ކިނޮޅަހުގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި އެމްޑަބްލިއުއެސްސީގެ އިސްވެރިންނާއި އިނގުރައިދޫ ދާއިރާގެ މެމްބަރު ފޮޓޯއަކަށް ހުއްޓިލައިގެން-- ފޮޓޯ: އެމްޑަބްލިއުއެސްސީ
15 ޖެނުއަރީ 2021 - 21:10
ރ. ކިނޮޅަހުގެ ފެނާއި ނަރުދަމާ ގާއިމް ކުރުމުގެ އަމަލީ މަސައްކަތް އެމްޑަބްލިއުއެސްސީން މިއަދު ފަށައިފި އެވެ.
ކިނޮޅަހުގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ފައްޓަވައިދެއްވީ އެ ކުންފުނީގެ ޗެއާމަން އަހުމަދު މައުސޫމާއި މެނޭޖިން ޑިރެކްޓަރު ހަސަން ޝާހެވެ. މި ރަސްމިއްޔާތުގައި އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
އެމްޑަބްލިއުއެސްސީން ބުނީ އެ ރަށުގެ ނަރުދަމާ ނިޒާމު ގާއިމު ކުރުމަށް ބޭނުންވާ ނަރުދަމާ ހޮޅި އާއި އެހެނިހެން ތަކެތި އެ ރަށަށް ގެންގޮސް، ނަރުދަމާ ހޮޅި ވަޅުލުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި ފެނުގެ ނިޒާމް ގާއިމް ކުރުމަށް، ފެން ޕްލާންޓް ބަހައްޓާ އިމާރާތުގެ 52 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ކިނޮޅަހުގެ ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަޝްރޫއުގެ ދަށުން 11.8 ކިލޯމީޓަރުގެ ފެންހޮޅީގެ މައި ނެޓުވޯކެއް ގާއިމް ކުރާނެ އެވެ. އަދި ދެ އާރުއޯ ޕްލާންޓާއި ދެ ތާނގި ބެހެއްޓުމަށް އާރުއޯ ފެސިލިޓީ އެއްވެސް އިމާރާތް ކުރާނެ އެވެ.
މީގެ އިތުރުން އެ ރަށުގެ ނަރުދަމާ ނިޒާމުގެ މަޝްރޫއުގެ ދަށުން 7.3 ކިލޯމީޓަރުގެ ނަރުދަމާ ނެޓްވޯކެއް ގާއިމް ކުރާނެ އެވެ. އަދި 700 މީޓަރުގެ ޕަމްޕިން ލައިން އެޅުމާއި ދެ ޕަމްޕިން ސްޓޭޝަނާއި ސީއައުޓް ފްލޯއެއް ގާއިމް ކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ކުރާނެ އެވެ.
މި މަޝްރޫއުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި އުޅަނދުތަކުގެ އިތުރުން ފެން ތަހުލީލު ކުރަން ބޭނުންވާ ސާމާނު އެމްޑަބްލިއުއެސްސީން ފޯރުކޮށްދޭނެ އެވެ.
މި މަޝްރޫއަށް 36 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެމްޑަބްލިއުއެސްސީން ލަފާ ކޮށްފައިވާއިރު 22 މަސް ދުވަހުން މި މަޝްރޫއު ނިންމާލެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy