ސިންގަޕޯ އެއާލައިންސްގެ ބޯޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި-- ފޮޓޯ: މިހާރު
31 މާޗް 2021 - 10:59
ސިންގަޕޯ އެއާލައިންސްގެ ދަތުރުތައް ރާއްޖެ އަށް އަލުން ފަށައިފި އެވެ.
ރާއްޖޭގެ ދަތުރުތައް އެ އެއާލައިނުން މެދުކަނޑައިލީ ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމާ ގުޅިގެން މިދިޔަ އަހަރުގަ އެވެ. މި ދަތުރުތައް އަލުން ފަށާފައި ވަނީ ރާއްޖެ އަށް އަންނަ މީހުންގެ އަދަދު އިތުރުވުމުންނެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނީ، ސިންގަޕޯ އެއާލައިންސުން ދެން ހަފުތާއަކު ތިން ދުވަހު ރާއްޖެ އަށް ދަތުރުތައް ބާއްވާނެ ކަމަށެވެ. އެއީ އަންގާރަ، ހުކުރު އަދި ހޮނިހިރު ދުވަހު އެވެ.
Happy to welcome @SingaporeAir after a long time. Enjoy SQ Flights on Fridays, Saturdays and Tuesdays every week. https://t.co/2567e2KrQL
— Maldives Airports Company Ltd - MACL (@MACLmedia) March 30, 2021
އެމްއޭސީއެލް އިން ސިންގަޕޯ އެއާލައިންސްއަށް މަރުހަބާ ކިޔައި ކުރި ޓްވީޓެއް--
ސިންގަޕޯ އެއާލައިންސްގެ ދަތުރުތައް ފެށުމާއެކު، ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ރާއްޖެ އަށް އަލުން ދަތުރުތައް ފެށި ބައިނަލްއަގުވާމީ އެއާލައިންގެ އަދަދު މިހާރު ވަނީ 30 އަށް އަރައިފަ އެވެ. މީގެ ތެރޭގައި ސިންގަޕޯ އެއާލައިންސްގެ ދަށުން ހިންގާ ސިލްކު އެއާވެސް ހިމެނެ އެވެ.
ސިންގަޕޯ އެއާލައިންސަކީ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުން ގިނަ އަދަދެއްގެ ޓޫރިސްޓުން ރާއްޖެ ގެންނަ އެއާލައިނެކެވެ. އެހެންވެ، އެ އެއާލައިންގެ ދަތުރުތައް އަލުން ފެށުމާއެކު އެ ސަރަހައްދުން އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވާނެ ކަމަށް ލަފާކުރެވެ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މި އަހަރުގެ މިހާތަނަށް ދެ ލައްކައަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެ އަށް ޒިޔާރަތް ކޮށްފައިވާއިރު މި މަހު އެކަނިވެސް އެއް ލައްކައަށް ވުރެ ގިނަ ޓޫރިސްޓުން ވަނީ އައިސްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy