ކުޅިވަރު / ދިރާގު ދިވެހި ޕްރިމިއާ ލީގު 2020

ޓީސީން ވެލެންސިއާއާ އެއްވަރުކޮށްފި

10 ޖެނުއަރީ 2021 - 01:41

2 comments

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ޓީސީ ސްޕޯޓްސް ކްލަބުން އެއް ވަނައިގައި އޮތް ކްލަބް ވެލެންސިއާއާ 1-1 އިން އެއްވަަރުކޮށްފި އެވެ.

މި މެޗުން މޮޅުވެގެން އެއް ވަނައިގައި ފަސް ޕޮއިންޓަށް ލީޑުފުޅާކުރުމުގެ ފުރުސަތު ވެލެންސިއާ އަށް އޮތެވެ. އެކަމަކު އެއްވަރުވުމުން އެ ޓީމަށް ލީޑުފުޅާކުރެވުނީ ތިން ޕޮއިންޓަށެވެ. އެއީ ފަސް މެޗުން 11 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް މާޒިޔާ އަށް ހަތަރު މެޗުން އަށް ޕޮއިންޓް ލިބިފައިވާއިރު، މާދަމާ ހަވީރު ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަތުން މޮޅުވެގެން މާޒިޔާ އަށް އެއް ވަނަ އަށް އެރޭނެ އެވެ. އެއީ ޕޮއިންޓުގެ ގޮތުން ވެލެންސިއާއާ އެއްވަރުކޮށް ލަނޑުގެ ތަފާތުން ކުރި ހޯދައިގެންނެވެ.

ވެލެންސިއާގެ ކޯޗު މުހައްމަދު އާތިފް (އާތީ) ބުނީ ގޯލެއް ޖެހުމާ ހަމައަށް އެ ޓީމުގެ ކުޅުން ރަނގަޅުކަމަށާއި އެކަމަކު ފަހުން ފެނުނީ އެންމެ ބޭނުންވި ކުޅުން ނޫން ކަމަށެވެ. ޕޮއިންޓަކުން ވެސް ފަރުޖައްސާލެވޭނެ ކަމަށާއި އެކަމަކު އެންމެ ބޮޑަށް ބޭނުންވީ ތިން ޕޮއިންޓް ހޯދުމަށް ކަމަށް އާތީ ބުންޏެވެ.

"މިއީ ހަމަ ފުޓްބޯޅައިގައި ވެދާނެ ކަންތައްތައް. ޑިސަޕޮއިންޓްވާނެ ވިނިންއެއްގައި އިނދެފައި އެއްވަަރުވީމަ. އޭގެ މާނަ އަކީ ކުޅުންތެރިން ބޮލުގައި ނޫނީ ރެފްރީ ބޮލުގައި އިލްޒާމު އަޅުވަންވީއެއް ނޫން. މަސައްކަތްކުރަން ޖެހޭނީ ޑިސިޕްލިން ހިފަހައްޓައިގެން ރިޒަލްޓް ހިފަހައްޓަން. ތަފާތު ސްޓައިލެއް މި ފެނުނީ ތައްޔާރުވި ގޮތަށް ވުރެ ތަފާތު ގޮތަކަށް ޓީސީ މި ކުޅުނީ ހަގީގަތުގައި،" އާތީ ބުންޏެވެ.

މެޗު ފަށައިގެން 55 ސިކުންތު ތެރޭގައި ޓީސީ އޭރިއާތެރެއިން ވެލެންސިއާގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އަށް ލިބުނު ފުރުސަތެއްގައި އޭނާ ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ. އޭގެ ފަހުން މެޗުގެ 15 ވަނަ މިނިޓްގައި ހުސެއިން ފައިސަލް (ފައިޓޯ) ނަގައިދިން ހުރަހަކުން އޭރިއާތެރޭގައި މުޅިން ހުސްކޮށް ކަހަލަ ގޮތަކަށް ހުރެފައި ދަގަނޑޭ ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

ފުރަތަމަ 20 ވަރަަކަށް މިނިޓަށް ފަހު ޓީސީން ވެެލެންސިއާ ހާފް ތެރޭގައި ކޮންމެވެސް ވަރަަކަށް ބޯޅަ ހިފަހައްޓައިގެން ކުޅެން ފެށި އެވެ. ޓީސީގެ ކުރިއަށް ކުޅެމުންދިޔަ ސެއިން ވިންސެންޓްގެ ފޯވާޑް މެލްކަމް ކެސިއަސް ސްޓެވާޓް އަށް ލިބޭ ބޯޅަތަކުގައި ވެލެންސިއާގެ ޑިފެންޑަރުންނަށް އުނދަގޫތަކެއް ކުރިމަތިވަމުންދިޔައިރު، އޭނާ އަށް ކުރި ފައުލަކަށް ލިބުނު ހިލޭ ޖެހުމަކުން ޓީސީގެ ކެޕްޓަން މުހައްމަދު އައްޒާމް ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

ވެލެންސިއާގެ އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) އޭރިއާ ބޭރުން ޖެހި ބޯޅަ ޓީސީގެ އަޒަރުބައިޖާން ކީޕަރު މަމަދޯފް އާޒާދް ފަސޭހަކަމާ އެކު އަތަށް ނެގިއިރު، އަލީ ފާސިރު (ސެންޓޭ) އާއި ސްޕެއިނުގެ އެންޓޯނިއޯ ސޯލާ ޖެހި ބޯޅަ ޓީސީގެ ލަންކާ ޑިފެންޑަރު ޑަކްސަން ވަނީ ބްލޮކްކޮށްފަ އެވެ.

ދެ ވަނަ ހާފް ފަށައިގެން ވެލެންސިއާ އިން ކުޅުން ރަނގަޅުކޮށް އެ ޓީމުން ލީޑުނެގީ މެޗުގެ 60 ވަނަ މިނިޓްގަ އެވެ. ސެންޓޭ ޖައްސާލި ބޯޅަ ދަގަނޑޭ ވަނީ ގޯލުގެ ދުރުކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.

ވެލެންސިއާ އިން ލީޑުނެގުމާ އެކު ޓީސީން ކުރިއަށް ޖެހިގެން ފުރުސަތުތައް ތަނަވަސްކުރަން މަސައްކަތް ފެށި އެވެ. އެގޮތުން މެޗުގެ 75 ވަނަ މިނިޓްގައި މުހައްމަދު އަޖުފާން ބޮލުން ޖެހި ބޯޅައެއް ވެލެންސިއާގެ ކީޕަރު މުހައްމަަދު ޝަފީއު (ޗެކް) ވަނީ މަތަކޮށްފަ އެވެ. އެކަމަކު އޭގެ ދެ މިނިޓް ފަހުން ޕެނަލްޓީ އަކުން ޓީސީން ނަތީޖާ ހަމަހަމަކުރި އެވެ. އޭރިއާ ތެރެއިން ވެލެންސިއާގެ އަކުރަމް އަބްދުލް ގަނީ (އަކޫ) ޓީސީގެ މެލްކަމް އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އަކުން އައްޒާމް ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. މިއީ މި ސީޒަނުގައި ވެލެންސިއާ ކޮޅަށް ވަން ފުރަތަމަ ގޯލެވެ.

ދަގަނޑޭ އަށް ލިބުނު އަނިޔާއެއްގެ ސަބަބުން ވެލެންސިއާ އިން ވަނީ އޭނާގެ ބަދަލުގައި އަހުމަދު އިމާޒް (އާއްކޮ) ކުޅެން އަރުވައިފަ އެވެ. އެކަމަކު އިތުރު ލަނޑެއް ޖަހަން ވެލެންސިއާ އިން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ.

ލީގުގައި ކުޅުނު ފުރަތަމަ މެޗުން ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަތުން ބަލިވި ނަމަވެސް ދެން ކުޅުނު ހަތަރު މެޗުން ޓީސީން މި ވަނީ ހަ ޕޮއިންޓް ހަމަކޮށްފަ އެވެ. އީގަލްސް އަތުން މޮޅުވިއިރު، ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)، ސަސް އަދި ވެލެންސިއާއާ ވަނީ އެއްވަރުކޮށްފަ އެވެ.

ޓީސީގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ބުނީ އޭނާގެ ޕްލޭން މި މެޗުގައި މަސައްކަތްކުރި ކަމަށާއި މީގެ ހުރިހާ ކްރެޑިޓެއް ހައްގުވާ ބަޔަކީ ކުޅުންތެރިން ކަމަށެވެ. އަދި ވެލެންސިއާ އަކީ ލީގުގެ އެންމެ ވަރުގަދަ އެއް ޓީމު ކަމަށާއި މި ނަތީޖާ ޓީސީން ދެކެނީ ކާމިޔާބެއް ގޮތުގައި ކަމަށް ޝާޒް ބުންޏެވެ.

"ވެލެންސިއާ ހިފެހެއްޓުމަކީ މާ ފަސޭހަކަމެއް ނޫން. އެޑްވާންޓޭޖަކީ ވެލެންސިއާ ހިފަހައްޓާ ކޮންމެ މިނިޓަކީ ޓީސީ އަށް އެޑްވާންޓޭޖެއް. އެކަން ކުޅުންތެރިންނަށް އެކަން އެނގޭ. އަސްލު ޓާގެޓަކީ ވެލެންސިއާ ހިފަހައްޓާފައި އެއް ޕޮއިންޓު ނެގުން ކަމަށް ވިޔަސް ހުރިހާ ކުޅުންތެރިންނަށް އެނގޭ ފުރުސަތު އެބައޮތްކަން ތިން ޕޮއިންޓްގައި ވެސް. ވެލެންސިއާ ފްރަސްޓްރޭޓްވާނެ ގޯލެއް ނުޖެހޭ ކަމަށްވަންޏާ. ގޯލެއް ވަނަސް ޓީސީން މަސައްކަތްކުރީ މެޗުގެ ތެރޭގައި އޮންނަން،" ޝާޒް ބުންޏެވެ.

އޭނާ ބުނީ ޕްރީ ސީޒަނުގައި ޓީސީން ކުރި މަސައްކަތް ރަނގަޅުކަން އެނގޭ އެންމެ ބޮޑު ސަބަބަކީ މެޗުތަކުގެ ފަހު 20 މިނިޓް ތެރޭގައި ޓީސީން ނަތީޖާ އެއް ނެރެން ކުރާ މަސައްކަތް ވަރުގަދަވުން ކަމަށެވެ.

2 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 50%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޗީޑި

10 January 2021

މީހެންވެ ދިވެހި ފުޓުބޯޅަ ބަލަން ފޫހިވަނީ. ބަލި ޓީމު އުޅެނީ ކުޅޭކަށެނުން، ކުޑަކޮށް ގައިގަ ޖެހުނަސް ވެއްޓިގަންނަނީ ހަމަ ވަގުތު ދުއްވަން ކަމެއްނުވިޔަސް ދެން އަށިގަޑުން ފައިބާފަ އިހުނަށްވުރެ ބާރަ ދުވެ ދަނޑަށް އަރަނީ. މިކަހަލަ އެންޓި ފުޓްބޯޅައަކީ މިޒަމާނުގެ އެއްޗެއްނުން. ކޮންމެ ގޮތަކުންވެސް ޕޮއިންޓެއްނަމަވެސް ހޯދަން ރީތިކޮށް ގޭމެ ކުޅުނީމަ މާރަގަޅު. މިހެން ބުންޏަސް އެގޭ މީ އެޓީމު ކޯޗުގެ ޓެކްޓިކްސްގެ ބައެއްކަން އޭނަ ބުނެގެން ކުރާކަމެއްކަން

The name is already taken The name is available. Register?

ދަންމާުނު

10 January 2021

ޕެނަލްޓީ ދޭންޖެހޭ ވަރު ކަމެއްނުހިގާ، ބޮޑީ ޗެކެއްގެ ތެރޭން ޓީސީ ކުޅުންތެރިޔާ ވެއްޓިގަތީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454