ދުނިޔެ / ޔޫއޭއީ

ޕްރިންސެސް ލަތީފާގެ ވާހަކަ

17 ފެބުރުއަރީ 2021 - 19:22

4 comments

ގާތް ރަހުމަތްތެރިޔާ ޓީނާ ޖޯހައިނެންއާ އެކު ޕްރިންސެސް ލަތީފާ އޮންނެވީ، އިންޑިއާ ކަނޑުގައި ދަތުރުކުރަމުން ދިޔަ ޔޮޓެއްގެ ޑެކްމަތީގައި، ތަރިތަކަށް ބައްލަވާށެވެ. އެއީ ފެބްރުއަރީ 2018ގެ ދުވަހެކެވެ. ދުބާއީން ލަތީފާ ބޭރުކޮށް އެހެން ގައުމެއްގައި ދިރިއުޅުމެއް ފެއްޓެވޭ ގޮތް ހެދުމަކީ، ޖޯހައިނެން އާއި އެ ދަތުރު ރޭވި އެހެން ރައްޓެހިންގެ އުއްމީދެވެ.

ޕްރިންސެސް ލަތީފާ އަކީ ދުބާއީގެ ވެރިޔާ ޝެއިހު މުހައްމަދު ބިން ރާޝިދު އަލް މަހުތޫމްގެ 25 ބޭފުޅުންގެ ތެރެއިން އެއް ބޭފުޅެވެ.

އަލް މަހުތޫމްގެ ވެރިކަމުގައި ދުބާއީ ވަނީ ދުނިޔޭގެ އެންމެ މަތީ ތަރައްގީން ފުރިފައިވާ ސިޓީއަކަށް ބަދަލުކުރައްވައިފަ އެވެ. އެއީ ވިޔަފާރިވެރިންނާއި ޗުއްޓީ ހޭދަކުރާ މީހުންނަށް ހިތްގައިމު ތަނެކެވެ. ސަރަހަައްދުގެ ކުޅޭ ބިމެވެ. އެކަމަކު ދުބާއީގެ އަންހެނުންނަށް އެތަނުގެ ސަގާފަތާއި ގާނޫނުތަކުން ވަރަށް ބޮޑެތި ހުރަސްތަކެއް ހުރެ އެވެ.

"އަހަންނަށް އެއްޗެއް ދުއްވުމުގެ ހުއްދައެއް ނޯވޭ، ދުބާއީން ބޭރަށް ދާން ނުވަތަ ދަތުރުކުރާކަށް ވެސް ހުއްދައެއް ނޯވޭ،" އެފަހަރު ދުބާއީން ފިއްލެވުމުގެ ކުރިން އާންމުކުރެއްވި ވީޑިއޯއެއްގައި ޕްރިންސެސް ލަތީފާ ވިދާޅުވި އެވެ.

"ގައުމުން ބޭރަށް 2000ގެ ފަހުން އަހަރެން އެއްވެސް ދަތުރެއް ނުކުރަން. ކިޔަވަން ބޭރަށް ދާށާއި އާންމުކޮށް މީހުން ކުރާ ކަންކަން ކުރުމުގެ ހުއްދައަށް އާދޭސްކުރަމުން އަންނަތާ ކިތައްމެ ދުވަހެއް. އެ މީހުން އެ ހުއްދައެއް ނުދިން. އެހެންވެ އަހަރެން އެ މީހުން ދޫކޮށް މި ދަނީ."

މި ވީޑިއޯ ނެގީ، ޕްރިންސެސް ލަތީފާއަށް ބްރެޒިލްގެ މާޝަލް އާޓްސް ދަސްކޮށްދޭން އުޅުނު ޓީނާގެ އެޕާޓްމަންޓްގަ އެވެ. ލަތީފާ ވިދާޅުވި ގޮތުގައި ޔޫއޭއީން ބޭރަށް ވަޑައިގެންނެވިއްޖެ ނަމަ އާންމު މީހެކޭ އެއްގޮތަށް އޭނާ ބޭނުންވާ ކަންކަން ކުރެއްވޭނެ އެވެ.

ޕްރިންސެސް ލަތީފާގެ ޕާސްޕޯޓެއް ނެތެވެ. އެހެންކަމުން ދުބާއީން ފިއްލެވުމުގެ ފުރަތަމަ ބައި އޮތީ ކާރެއްގައި އޮމާންގެ އައްސޭރިފަށަށް ވަޑައިގަތުމެވެ. ޓީނާއާ އެކު އޭނާ ކާރުގައި ވަޑައިގަތެވެ. ދެން ޑިންގީ އާއި ޖެޓްސްކީގައި ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދަށް ނުކުންނަވަން އެތައް ގަޑިއިރެއް ހޭދަކުރެއްވި އެވެ. އަސްލު ދަތުރަށް ހާއްސަކުރި ޔޮޓާ ހިސާބަށް ވަޑައިގެންނެވުނީ އިރު އޮއްސެން ކައިރިވެފައި ހުއްޓަ އެވެ. އެއީ ޕްރިންސެސް ލަތީފާ ގަބޫލުކުރެއްވި ގޮތުގައި އޭނާ މިނިވަނަކަށް ވެވަޑައިގަތުމުގެ ދަތުރެވެ.

"އަހަރެން މިނިވަންވެއްޖެ،" އެހެން ރަހުމަތްތެރިޔަކަށް ލަތީފާ ފޮނުއްވި ވަޓްސްއެޕް މެސެޖެއްގައި ވިދާޅުވި އެވެ.

ރާާވާފައި އޮތީ އިންޑިއާ ކަނޑުން ދަތުރުކޮށް، ކޮންމެވެސް ގައުމަކުން އެމެރިކާއަށް ވައިގެ މަގުން ވަޑައިގަންނަވާށެވެ. އޭގެ ފަހުން އެމެރިކާގެ ސިޔާސީ ހިމާޔަތް ހޯއްދަވާށެވެ.

އެކަމަކު އޭގެ އަށް ދަވަސް ފަހުން، އިންޑިއާގެ އައްސޭރިފަށާ ކައިރިވެފައި ހުއްޓާ، ހުރިހާ ކަމެއް ގޯސްވި އެވެ. ހަތިޔާރާ އެކު ތިބި ބަޔަކު ޔޮޓަށް އެރި އެވެ. ޓީނާއާ އެކު ފިއްލަވަންވެގެން ޕްރިންސެސް ލަތީފާ ވެންނެވީ ފާހާނާއަށެވެ. އެކަމަކު ދުން ފަތުރާލާ ގްރެނޭޑްތަކުގެ ހަމަލާއާ އެކު މަޖުބޫރުވެވަޑައިގަތީ ޑެކް މައްޗަށް ނުކުންނަވާށެވެ.

"ލަތީފާ ގެންދެވީ ހަޅޭއްލަވަމުން، ތަޅުއްވަމުން. އޭނާ ވިދާޅުވި ޔޫއޭއީއަށް އޭނާ ނުގެންގޮސް އެތަނުގައި ބަޑި ޖަހާށޭ ވެސް،" ޓީނާ ބުންޏެވެ.

އޭނާއަށް ލަތީފާ ފެނުނު އެންމެ ފަހު ފަހަރަކީ އެ އެވެ.

ލަތީފާގެ އާ ވީޑިއޯތަކެއް

ޕްރިންސެސް ލަތީފާ ސިއްރުން ރެކޯޑްކުރެއްވި އެހެން ވީޑިއޯތަކެއް ބީބީސީގެ، ތަހުގީގީ ޕްރޮގްރާމް ކަމަށްވާ "ޕެނަރޯމާ"އަށް މި ފަހުން ވަނީ ލިބިފަ އެވެ. އެ ވީޑިއޯތަކުގައި، މީގެ ދެ އަހަރު ކުރިން ޔޮޓްގައި ދިމާވި ކަންކަން ތަފުސީލުކޮށް އޭނާ ކިޔައިދެއްވި އެވެ.

ޕްރިިންސެސް ލަތީފާ ވިދާޅުވި ގޮތުގައި ޔޮޓްގައި ގަދަހައްދަވަނިކޮށް މީހަކު އޭނާގެ އަތަށް ކުޑަކުޑަ ކައްޓެއް ހަރާލި އެވެ. އޭގެ ފަހުން އޭނާ ގެންދިޔައީ އިންޑިއާގެ އަސްކަރީ ބޯޓަކަށް ކަމަށް ވިދާޅުވި އެވެ.

"ކޮމާންޑޯ އިން ކޮރިޑޯއެއްގެ ތެރެއިން އަހަރެން ގެންގޮސް ބޮޑު ކޮޓަރިއަކަށް ވެއްދި. އެތަނުގައި ހަތަރެއް ނޫނީ ފަސް ޖެނެރަލުން ތިބި،" ލަތީފާ ކިޔައިދެއްވި އެވެ.

"އަހަރެންގެ ނަމަކީ ލަތީފާ އަލް މަހުތޫމް ކަމަށް ތަކުރާރުކޮށް އެ މީހުން ކައިރީ ބުނިން. އަހަރެން ދުބާއީއަށް ދާން ބޭނުމެއް ނޫނޭ، އަހަރެން ބޭނުންވަނީ ސިޔާސީ ހިމާޔަތް ހޯދާށޭ ބުނިން. އަހަރެން ދަތުރުކުރީ ބައިނަލްއަގުވާމީ ކަނޑުގައި ކަމާއި އަހަރެން ދޫކޮށްލަން އެދުނިން."

ދުބާއީން ފިއްލަވަންވެގެން ޕްރިންސެސް ލަތީފާ (ވ) އޭނާގެ ބްރެޒިލް ރަހުމަތްތެރިޔާ ޓީނާ ޖުހައިނަންއާ އެކު ކާރުގައި ވަޑައިގަންނަވަނީ

އެ ހިސާބުން އޭނާގެ ގައިގައި ހިފެހެއްޓީ ޔޫއޭއީގެ ކޮމާންޑޯއެކެވެ.

"އޭނާ އަހަރެން އުފުލައިލި. އަހަރެން ފައިން ވެސް ތަޅަމުން ދިޔައީ. އަހަންނަށް ވުރެ އޭނާ މާ ބިޔަ. އޭނާގެ އަތް ހާމައަށް އޮތް ތަން ފެނުމުން އަހަންނަށް ދަތްއެޅޭނެ އެންމެ ބާރަކަށް ދަތް އެޅިން. އޭނާ ހަޅޭއްލަވައިގަތް."

ޕްރިންސެސް ލަތީފާ ވިދާޅުވި ގޮތުގައި ދުބާއީއަށް އޭނާ ގެންދިޔައީ ހޭނައްތާލައިގެންނެވެ. ދަތުރު ނާކާމިޔާބުވުމުން އެކަމާ އޭނާ ވަރަށް ހިތާމަކުރެއްވި އެވެ. މިނިވަންކަމުގެ ތެރެއަށް ނޭވާލެއްވުމުގެ އުއްމީދުގައި އެތައް އަހަރެއް ކުރިންސުރެ ފެއްޓެވި މަސައްކަތް އެހާ ހިސާބުން ބޭކާރުވުން ގަބޫލެއް ނުކުރެއްވުނެވެ.

އޭގެ ފަހުން ޕްރިންސެސް ލަތީފާ ހުންނެވީ ބަންދުގަ އެވެ. އޭނާގެ ބަހުން ނަމަ "މުޅިން އެކަނިވެރި ބަންދެއްގަ" އެވެ.

އަހަރެން ބަންދުކޮށްފައި މި ހުރީ "ސިއްހީ ފަރުވާއެއް ނެތި، ޝަރީއަތެއް ނެތި، ދައުވާއެއް ނެތި، ހަމަ އެއްވެސް ކަމެއް ނެތި،" ޕްރިންސެސް ލަތީފާ ވިދާޅުވި އެވެ.

އުމުރުން 35 އަހަރުގެ ޕްރިންސެސް، އޭނާގެ ފަހުގެ ވީޑިއޯތައް ރެކޯޑްކުރެއްވީ ފާހާނާގައި ހުންނަވަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އަމިއްލައަށް ދޮރު ލެއްޕެވޭ ހަމައެކަނި ތަނަކީ އެ އެވެ.

"އަހަރެން މިހުރީ ރަހީނުކޮށްފައި. މި ޖަލުގައި އަޅަކަށް ހަދާފައި. އަހަރެންގެ ދިރިއުޅުން ވަނީ އަހަރެންގެ އަތަކު ނޫން،" ވީޑިއޯގައި އޭނާ ވިދާޅުވި އެވެ.

ޕްރިންސެސް ލަތީފާ ބަހައްޓާފައި ހުންނެވީ ވިލާއެއްގަ އެވެ. އެކަމަކު އޭނާގެ ބަހުން ނަމަ "މިއީ ޖަލެކެ"ވެ. ހުރިހާ ކުޑަދޮރުތަކެއް ބަންދުކޮށްފަ އެވެ. ބޭރުގައި އަބަދުވެސް ފަސް ފުލުހުން ފޯރިމަރަ އެވެ. އެތެރޭގައި އަންހެން ދެ ފުލުހަކު ތިބެ އެވެ.

"ތާޒާ ވައި ޖައްސާލަން ބޭރަށް ދާނެ ފުރުސަތެއް ވެސް ނުލިބޭ،" އޭނާ ވިދާޅުވި އެވެ.

ޕްރިންސެސް ލަތީފާގެ ދިފާއުގައި ބައިނަލްއަގުވާމީ ޖަމާއަތްތަކުން ވަނީ ތެދުވެފަ އެވެ. އދ. ވެސް ޔޫއޭއީއާ ރަސްމީކޮށް އެ ސުވާލުކޮށްފި އެވެ.

ޕްރިންސެސް ލަތީފާ ބަހައްޓާފައި ހުރީ މުއްސަނދިން އުޅޭ ހިސާބުގަނޑެއްގެ މޫދާ ކައިރީގައި ހުރި ވިލާއެއްގަ އެވެ. އެކަމަކު ހިއުމަން ރައިޓްސް ވޮޗުގެ އެގްޒެކްޓިވް ޑައިރެކްޓަރު ކެން ރޮތު ވިދާޅުވި ގޮތުގައި ފެންވަރު މަތީ ވިލާއަކަށް ވުމުން އެއީ ރަނގަޅު މާހައުލެއް ކަމަށް ބަލައިގެން ނުވާނެ އެވެ.

"މި [ކަމަނާ] އެ ހުންނެވީ ބަންދުކޮށްފައި. އެންމެ އާދައިގެ ނަޒަރަކުން ބަލަންޏާ ކުޑަ ގޮޅީގައި،" އޭނާ ވިދާޅުވި އެވެ.

ރޮތު ސިފަކުރެއްވި ގޮތުގައި އެހާ ގިނަ ދުވަހަށް ދެމިގެންދާ އެފަދަ އަމަލްތަކަކީ އަނިޔާ އެވެ.

ޕްރިންސެސް ލަތީފާގެ ވީޑިއޯތަކުން އޭނާގެ ބިރު ސާފުކޮށް އެނގެ އެވެ. އަޑުގައި ވަނީ މާޔޫސްކަމެވެ.

"އަހަރެންގެ ސަލާމަތާއި އަހަރެންގެ ހަޔާތާ މެދު ކޮންމެ ދުވަހަކު ވެސް ކަންބޮޑުވޭ. މި ހާލަތުގައި އަހަންނަށް ސަލާމަތުން ހުރެވިދާނެކަން ވެސް ހަގީގަތުގައި ނޭނގޭ،" ޕްރިންސެސް ލަތީފާ ވިދާޅުވި އެވެ.

އެޑިޓަރުގެ ނޯޓު

މިއީ ބީބީސީގެ ޖޭން މެކްމުލެން ލިއުނު ރިޕޯޓްގެ ހުލާސާ ތަރުޖަމާއެކެވެ.

4 ކޮމެންޓް, 22 ރިއެކްޝަންސް

icon happy icon happy 5%
icon sad icon sad 59%
icon angry icon angry 27%
icon wow icon wow 0%
icon inlove icon inlove 9%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަރުކާނު

18 February 2021

ތިކަމާ މުޅިދުނިޔެވެސް އުޅޭނެ. އެއީ އެއްޖިންސުން ގުޅުން ހިންގުމާއި އިސްލާމްދީނަށް ފުރައްސާރަކުރުމަކީ އދ.އާއި ހުޅަނގުގެ ޤައުމުތަކުން މަދަދާ އެހީ ދޭ ކަންކަން.

The name is already taken The name is available. Register?

ަލަތީފްބެ

18 February 2021

ލަތީފާ އަންހެނަކާ ހިތާވެގެން ފިލަން އުޅުނީމާ ވާނީ ތިހެން

The name is already taken The name is available. Register?

ތުހުމަތޭ

18 February 2021

އެއްވެސް ހަޤީގަތެއްނެތް ތުހުމަތުތަކެއް މީހެއްގެ ބޮލުގައި އަޅުވައި ބަދުނާމު ކުރުމަށް ، މޮޅު ކޮމެންޓެއް ތިޔަ ކުރަނީ، ހިގަފާނެ ފިތުނަ އަކަށް ނުބަލައި. މަޖާ ކަމެއް ނޫން. ޤިޔާމަތް ދުވަހުން ސުވާލު ކުރެވޭނެ.

The name is already taken The name is available. Register?

ޢިހްސާސް

17 February 2021

މުއްސަނދިކަމުން ޑުބާއީ ވެރިމީހާ އަންހެންދަރި ރަހީނުދޯ މިކުރަނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454