ދުނިޔޭގެ ކުޅިވަރު

މޮޓްސެޕޭއާ އެކު އެފްރިކާ ފުޓްބޯޅަ އަށް އުއްމީދެއް

އެފްރިކާގެ ފުޓްބޯޅަ ރައީސް މޮޓްސެޕޭ.-- ފޮޓޯ: އޭއެފްޕީ

14 މާޗް 2021 - 09:17

ރަބަތު، މޮރޮކޯ (މާޗް 14) - މިދިޔަ ހުކުރު ދުވަހު ބޭއްވި އެފްރިކާ ފުޓްބޯޅަ ފެޑެރޭޝަން (ސީއޭއެފް)ގެ ރައީސަކު ހޮވުމުގެ އިންތިހާބު ކާމިޔާބުކުރެއްވި ދެކުނު އެފްރިކާގެ ބިލިއަނަރު ޕެޓްރީސް މޮޓްސެޕޭގެ އަމާޒަކީ އެ ބައްރުގެ ފުޓްބޯޅަ ފުދުންތެރިކަމާ އެކު ކުރިއަށްގެންދިއުން ކަމަށް ވިދާޅުވެއްޖެ އެވެ.

އިންތިހާބުގައި މޮޓްސެޕޭ އެކަނި ވާދަކުރެއްވި ނަމަވެސް މީގެ ތިން ހަފްތާއެއް ކުރިން އިތުރު ދެ ކެންޑިޑޭޓަކު ވެސް ރައީސްކަމަށް ކެމްޕެއިން ކުރި އެވެ. އެކަމަކު ފީފާ މެދުވެރިވެގެން ބޭއްވުނު މަޝްވަރާތަކަށް ފަހު މޮޓްސެޕޭ ނޫން ދެން ތިބި ދެ ކެންޑިޑޭޓުން ކަމަށްވާ އައިވަރީ ކޯސްޓުގެ ޔަކުއެސް އަނޯމާ އާއި މޮރިޝަސްގެ އަހުމަދު ޔަހުޔާ ވަނީ ރައީސްކަމަށް ވާދަނުކުރައްވަން ނިންމަައިފަ އެވެ. މޮޓްސެޕޭގެ ލީޑަަޝިޕުގައި އިސް ދައުރެއް އަދާކުރުމުގެ އަމާޒުގައި ޔަހުޔާ އާއި އަނޯމާ ވަނީ ވައިސް ޕްރެޒިޑެންޓްސްގެ މަގާމަށް އިންތިހާބުކޮށްފަ އެވެ.

ފީފާ އިން ސީއޭއެފްގެ އިންތިހާބަށް ނުފޫޒުފޯރުވައި މޮޓްސެޕޭ ހޮވަން މަސައްކަތްކުރި ކަމަށް ދެކެވޭ ވާހަކަތަކާ ގުޅޭގޮތުން އޭނާ ވިދާޅުވީ ކޮންމެ އިންތިހާބަކަށް ފަހު ވެސް އެކި ވާހަކަތައް ދެކެވޭނެ ކަމަށާއި އޭނާގެ ވިސްނުމަކީ ކުރަން ހުރި މަސައްކަތްތައް އަވަހަށް ފެށުން ކަމަށެވެ.

"އެފްރިކާގެ ކޮންމެ މެމްބަރު ގައުމެއްގެ ފުޓްބޯޅަ ރައީސަށް އެބައޮތް ޒިންމާއެއް. އަހަރެމެން އެކުގައި ތިބެގެން އެފްރިކާ ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންދެވިދާނެ. އަހަރެމެން މަސައްކަތްކޮށްގެން ޔޫރަޕަށް މި ދާ ހުނަރުވެރި އެފްރިކާގެ ކުޅުންތެރިންނަށް އެހެން ގޮތްތަކެއް ހޯދައިދެވިދާނެ،" މޮޓްސެޕޭ ވިދާޅުވި އެވެ.

މޮޓްސެޕޭ (ކ) އާއި ފީފާގެ ރައީސް އިންފަންޓީނޯ (ވ).-- ފޮޓޯ: އޭއެފްޕީ

"ފައިސާ ޙޯދައި ވަރުގަދަ ލީގެއް ބާއްވައި. ކުޅުންތެރިންނަށް އެކަށޭނެ މުސާރަތަކެއް ދީގެން އެފްރިކާ ފުޓްބޯޅަ ކުރިއެރުވޭނެ. އަހަރެން މި ހުރީ ހުރިހާ ބައިވެރިން (މެމްބަރު ގައުމުތައް) ގޮވައިގެން އެ މަސައްކަތްކުރަން ތައްޔާރަށް،"

އެފްރިކާގެ ނުވަ ވަނަ އަށް އެންމެ މުއްސަނދި މީހާ ކަމަށް ފޯބްސް މެގަޒިންގެ ލިސްޓުގައިވާ މޮޓްސެޕޭގެ އަނެއް އަމާޒަކީ ބައިނަލްއަގުވާމީ މުބާރާތްތަކުގައި އެފްރިކާގެ ޓީމުތަކުގެ ނަތީޖާ ރަނގަޅު ކުރުމެވެ. އެންމެ ފަހުން 2018 ވަަނަ އަހަރު ރަޝިއާގައި ބޭއްވި ފީފާ ވޯލްޑް ކަޕްގައި އެފްރިކާގެ ޓީމުތައް ކެޓީ ގްރޫޕް ސްޓޭޖުންނެވެ.

"އަަހަރެމެންގެ ކުޅުންތެރިންނަށް އިހުތިރާމް ލިބޭ. އެއީ އެ މީހުން ޔޫރަޕްގެ ކްލަބްތަކުގައި އެ ހޯދާ ކާމިޔާބީ އިން. އަހަރެމެންގެ ގައުމީ ޓީމުތަކަށް އެ އިހުތިރާމް ލިބޭނީ އަހަރެމެން މުބާރާތްތަކުގައި ކާމިޔާބު ހޯދައިގެން. އެ މަސައްކަތް ކުރަންވީ،" މޮޓްސެޕޭ ވިދާޅުވި އެވެ.

މޮޓްސެޕޭ އަށް އިންތިހާބު ކާމިޔާބުކޮށްދޭން ފީފާ އިން މަސައްކަތްކުރި ކަމަށް ބުނެ މީޑިއާގައި ދެކެވޭ ވާހަަކަތަކަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވެސް ވަނީ ޖަވާބު ދެއްވައިފަ އެވެ. އިންފަންޓީނޯ ވިދާޅުވީ ފުޓްބޯޅައިގެ މަސްލަހަތު ހިމާޔަތްކޮށް އެންމެ ރަނގަޅު އުސޫލުގެ ތެރެއިން ކަންކަން ކުރިއަށްގެންދަން ފީފާ އިން އަބަދުވެސް ބާރު އަޅާނެ ކަމަށާއި އެ އުސޫލުން އެފްރިކާ ފުޓްބޯޅަ އަށް ވެސް ކަންތައްތަކެއް ކޮށްދެވުމުން އެ ހިތްހަމަ ޖެހުން އެބައޮތް ކަމަށެވެ.

އިންފަންޓީނޯ ވިދާޅުވީ މޮޓްސެޕޭއާ އެކު އެފްރިކާ ފުޓްބޯޅަ ދާނީ ރަނގަޅު މިސްރާބަކަށް ކަމަށާއި ފީފާގެ އެއްބާރުލުން ފުރިހަމަ އަށް ލިބޭނެ ކަމަށެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454