ކުޅިވަރު / އޭއެފްސީ ކަޕް 2021

އީގަލްސް އާއި އަބަހާނީ މެޗު ގޮތެއް ނުނިމި ދިގުލަނީ

18 އެޕްރީލް 2021 - 12:17

އޭއެފްސީ ކަޕް ޕްރިލިމިނަރި ސުޓޭޖުގެ ދެ ވަނަ ބުރުގައި، ރާއްޖޭގެ ކުލަބު އީގަލްސް އާއި ބަންގްލަދޭޝްގެ ޑާކާ އަބަހާނީ ލިމިޓެޑް ކުޅެން ހަމަޖެހިފައިވާ މެޗާ ގުޅޭ ގޮތުން ވަކި ގޮތެއް ނުނިމި މައްސަލަ ދިގުލާން ފަށައިފި އެވެ.

އެންމެ ފުރަތަމަ ތާވަލްކޮށްފައި އޮތް ގޮތުން މި މެޗު ކުޅެން ހަމަޖެހިފައި އޮތީ މިދިޔަ ބުދަ ދުވަހު ބަންގްލަދޭޝްގަ އެވެ. އެ ގައުމުގައި ކޯވިޑްގެ ނުރައްކާ ބޮޑުވުމުން އެ މެޗު ކުޅޭނެ މާހައުލެއް އަމިއްލަ ގައުމަކުން އަބަހާނީއަކަށް ނުހޯދުނެވެ. ނިއުޓްރަލް ވެނޫއެއް ހޯދަން އަބަހާނީއަށް އަންގައި، އޭއެފްސީން ވަނީ އަންނަ ބުދަ ދުވަހަށް މެޗު ފަސްކޮށްދީފަ އެވެ. ނިއުޓްރަލް ވެނޫއެއްގެ ގޮތުގައި އަބަހާނީން ހަމަޖެއްސީ ނޭޕާލްގެ ގައުމީ ސްޓޭޑިއަމް، ދަޝަރަތު ރަންގަސާލާ ސްޓޭޑިއެމް އެވެ.

ނިއުޓްރަލް ވެނޫ ހަމަޖެހުނު ނަމަވެސް، ނޭޕާލަށް ދަތުރު ކުރުމުގެ ދޮރު އަބަހާނީއަށް ވަނީ ބަންދުވެފަ އެވެ. ކޯވިޑްއާ ގުޅިގެން އިންޓަނޭޝަނަލް ފުލައިޓްތައް މަޑުޖައްސާލުމަށް ބަންގުލަދޭޝްގެ ސަރުކާރުން މިދިޔަ ބުދަ ދުވަހު ވަނީ ނިންމައިފަ އެވެ. އަބަހާނީއަށް ނޭޕަލަށް ދަތުރު ނުކުރެވޭނެތީ، އަންނަ ބުދަ ދުވަހު މެޗު ނޯންނާނެ ކަން މިހާރު ވަނީ ޔަގީންވެފަ އެވެ.

ޕްރިލިމިނަރީ ސްޓޭޖުން މޮޅުވާ ދެ ޓީމު ދަތުރު ކުރާނީ ޕްލޭއޮފަށެވެ. ނޭޕާލްގެ އާމީ ކުލަބު ބަލިކޮށް ބެންގަލޫރު އެފްސީ ވަނީ ޕްލޭއޮފް ބުރަށް ކޮލިފައިވެފަ އެވެ. ޕްލޭއޮފް މެޗު އޮންނާނީ މި މަހުގެ 28 ވަނަ ދުވަހު އިންޑިއާގެ ގޯއާގަ އެވެ. ބަންގުލަދޭޝްގެ މީޑިއާތަކުން ބުނި ގޮތުގައި، އޭއެފްސީން ވަނީ އީގަލްސް އާއި އަބަހާނީ މެޗު ގޯއާގައި ކުޅުމަށް ހުށަހަޅައިފަ އެވެ. އެހެންނަމަވެސް އިންޑިއާއަށް ދަތުރު ކުރުމަށް ވީސާ ހެއްދޭނެ ގޮތެއް ވެސް އަބަހާނީގެ ޓީމަކަށް ނެތެވެ. ބަނަގްލަދޭޝްގެ މީޑިއާތަކުން ބުނި ގޮތުގައި އެ ގައުމު ލޮކުޑައުންކޮށްފައި ވުމުން، ޑާކާގައި ހުންނަ އިންޑިއާގެ އެމްބަސީން ވަނީ ވިސާ ދޫކުރުމުގެ ހިދުމަތް މެދުކަނޑާލައިފަ އެވެ.

އިންޑިއާގައި ނުކުޅެވޭނަމަ، ރާއްޖެއަށް މެޗު ބަދަލު ކުރުމުގެ ފުރުސަތު ވެސް އެބައޮތެވެ. ނަމަވެސް އަދި ވަކި ގޮތެއް ހަމަ ނުޖެ އެވެ.

"ހުރި އެކިއެކި ފުރުސަތުތަކަށް އަހަރެމެން މަޝްވަރާ ކޮށްފިން. އެކަމަކު ވަކި ނިންމުމެއް އަދިވެސް ނުނިންމޭ. އޭއެފްސީން ވެސް ދަނީ މިކަމަށް ހައްލުތަކެއް ލިބޭތޯ މަސައްކަތް ކުރަމުން،" ބަންގުލަދޭޝްގެ ފުޓްބޯޅަ ފެޑްރޭޝަންގެ ޖެނަރަލް ސެކެޓްރީ، އެމްޑީ އަބޫ ނައީމް ޝޮހާގް، ބަންގުލަދޭޝްގެ މީޑީއާތަކަށް ވިދާޅުވި އެވެ.

އެ މެޗު އަންނަ ބުދަ ދުވަހު ނޯންނާނެކަން ޔަގީންވުމުން، ދިވެހި ޕްރިމިއާ ލީގުގެ ޝެޑިއުލަށް ވަނީ ބަދަލު ގެނެސްފަ އެވެ. ކުރިން އޮތް ގޮތުންނަމަ އަންނަ ބުދަ ދުވަހު ލީގުގެ އެއްވެސް މެޗެއް ނުކުޅޭނެ އެވެ. އެފްއޭއެމުން މިއަދު ނެރުނު އާ ޝެޑިއުލްގައިވާ ގޮތުން ލީގްގެ 14 ވަނަ ހަފުތާގެ ކުޅުން ފަށާނީ ބުދަ ދުވަހު އެވެ.

"އަދި ހަމަ އެއްވެސް ގޮތެއް ފައިނަލް ނުވޭ. ދެ ދުވަހެއްގެ ތެރޭ ވަކި ގޮތެއް ހަމަޖެހޭނެ ކަމަށް ބުނެފަ ވަނީ،" އަބަހާނީގެ މެޗާ ބެހޭގޮތުން އީގަލްސްގެ އޮފިޝަލަކު ބުންޏެވެ.

ޕްރިލިމިނަރީގެ ދެ ވަނަ ބުރަށް އީގަލްސް ކޮލިފައިވީ، ފުރަތަމަ ބުރުގައި ބޫޓާންގެ ތިމްޕޫ ސިޓީގެ މައްޗަށް މާލޭގައި ކުޅުނު މެޗު 2-0 ކާމިޔާބު ކޮށްގެންނެވެ. ކޮވިޑާ ގުޅިގެން ގުރޫޕް ސްޓޭޖް ސެންޓްރަލައިޒްކޮށް ކުޅެން އޭއެފްސީން ވަނީ ނިންމައިފަ އެވެ.

ދެކުނު އޭޝިއާގެ ގުރޫޕް ސްޓޭޖު މެޗުތައް އަންނަ މަހު 14-20 އަށް އޮންނާނީ ރާއްޖޭގަ އެވެ. ގުރޫޕް ސްޓޭޖު ހޯސްޓް ކުރުމުގެ ބިޑް ރާއްޖެއިން ކާމިޔާބުކުރީ އިންޑިއާއާ ވާދަކޮށެވެ. ގުރޫޕް ސުޓޭޖުގައި ކޮންމެ ޓީމެއް، ކޮންމެ ޓީމަކާ ދެކޮޅަށް ކުޅޭނީ އެއް ފަހަރު އެވެ. ގުރޫޕް ސްޓޭޖުން އޮޓަމެޓިކް ޖާގަ ކަށަވަރު ވެފައި ވަނީ ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ބަންގުލަދޭޝްގެ ބޮށުންދަރާ ކިންގްސް އަދި އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އަށެވެ. ގުރޫޕް ސްޓޭޖުގެ ފަހު ޖަގަ ލިބޭނީ ޕްލޭއޮފް މެޗުން މޮޅުވާ ޓީމަކަށެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454