ލައިފްސްޓައިލް / ކޮވިޑް ވެކްސިން

އޮކްސްފޯޑް-އެސްޓްރަޒެނެކާ ވެކްސިން ރައްކާތެރި، ލޭގަނޑުވުމާ ގުޅުމެއް ނެތް: އީޔޫ

އޮކްސްފޯޑް-އެސްޓްރާޒެނެކާ އިން އިންޑިއާގައި "ކޮވިޝީލްޑް"ގެ ނަމުގައި އުފައްދާ ކޮވިޑް ވެކްސިންގެ ފުޅިއެއް ދައްކާލަނީ. -- ފޮޓޯ: މިހާރު

19 މާޗް 2021 - 00:17

އޮކްސްފޯޑް-އެސްޓްރާޒެނެކާގެ ކޮވިޑް ވެކްސިނުން ލޭ ގަނޑުވުމުގެ މައްސަލަ ކުރިމަތިވާ ކަމަށް ބެލެވިގެން އެ ވެކްސިން ދިނުން ޔޫރަޕްގެ އިއްތިހާދުގެ 13 ސްޓޭޓަކުން މެދުކަނޑާލާފައި ވަނިކޮށް ވެކްސިންގެ ރައްކާތެރިކަން ޔޫރަޕިއަން މެޑިސިންސް އޭޖެންސީ (އީއެމްއޭ) އިން އަލުން ކަށަވަރުކޮށްދީފި އެވެ.

އީއެމްއޭ އިން ބުނީ އޮކްސްފޯޑް-އެސްޓްރާޒެނެކާ ވެކްސިނާ ހަށިގަނޑުގައި ލޭ ގަނޑުވުމުގެ މައްސަލައާ ގުޅުމެއް ހުރިކަން ހޯދުންތަކުން ނުދައްކާ ކަމަށެވެ.

އޮކްސްފޯޑް-އެސްޓްރާޒެނެކާގެ ރައްކާތެރިކަމާ މެދު ސުވާލު އުފައްދައި އެ ވެކްސިން ދިނުން ޔޫރަޕްގެ އެތައް ގައުމަކުން ހުއްޓާލީ ލޭ ގަނޑުވުމުގެ ނުރައްކާ އިތުރުވާ ކަމަށް ބެލެވިގެން ނަމަވެސް މި ނިންމުން އައިސްފައިވަނީ ވެކްސިން އުފައްދާ ކުންފުނިން ޔޫރަޕްގެ ގައުމުތަކަށް ބޭނުންވާ ވަރަށް ވެކްސިން ސަޕްލައިކޮށްނުދޭ މައްސަލާގައި ގުޅުން ގޯސްވި ފަހުންނެވެ. އެހެންވެ މިއީ ވެކްސިނުގެ ރައްކާތެރިކަމާ މެދު އޮތް ސުވާލަކަށް ވުރެ ސިޔާސީ ނިންމުންތަކެއް ކަމަށް ބައެއް ފަރާތްތަކުން ސިފަކޮށްފައިވެ އެވެ.

ވެކްސިން ރައްކާތެރިކަމަށް އީއެމްއޭ އިން ނިންމުމާ އެކު އިޓަލީން ވަނީ އަލުން ވެކްސިން ދޭން ފަށާނެ ކަމަށް އިއުލާނުކޮށްފަ އެވެ. އެކަމަކު ސްވިޑެން އިން ބުނީ ގޮތެއް ނިންމަން އަދި ދެތިން ދުވަސް ހޭދަވާނެ ކަމަށެވެ.

އީއެމްއޭ އިން ވެކްސިނާ މެދު ކޮންމެ ގޮތަކަށް ނިންމި ކަމުގައި ވިޔަސް އީޔޫގެ ކޮންމެ ގައުމަކަށް ވެސް އެ ގައުމެއްގެ އަމިއްލަ ނިންމުންތައް ނިންމޭނެ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔު.އެޗް.އޯ) އިން ވެސް ބުރާސްފަތި ދުވަހު ވަނީ ޔޫރަޕްގެ ގައުމުތަކުގައި އޮކްސްފޯޑް-އެސްޓްރަޒެނެކާ ވެކްސިން ޖެހުން ކުރިއަށް ގެންދަން އެދިފަ އެވެ. ސުވާލު އުފައްދާފައި ވަނީ ޑަބްލިޔު.އެޗް.އޯ ޢިން ވެސް އަންނަނީ ވެކްސިންގެ ރައްކާތެރިކަން ކަށަވަރުކުރަން ރިވިއުއެއް ހަދަމުންނެވެ. މި ރިވިއުގެ ނަތީޖާ ހުކުރު ދުވަހު ނެރޭނެ އެވެ.

އީއެމްއޭ އިން ވެކްސިންގެ ރައްކާތެރިކަން ކަށަވަރުކުރަން ރިވިއުއެއް ހެދީ ބައެއް ގައުމުތަކުގައި ވެކްސިން ދިން މަދު ބައެއްގެ ހަށިގަނޑުގައި ލޭ ގަނޑުވުމުގެ މައްސަލަތަކެއް ދިމާވުމުންނެވެ. އަދި ހާއްސަކޮށް ސިކުނޑީގެ ތެރޭގައި ލޭ ގަނޑުވުމުގެ މައްސަލަ އެވެ.

މިކަން ބެލުމަށް ފަހު އީއެމްއޭގެ އެގެޒެކަޓިވް ޑިރެކްޓަރު އިމާ ކޫކް ނިއުސް ބްރީފިންގައި ވިދާޅުވީ "މިއީ ރައްކާތެރި އަދި ބައްޔާ ދެކޮޅަށް މަސައްކަތްކުރާ ވެކްސިނެއް" ކަމަށެވެ.

"ކޮވިޑް-19ގެ ސަބަބުން މަރުވުމާއި ހޮސްޕިޓަލުގައި އެޑްމިޓްކުރަންޖެހޭ ހާލަތަށް މީހާ ބަލިވުމުގެ ނުރައްކާ ކުޑަކޮށްދޭ މިންވަރަށް ބަލާއިރު މި ވެކްސިންގައި ބޮޑީ ފައިދާ،" އޭނާ ވިދާޅުވި އެވެ.

އީއެމްއޭގެ ތަޖުރިބާކާރުންގެ ރިޕޯޓާ ހަވާލާދެއްވައި އިމާ ވިދާޅުވީ ވެކްސިންގެ ސަބަބުން ލޭ ގަނޑުވުމުގެ ނުރައްކާ އިތުރުވާ ކަމަށް ބެލެވޭނެ ކަމެއް ނެތް ކަމަށެވެ. ވެކްސިން ދިން މީހުންގެ ތެރެއިން ލޭ ގަނޑުވުމުގެ މައްސަލަ ދިމާވީ ވަރަށް މަދު ބަޔަކަށް ކަމަށާއި އެކަމަކު އެކަން ދިމާވީ ވަރަށް ނުރައްކާ ބޮޑުކޮށް ކަމަށް ރިޕޯޓްގައިވެ އެވެ. އެކަމަކު މިކަމާ ވެކްސިނާ ގުޅުން ނެތް ގޮތް ކަނޑައެޅިގެން ބަޔާންކުރެވޭ ވަރު ނުވާކަން އެމާ ފާހަގަކުރެއްވި އެވެ.

ތަޖުރިބާކާރުން ލަފާ ދެއްވީ ލޭ ގަނޑުވުމަކީ ވަރަށް ނާދިރު ހާލަތެއްގައި ދިމާވެދާނެ ކަމެއްކަން ވެކްސިންގެ މައުލޫމާތުގައި ހިމެނުމާ އެކު އެކަމަށް ހޭލުންތެރިކަން އުފެއްދުމަށެވެ.

އެމާ ވިދާޅުވީ ވެކްސިންގެ ފައިދާ މާ ބޮޑު ކަމަށާއި ނުރައްކާ އޮތް މިންވަރު ވަރަށް ކުޑަ ކަމަށެވެ. އޭނާ ވިދާޅުވީ "މާދަމާ ވެސް މި ހުރީ ވެކްސިން ޖަހަން ތައްޔާރަށް" ކަމަށެވެ.

0 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 43%
icon sad icon sad 0%
icon angry icon angry 57%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454