ދިވެހި ކުޅިވަރު

އޮލިމްޕިކްސް އަށް ރާއްޖޭން އެތުލީޓުން ޝޯޓްލިސްޓްކޮށްފި

2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ބޭއްވި ސައުތު އޭޝިއަން ގޭމްސްގެ ތެރެއިން ސާއިދު ރާއްޖޭގެ ދިދަ ހިފައިގެން.-- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

03 މާޗް 2021 - 12:37

މި އަހަރުގެ ޓޯކިޔޯ އޮލިމްޕިކްސް އަށް ރާއްޖޭން ހަ އެތުލީޓަކު ޝޯޓްލިސްޓުކޮށްފި އެވެ.

އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ޝޯޓްލިސްޓްކުރި އެތުލީޓުންގެ ތެރޭގައި ހިމެނެނީ ތން ފިރިހެން ދުވުންތެރިންނާއި ތިން އަންހެން ދުވުންތެރިންނެވެ. ފިރިހެން ދުވުންތެރިންނަކީ ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު، އަހުމަދު ނަޖްދާން އަބްދުﷲ އަދި އިބާދުﷲ އާދަމް އެވެ. އަންހެން އެތުލީޓުންނަކީ އައިޝަތު ހިމްނާ ހަސަން، އައިޝަތު ޝަބާ ސަލީމް އަދި މަރިޔަމް ރޫޔާ އަލީ އެވެ.

ހިމްނާ ނޫން ހުރިހާ ދުވުންތެރިންގެ ނަން ހިމަނާފައިވަނީ 100 މީޓަރުގެ ރޭހުގަ އެވެ. ހިމްނާ ހިމަނާފައިވަނީ 400 މީޓަރު ރޭހުގަ އެވެ. ޝޯޓް ލިސްޓުގެ ތެރެއިން އޮލިމްޕިކްސް އަށް ހޮވޭ އެތުލީޓުން ކަނޑައަޅާނީ ފަހުންނެވެ.

ހިމްނާއަކީ މިހާރު ރާއްޖޭގެ 400 މީޓަރުގެ އަންހެން ގައުމީ ރެކޯޑް އޮތް ދުވުންތެރިޔާ އެވެ. އެ އިވެންޓް 59.18 ސިކުންތުން ނިންމައިގެން އޭނާ ރެކޯޑް ހެދީ 2019 ގައި އޮތް އޭޝިއަން ޔޫތު ޗެމްޕިއަންޝިޕްގަ އެވެ.

މި ފަހަރުގެ އޮލިމްޕިކްސް އަކީ މިދިޔަ އަހަރު ބާއްވަން ތާވަލުކުރި މުބާރާތެކެވެ. އެކަމަކު ކޮވިޑް-19ގެ ސަބަބުން މި އަހަރަށް އޮލިމްޕިކްސް ފަސްކުރަން ނިންމީ އެވެ. މި ފަހަރުގެ އޮލިމްޕިކްސް އޮންނާނީ ޖުލައި 23 އިން އޮގަސްޓް އަށް ވަނަ ދުވަހުގެ ނިޔަލަށެވެ.

Athletics Association of Maldives short listed 3 Male athletes and 3 Female athletes for TOKYO 2020 Olympics

Posted by Athletics Association of Maldives on Monday, 1 March 2021

އޮލިމްޕިކްސް އަށް ޝޯޓްލިސްޓުކުރި އެތުލީޓުން.

އެންމެ ފަހުން ބްރެޒިލްގެ ރިއޯގައި 2016 ވަނަ އަހަރު ބޭއްވި އޮލިމްޕިކްސްގައި ރާއްޖޭގެ ފަރާތުން ވާދަކުރީ ސާއިދުގެ އިތުރުން އުއްމީދީ ދުވުންތެރިޔާ އަފާ އިސްމާއިލް އެވެ. އެ ދެ ދުވުންތެރިންނަށް ފުރުސަތު ލިބުނީ އޮލިމްޕިކްސް އަށް ކޮލިފައިނުވާ ގައުމުތަކަށް އެތުލެޓިކްސް އިން ދޭ ހާއްސަ ދެ ޖާގައިގެ ތެރެއިންނެވެ.

ރިއޯ އޮލިމްޕިކްސްގެ 100 މީޓަރު ދުވުމުގެ ފުރަތަމަ ބުރުގައި ވާދަކޮށް ރާއްޖޭގެ އެންމެ ކާމިޔާބު އެތުލީޓު ކަމަށްވާ ސާއިދު ސެމީ ފައިނަލަށް ނުހޮވުނު ނަމަވެސް އޭނާ ގޭމްސް ނިންމާލީ ތާރީހުން ޖާގަ ހޯދުމަށް ފަހު އެވެ. ސާއިދު ފުރަތަމަ ބުރުން ޖާގަ ހޯދީ، ޕްރިލިމިނަރީ ބުރުން އެއް ވަނަ ހޯދައިގެންނެވެ. އެ ބުރުގައި ވާދަކުރި 22 ދުވުންތެރިންގެ ސާއިދު އެއްް ވަނަ ހޯދީ 10.43 ސިކުންތުން ރޭސް ނިންމައިގެންނެވެ. އޭނާ އަކީ އޮލިމްޕިކްސްގެ، ބުރެއްގެ އެއް ވަނަ ހޯދި ރާއްޖޭގެ ފުރަތަމަ ކުޅިވަރު ކުޅުންތެރިޔާ އެވެ.

ސާއިދަކީ އެ ފަހަރުގެ އޮލިމްޕިކްސްގެ ޕްރިލިމަރީ ބުރު ފަހަނައަޅައި ދިޔަ ދެކުނު އޭޝިއާގެ ހަމައެކަނި އެތުލީޓެވެ. އަދި ސާއިދު ވެފައިވަނީ ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު ގޭމްސްގެ ޕްރިލިމިނަރީ ބުރެއް ފަހަނައަޅައި ދިޔަ ދިވެހި ދެ ވަނަ އެތުލީޓަށެވެ. އެ ޝަރަފް މީގެ ކުރިން ހޯދާފައިވަނީ، 2012 ވަނަ އަހަރުގެ ލަންޑަން އޮލިމްޕިކްސްގެ ފުރަތަމަ ބުރުން ޖާގަ ހޯދި އަޒްނީމް އަހުމަދު (އައްޒަ) އެވެ. އެހެންކަމުން، ކެރިއަރުގެ ފުރަތަމަ އޮލިމްޕިކްސްގެ ތަޖުރިބާ ސާއިދަށް ކާމިޔާބެވެ.

0 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 0%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 33%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454