ލީގުގެ ފުރަތަމަ ބުރުގައި މާޒިޔާ އާއި ދަ ގްރާންޑޭ ކުުޅުނު މެޗުގެ ތެރެއިން.--
02 ފެބުރުއަރީ 2021 - 09:11
ދިރާގު ދިވެހި ޕްރިމިއާ ލީގުގެ އެންމެ ކުރީގައި އޮތް ދެ ޓީމު މިރޭގެ މެޗަށް ނުކުންނައިރު، އެއް ވަނައިގައި އޮތް މާޒިޔާގެ އަމާޒަކީ މި މެޗުން މޮޅުވެ ލީޑުފުޅާކުރުމެވެ. ދެ ވަނައިގައި އޮތް ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުން ނުކުންނާނީ ދުލެއް ނުދީ މެޗުން ކޮންމެ ވެސް އެއްޗެއް ހާސިލްކުރުމަށް ކަމަށް އެ ޓީމުން ވަނީ ބުނެފަ އެވެ.
ކޮންމެ ޓީމެއް ވެސް އަށް މެޗު ކުޅެފައިވާއިރު، ލީގުގެ އެއް ވަނައިގައި މާޒިޔާ އޮތީ 18 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ދަ ގްރާންޑޭ އަށް 15 ޕޮއިންޓް ލިބިފައިވާއިރު، މާޒިޔާ މިރޭގެ މެޗުން މޮޅުވެގެން އެއް ވަނައިގައި ހަ ޕޮއިންޓަށް ލީޑުފުޅާކުރެވޭނެ އެވެ. ދަ ގްރާންޑޭ މޮޅުވެއްޖެނަމަ އެ ޓީމަށް މާޒިޔާއާ ޕޮއިންޓުގެ ގޮތުން ހަމަކުރެވޭނެ އެވެ. އެކަމަކު ބަލިވެއްޖެނަަމަ ދަ ގްރާންޑޭ އަށް ދެ ވަނަ މަގާމު ގެއްލުމުގެ ފުރުސަތު އެބައޮތެވެ. އެއީ ތިން ވަނައިގައި އޮތް ވެލެންސިއާ މިއަދު ހަވީރު ޓީސީ އަތުން މޮޅުވެއްޖެނަމަ އެވެ.
"މި މަގާމުގައި (އެއް ވަނައިގައި) އޮންނަން އަހަރެމެން ބޭނުން. އަހަރެމެންގެ މޮޓިވޭޝަނަށް ވެސް ރަނގަޅީ އެ ގޮތް. މިއީ އަހަރެމެންނަށް ވަރަށް މުހިއްމު މެޗެއް. މި މެޗުން މޮޅުވެގެން އަހަރެމެންނަށް ބޮޑު އެޑްވާންޓޭޖެއް ނެގޭނެ. އެކަމަކު އަހަރެމެން ރަނގަޅު ކުރަން ޖެހޭ ކަންކަމަށް ބަލާއިރު ގޯލު ޖެހުނަސް އެބަޖެހޭ މެޗު ކޮންޓްރޯލް ކުރާ މިންވަރު އިތުރުކުރަން. ޑިފެންސް ވަރުގަދަވެފައި އަވަސް އެޓޭކްކުރުމަކީ އަހަރެންގެ ވިސްނުން،" ލީގުގައި މިރޭ ދަ ގްރާންޑޭއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާޒިޔާގެ ކޯޗު ސާބިއާގެ ރިސްޓޯ ވިޑަކޮވިޗް ބުންޏެވެ.
ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ވިޑަކޮވިޗް ވާހަކަދައްކަނީ.-- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު
ލީގުގައި އެންމެ ފަހުން މާޒިޔާ ކުޅުނު މެޗުން 2-1 އިން ވެލެންސިއާ އަތުން ވަނީ މޮޅުވެފަ އެވެ. ވިޑަކޮވިޗް ބުނީ ދަ ގްރާންޑޭ މެޗު ވެސް ވެގެންދާނީ ގާތްގަނޑަކަށް ވެލެންސިއާއާ ދެކޮޅަށް ކުޅުނު ވަރުގެ އުނދަގޫ މެޗަކަށް ކަމަށެވެ. މި މެޗުގެ މުހިއްމުކަން ދެ ޓީމަށް ވެސް އޮތުމުން އެއްވެސް ޓީމެއް ދުލެއް ނުދޭނެކަން ގަބޫލުކުރަން ޖެހޭ ކަމަށް ވިޑަކޮވިޗް ބުންޏެވެ.
"އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް މި މެޗުން މޮޅުވާން މަސައްކަތްކުރަން ޖެހޭ. އަހަންނަށް ޔަގީން މޮޅުވާނީ 90 މިނިޓް ވަންދެން ފޯކަސް ގެއްލުވާނުލައި މަސައްކަތްކުރާ ޓީމުކަން. އެ ގޮތަށް އަހަރެމެން ތައްޔާރު މިވަނީ،" ވިޑަކޮވިޗް ބުންޏެވެ.
ލީގުގައި މި ވަގުތު ބަލިނުވެ އޮތް ހަމައެކަނި ޓީމަކީ މާޒިޔާ އެވެ. ކޮންމެ ޓީމެއް ވެސް ފަހަކަށް އައިސް މާޒިޔާއާ ދެކޮޅަށް ކުޅެނީ ޑިފެންސް ކޮށްފައި ކައުންޓަ އެޓޭކު ސިސްޓަމަށް ކަމަށްވާއިރު، ވިޑަކޮވިޗް ބުނީ އެ ގޮތަށް އިދިކޮޅު ޓީމުތަކުން ކުޅޭކަން މާޒިޔާ ކުޅުންތެރިންނަށް ވެސް ވިސްނިފައިވާ ކަމަށާއި އޭގެ އަށް ހައްލެއް ހޯދޭނެ ކަމަށެވެ.
މާޒިޔާގައި އެއް ފެންވަރެއްގެ ގިނަ ކުޅުންތެރިންތަކެއް ތިބިއިރު، ކޮންމެ ކުޅުންތެރިއަކު ވެސް ކުޅެލަން ލިބޭ ފުރުސަތުގެ ބޭނުން ހިފުން މުހިއްމު ކަމަށް ވިޑަކޮވިޗް ދެކެ އެވެ. އަދި ގިނައިން ކުޅޭ ކުޅުންތެރިންނާއި ފުރުސަތު މަދުން ލިބޭ ކުޅުންތެރިންނަށް މެޗުތަކުގައި އެ ބޭނުންވާ ލެވަލަށް ކުޅެލަން އުނދަގޫތަކެއް ހުރެދާނެ ކަމަށާއި އެކަމަކު މީގެ މުހިއްމީ ކޮންމެ ވަގުތެއްގައި ވެސް ތައްޔާރަށް ހުރެ، ޓީމަށް ބޭނުންވާ ކޮލިޓީ ކޮންމެ ކުޅުންތެރިއަކު ވެސް ފޯރުކޮށްދިނުން ކަމަށް ވިޑަކޮވިޗް ބުންޏެވެ.
ދަ ގްރާންޑޭގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނީ ލީގު ޓޭބަލް މި ވަގުތު ކޮންމެ ގޮތަކަށް އޮތް ކަމުގައި ވިޔަސް އެ އަށް މާ ބޮޑަށް ބެލުމެއް ނެތި ދަ ގްރާންޑޭގެ އަމާޒަކަށްވާނީ މާޒިޔާއާ ދެކޮޅަށް ވީ އެންމެ ރަނގަޅު ކުޅުމެއް ދެއްކުން ކަމަށެވެ.
މާޒިޔާގައި ގައުމީ ޓީމުގެ 12 ނޫނީ 13 ވަރަކަށް ކުޅުންތެރިން އެބަތިބި ކަމަށާއި އެ ނޫން ވެސް އެކި ސަބަބުތަކަށް ބަލާއިރު އެއީ ރާއްޖޭގެ އެންމެ މޮޅު ޓީމު ކަމަށް އިންމަ ގަބޫލުކުރެ އެވެ. އެކަމަކު ފުޓްބޯޅައިގެ އުސޫލުން ބަލާކަމަށްވާނަމަ މެޗަކަށް ނުކުންނައިރު ކޮންމެ ޓީމަކަށް ވެސް ކޮންމެވެސް އެއްޗެއް ހާސިލްކުރެވޭނެ ކަމަށް އިން ބުންޏެވެ.
ދަ ގްރާންޑޭ ޕްރެކްޓިހުގެ ތެރެއިން އިންމަ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
"އަޅުގަނޑުމެން ވެސް މި މެޗަށް މި ނުކުންނަނީ ކޮންމެވެސް އެއްޗެއް ހާސިލްކުރުމަށްޓަކައި. އެ ވިސްނުމުގައި ނުކުންނާނީ. އަޅުގަނޑު ގަބޫލުކުރާގޮތުގައި ކިތަންމެ ވަރުގަދަ ޓިމަކާ ދެކޮޅަށް ކުޅުނު ކަމަށް ވިޔަސް މޮޅުވުމުގެ ކޮންމެވެސް ފުރުސަތެއް އޮންނާނެ. އަދި އެ ބަޔަކު ހިފެހެއްޓޭނެ ކޮންމެވެސް ފުރުސަތެއް އޮންނާނެ. ފުރިހަމަ އިހުތިރާމް މާޒިޔާ އަށް ދޭނަން. އަޅުގަނޑުމެންގެ ޕްލޭޔާސް (ކުޅުންތެރިން) ދަނޑުމަތީގައި މިތިބީ ގޮތް ދޫކުރާ ގޮތަކަށް ނޫން. އިރާދަކުރެއްވިއްޔާ ކޮންމެވެސް އެއްޗެއް ނަގަން ނުކުންނާނީ،" އިންމަ ބުންޏެވެ.
ލީގުގެ ފުރަތަމަ ބުރުގައި މާޒިޔާ އިން ދެ ގޯލު ޖަހާފައިވަނިކޮށް ދަ ގްރާންޑޭ އިން ވަނީ ފަހަތުން އަރައި 2-2 އިން އެއްވަރުކޮށްފަ އެވެ. މާޒިޔާގެ ކޯޗަކަށް ސީޒަން ފެށިއިރު ހުރި ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ޓީމާ ވަކިވިތާ މަދު ދުވަސް ކޮޅެއްގެ ތެރޭ ދަ ގްރާންޑޭއާ ދެކޮޅަށް ކުޅުނު މެޗުގައި މާޒިޔާގެ ހެޑް ކޯޗެއްގެ ޒިންމާ ނެގީ އެސިސްޓަންޓް ކޯޗު އަހުމަދު ސުޒެއިރު (ކޮއްކޮ) އެވެ. ވިޑަކޮވިޗް ހަވާލުވީ އެ މެޗަށް ފަހު އެވެ. ވިޑަކޮވިޗް ހަވާލުވި ފަހުން މާޒިޔާގެ ކުޅުމުގެ ވައްޓަފާޅި އަށް ބަދަލުތަކެއް އައިސްފައިވާ ކަމަށް އިންމަ ބުންޏެވެ.
"ހަމަގައިމުވެސް މާޒިޔާ ކުރިން ކުޅުނު ފުޓްބޯޅައެއް ނޫން މިހާރު އެ ކުޅެނީ. ދެން ނޭނގެ ކޯޗު އެ އިތުރު ޗޭންޖްތަކެއް ގެނެސްފާނެ. ކުރިއާ ބަލާއިރު ޓެކްޓިކަލީ ތަފާތު. ރީތި ފުޓްބޯޅައެއް ކުޅެން އެ މަސައްކަތްކުރަނީ،" މާޒިޔާ އަށް ފުރަތަމަ ޑިވިޝަނުގައި ގިނަ އަހަރުތަކެއް ވަންދެން ކޯޗުކޮށްދިން އިންމަ ބުންޏެވެ.
މާޒިޔާ އާއި ދަ ގްރާންޑޭ ކުޅޭ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy