މިހާތަނަށް މުބާރާތުގައި ބައިވެރިވާން ފޯމު ހުށަހަޅާފައިވާ 22 ޓީމުގެ ތެރެއިން ލިޔެކިޔުންތައް ފުރިހަމަވާ ހުރިހާ ޓީމުތަކެއް ހިމެނޭގޮތަށް މުބާރާތް ފަށަން ނިންމާފައިވަނީ އަންނަ މަހުގެ ކުރީކޮޅުގައި.
2018 ވަނަ އަހަރުގެ ތިން ވަނަ ޑިވިޝަނުގެ ފައިނަލުގައި ރޮކް ސްޓްރީޓް އާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
12 ޖެނުއަރީ 2021 - 11:44
އެފްއޭއެމް ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ބައިވެރިވި ޓީމުތަކުގެ ލިޔެކިޔުންތައް ފުރިހަމަކުރަން އިތުރު ފުރުސަތެއް ދީފައިވީ ނަމަވެސް އަންނަ މަހު މުބާރާތް ފެށޭނެ ކަމަށް އެފްއޭއެމް އިން ބުނެފި އެވެ.
މިދިޔަ މަހުގެ 24 ގައި އެފްއޭއެމުން ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލީ މި މަހު ފަސް ވަނަ ދުވަހުގެ ނިޔަލަށެވެ. އެހާތަނަށް 22 ޓީމެއް މުބާރާތުގައި ބައިވެރިވާން ފޯމު ހުށަހަޅާފައިވީ ނަމަވެސް ގިނަ ޓީމުތަކެއްގެ ލިޔެކިޔުންތައް ހަމަކުރުމުގައި ދަތިތަކެއް ހުރުމުން މުއްދަތު އިތުރުކޮށްދިނީ އިއްޔެގެ ނިޔަލަށެވެ. އެކަމަކު އެކި ސަބަބުތަކާ ހުރެ އަދިވެސް ޓީމުތަކުގައި ލިޔެކިޔުންތައް ހަމަކުރުމުގައި ގޮންޖެހުންތައް ހުރުމުން މިހާރު މުއްދަތު ވަނީ 17 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްދީފަ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި މުއްދަތު އިތުރުކޮށްދޭން ޖެހުނީ ކޮމިޝަނާ އޮފް ސްޕޯޓްސް ހީނާ އަހުމަދު ސަލީމް (ބޮޑުހީނާ) ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާތީ އާއި އެ ކޮމިޝަން މެދުވެރިކޮށް ކްލަބްތައް ފުރިހަމަކުރަން ޖެހޭ ކަންތައްތައް ނިންމަން ވަގުތު ދިނުމުގެ ގޮތުންނެވެ.
މި ފަހަރު ތިން ވަނަ ޑިވިޝަނުގައި ވާދަކުރާ ޓީމުތަކުން ވެސް އެފްއޭއެމް އިން ފީފާގައި ރަޖިސްޓްރީވެފައިވާ ކަނެކްޓް ސިސްޓަމަށް ގިނަ ލިޔެކިޔުންތަކެއް އަޕްލޯޑްކުރަން ޖެހެ އެވެ. އޭގެ ގިނަ ލިޔެކިޔުންތަކުގެ ސައްހަކަން ކަނޑައެޅޭނީ ކޮމިޝަނާ އޮފް ސްޕޯޓްސް އިން ބަލައިގަތުމުންނެވެ. އެ ގޮތުން ކަނެކްޓް ސިސްޓަމަށް ޓީމުތަކުން ލިޔެކިޔުން އަޕްލޯޑްކުރާއިރު 16 ކަމެއް ފުރިހަމަވާން ޖެހެ އެވެ.
އެފްއޭއެމުން ތިން ވަނަ ޑިވިޝަނުގައި ބައިވެރިވުމުގެ ފުރުސަތު ދޭން ނިންމާފައިވަނީ ފަސް ވަނަ ދުވަހުގެ ކުރިން ފޯމު ހުށަހަޅައި ލިޔެކިޔުން ފުރިހަމަކުރާ ޓީމުތަކަށެވެ. ކަނޑައެޅިފައިވާ ތާރީހަށް މިހާތަނަށް އެކި ސަބަބުތަކާ ހުރެ ޓީމުތަކުގެ ކަންތައްތައް ފުރިހަމަވެފައިނެތް ނަމަވެސް އެފްއޭއެމްގެ އަމާޒަކީ އަންނަ މަހު މުބާރާތް ފެށުމެވެ.
"ހަތަރު ދުވަހެއް ނޫނީ ހަފްތާއެއް ވަރު ލަސްވެދާނެ. އެކަމަކު އަންނަ މަހުގެ ކުރީކޮޅުގައި މުބާރާތް ފެށޭވަރުވާނެ،" ކޮމްޕެޓިޝަންސް ޑިޕާޓްމަންޑުގެ ހެޑް އިސްމާއިލް ރިޔާޒް "މިހާރު" އަށް ވިދާޅުވި އެވެ.
އެފްއޭއެމުން މިހާރު ހަމަޖައްސާފައިވާގޮތުން ތިން ވަނަ ޑިވިޝަނުގެ ޓީމުތަކަށް ކުޅުންތެރިން ރަޖިސްޓްރީކުރުން އޮތީ މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށެވެ. ތިން ވަނަ ޑިވިޝަނަށް ތައްޔާރުވުމުގެ ގޮތުން މިހާރު ވެސް ބައެއް ކްލަބްތަކުން ވަނީ ޕްރެކްޓިސްތައް ފަށައިފި އެވެ. ކޮވިޑް-19އާ ހެދި މިދިޔަ ސީޒަނުގެ ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ނުބާއްވަ އެވެ. އާންމުގޮތެއްގައި މި މުބާރާތުގައި ގިނަ އަދަދެއްގެ ޓީމުތަކެއް ބައިވެރިވީ ނަމަވެސް މި ފަަހަރު ކޮވިޑާ ހެދި އާއި މުބާރާތުގައި ބައިވެރިވުމުގެ އުސޫލުތައް ހަރުދަނާކުރުމުގެ ސަބަބުން ޓީމުތައް ކޮންމެވެސް ވަރަކަށް މަދެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy