ޚަބަރު

ތަރައްގީއަށް އެޅުނު އެންމެ މުހިއްމު އެއް ފިޔަވަޅަކީ ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ހޯރަފުށީ އެއާޕޯޓު ހުޅުއްވައި ދެއްވުމަށް އެ ރަށަށް ވަޑައިގަތުމުން މަރުހަބާ ކިޔަނީ.---ފޮޓޯ: ރައީސް އޮފީސް

ލާމަރުކަޒީ ގާނޫނަށް މި ފަހުން ގެނައި ބަދަލުތަކަކީ ރާއްޖޭގެ ތަރައްގީ އަށް އެޅުނު އެންމެ މުހިއްމު އެއް ފިޔަވަޅު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އާއި ކައުންސިލްތަކާއި ޔޫއެސް އެއިޑް އަދި އިންޓަނޭޝަނަލް ރިޕަބްލިކަން އިންސްޓިޓިއުޓް ގުޅިގެން ފެށި "ޑީސެންޓްރަލައިޒޭޝަން ޕޮލިސީ ކޯޑިނޭޝަން ކޮންފަރެންސް" ގައި ރައީސް ވިދާޅުވީ މިހާރު އަމަލުކުރަނީ ރާއްޖެ ލާމަރުކަޒު ކުރުމަށް ވަރަށް ބޮޑަށް މަގު ކޮށައިދޭ ގާނޫނުއަސާސީއެއް ކަމަށެވެ.

އެކަމަކު، ހަގީގީ ލާމަރުކަޒީ ނިޒާމަކުން އަތޮޅުތަކާއި ރަށްތައް ބާރުވެރިވީ، މި ސަރުކާރު ވެރިކަމަށް އައިސް އެ ގާނޫނަށް 2019 ގައި ހުށަހެޅި އިސްލާހުތަކުން ކަމަށް ވިދާޅުވި އެވެ.

"ރާއްޖެއަކީ އުފެދުމުގައި ވެސް ލާމަރުކަޒީ ސިފަތަކާއެކު އުފެދިފައި އޮތް ޖަޒީރާ ރާއްޖެއެއް. މާސިންގާ ހިންދު ކަނޑަށް ފެތުރިފައި އޮތް މި ރަށްތައް ތަރައްގީ ކުރެވޭނީ މަރުކަޒީ އުސޫލުތައް ދޫކޮށްގެން،" ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވި އެވެ.

އަންނަ މަހުގެ 10 ގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަކީ ލާމަރުކަޒީ ނިޒާމަށް ގެނައި އިސްލާހީ ބަދަލުތައް ތަންފީޒުކުރުމުގެ ފުރަތަމަ ފިޔަވަޅެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވިގޮތުގައި، އެ އިންތިޚާބުން ލާމަރުކަޒީ ނިޒާމަށް އަންނާނެ އެންމެ ބޮޑު ބަދަލަކީ އިންތިޚާބުކުރެވޭ މަގާމުތަކުގައި އަންހެނުން ތަމްސީލުކުރާ މިންވަރު އެތައް ގުނައަކުން އިތުރުވުމެވެ. މިއީ ރާއްޖޭގެ ތަރައްގީ އަށް ވެސް އަދި ސިޔާސީ މަސްރަހަށް ވެސް އަންނާނެ ބޮޑު ބަދަލެއްކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ އެ ބަދަލުތަކުގެ ހެޔޮ އަސަރު ރާއްޖޭގެ ކޮންމެ ރަށަކުން ފެނިގެންދާނެ ކަމަށެވެ. ފިރިހެނުންނާ އެއް ހަމައެއްގައި އަދި މަގާމުގެ ގޮތުން ވެސް އެއް ފެންވަރެއްގައި އަންހެނުން ތަމްސީލުކުރާ މިންވަރު އިތުރުވެގެން ދިއުމާއެކު އަންހެނުންގެ ހައްގުތައް ކަށަވަރުކުރުމާއި ގައުމީ ފެންވަރުގައި އެކަމަށް ދެވޭ އަހައްމިއްޔަތުކަން އިތުރުވާނެ ކަމަށް ވިދާޅުވި އެވެ.

އެންމެ ފަހުން 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބަށް އޭރުގެ އިދިކޮޅު ފަރާތްތަކުން އަދި މިހާރު ސަރުކާރުގައި ތިއްބެވި ބޭފުޅުން ކެމްޕެއިން ކުރަމުން ދިޔައިރު ގާނޫނުއަސާސީގައި ކަނޑައަޅާފައި އޮތް ލާމަރުކަޒީ ނިޒާމު އޮތީ އޭރުގެ ސަރުކާރުން މުޅިން ގަނޑުބަޑު ކޮށްފައި ކަމަށް ރައީސް ވިދާޅުވި އެވެ.

"ގާނޫނު ބަދަލުކޮށް ކައުންސިލްތަކުގެ ބާރު އޮތީ [ރައީސް ޔާމީންގެ] ސަރުކާރުގެ އެކިއެކި ވުޒާރާތަކަށް ޖަމާކޮށްފައި. ކައުންސިލަރުންނަށް އެއްވެސް އިހުތިޔާރެއް، ބާރެއް ނެތްގޮތަށް ހުރިހާ ކަމެއް ހުރީ މިނިސްޓަރުގެ ބާރުގެ ދަށަށް ބަދަލުކޮށްފައި،" ރައީސް ވިދާޅުވި އެވެ. "ކައުންސިލަރުން ސަސްޕެންޑުކުރުމާއި ކައުންސިލްތަކަށް ޖެއްސުންކޮށް ދަތިކުރުން އޮތީ ސަރުކާރުގެ އާދައަކަށް ހަދާފައި. ވަކިން ހާއްސަކޮށް ސިޓީ ކައުންސިލްތަކުގެ އެއްވެސް ބާރެއް ނެތް ގޮތަށް ހުރިހާ ކަމެއް ސަރުކާރުގެ ބާރުގެ ދަށަށް ބަދަލުކުރި."

ރައީސް ވިދާޅުވިގޮތުގައި އެކަމަކު، މިއަދު ހާލަތު ބަދަލުވެއްޖެ އެވެ. އެ މަނިކުފާނު ވިދާޅުވީ، މިއީ ރައްޔިތުންގެ ސަރުކާރެއް ކަމަށާއި ރައްޔިތުން ބާރުވެރިކޮށްގެން އެ މީހުންގެ ބައިވެރިވުމާއެކު ލާމަރުކަޒީ ނިޒާމު ހިންގަން ޖާގަ ދޭނެ ސަރުކާރެއް ކަމަށެވެ "މިއަދު ކައުންސިލަރުންނަށް ގާނޫނީ ބާރު ލިބިއްޖެ. ރަށްރަށުގެ އިހުތިސާސް ކަނޑައަޅައިފި. ރަށްރަށުގައި އިހުސާސްގައި ހިމެނޭ ބިންތަކާއި ފަޅުތަކާއި އެހެން ވަސީލަތްތަކުގެ މިލްކުވެރި ފަރާތަކީ ރަށު ކައުންސިލް،" އެ މަނިކުފާނު ވިދާޅުވި އެވެ.

އެ ރަށެއްގެ ވަސީލަތްތައް ލިބޭ އާމްދަނީ ލިބޭނީ އެ ރަށެއްގެ ކައުންސިލަށް ކަމަށް ލާމަރުކަޒީ ގާނޫނަށް އަލަށް ގެނައި އިސްލާހުގައި ބުނެފައި ވެ އެވެ. މިއީ ރާއްޖޭގެ ތާރީހުގައި ވެސް ރަށުގެ މިލްކުވެރިކަން ރަށުގެ ރައްޔިތުންނަށް ލިބިގެން އައި ފުރަތަމަ ފަހަރެވެ.

ރައީސް ވިދާޅުވި ގޮތުގައި އަތޮޅު ކައުންސިލަރުންގެ ދައުރު ވެސް އެތައް ގޮތަކުން ފުޅާވެ މުޅި އަތޮޅުގެ ތަރައްގީ އަށް ހިދުމަތްކުރެވޭނެ ގޮތަށް ޒިންމާތަކާއި ވާޖިބުތައް ވަނީ ހަވާލުކޮށްފަ އެވެ. އެ ކަމުގައި ދެން އޮތީ މަސައްކަތްކުރުން ކަމަށް ވިދާޅުވި އެވެ.

"މި ގާނޫނުން ލިބިދޭ ބާރާއި ވަސީލަތްތަކާއެކު ރަށާއި އަތޮޅާއި ސިޓީތަކުގެ ތަރައްގީއަށް މުހިއްމު މަސައްކަތްތައް ކުރުން. އެކަމަށްޓަކައި ކައުންސިލްތަކަށް ބޭނުންވާ ފަންނީ ލަފައާ އެހީތެރިކަން ސަރުކާރުން ދޭނެ،" ރައީސް ވިދާޅުވި އެވެ.

މަރުކަޒީ ސަރުކާރާއި ކައުންސިލްގެ މަސައްކަތްތައް އޮންނަނީ ވަރަށް ބޮޑަށް ގުޅިފައި ކަމަށް ވިދާޅުވެ، ރައީސް ވިދާޅުވީ ކައުންސިލްތަކާ މަތިކޮށްފައިވާ ގާނޫނީ ޒިންމާތައް އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށް ދައުލަތުގެ ހުރިހާ މުއައްސަސާތަކެއްގެ އެއްބާރުލުން ލިބެންޖެހޭ ކަމަށެވެ. ސަރުކާރު ހިންގުމުގައި ޒަމާނުއްސުރެ ގެންގުޅެމުން އައި މަރުކަޒީ ވިސްނުން ދޫކޮށް ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމާއި ހިދުމަތްތައް ދިނުމުގައި ލާމަރުކަޒީ އުސޫލަށް ބަދަލުވާންޖެހޭކަން ފާހަގަކުރެއްވި އެވެ.

ކޮވިޑު-19 އާ އެކު ވެސް އެންމެ ބޮޑަށް ދަސްވި ކަމަކީ، ރައީސް ވިދާޅުވި ގޮތުގައި މާލޭގެ ތޮއްޖެހުމަށް ފިޔަވަޅު އެޅުން މާ ލަސްވެފައިވާކަމާއި މާލެއަށް ޖަމާކޮށްފައިވާ ބާރުތަކާއި ހިދުމަތްތައް މުޅި ރާއްޖެއަށް ބަހާލަންޖެހޭ ކަމެވެ. އެ ބަލި ފެތުރި، ފާއިތުވި އެއް އަހަރުގެ ތެރޭގައި މަސައްކަތް ކުރަމުން ދިޔައީ ވެސް ރާއްޖޭގެ ފަސް ސަރަހައްދެއްގެ ރީޖަނަލް ހޮސްޕިޓަލަށް ބޭނުންވާ އުމްރާނީ ތަރައްގީ އާއި ވަސީލަތްތައް ހޯދައި ތަރައްގީކުރުމުގަ އެވެ.

"މާލެ ބަންދުވެފައި އޮތަސް އަތޮޅު ހޮސްޕިޓަލުތަކާއި ރީޖަނަލް ހޮސްޕިޓަލްތަކުން ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ފޯރުކޮށްދެމުން ދިޔަކަން ފާހަގަކުރަން. އެއީ ސިއްހީ ނިޒާމު ލާމަރުކަޒީ ކުރުމަށް ކުރަން މަސައްކަތުގެ ނަތީޖާ. އެކަންކަން ފުރިހަމައަށް ކުރެވޭނީ ސަރުކާރުގެ ހުރިހާ އިދާރާއެއްގެ ވިސްނުން ލާމަރުކަޒީ ކުރުމުގެ ރޫހާ އެއްގޮތް ވެގެން،" ރައީސް ވިދާޅުވި އެވެ.

21 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 44%
icon sad icon sad 0%
icon angry icon angry 56%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޕަބްލޯ

31 March 2021

ކޮވިޑާއި ގުޅިގެން މާލޭގެ ތޮއްޖެހުމަށް ފިޔަވަޅު އެޅުމަށް މާލަސްވެފައިވާ ކަމަށާ ބާރުތައް މުޅި ރާއްޖެއަށް ބަހާލަން ޖެހޭކަމަށް ދަސްވެއްޖެކަމަށް މަނިކުފާނު ވިދާޅުވިޔަސް މަނިކުފާނުގެ ސަރުކާރަށް އެކަން ދަސްވިހެނެއް ހިއެއް ނުވޭ. އެހެން ނޫންނަމަ ރަށްރަށަށް ބަދަލުވާން ބޭނުން އާއިލާތަކަށް އެންމެ 20000 ދޭކަށް ނުނިންމާނެ. މީހުންނަށް ގެދޮރު މަރާމާތުކޮށްގެން އަހަރެއްހާ ދުވަހަށް ހަމަޖެހިލައިގެން އުޅެވޭނެ ވަރުގެ އަދަދެއް ދޭނެ

The name is already taken The name is available. Register?

ތަނަށް..

31 March 2021

ތިއީ ހީފުޅުވާ ހީފުޅުވުމެއް. ތަރައްޤީއެއްގެ މައިގަނޑުކަމުގައިވާނީ ދެތުވެރި ނިޔަތާއި ޢަމަލު. އެކަންނެތި، ދެއްކުމަށްކުރެވޭ އެއްވެސްކަމަކުން ތިވިދާޅުވާކަމަކަށް މަގެއްނުފެންނާނެ. މިބުނި ދެކަންތަކަކީ އެއްވެސް ޔުނިވަރސިޓީއަކުން ކިޔަވައިދޭ އެއްޗެއްކަމުގައި ޤަބޫލެއްނުކުރެވޭ. މިޤައުމުގައި ތެދުވެރިކަމާއި ހިތްހެޔޮކަމުގެ ނިޔަތެއްނެތް. އޮތީ ލިބޭތާނގައި ލިބިގަތުމާއި ނުލިބޭތަނުގައި ޖަހައިގަތުން.

The name is already taken The name is available. Register?

މާއްދާ27

31 March 2021

މައިން ބަފައިން ދިނީމަ ކައިބޮއި އުޅޭ އެއްވެސް ޒިންމާއެއް ނުނަގާ ތިބެފަ ރަށްހިންގަން ކިރުތުނބުން ނުފިލާ ދުނިޔޭގެ ކަންހިނގާގޮތް ނޭނގި ތިބި ބަޔަކު ލާ ބާރެއްގެ ގޮތުގައި ރަށުގައި ހުރި ބިންތައް ވިއްކާލުމުގެ ހުއްދަ ދިނީމަ ދައުރު ނިމިދާއިރު އޮންނާނީ މުޅިރަށުގެ ހުސްބވިންތައް ވިއްކާ ނުވަތަ ލޯނުނަގާ ދަރާ ވިކި ހުސްވެފަ އެވެ. ނަތީޖާ އަކަށް ވާނީ ރަށްވިއްކާލެވިފައި އޮތުމެވެ.

The name is already taken The name is available. Register?

ޕަޕެޓުން

31 March 2021

އިންޤިސާދެއް ހިނގާގޮތެއް، ޤާނޫނެއް، ޕަބްލިކް ސެކްޓަރ ފައިނޭންސެއް، މެނޭޖްމެންޓެއް އެއް މިއެއް ނޭނގޭ ތަޖުރިބާ މަދު ކުދިން ގިނަވާނީ. ދެންފެންނާނީ ރީތަރަށްތަކުގެ ބީޗް ކައިރިން ނުފޫޒުގަދަ ވިޔަފާރިވެރިން ބޮޑެތި ބިންތަށް މިލްކުރާތަން. އެކުދިންގެ ދަރިން ބޮޑެތިވާއިރު ނޯނާނެ ރަށަކު ބިމެއް. އުންމީދަކީ އެކުދިން މިސިޔާސީ މީހުން ހާވާ ހަޑިއާ މަޅީގައި ނުޖެހުން.

The name is already taken The name is available. Register?

ދެވަންދުނި

31 March 2021

އަޑަށް ބާރުލާފަ ލާމަރުކަޒީ އޭކިޔަސް ދިވެހިރާއްޖޭގެ ހަގީގީ ލަމަރުކަޒީ ނިޒާމަކަށް ދެވޭނީ ސަރަހައްދުތައް ތަރައްގީވެ މާލެއަށް ބަރޯސާވުން ކުޑަވެގެން.އެ ސަރަހައްދުގައި ހުރި ވަސީލަތްތައް ހޯދާ އޭގެން ނަފާ ހޯދިގެން. އިދާރިގޮތުން ލާމަރުކަޒު ކުރެވުނަސް މާލީ އަދި އިގްތިސާދީ ގޮތުން ލާމަރުކަޒު ނުވާނަމަ ލާމަރުކަޒު ކުރުމުގެ ފާއިދާއެއް ނުވާނެ!

The name is already taken The name is available. Register?

12061987

31 March 2021

ރާއްޖޭގެ ޔުނިޓަރީ ދައުލަތުގެ ސިފަ މަޑުމަޑުން ގެއްލިދަނީ. ރާއްޖެ ފަަދަ ކުޑަ، ޖަޒީރާ ގައުމަކަށް ވަރަށް ބޮޑު ގޮންޖެހުމެއް. ބައިބައިވުންތަކަށް ހުޅުވާލެވޭ ފުރުސަތެއް. މިކަންކަން މީގެ 100 ނުވަތަ 200 ވަރަކަށް އަހަރު ފަހުން ފެންނާނެކަމަށް ބެލެވޭ.

The name is already taken The name is available. Register?

ސަޅިދޯދީދީ

31 March 2021

އަލަށްގެނެވުނު ލާމަރުކަޒީ ގާނޫނާއެކު ލާމަރުކަޒީވެފައި އޮތްމިންވަރަކީ އަވަށްޓެރި ގައުމެއްގެ މަރުކަޒީ ސަރުކާރަކުން ހިންގާ ލާމަރުކަޒީ ސަރުކާރެއް މިރާއްޖޭގައިއޮތުން.

The name is already taken The name is available. Register?

ލާމަރުކަޒު

31 March 2021

ލާމަރުކަޒީއަކީ ނިކަމެތިކަމެއް. މިޒަމާނަކީ އޮންލައިން ޒަމާން. އޮންލައިންކޮށް ދޭ ޚިދުމަތް ފުޅާކުރީމާ ތިޔަ ބުނާ ލާމަރުކަޒީ ހުރިހާ ޚިދުމަތެއް ދެވޭނެ. އޭރުން އޮފީހުގެ ދޮރާށިކައިރިއަށް އައިސް ސަލާންނުޖަހާ ގިނަ ޚިދުމަތް ލިބޭނެ. ކޮންމެ ރަށެއްގައި އެޑްމިނިިސްޓްރޭޓަރަކު ހުރެފައި ކުރިން ހިންގިިގޮތަށް ރަށްރަށް ހިންގީމާ ޚަރަދުކުޑަވާނެ. މީހުން މަދު ރަށްރަށުން މީހުން ބަދަލުކުރުން އަވަސްކޮށްގެން ނޫނީ ރައްޔިތުންނަށް އުފާފާގަތިކަމެއް ނުލިބޭނެ.

The name is already taken The name is available. Register?

އެކޮއި

31 March 2021

ތަ ރައްޤީގެ އެން މެ މުހިއް މު ފިޔަވަޅަކީ އެ ރަށެއްގެ އާބާދީ އާއި އެކަށީގެންވާ ވަ ރަށް ވަޒީފާ އެ ރަށެއްގައި އުފެއްދުން. ވަޒީފާ އާއި އާމްދަނީ އާއި ނުލާ ގެނެވޭނެ ތަ ރައްޤީއެއް ނޯންނާނެ. ރަށު ހު ރިހާ ރައްޔިތުންނަކީ ބަނދަ ރު ކައިގެން ބޮއިގެން ބަނދަ ރުގައި ނިދައިގެއް އުޅޭ ބައެއްނޫން.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

30 March 2021

ހުދާއިކަޅުން ކަރުދާހުގައިލިޔެފައިވާ އެއްޗަކަށް ކަންކަންކުރިނަމަ މިއަދު ލާމަރުކަޒީގެވާހަކަ ދިވެހިން ދައްކާކަށްނުޖެހޭނެ. # މަނިކުފާނުމެނަށްވެސް ތިޔަ ޓޮޕިކް މުހިންމުވަނީ ތިއީ އިންތިޙާބު ކާމިޔާބުކުރާން އަޅާންޖެހޭ ރައްޔިތުންގެ ވޯޓްހޯދުމަށް ބޭނުންކުރާނެ ހަތިޔާރެއް ކަމުގައިވާތީ. # އިޙްލާސްތެރި ހިތަކައިގެން ލާމަރުކަޒު ކުރާން ނޫޅޭ ކަމުގެ ސާބިތު ހެކި ވެރިކަމުގެ 3 އަހަރުގެ ބަޖޭޓާއި ލޯނު އަދި އެހީގައި ހިންގި ޕްރޮޖެކްޓްތައް ހިންގާފައިވާގޮތް ބަލާލުމުން އިގޭނެ.

The name is already taken The name is available. Register?

އެމެރިކާ

30 March 2021

ދަރިންނޭ ހެޔޮނުވާނެ މިމީހުންނަ ކަންސިލްނުދީ. މީ ވަރައް ވާހަކަ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454