ކުޅިވަރު / އިންގްލިޝް ޕްރިމިއާ ލީގް

ލެސްޓާ ދެ ވަނަ އަށް، ޗެލްސީ އަށް ހަމަނޭވައެއް

ލަނޑު ޖެހުމަށް ފަހު ލެސްޓާ ސިޓީގެ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

17 ޖެނުއަރީ 2021 - 09:32

ލަންޑަން (ޖެނުއަރީ 17) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ސައުތެމްޓަން 2-0 އިން ބަލިކޮށް ލެސްޓާ ސިޓީ ލީގުގެ ދެ ވަނަ އަށް ޖެހިލިއިރު، ރަށުން ބޭރުގައި ފުލަމްގެ މައްޗަށް 1-0 އިން ކުރިހޯދައި ޗެލްސީން ހަމަނޭވައެއް ލައިފި އެވެ.

ލެސްޓާ ދެ ވަނަ އަށް އެރީ 18 މެޗުން 35 ޕޮއިންޓް ހޯދައިގެންނެވެ. ކުރިން ދެ ވަނައިގައި އޮތް ލިވަޕޫލް މި ވަގުތު ތިން ވަނައިގައި އޮތީ 17 މެޗުން 33 ޕޮއިންޓާ އެކު އެވެ. ލިވަޕޫލް މިރޭ އަމިއްލަ ދަނޑުގައި އެއް ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗުން ނަތީޖާ ނުކުންނަ ގޮތަކުން މަގާމުތަކަށް ބަދަލު އަންނާނެ އެވެ. ޔުނައިޓެޑް އެއް ވަނައިގައި އޮތީ 17 މެޗުން 36 ޕޮއިންޓާ އެކު އެވެ.

ލެސްޓާ ދަނޑުގައި ރޭ ކުޅުނު މެޗަށް ސައުތެމްޓަން އިން ނުކުތްއިރު ކޮވިޑް-19ގެ ސަބަބުންނާއި އަނިޔާގެ ސަބަބުން އެ ޓީމުގެ ބައެއް މުހިއްމު ކުޅުންތެރިން ނުކުޅެ އެވެ. ފުރަތަމަ ހާފުގައި ލެސްޓާގެ ޖޭމްސް މެޑިސަން އެ ޓީމަށް ލީޑުނަގައިދިންއިރު، ދެ ވަނަ ހާފުގައި ހާވީ ބާންސް ވަނީ އިތުރު ގޯލެއް ޖަހައިފަ އެވެ. ދެ ގޯލަށް ވެސް ފުރުސަތު ތަނަވަސްކޮށްދިނީ ބެލްޖިއަމްގެ މިޑްފީލްޑަރު ޔޫރީ ޓިއެލެމަންސް އެވެ.

ލަނޑު ޖެހުމަށް ފަހު ކުޅުންތެރިން ގައިގޯޅިވެ އުފާފާޅުކުރަން ނޭދޭ ކަމަށް ބުނެ ދާދި ފަހުން އިނގިރޭސި ސިއްހީ މާހިރުން ވަނީ ޕްރިމިއާ ލީގުގެ ހެލްތު ޕްރޮޓޮކޯލް ތެރެއިން އެއަށް އަށް ބާރު އަޅައިދޭން އެދިފަ އެވެ. އެއީ ކޮވިޑް-19ގެ އާ ސްޓްރެއިންގެ ނުރައްކާ ބޮޑުވަމުން އަންނާތީވެ އެވެ. ރޭގެ މެޗުގައި ލެސްޓާ އިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރިއިރު ގައިދުރުކަމަށް އިސްކަންދީގެން އަމަލުތައް ބެހެއްޓުމުން އެކަމާ ބެހޭގޮތުން އެ ޓީމުގެ ކޯޗު ބްރެންޑަން ރޮޖާސް ބުނީ އެއީ ރޭވިގެން ކުރި ކަމެއް ނޫން ކަމަށާއި ކުޅުންތެރިން އަމިއްލަ ޒިންމާއެއް އޮތްކަމަށް ދެކިގެން ކުރި ކަމެއް ކަމަށެވެ.

ލަނޑު ޖެހުމަށް ފަހު ޗެލްސީގެ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

މެޗުގެ ބޮޑުގައި އެއް ކުޅުންތެރިއެއް މަދުކޮށް ކުޅުނު ފުލަމް އަތުން ޗެލްސީ މޮޅުކޮށްދިން ގޯލު މެޗު ނިމެން 12 މިނިޓަށް ވެފައި ހުއްޓައި ކާމިޔާބުކުރީ މޭސަން މައުންޓް އެވެ. ފުލަމްގެ ކުޅުންތެރިއަކު މަދުވީ ފުރަތަމަ ހާފުގެ ފަހު ކޮޅުގައި އެންޓޯނީ ރޮބިންސަން އަށް ރަތް ކާޑެއް ދެއްކުމުންނެވެ. މެޗުގެ ފަހު ކޮޅުގައި ޗެލްސީގެ ޓިމޯ ވާނާ އަށް ލަނޑެއް ޖަހަން ލިބުނު ހުސް ދެ ފުރުސަތުގެ ބޭނުމެއް ވެސް ނުކުރެވުނެވެ. މި ވަގުތު ފޯމު ގެއްލިފައި ހުރި ވާނާ އެންމެ ފަހުން ލީގުގައި އެ ޓީމުން ކުޅުނު 10 މެޗުގައި ވެސް ލަނޑެއް ޖެހިފައިނުވެ އެވެ.

ރޭގެ މެޗުގެ ކުރިން ޗެލްސީން ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް މޮޅެއްނުލިބެ އެވެ. ރޭގެ ނަތީޖާއާ އެކު ޗެލްސީ ލީގުގެ ހަތް ވަނައިގައި އޮތީ 18 މެޗުން 29 ޕޮއިންޓް ހޯދައިގެންނެވެ.

ޗެލްސީގެ ކޯޗު ފްރެންކް ލަމްޕާޑް ބުނީ މި މެޗުން މޮޅުވި ނަމަވެސް ހުރިހާ ކަމެއް ރަނގަޅުވީކަމަށް ދުށުމަކީ ގޯހެއް ކަަމަށާއި ކަންކަން ރަނގަޅުކުރާނަމަ ގިނަ މެޗުތަކަކުން މޮޅުވާން ޖެހޭ ކަމަށެވެ.

0 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 33%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454