ހުސް ގޯތިތަކުގައި ގެއަޅަން ބޭނުންވާ މީހުން ހޯދަން ސަރުކާރުން 2019 ގައި އިއުލާނު ކުރުމުން ރާއްޖޭގެ ހުރިހާ އަތޮޅަކުން 6،000 އަށް ވުރެ ގިނަ މީހުން ހުށަހެޅި
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭންގައި ރައީސް މުހައްމަދު ނަޝީދު އަރިހުގައި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ބައިވެރިވަވަޑައިގަންނަވަނީ. --- ފޮޓޯ: މިހާރު
21 ފެބުރުއަރީ 2021 - 12:40
މުޅި ރާއްޖޭގައި ވެސް އެންމެ ބޮޑު އެއް މައްސަލައަކީ ބޯހިޔާވަހިކަމެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު އުފެދުނީ ތިން ގޮތަކުން އެކަމަށް ހައްލެއް ހޯދައިދޭނެ ކަމުގެ ވައުދާ އެކީގަ އެވެ. އެގޮތުން ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި 20،000 އާއިލާއަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ސަރުކާރުގެ ފަސް އަހަރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން (އެސްއޭޕީ)ގައި ވަނީ ހިމަނައިފަ އެވެ.
އެސްއޭޕީގައި ބުނެފައިވާ ގޮތުގައި ބޯހިޔާވަހިކަން ފޯރުކޮށްދޭން އޮތް ފުރަތަމަަ ގޮތަކީ އެއްމެދު އިމާރާތްތަކެއް ހަދައި ހައުސިން ޔުނިޓްތައް ދޫކުރުމެވެ. އެއީ ސީދާ ސަރުކާރުން ހަރަދުކޮށްގެން ނުވަތަ ލޯނު ނަގައިގެން ހިންގާނެ މަޝްރޫއުތަކެކެވެ. އެ ގޮތުން އަޅާ ފްލެޓްތައް ދޫކުރާނީ ދިގު މުއްދަތެއްގައި ފައިސާ ދައްކައި ޚަލާސްކުރާ ގޮތަށެވެ. އެތަންތަން ލިބޭ މީހުން ޑައުންޕޭމަންޓްގެ ގޮތުގައި ވަކިވަރެއް ދައްކަން ޖެހޭނެ އެވެ.
ދެވަަނަ ގޮތަކީ ރަށްރަށުގައި މީހުންނަށްް ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން ގެ ނޭޅި ހުރި ހުސް ގޯތިތަކުގައި ސަރުކާރުން ގެ އަޅައިދިނުމެވެ. އެއީ ވެސް ދިގު މުއްދަތެއްގައި ފައިސާ ދައްކާ ޚަލާސްކުރާ ގޮތަށް ހިންގަން ރޭވި ޕްރޮގްރާމެކެވެ. އެ މަޝްރޫއުގެ ގިނަ ތަފްސީލުތަކެއް ކުރިން ހާމަކޮށްފައި ވާއިރު، އެ މައުލޫމާތުން އެނގޭ ގޮތުގައި އެ ގެތަކަށް ވަންނަ މީހުން ޑައުންޕޭމަންޓެއް ވެސް ދައްކާކަށް ނުޖެހޭނެ އެވެ. ފައިސާ ދައްކައި ޚަލާސްކުރަން 20 އަހަރު ލިބެ އެވެ.
ހުސް ގޯތިތަކުގައި ގެއަޅަން ބޭނުންވާ މީހުން ހޯދަން ސަރުކާރުން 2019ގައި އިއުލާނު ކުރުމުން ރާއްޖޭގެ ހުރިހާ އަތޮޅަކުން ވެސް ގިނަ އަދަދެއްގެ މީހުން ފޯމް ފުރި އެވެ. ފޯމް ފުރަން ފުރަތަމަ ދިން މުހުލަތުގައި ފޯމް ނުފުރުނު މީހުންގެ ޝަކުވާއާ ހެދި މުހުލަތު އިތުރު ވެސް ކޮށްދިނެވެ.
މިދިޔަ ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމަށް ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު އަމާޒުކުރެއްވި އެއް ސުވާލު ބިނާކުރެއްވީ އެ ފޯމްތަކާ ބެހޭ ގޮތުންނެވެ.
އޭނާ އެއްސެވީ ގިނަ ބަޔަކު ފޯމު ލާފައިވާއިރު އެ މަސައްކަތާ ގުޅޭ މައުލޫމާތެއް ނުލިބި ލަސްވަނީ ކީއްވެތޯ އެވެ. އެގޮތަށް އެންމެ ފަހުން އެއްސެވީ އެ މައްސަލައާ ގުޅޭ އެހެން ސުވާލުތަކަށް އަސްލަމްގެ ސާފު ޖަވާބެއް ލިބިވަޑައިނުގަތުމުންނެވެ.
އެކަމަކު ދެން ވެސް ސާފު، ސީދާ ޖަވާބެއް ނުދެއްވައި މިނިސްޓަރު ތަފްސީލު ކޮށްދެއްވީ ރަށްރަށުގައި އެހެންް ހުރި ގެތައް އެޅިދާނެ ގޮތްތަކެއްގެ ވާހަކަ އެވެ. އެގޮތުން ރަށްރަށުން 99 އަހަރަށް ބިންތައް ކުއްޔަށް ދޫކޮށްގެން ލިބޭ ފައިސާ "ސީޑް މަނީ"ގެ ގޮތުގައި ބޭނުންކޮށްގެން، ކައުންސިލްތަކާއި ބޭންކްތަކާއި ގޯތިތަކުގެ ވެރިން އެއްބަސްވާ އެއްބަސްވުމެއްގެ ދަށުން ގެތައް އެޅިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު އެގޮތަށް ގެ އަޅަން ޝައުގުވެރިވެ، ރަނގަޅު ހުށަހެޅުމެއް ނާންނަ ކަމަށް ވެސް ވިދާޅުވި އެވެ.
ގެ އަޅަން ބޭނުންވެގެން ފޯމު ލީ ގާތްގަނޑަކަށް 6،000 މީހުން ލައްވާ ފުރުވި ފޯމްްތަކަށް ވީ ގޮތް އެ ޖަވާބުން ސާފެއް ނުވެ އެވެ.
"އެ ރަށްރަށުގައި އޭރު ފޯމްތައް ލީ ފަރާތްތަކުގެ ފޯމާ ގުޅިގެން ދެން އިތުރު އެއްވެސް ކަމެއް ކުރިއަށް ނުދާނެތޯއޭ، ދާނެތޯއޭ؟" އަސްލަމް ދެއްވި ޖަވާބުން ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ، ވަރަށް ސީދާކޮށް، ސުވާލުކުރެއްވި އެވެ.
އަސްލަމް ވިދާޅުވީ ފޯމް ފުރުވުމުގެ "އެކްސައިސައިޒް"ގައި އޮޅުންތަކެއް އަރާފައިވާކަން ގަބޫލުކުރައްވާ ކަމަށެވެ. އެ އެކްސަސައިޒްގައި ކުރި ކަމަކީ، އޭނާ ވިދާޅުވި ގޮތުގައި، "ހައުސިން ނީޑް" އޮތް ވަރެއް ބެލުމެވެ. އެއީ އެއްވެސް ހާލެއްގައި ގެއެއް އަޅައިދިނުމުގެ ޔަގީންކަން ސަރުކާރުން ދިނުން ނޫން ކަމަށް ވެސް ވިދާޅުވި އެވެ. އެވާޖ
"އެގޮތަށް އޭރު ބުނެފައި އޮތް ކަމުގައި ވިޔަސް އެކަމެއް ނުހިންގޭނެ. ޕްރެކްޓިކަލީ އިމްޕޮސިބުލް އިނގޭތޯ. ނުހިންގޭނެ ކޮންމެ ރަށެއްގައި. ހަހާސް ގެ އަޅަން އެމީހުންގެ ގެދޮރުގައި، ހަ ހާސް ގެއަށް އެބަ އޮތް ރިކްއެސްޓް އަައިސްފައި،" ކަންބޮޑުވުމާއި ހާސްކަމުގެ ރާގެއްގައި އަސްލަމް ވިދާޅުވި އެވެ.
އެގޮތަށް ޖަވާބު ދެއްވުމުން ރިޔާސަތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވިދާޅުވީ މެމްބަރުންގެ އަރިހުގައި މިނިސްޓަރުން އެ ވާހަކަ ދައްކަވާފައި އޮތީ ވަރަށް ބޮޑުކޮށްލައްވައިގެން ކަމަށެވެ. އަަދި އެގޮތަށް އެ ވާހަކަ އެތައް ތަނެއްގައި ދައްކަވާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
"އިއްޒަތްތެރި ވަޒީރު، އިއްޒަތްތެރި ބައެއް މެމްބަރުންނަށް އަޅުގަނޑަށް ހީވަނީ ދިމާވެގެން އުޅޭ މައްސަލައަކީ އެ އިއްޒަތްތެރި ބައެއް މެމްބަރުން އަރިހުގައި ބައެއް ވަޒީރު ބޭފުޅުން އޮތީ ވަރަށް ބޮޑުކޮށް މިވާހަކަ އެއްކުރައްވައިގެން ޖޯލީގަޔާއި އުނދޯލިގޭގަޔާ، [ދައްކަވާފައި]. ދެން އެބޭފުޅުން ގަބޫލުުކުރައްވައިގެން ތިއްބެވީ،" އެމަނިކުފާނު ވިދާޅުވި އެވެ.
ނަޝީދު އެ ވިދާޅުވީ ހަގީގަތުގައި ވެސް ދިމާވެގެން އުޅޭ މައްސަލަ އެވެ. ހުސްކޮށް ހުރި ގޯތިތަކުގައި ގެއަޅަން ބޭނުންވާ މީހުން ލައްވާ ފޯމް ފުރުވި އިރު ސަރުކާރުން ބުނީ އެއީ ކޮށްދޭނެ ކަމެއް ކަމަށެވެ. އެއީ ހައުސިން ނީޑް އޮތް ވަރު ބަލަން ކުރާ ސާވޭއެއް ކަމަކަށް ނުބުނެ އެވެ. ރާއްޖޭގައި ހައުސިން ނީޑް އޮތް ވަރު އެންމެ ރަނގަޅަށް އެނގޭނެ އެއް ޕާޓީއަކީ އެމްޑީޕީ އެވެ.
ރަށްރަށުގައި ގެއެއް އަޅަން ހޭދަވާ މުއްދަތާއި އެކަން ވާ ގޮތް، ކެމްޕޭން ޖަލްސާތަކުގައި ނަޝީދު ތަކުރާރުކޮށް ދައްކަވާފައިވެ އެވެ. ގެއެއް އެޅުމުގެ މަރުހަލާތައް ނިމޭއިރު އާއިލާ ވެސް އޮންނަނީ ގިނަ ފަހަރު ރޫޅިފައި ކަމަށް ވިދާޅުވެ އެ މަނިކުފާނު ތަކުރާރުކޮށް ދައްކަވާ އެ ވާހަކަފުޅު މަޖިލީހުގެ އިންތިހާބުގެ ކެމްޕޭނުގައި ވެސް ދެއްކެވި އެވެ.
އަސްލަމްގެ ޖަވާބުން ދޭހަވި ގޮތުގައި ރަށްރަށުގެ ހުސް ގޯތިތަކުގައި ގެ އެޅޭނެ އޮތީ އެންމެ ގޮތެކެވެ. އެއީ ހުސް ބިންތައް ވިއްކާލަން ކައުންސިލްތައް އެއްބަސްވުމެވެ. އެކަމަކު އެއީ ހައްލެއް ނޫނެވެ. އަދި އެއީ ސަރުކާރުން ވައުދު ވީ ގޮތެއް ވެސް ނޫނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބްރ
22 February 2021
އެެމްޑީޕީއަކީ ވައުދުވާ އަދި ވައުދު ފުއްދާބައެކޯލަ.
ވަރަށްފޫހިވޭ
22 February 2021
ކޮން އިއްޒަތްތެރި މެމްބަރެއްތަ. ރައްޔިތުންނަށް ދޮގުހަދާ ބަޔަކަށް ކޮން އިއްޒަތްތެރިއެއް ކިޔާކަށް.
ހޮޓްކިންގ
22 February 2021
ވެރިކަން ހޯދަން ކޮންމެ ރަށަކަށް އަރާފާ އެތައްބައިވަރު ވަޢުދެއްވި. ނުވިތާކަށް ކުނިންވެސް އާމްދަނީ ހޯދާ ރައްޔިތުންގެ ޖީބަށް އެޅި. ވެރިކަން ލިބުނީމާ ކަމެއް ކޮށް ނުދީ ފިލާތިބެފާ އަނެއްކާ ވެސް ވޯޓަކަށް ކައިރިވީމާ ވައުދު ގޯނި ހިފައިގެން ނިކުމެ ރައްޔިތުން ބޮލުގާ ތެތްގޯނިއަޅަން ލަދެއްވެސް ނުގަނޭދޯ. މިފަހަރު އަދި އިންޑިއާވެސް ކެންޕެއިންގައި ބައިވެރިކޮށްގެން އުޅެނީ.
ޑރފަލަޑޭ
22 February 2021
ވޯޓް ހޯދަން އަންނައްޗޭ
ޖެކީ
22 February 2021
މީ އެމްޑީޕީ ސަރުކާރެއްނޫން. ވީމާ މި ސަރުކާރުގައި އެމްޑީޕީ މެނި ފެސްޓޯއެއްވެސް ރިޔާސީ ވައުދު ތަކެއްވެސް ނުހިނގާނެ. މިސަރުކާރު ހިނގަނީ ބޮލުރޮދި ކެނޑި ފަ ހުރި ފާޑަށް . ވެރިއަކަށް ހުރީވެސް އެ ފާޑު މީހެއް. ވަށާއިގެން އުޅެނީވެސް އެދުމާއިގެން އުޅޭ ބައިގަނޑެއް.
ތާކިހާ
22 February 2021
އެއްރަށް ދައުލަތެއްގެ ސިޔާސަތެއްގާ އަތޮޅުތަކުގެ ރަށްރަށުގެ ގޯތީގައި ގެ އަޅައިދިނުމާއި ގޯތި ދޫކުރުމާއި ވަޒީ ފާ އު ފެއްދުމާ އާމްދަނީ އިތުރުވާވެ ކަންކަމެއް ނޯންނާނެ. އޮންނާނީ މަގާ ބަނދަރާ ނަރުދަމާ. އޭރުން ރަށުގަ ނޫޅެވިގެން މަޑުމަޑުން ހިޖުރަ ކުރަމުންގޮސް ފަޅުވަމުންދާނެ.
ހަސންދީ
22 February 2021
ސަރުކާރުގެ ސިޔާސަތަކީ ރިޔަލްސްޓޭޓް ވިޔަ ފާރިކުރުން ކުދިކުދި ތަންތަންކޮޅު ހަދާ އެތައް މިލިޔަން ރު ފިޔާގެ ދަރަނި ބޮލުގައި އަޅުވާ ފާ ދަރި ފަސްކޮޅަށް ދާންދެން ދަރުވާލާ ފާ މާލެ ސަރަހައްދަށް ރައްޔިތުން ޖަމާކޮށް ތޮއްޖެއްސާ އާމްދަނީ ދަމައިގަތުން. ސަރުކާރު މިހާރު ބޮޑަށް ވައްތަރީ ރިޔަލްސްޓޭޓް ކުން ފުންޏަކާ. ވީމާ ބޮޑަށް ބަލާނީ ރައްޔިތުންނަށް ގޯތި ނުދިނުން. އަދި ހުރި ގޯތި ތައްވެސް މޮޅެތި ރޮކެޓްޖަހާ އަތުލެވޭނެ ގޮތެއް ރޭވޭތޯ. މެނި ފެސްޓޯއާއި ވައުދު ބޯލާލާ ޖެހީ
އެކްޓިވިސްޓް
21 February 2021
އަސްލަމަކީ އެއްއިރެއްގައި އެމްޑީޕީ އަށް ވަފާތެރިއެއްކަމުގައިވިއަސް މިހާރުއެއީ އެމްޑީޕީ އަށް ޚާއްޞަކޮށް ރައީސް އިބްރާހީމް މުޙައްމަދު ޞޯލިހުގެ ސަރުކާރަށް ވަފާތެރިއެއްނޫން، އޭނާ ބޭނުންވަނީ ރައްޔިތުންގެ ހިތުތެރޭގައި މިސަރުކާރަށް ނަފުރަތު އުފައްދައި މިސަރުކާރު ފެއިލްކޮށްލަން، ޙަޤީގަތަކީ އޭނައަކީ މިނިސްޓަރ ކަމުގައިވިނަމަވެސް މިނިސްޓްރީ ހިންގަމުންދަނީ އޭނަކާރިއަށް ގެނެސްގެންއުޅޭ ރައީސް ޔާމީންގެ ވަފާތެރިން ބޭނުންވާގޮތަށް، ބޭކާރުމީހެއްއެއީ މިހާރު
ގަދަހަސަނު
21 February 2021
ހުސްގޯތީގާ އިންދާންވީ ބަނބުކެޔޮ!
ތުއްތޮންބެ
21 February 2021
ތިޔަބޭފުޅުން ދެފަހަރުހަމަޔައް އެކައްޗެކޭނުކިޔާނެ.