްސް ކުޅޭ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454