ކާޑުގެ ބާވަތްތަކުގެ ސަބްސިޑީ ފޯމް ބަލައިގަތުމުގެ މަސައްކަތް ހުޅުމާލޭ ފެރީ ޓާމިނަލްގައި ކުރިއަށް ދަނީ: ފޯމު ހުށަހެޅި މީހުންގެ ތެރެއިން މުޅި ރާއްޖޭން ޝަރުތު ހަމަވީ 70 މީހުން -- ފޮޓޯ: މިހާރު
15 ނޮވެމްބަރ 2016 - 11:10
ހަމައެކަނި ފަގީރުންނަށް ދޭ އެއްޗެއްގެ ގޮތުގައި ކާޑު ސަބްސިޑީ ހަމަޖައްސައި، އެހީ އަށް އެދުމުގެ ފުރުސަތު ހުޅުވައިލުމުން ކުރިމަތިލީ މީހުންގެ ތެރެ އިން މުޅި ރާއްޖޭން ސަބްސިޑީ އަށް ޝަރުތު ހަމަވީ 70 އާއިލާ ކަމަށް އެންސްޕާ އިން މިއަދު ބުނެފި އެވެ.
ސަބްސިޑީ އަށް އެދި ހުށަހެޅުމުގެ ފުރުސަތު މިދިޔަ ނޮވެމްބަރު މަހުން ފެށިގެން ވަނީ ހުޅުވާލައިފަ އެވެ. އެކަމަކު މިހާތަނަށް ސަބްސިޑީ އަށް އެދި ހުށަހެޅީ ކިތައް މީހުން ކަމެއް އެންސްޕާ އިން ނުބުނެ އެވެ. ނަމަވެސް ސަބްސިޑީ ބޭނުންވާ މީހުންނަށް، މާލޭގެ އެކި ސަރަހައްދުތަކުން އެކަމަށް ފޯމުލެވޭ ގޮތަށް ހަމަޖެއްސުމުން ގިނަ ބަޔަކު ފޯމުލީ ކަން އެނގިފައި ވެ އެވެ.
އެންސްޕާގެ ސީއީއޯ މުޖުތަބާ ޖަލީލު ވިދާޅުވީ ސަބްސިޑީ އަށް ޝަރުތު ހަމަވި 70 އާއިލާ އަށް އަންނަ މަހުގެ ދިހަ ވަނަ ދުވަހުގެ ކުރިން ފައިސާ ދޭނެ ކަމަށެވެ.
"އަޅުގަނޑުމެން ހަމަޖައްސާފައި އޮންނަ ގޮތުން އެ މަހެއްގެ ފައިސާ ދެން އަންނަ މަހެއްގެ ދިހަ ވަނަ ދުވަހުގެ ކުރިން ދޭނެ. އެހެންވެ، މި މަހަށް ވާ ފައިސާ ވެސް ދިހަ ވަނަ ދުވަހުގެ ކުރިން ދޭނެ،" މުޖުތަބާ ވިދާޅުވި އެވެ.
ކާޑުގެ ސަބްސިޑީގެ ގޮތުގައި ސަރުކާރުން ފަގީރުންނަށް ދޭން ނިންމާފައިވަނީ ގޭބިސީއަކަށް މަހަކު ގިނަވެގެން 240 ރުފިޔާ އެވެ. މިއީ އާއްމުކޮށް ގޭބިސީއެއްގައި ހަ މީހުން ތިބޭނެ ކަމަށް ބަލާފައި ބޮލަކަށް 40ރ ގެ ނިސްބަތުން ކަނޑައަޅާފައިވާ މިންވަރެކެވެ.
ކާޑުގެ ސަބްސިޑީ ހަމައެކަނި ފަގީރުންނަށް ދޭ ގޮތަށް ނިންމި ނަމަވެސް، ފަގީރުންގެ ގޮތުގައި ބަލާ މިންގަނޑު އާއްމުކޮށްފައި ނުވާތީ ގިނަ ބަޔަކު ވަނީ ޝަކުވާ ކޮށްފަ އެވެ. އެކަމަކު އެންސްޕާ އިން ކުރިން ބުނީ ސަބްސިޑީ ދިނުމުގައި، ލިބޭ އާމްދަނީއަށާއި ގެއެއްގައި މީހުން ތިބޭ އަދަދަށާއި އާއްމު ދިރިއުޅުމުގެ ހާލަތަށް ބަލާނެ ކަމަށެވެ.
އަދި ފަގީރުންނަށް ސަބްސިޑީ ދިނުމަށް ދޫކުރާ ފޯމުގައި އެ ކަންކަން، ހިމަނާފައި ވާ އިރު އެ ގެއެއްގައި މީހުން ބޭނުން ކުރާ ކޮޓަރީގެ އަދަދާއި ދިރިއުޅޭ އާއިލާގެ އަދަދާއި އެ މީހުންގެ އަދަދާއި އުމުރުން 18 އަހަރުން ދަށުގެ ކުދިންނާއެކު ދިރިއުޅެނީ ކިތައް މައިންތޯ އާއި ދިރިއުޅޭ ތަނުގެ ބޮޑުމިން ފޯމުގައި ހިމަނަން ޖެހެ އެވެ. އަދި ގޭގައި ބޭނުން ކުރާ ދޮންނަ މެޝިނާއި ރޭޑިއޯ އާއި އައިސްއަލަމާރި އާއި ރައިސް ކުކަރާއި ކޮމްޕިއުޓަރު ފަދަ އިލެކްޓްރޯނިކް ސާމާނު ހުރޭތޯ ބަލަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބްރާހިމް
15 November 2016
އަހަރެންވެސް ފޯމު ހުށަހެޅިން. ތީގެތެރޭގާ ހިމެނޭކަމެއްވެސް ނޭގެ. ވީމާ މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން މިހޮވުނު 70 ޢާއިލާ ހާމަކޮށްދެއްވުން އެދެން. އެކަން އެހެން ނުކުރާނަމަ ތިޔައީ އެއްވެސް އިންސާފަކުން ކޮށްފައިވާކަމެއްކަމަށް ގަބޫލެއް ނުކުރެވޭ.
ޒާ
15 November 2016
ދިވެހިރާއްޖޭގައި ނެތް ހަނޑޫ ހަކުފުށް ގަނެގެން ކައިބޮއި ނުހެދޭވަރުގެ ހަމަ އެކަކުވެސް. އެކަން އެނގެނީ ގެންގުޅޭ މޯބައިލް ފޯނުންނާއި، މިޒަމާނުގެ ވަސީލަތްތަކުން. އަމުދުން ގެއިން ކައިބޮއި ހެދުމަށްވުރެން ހޮޓާ ރެސްޓޯރަންޓް ތަކުން ކައިބޮއި އުޅޭ މީހުން މަދެއްނޫން. އަބަދު ކޮފީގަ. އެތާ ތިބެވެސް ދައްކަނީ ސަބްސިޑީ ނުލިބޭ ވާހަކަ.
ރަދީފް އެންޑް ރަފައިދާ
15 November 2016
މަމެންގެ އޯސަމް އެކޮނޮމިސްޓު އެރީމާ އުޅެންޖެހޭ ހާލަކީމީ. ދިރިއުޅުމަކީ މިއީބާ؟
ޖުހާ
15 November 2016
އެހެންވީމާ ފަގީރުންގެ ލިސްޓަކީ މީކަމަށްބައްލަވާ ޒަކާތުގެ ފައިސާ ވެސް ދެން ދޭންވާނީ މި70 ޢާއިލާއަށް އެކަނި. ކަރަންޓްގެ ސަބްަސިޑީވެސް މިގޮތަށް ބަދލުކޮށްލައްވާ. އެކަމަކު ދެއްވާއެތިކޮޅު މިއަށްވުރެ އިތުރުކޮށްލަންފެނޭ.
ބާގިރު
15 November 2016
ޤައުމުން ފަޤީރުކަން ނައްތާލެވުނީނުންތޯ ، އަންނަ އަހަރު ސާވޭ ކޮށްލާއިރު އިރާދަކުރެއްވިއްޔާ ރާއްޖޭގަ އެންމެ ފަޤީރަކުވެސް ނޫޅޭނެތާ ދޯ، މޮޅު ގޮތެއް
އުދުހޭ
15 November 2016
އެކަމަކު ސަބްސިޑީ ކަނޑައެއްނުލަމޯ ބަދަލު ގެނައީޔޯ؟! ހަަހަހަ!
އަސްލު ކިޔާދީ ނަސްލު ކިޔާދީ
15 November 2016
އަސްލު ފަގީރުން މިފެނުނީ! މަރުހަބާ ރާއިސް ޔާމީން! 2018 ޔަގީން! ލޮލް!
ބީރުބޮލު
15 November 2016
ކާޑުގެ ސަބްސިޓީ ދޭނީ ފަގީރުންނަށޯ . ހުރިހާ ދިވެހިންނަށް އާސަންދައިން ބޭސްކުރެވޭއިރު ސަރުކާރުން ބޮޑުމުސާރަ ދެއްވާ މިނިވަން މުވައްސަސާތަކުގެ ވެރިންނާ މަޖްލިސް މެންބަރުންނާ ވަޒީރުންނާ އަމީރުންގެ ބޭސްފަރުވާ ސަރުކާރުން ކޮށްދޭންޖެހެނީ އެބޭފުޅުން ހަމަ ފަގީރުކުންގެ ލިސްޓްގައި އޮތީމާތާ. ނުވަތަ އެމީހުންނަކީ ފަޤީރުންކަމަށް ހަދާ ބޭޒާރު ކުރަންބާ
އިބޫ
15 November 2016
ޝުކުރިއްޔާ ރައީސް ޔާމިން މަނިކުފާން ވެރިކަމަށް ވަޑައިގެންނެވިއިރު މިގައުމުގައި 2000ހެއްހާ ފަގީރުންތިބި ނަމަވެސް މަނިކުފާނުގެ އިގުތިސާދީ ސިޔާސަތުގެ ސަބަބުން މިގައުމުގައި މިހާރުތިބީ އެންމެ 70 ފަގީރުން މަނިކުފާނު 2050ގައިވެސް މިގައުމުގެ ރައީސްކަމުގައި ހުރެދިނުމަށް އެދެން
އަލި
15 November 2016
2018 ގަ ވޯޓް ލާނީވެސް 70 މީހުންތާ ޔާމީނައް
އަލީ
15 November 2016
ކެކެކެކެ. ވޯޓް މީ ސަބްސިޑީ ދީގެން ލާއެއްޗެއް ތަ؟