14 ފެބުރުއަރީ 2021 - 11:25
ގައުމީ ޓީމުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުން ކޮވިޑް-19 ވެކްސިން ޖަހަން ފަށައިފި އެވެ.
ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ވެކްސިން ދޭން އިސް ނެގީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ކަމަށް "މިހާރު" އަށް އެނގިފައިވެ އެވެ. އެ ގޮތުން އޮލިމްޕިކް ކޮމިޓީން ކުޅިވަރު އެސޯސިއޭޝަންތަކާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އާ އެކު ބޭއްވި މަޝްވަރާތަކަށް ފަހު އިއްޔެ ގައުމީ ޓީމުތަކަށް ވެކްސިން ދޭން ފެށި އެވެ. އެންމެ ފުރަތަމަ ވެކްސިން ޖެހި ގައުމީ ޓީމަކީ ބެޑްމިންޓަން ގައުމީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނެވެ.
ދުނިޔޭގެ އެކި ގައުމުތަކުގައި ވެކްސިން ދިނުމުގައި އަމަލުކުރަމުން އަންނަ ގޮތަށް ބަލާއިރު ކޮވިޑް-19ގެ ވެކްސިން ޖެހުމުގެ ފުރަތަމަ މަރުހަލާގައި ވެކްސިން ދެނީ ހައި ރިސްކު މީހުންނާއި ފްރަންޓްލައިން މީހުންނަށެވެ. އެ އަށް ފަހު އެކި ދާއިރާތަކުގެ މީހުންނަށް ވެކްސިން ދޭއިރު އޭގެ ތެރޭގައި ޕްރޮފެޝަނަލްކޮށް ކުޅިވަރުތަކުގައި އުޅޭ މީހުން ގަޔަށް ވެކްސިން ޖަހަ އެވެ.
ގައުމީ ޓީމުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް ވެކްސިން ދޭން ހަމަޖެހިފައިވަނީ ބަހާލައިގެން އެކި ދުވަހު އެކި ޓީމުތަކުގެ ކުޅުންތެރިންނަށެވެ. ކުޅުންތެރިންނަށް ވީ އެންމެ އަވަހަކަށް ވެކްސިން ދިނުމުގެ އެންމެ މުހިއްމު ބޭނުމަކީ ގައުމީ ޓީމުތަކުގެ ޕްރެކްޓިސްތައް ކުރިއަށްގެންދިއުމެވެ.
ރާއްޖޭގައި އެންމެ ގިނަ ކުޅުންތެރިން ބައިވެރިވެގެން ކުޅޭ ޕްރޮފެޝަނަލް ކުޅިވަރު މުބާރާތަކީ ދިރާގު ދިވެހި ޕްރިމިއާ ލީގެވެ. އެ މުބާރާތް މި ވަގުތު މެދުކަނޑާލާފައި އޮތީ ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުންދާތީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެންމެ ފަހުން އެޅި ފިޔަވަޅުތަކަށް ބޯލެނބުމުގެ ގޮތުންނެވެ.
ފުޓްބޯޅައިގެ ފައިނަލް ގައުމީ ޓީމެއް އަދި ނުނަގަ އެވެ. އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) "މިހާރު" އަށް ވިދާޅުވީ ރަސްމީކޮށް އަދި ފައިނަލް ގައުމީ ޓީމެއް ނަގާފައި ނެތުމުން އެފްއޭއެމުން ހެލްތު މިނިސްޓްރީއާ އެކު މަޝްވަރާކޮށްފައިވާނީ ހުރިހާ ކްލަބްތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް ވެކްސިން ޖެހޭނެ ގޮތެއް ހޯދަން ކަމަށެވެ.
"ލީގު ކުރިއަށް ގޮސްގެން ގައުމީ ޓީމެއް މި ނެގެނީ. ފުޓްބޯޅައާ އެހެން ކުޅިވަރުތަކާ މި ގޮތަށް ތަފާތުވާނެ. އެހެންވީމަ މިނިސްޓްރީ (ހެލްތު މިނިސްޓްރީ)ގައި އެދިފައިވަނީ ހުރިހާ ކްލަބްތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް ވެކްސިން ޖެހޭނެ ގޮތެއް ހަދައިދޭން،" ޖަވާ ވިދާޅުވި އެވެ.
އެފްއޭއެމުން މި ފަހަރު ލީގު ފެއްޓުމުގެ ކުރިން ވަނީ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ކޮވިޑަށް ޓެސްޓްކޮށްފަ އެވެ. އަދި ލީގުގެ ދެ ވަނަ ބުރުގެ ކުޅުން ފެށުމުގެ ކުރިން ލީގުގައި ވާދަކުރާ އަށް ޓީމުގެ ތެރެއިން ބައެއް ކުޅުންތެރިން ގެނެސްގެން ރެންޑަމްކޮށް ވެސް ޓެސްޓްތަކެއް ކުރިއަށްގެންދިޔަ އެވެ. އެކަމަކު ދެ ފަހަރު ވެސް ޕޮޒިޓިވް ކޭހެއް ނުފެންނަ ކަމަށް އެފްއޭއެމުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ްއަބޫ
14 February 2021
ކެފޭތަކުގެ މީހުނަށްދެނި ކޮންއިރަކުންތޯ
ޖަނާބު
14 February 2021
އަސްލުވެސް.