މެގަ މޯލްޑިވްސްގެ ބޯޓެއް ރާއްޖޭގެ އެއާޕޯޓުގައި: އެ އެއާލައިނުން ނިއު ދިއްލީއަށް ކުރާ ދަތުރުތަކުގެ ފުރަތަމަ ފްލައިޓް މާދަމާ ފުރަން ވަނީ ހަމަޖެހިފައި-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
16 ނޮވެމްބަރ 2016 - 11:47
ރާއްޖޭގެ އަމިއްލަ އެއާލައިނެއް ކަމަށްވާ މެގަ މޯލްޑިވްސް އިން މާދަމާ އިންޑިއާ އަށް ފަށާ ދަތުރުތަކުގައި ފުރަތަމަ ފްލައިޓުގެ ދެކޮޅު ޓިކެޓް 98 ޑޮލަރަށް ގަތުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މި ފްލައިޓް މާލެއިން ދިއްލީ އަށް ފުރަން ހަމަޖެހިފައި ވަނީ މާދަމާ އެވެ. އަދި މި ޓިކެޓުގައި 22 ނުވަތަ 27 ނޮވެމްބަރުގައި އެނބުރި ރާއްޖެ އައުމުގެ އިހުތިޔާރުު ޕެސެންޖަރުންނަށް މެގަ އިން ދީފައިވެ އެވެ.
އެ އެއާލައިނުން ދިއްލީ އަށް ބާއްވަން ހަމަޖެހިފައި ވަނީ ހަފުތާއަކު ތިން ފްލައިޓެވެ. މިއީ މާލެ އާއި ދިއްލީއާ ދެމެދު އޮންނަ ހަމައެކަނި ސީދާ ފްލައިޓެވެ.
ދިއްލީގެ އިތުރުން މެގަ އިން ހަފުތާއަކު ދެ ފްލައިޓް މުމްބާއީ އަށް ވެސް ބާއްވާނެ އެވެ.
މެގަ މޯލްޑިވްސް އިން މާދަމާ ދިއްލީ އަށް ފަށާ ދަތުރުތަކުގެ ފުރަތަމަ ފްލައިޓްގެ ޓިކެޓު 98 ޑޮލަރަށް ވިއްކުމަށް އެ އެއާލައިނުން ނެރުނު އެޑްވަޓައިޒްމަންޓް: -- ފޮޓޯ: މެގަ މޯލްޑިވްސް
މީގެ ކުރިން ރާއްޖެއިން ދިއްލީ އަށް ދަތުރުކުރާ މީހުން އެންމެ އާންމުކޮށް ބޭނުން ކުރަނީ އިންޑިއާގެ ބެންގަލޫރު މަގެވެ. ނަމަވެސް މާލެ އިން ބެންގަލޫރަށް ސީދާ ދިއުމަށް ފަހު ބެންގަލޫރުން ދިއްލީ އަށް ދާން ޖެހޭތީ އެ މަގުން ކުރާ ދަތުރުތަކުގައި ގާތްގަނޑަކަށް ނުވަ ގަޑިއިރު ހޭދަ ކުރަން ޖެހެ އެވެ.
"ރާއްޖޭގެ ޓޫރިޒަމްގައި އެންމެ ކުރިއަރަމުން އަންނަ އެއް މާކެޓަކީ މިހާރު އިންޑިއާ. ދިއްލީ އާއި މުމްބާއީ އަށް ސީދާ ދަތުރުތައް ފެށުމާ އެކު އެ މާކެޓަށް ވަރަށް ބޮޑު ކުރިއެރުމެއް އަންނާނެ،" މެގަ މޯލްޑިވްސްގެ ޑިރެކްޓަރު އޮފް ސްޓްރެޓެޖީ އެންޑް ޑިވެލޮޕްމަންޓް މިފްޒާލް އަހުމަދު ވިދާޅުވި އެވެ.
އެމެރިކާ ކުންފުންޏަކާއި ދިވެހި ކުންފުންޏެއް ގުޅިގެން 2009 ގައި ފެށި މެގަ މޯލްޑިވްސްގެ ފަސް ވަނަ އަހަރީ ދުވަސް އަންނަ މަހު ފާހަގަކުރަން ތައްޔާރުވަމުން އަންނައިރު، މި މަހު ސްރީ ލަންކާ އަށް ވެސް މެގަ އިން ވަނީ ދަތުރު ވަނީ ފަށައިފަ އެވެ. އެގޮތުން، ކޮލަމްބޯ އަށް ހަފްތާ އަކު ތިން ފްލައިޓް މެގަ އިން ބާއްވަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy