ފްރާންސްގެ ކުރީގެ ރައީސް ނިކޮލަސް ސަރުކޯޒީ. --ފޮޓޯ:ރޮއިޓާސް
02 މާޗް 2021 - 13:45
ޕެރިސް (މާޗް 2) - ކޮރަޕްޝަނުގެ ކުށުގައި ފްރާންސްގެ ކުރީގެ ރައީސް ނިކޮލަސް ސަރުކޯޒީ ތިން އަހަރަށް ޖަލަށްލާން ހުކުމްކޮށްފި އެވެ.
ތިން އަހަރުގެ ތެރޭން ދެ އަހަރު ވަނީ ސަސްޕެންޑްކޮށްފަ އެވެ. ސަރުކޯޒީގެ މައްޗަށް ސާބިތުވެފައި ވަނީ 2014 ވަނަ އަހަރު ފަނޑިޔާރަކަށް ރިޝްވަތު ދެއްވަން އުޅުއްވިކަމުގެ ކުށެވެ. ރައީސްކަމުގެ މަގާމުން ވަކިވެވަޑައިގެންނެވުމަށް ފަހު ސަރުކޯޒީ ވަނީ ކޯޓުގައި އޮތް މައްސަލައަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދީފި ނަމަ އެ ފަނޑިޔާރަށް ބޮޑު ވަޒީފާއެއް ހުށަހަޅައިފަ އެވެ. ފަނޑިޔާރާއި ސަރުކޯޒީ ފޯނުން ދެއްކެވި ވާހަކަ ފުލުހުން ވަނީ އަޑުއަހައިފަ އެވެ.
އުމުރުން 66 އަހަރުގެ ސަރުކޯޒީގެ ވަކީލް ވިދާޅުވީ ހުކުމް އިސްތިއުނާފް ކުރައްވާނެ ކަމަށެވެ. އިސްތިއުނާފް ނިމެންދެން ސަރުކޯޒީ ހުންނަވަނީ މިނިވަނެއްގެ ގޮތުގަ އެވެ. އިސްތިއުނާފް ނާކާމިޔާބުވެއްޖެ ނަމަ ސަރުކޯޒީގެ މައްޗަށް ހުކުމް ތަންފީޒް ކުރާނެ އެވެ. ފުރަތަމަ އެއް އަހަރު ގޭބަންދުގައި ހޭދަކުރައްވަން ޖެހޭނީ އިލެކްޓްރޯނިކް ޓެގެއްގަ އެވެ.
ފްރާންސްގެ ކުރީގެ ރައީސް ނިކޮލަސް ސަރުކޯޒީ އާއި އަނބިކަނބަލުން ބްރޫނީ. --ފޮޓޯ:ގެޓީ އިމޭޖަސް
ސަރުކޯޒީ ވަނީ 2007 ވަނަ އަހަރުން ފެށިގެން ފަސް އަހަރު ފްރާންސްގައި ރައީސްކަން ކުރައްވައިފަ އެވެ. ސަރުކޯޒީގެ ދައުރުގައި ވަނީ ހަރުކަށި އިމިގްރޭޝަން ސިޔާސަތުތަކެއް ކަނޑައަޅައި ދުނިޔެ އަށް ކުރިމަތިވި މާލީ ދަތިތަކުގެ ދުވަސްވަރު ފްރާންސްގެ އިގްތިސާދަށް ހެޔޮ ބަދަލުތަކެއް ގެންނަވައިފަ އެވެ. ސަރުކޯޒީ ވަނީ ސުޕަމޮޑެލް އަދި ލަވަކިޔުންތެރިޔާ ކާލާ ބްރޫނީއާ 2008 ވަނަ އަހަރު ކައިވެނި ބައްލަވައިގެންފަ އެވެ. ދެ ވަނަ ދައުރެއް ކާމިޔާބު ކުރެއްވުމަށް 2012 ވަނަ އަހަރު ސަރުކޯޒީ ކުރެއްވި މަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ. ދެހާސް ސަތާރަ ވަނަ އަހަރު ސަރުކޯޒީ ވަނީ އަލުން ވެރިކަމަށް ވަޑައިގަތުމަށް މަސައްކަތް ކުރައްވައިފަ އެވެ. ނަމަވެސް ޕާޓީން އިޚްތިޔާރު ކުރީ އެހެން ރިޔާސީ ކެންޑިޑޭޓެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy