ކުޅިވަރު / ކްލަބް ވެލެންސިއާ

ވެލެންސިއާ ވަރުގަދަ ވިޔަސް ގްރީން މެޗު އުނދަގޫވާނެ: އާތީ

ވެލެންސިއާގެ ކޯޗު މުހައްމަދު އާތިފް (އާތީ) ލީގުގެ މެޗެއްގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

29 މާޗް 2021 - 08:15

2 comments

ދެ މަހެއްހާ ދުވަހުގެ މެދުކެނޑުމަށް ފަހު ކްލަބް ވެލެންސިއާ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ މެޗަކަށް ނުކުންނައިރު، އެ ޓީމު މިހާރު ކުރިއަށް ވުރެން ވަރުގަދަވާނެ ކަމަށާއި އެކަމަކު މިރޭ ކްލަބް ގްރީން ސްޓްރީޓްސް މެޗު ވަރަށް އުނދަގޫވާނެ ކަމަށް ވެލެންސިއާގެ ކޯޗު މުހައްމަދު އާތިފް (އާތީ) ބުނެފި އެވެ.

ވަރުގަދަ ސްކޮޑަކާ އެކީ މި ސީޒަން ފެށި ވެލެންސިއާ އިން ވަނީ މި މަހު ކުރިއަށްދިޔަ ޓްރާންސްފާ މާކެޓްގައި ބިދޭސީ ދެ ކުޅުންތެރިން ޓީމުގައި ހިމަނައިފަ އެވެ. އެއީ ބްރެޒިލްގައި 2014 ވަނަ އަހަރު ބޭއްވި ފީފާ ވޯލްޑް ކަޕްގައި އީރާން ގައުމީ ޓީމަށް ކުޅުނު ޑިފެންޑަރު މެހެރްދާދް ޕުލަދީ އާއި ސްޕެއިނުގެ ގިނަ ކްލަބްތަކާއި ފިންލެންޑް ފުރަތަމަ ޑިވިޝަން ކްލަބް އެފްސީ ހޮންކާ އަށް ކުޅެފައިވާ އެޓޭކިން މިޑްފީލްޑަރު ބޯހަސް މާޓިން އެވެ.

އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އާތީ ބުނީ ބިދޭސީ ދެ ކުޅުންތެރިންނާ އެކު ވެލެންސިއާ އިތުރަށް ވަރުގަދަވާނެ ކަމަށާއި ކުރިން ވެލެންސިއާ ހުރި ވަރަށް ވުރެން މިހާރު ފިޓްނަސް ލެވަލް ރަނގަޅުވާނެ ކަމަށް ގަބޫލުކުރާކަމަށެވެ. އެއީ ކުޅުންތެރިންނާއި ކޯޗިން ސްޓާފުން އެކުވެގެން އެ ކުރި މަސައްކަތް ރަނގަޅުވުމުންކަން އާތީ ފާހަގަކުރި އެވެ.

އާތީ ބުނީ ފިޓްނަސް ރަނގަޅުވި ކަމަށް ވިޔަސް ލީގުގައި ކުޅޭ އެހެން ޓީމުތަކަށް ވެސް ކުރިމަތިވާނެ މައްސަލައެއް ވެލެންސިއާ އަށް ވެސް ދިމާވާނެ ކަމަށެވެ. އެއީ ޕްރެކްޓިސް މެޗުތަކެއް ވެސް ކުޅެލަން ނުލިބި ސީދާ މެޗަށް ދާން ޖެހުމުން އެ ހުރި އުނދަގޫތަކެވެ.

"އަޅުގަނޑުމެންގެ އިތުރުން ހުރިހާ ޓީމަކަށް ވެސް މީތި ލެކްވާނެ. ޕްރެކްޓިސް މެޗުތަކެއް ނުކުޅެ ހުސް ޕްރެކްޓިސް ކޮށްފައި އައިސް މެޗެއް ކުޅުމުން ޓީމުގެ ސްޓްރެންތު އަޅުގަނޑުމެންނަކަށް އަނެއްހެން އަންދާޒާއެއް ނުކުރެވޭނެ،" އާތީ ބުންޏެވެ.

ލީގުގެ ފުރަތަމަ ބުރުގައި ވެލެންސިއާ ވަނީ 1-0 އިން ގްރީން ސްޓްރީޓްސް ބަލިކޮށްފަ އެވެ. އާތީ ބުނީ މި މިރޭގެ މެޗަށް ނުކުންނައިރު، ގްރީން ސްޓްރީޓްސް އަށް އޮތް ހިތްހަމަޖެހުމަކީ ލީގުގައި މިއައި މެދުކެނޑުމަށް ފަހު މިދިޔަ ހުކުރު ދުވަހުގެރޭ މެޗެއް ކުޅެވުން ކަމަށެވެ. ގްރީން ސްޓްރީޓްސް ވަނީ ހުކުރު ދުވަހުގެރޭ 1-0 އިން ޔުނައިޓެޑް ވިކްޓްރީ ބަލިކޮށްފަ އެވެ.

"ކޮންމެ ގޮތެއް ވިޔަސް ގްރީން ސްޓްރީޓްސް އެއް މެޗު ކުޅެފައި އޮތުން އެއީ އެ މީހުންގެ ކޮންފިޑެންސަށް ރަނގަޅެއް. އެ މީހުންގެ ޓީމު އެސެސް ކޮށްލަން ވަރަށް ރަނގަޅު ފުރުސަތެއް އަމިއްލަ އަށް ވެސް. އަޅުގަނޑުމެން ޓީމުގައި މި ތިބީ މެޗެއް ނުކުޅެ އައިސް އެރިޔަސް ކަމެއް ނުކުރެވޭވަރުގެ ކުޅުންެތެރިންނެއް ނޫން. މެޗު ކޮންޓްރޯލް ކުރަން އެނގޭވަރުގެ ސީނިއާ ޕްލޭޔަރުންތަކެއް. އެކަން އެ ޕްލޭޔަރުން ކުރާނެ ކަމަށް އުއްމީދުކުރަން،" އާތީ ބުންޏެވެ. "އިރާދަކުރެއްވިއްޔާ ވެލެންސިއާ މޮޅުވެގެން ފައިބާނީ."

އޭނާ ބުނީ ގްރީން ސްޓްރީޓްސްގެ ކުރިއަށް ކުޅޭ އަންސަރު އިބްރާހިމް (އަންކޮ) އާއި ހަސަން ނަޒީމް ގާސިމް (ޗޯޓު) އަކީ ވަރަށް ހުނަރުވެރި ކުޅުންތެރިން ކަމަށާއި އޭގެ އިތުރުން ވެސް ގްރީން ސްޓްރީޓްސްގައި ގިނައިން ތިބީ ޒުވާން މޮޅުވުމުގެ ރޫހުގައި ކުޅޭ ކުޅުންތެރިން ކަމަށެވެ.

ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ނިސްތާރު މުހައްމަދު ބުނީ އޭނާގެ ޓީމުން މެޗެއް ކުޅެފައި އޮތުމަކީ އެޑްވާންޓޭޖެއް ކަމަށް ގަބޫލުކުރެވެން ނެތް ސަބަބުތަކެއް ވެސް އެބަހުރި ކަމަށެވެ. އެއީ އެހާ ދުވަހު ނުކުޅެހުރެފައި މެޗެއް ކުޅެފައި ދެ ދުވަސްކޮށްފައި އަނެއްކާ މެޗެއް ކުޅެން ޖެހުމަކީ ފަސޭހަވާނެ ކަމެއް ނޫންކަން ނިސްތާރު ފާހަގަކުރި އެވެ.

"އެހެންވީމަ ކޮންމެ ވެސް ވަރަކަށް ޕްލޭޔަރުން ރޮޓޭޓް ވެސް ކުރަންޖެހޭނެ. އެހެންވީމަ ނުދެކެން އެއީ އެޑްވާންޓޭޖެއްގެ ގޮތުގައި. އަނެއްކާ ރޮޓޭޓް ކުރުމަކީ ވެސް ފަސޭހަކަމެއް ނޫން. އެކަމަކު ހާލަތުގެ ގޮތުން އެބަޖެހޭ އެކަންކުރުން،" ނިސްތާރު ބުންޏެވެ.

ނިސްތާރު ބުނީ އަބަދުވެސް އޭނާ ދައްކާ އެއް ވާހަކަ އަކީ ރާއްޖޭގައި ފުޓްބޯޅަ ހުނަރު ވަރަށް ބޮޑަށް އެބައޮތް ކަމަށާއި ދުރާލާ ވިސްނައިގެން ޓީމެއް ހަދައިފިނަމަ ރަނގަޅަށް ރޮޓޭޓްކުރެވޭނެ ވަރުގެ ސްކޮޑެއް ކޮންމެ ޓީމަކަށް ވެސް އެކުލަވާލެވޭނެ ކަމަށެވެ. އެ ގޮތުން ގްރީން ސްޓްރީޓްސްގައި އޭނާ އަށް އެ ގޮތަށް މަސައްކަތްކުރެވިފައިވާ ކަމަށް ނިސްތާރު ބުންޏެވެ.

ލީގުގައި ވެލެންސިއާ މި ވަގުތު އޮތީ ނުވަ މެޗުން 15 ޕޮއިންޓާ އެކު ދެ ވަނައިގަ އެވެ. ތިން ވަނައިގައި ހަމަ އެ އަދަދަށް ޕޮއިންޓް ހޯދައިގެން އޮތީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އެވެ. ހަތަރު ވަނައިގައި އޮތް ގްރީން ސްޓްރީޓްސް އަށް ވަނީ ނުވަ މެޗުން 14 ޕޮއިންޓް ލިބިފަ އެވެ.

މިއަދު ހަވީރު އީގަލްސް އަތުން ދަ ގްރާންޑޭ އަށް މޮޅުނުވެވި ގްރީން ސްޓްރީޓްސް އިން މިރޭ ވެލެންސިއާގެ މައްޗަށް ކުރިހޯދައިފިނަމަ، ގްރީން ސްޓްރީޓްސް އަށް ލީގުގެ ދެ ވަަނަ އަށް އެރުމުގެ ފުރުސަތު އެބައޮތެވެ.

"ތީ ވަރަށް މުހިއްމު ޕޮއިންޓެއް ކަންނޭނގެ ތި ފާހަގަކުރީ. އެކަމަކު އަޅުގަނޑުމެންގެ ޓާގެޓަކީ ޓޮޕް ފޯ. އެކަމަކު ދެވެން އޮތް އެންމެ ކުރިއަކަށް ދިއުން އެއީ ހަމަ ހުރިހާ ޕްލޭޔަރުންނަށް އަދި މެނޭޖްމަންޓަށް ވެސް ލިބޭނެ ހިތްވަރެއް،" ޕޮއިންޓް ތާވަލަށް އިޝާރާތްކޮށް ނިސްތާރު ބުންޏެވެ.

ގްރީން ސްޓްރީޓްސް އާއި ވެލެންސިއާ ކުޅޭ މެޗު ފަށާނީ މިރޭ 21:00 ގަ އެވެ.

2 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މޯޑް

29 March 2021

ހީނާލައިގެން ތި ޓީމަށް ކާމިޔާބު ނުހޯދޭނެ. ކިތައްމެ މޮޅު ކުޅުންތެރިން ތިންބަސް. ކުރީ ދުވަހު ފުރެކްޓިސް ބަލާލިން ވެލެންސިޔާ ކުރާ. ހީނާ ބުނާ އެއްގޮތެއް ވެސް ކުޅުންތެރިން ނަކަށް ނުހެދޭ. ދެން އެކަމާ ހީނާ ހުރީ ރުޅިގަދަ ވެފަ. ކާމިޔާބު ހޯދަށް ބޭނުމިންޔާ މޮޅު ކޯޗަކު ގެނޭ ބިދޭސީ.

The name is already taken The name is available. Register?

ހީނާފަތް

29 March 2021

ދެން ހީނާފަތް އަޅައިގެން ރަތްކޮށްލައިގެން ތިބޭނީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454