ހިތަދޫ ކުރީގެ ބަނދަރު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ކުރިއަށްދަނީ-- ފޮޓޯ: އެމްޓީސީސީ
02 އެޕްރީލް 2021 - 15:06
އައްޑޫ ސިޓީ ހިތަދޫގެ ކުރީގެ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީން މިއަދު ފަށައިފި އެވެ.
ހިތަދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ މަޝްރޫއު ފައްޓަވައިދެއްވީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމާއި އެ ދާއިރާގެ މަޖިލިސް މެމްބަރުން ކަމަށްވާ މުހައްމަދު އަސްލަމާއި އަހުމަދު ރަޝީދު އަދި އިބްރާހިމް ނާޒިލެވެ.
އެ މަޝްރޫއު އެމްޓީސީސީއާ ހަވާލު ކޮށްފައިވަނީ އިއްޔެ އެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލު ކޮށްފައިވަނީ އެއް އަހަރު ދުވަހުން ނިންމުމަށެވެ.
އެ ޕްރޮޖެކްޓަށް 52.4 މިލިއަން ރުފިޔާ ހަރަދުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
އެ މަޝްރޫއުގެ ދަށުން، 234،297 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 800 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 284 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމުގެ އިތުރުން 1،420 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ކުރާނެ އެވެ. އަދި ނެރު ބައްތި ހަރުކުރުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން އެމްޓީސީސީއާ ވަނީ ހަވާލުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy