ބީއެމްއެލްގެ އަހަރީ އާއްމު ޖަލްސާއެއްގައި ހިއްސާދާރަކު އެ ކުންފުނީގެ ރިޕޯޓު ކިޔާލަނީ-- ފޮޓޯ: މިހާރު
31 ޖެނުއަރީ 2021 - 13:21
ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ކުރިމަތިވި ބޮޑު ވެއްޓުމުގެ ނުބައި އަސަރު ގައުމީ ބޭންކް، ބީއެމްއެލްގެ ފައިދާއިން ބޮޑު ބައެއް ކާލައިފި އެވެ. މިދިއަ އަހަރު އެ ބޭންކަށް ފައިދާއަށް ލިބުނު 329 މިލިއަން ރުފިޔާ އަކީ، ކުރީ އަހަރަށް ވުރެ 60 ޕަސެންޓް ދަށް މިންވަރެކެވެ.
ރާއްޖޭގެ އެންމެ ބޮޑު ބޭންކަށް 2019 ގައި ފައިދާއަށް އެއް ބިލިއަން ރުފިޔާ ލިބުނު އިރު މިދިއަ އަހަރު އެހާ ބޮޑު ވެއްޓުމެއް އައުމުގެ މައިގަނޑު ސަބަބަކީ، ހަތަރު ވަނަ ކްއާޓަރުގެ ރިޕޯޓުން ދައްކާ ގޮތުގައި، ލޯނަށް ލިބެން ޖެހޭ 1.17 ބިލިއަން ރުފިޔާ ނުލިބުމެވެ.
ބީއެމްއެލް އިން ވަނީ އެ ބޭންކުން އެކި ކަންކަމަށް ލޯނު ނަގާފައިވާ އެތައް ސަތޭކަ ބަޔަކަށް ކޮވިޑާ ގުޅިގެން ނުވަ މަސް ދުވަހުގެ މޮރަޓޯރިއަމްއެއް ދީފަ އެވެ.
ބޭންކުން ދޫކުރާ ލޯނުތަކަށް ނުލިބޭ މިންވަރެއްގެ ގޮތުގައި 2019 ގައި އޮތީ 332 މިލިއަން ރުފިޔާ އެވެ. އެކަމަކު މިދިއަ އަހަރު އެއަށް ވުރެ 800 މިލިއަން ރުފިޔާ ބޮޑުވީ، ލޯނުތައް ދެއްކުން ފަސްކޮށްދޭން ކަސްޓަމަރުންނަށް ފަހިކޮށްދިން ފުރުސަތުތަކުގެ ސަބަބުންނެވެ. މިއީ ބީއެމްއެލްގެ ހަޔާތުގައި ވެސް އެހާ ގިނަ އަދަދެއްގެ ބަޔަކަށް އެ ފުރުސަތު ދޭން ޖެހުނު ފުރަތަމަ ފަހަރެވެ.
މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ބޭންކަށް ވަނީ ބޮޑު ގެއްލުމެއް ވެފަ އެވެ. ރިޕޯޓުން ދައްކާ ގޮތުގައި މިދިޔަ ކުއާޓަރުގައި 326.4 މިލިއަން ރުފިޔާގެ ގެއްލުން ކުރިމަތިވި އެވެ.
ބީއެމްއެލްގެ ސީއީއޯ ޓިމް ސޯޔާ ވިދާޅުވީ މިދިޔަ އަހަރަކީ އެ ބޭންކަށް ވެސް ނުތަނަވަސް އަހަރެއް ކަމަށެވެ. ނަމަވެސް ބޭންކަށް ގެއްލުން ވިޔަސް ރާއްޖޭގެ އިގްތިސާދު ހީނަރުވިޔަ ނުދީ ހިފެހެއްޓުމުގައި މުހިންމު ދައުރެއް އަދާކޮށްދެވިފައި ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ލޮކްޑައުންގެ މުއްދަތުގައި މެދުކެނޑުމެއް ނެތި ބޭންކިން ހިދުމަތް ފޯރުކޮށްދިނުމާއި، ލޯނުތައް އަނބުރާ ދެއްކުން ފަސްކޮށްދިނުމާއި، ވިޔަފާރިތަކަށް އެހީވުމަށް ވަކިން ކެޕިޓަލް ފައިނޭންސިން ތައާރަފް ކުރުމުގެ އިތުރުން ސަރުކާރާ ގުޅިގެން ކޮވިޑް-19 ރިކަވަރީ ސްކީމުގެ ދަށުން ބޭންކުން ވަނީ ލޯނު ދޫކޮށްފަ އެވެ. އަދި އީއައިބީ އާއި އައިއެފްސީ ފަދަ ރާއްޖޭން ބޭރުގެ އެޖެންސީތަކާ ގުޅިގެން ފައިސާގެ އެހީ ވެސް ހޯދުނެވެ،" ޓިމްގެ ބަޔާނުގައި ވިދާޅުވި އެވެ.
އޭނާ ދެން ވިދާޅުވީ ކޮވިޑްގެ ހާލަތު ބަދަލުވަމުން ދާނެ ގޮތް ނޭނގޭތީ މި އަހަރު ވެސް ދަތި ދުވަސްތަކެއް އަތުވެދާނެ ކަމަށެވެ.
"ނަމަވެސް ބޭންކް މި އޮތީ ރާއްޖެ އާއި ދިވެހި ރައްޔިތުންނާއި އިގުތިސާދަށް އެހީވުމަށް ތައްޔާރަށެވެ،" ޓިމް ވިދާޅުވި އެވެ.
ބީއެމްއެލްގެ ރިޕޯޓުން ދައްކާ ގޮތުގައި 2019އާ އަޅާބަލާއިރު މިދިޔަ އަހަރު ބޭންކުގެ އާމްދަނީއަށް ކުޑަ ދަށްވުމެއް އައުމާ އެކު ހަރަދު ވަނީ އިތުރުވެފަ އެވެ. މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި ލިބުނީ 2.6 ބިލިއަން ރުފިޔާ އެވެ. ހިންގުމުގެ ހަރަދުގެ ގޮތުގައި 569.8 މިލިއަން ރުފިޔާ ހޭދަވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސްކޭމް
01 February 2021
ފްރެކްޝަނަލް ރިސާރވް ބޭންކިން ބޭނުން ކުރާތީ ވާގޮތް ތިފެންނަނީ. މީހުން ލޯން ނގާވަރު މަދުވަންޏާ ބޭންކަށް ފައިދާ ލިބޭވަރު މަދުވާނެ. އެއްވެސް މީހަކު ލޯނު ނުނަގާ ކަމަށް ވަންޏާ ތިޔަ ބޭންކް ވުޖޫދުންވެސް ފޮހެވޭނެ. ތިޔަ ބޭންކް އަކީ ބޮޑު ސްކޭމް އެެއް. ޤާނޫނުން ހުއްދަ ކުރާ ސްކޭމްއެއް.
ބޮލި މުލައް
01 February 2021
ލޯނު ނަގާފަ ތިބި ފަރާތްތަކަށް 3 މަހާ 6 މަހާ ދެމެދު މުއްދަތެއް ލޯނު ދެއްކުން މަޑުޖައްސާލީކަމަށް ބުނެ ދަމައިގަތް އިންޓްރެސްޓް ފައިސާގަނޑު ކޮބާ؟
މީޝާންއަހްމަދު
01 February 2021
ވަރަށް ދެރަވޭ މިގައުމުގަ ކަންކަންވާގޮތުން. ކްރެޑިޓްކާޑުތައް ލިމިޓްކުރީ ވަކިބަޔަކަށް ކަމަށް އަޑުއިވޭ. އޮންލައިންކޮށް ވިޔަފާރިއާއި، ސްޓޮކްސްއާއި، ގޭމްބްލިންގް ކުރާ މީހުން ގިނަވެ ޑޮލަރު ބޭރުކުރުން ހުއްޓުވަން. މިފަދަ ފަރާތްތަކުން ވިޔަފާރި ރަޖިސްޓްރީވެސް ނުކޮށް ޓެކްސްވެސް ނުދައްކާތީ. އެއީ %99. އެކަމު އަޅުގަނޑު ތިންއަހަރުވަންދެން އޮންލައިންކޮށް ވިޔަފާރި ރަޖިސްޓްރީކޮށް ޓެކްސްދައްކާ ހެދީމަވެސް މިނުނީ އެއްފޮތަކުން.
އަލީ
01 February 2021
ކޮވިޑުގެ ސަބަބުން އާމްދަނީ އައް އަސަރުކުރި ފަރާތް ތަކައްދޭ މާލީ އެހީއައް ބެންކުން އަވަހައް އެދެންވީނުން.
ބައްޗާ
31 January 2021
ކޮބާތޯ އޮންލައިން ވިޔަފާރިތަކުން ލިބުނު ފައިދާގަނޑު. ދުލުގަ ހިފާފަ ދަމަން ނޫޅެބަލަ!
އޮނަރަބްލް އަފީފު ދީދީ
31 January 2021
ލޯނަށް ލިބެންޖެހޭ 11 ސަތޭކަ ބައްތިސީސް މިލިޔަން ރުފިޔާ ބެންކްގެ ކްލައިންޓްސް ދެއްކިނަމަ 329މ ރުފިޔާގެ ފައިދާ ބެންކަށް ލިބޭނެ ވާހަކަތޯ ތިޔަ ވިދާޅުވަނީ؟! ބެންކް ގެ ހެޑް އޮފީހުގެ އިތުރަށް މާލޭގެ މަޝްހޫރު ބޮޑުން ތަކެއްގެ އިމާރާތްތައް (ބެންކް ގޯޅީގައި ބެންކް ގެ އަމިއްލަ ޙަރަދުގައި ހެދި 10 ބުރި އިމާރާތްވެސް ހިމަނައިގެން) ކުއްޔަށް ހިފައި އެތަންތަނަށް ކުލި ދެއްކުމަށް ޙަރަދުކުރިވަރު ހާމަކުރަން ކެރިވަޑައިގަންނަވާނެތޯ؟