ކުޅިވަރު / އިސްމާއީލް މަހެފޫޒް (އިންމަ)

ޓީމުގެ އެތެރޭގެ މައްސަލަތައް ހައްލުވެއްޖެ: އިންމަ

ގްރާންޑޭގެ ކޯޗް އިސްމާއީލް މަހްފޫޒު

22 އެޕްރީލް 2021 - 20:19

ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުގެ އެތެރޭގައި ހުރި ކަންބޮޑުވުންތައް މިހާރު ހައްލުކުރެވިފައިވާ ކަމަށް އެ ޓީމުގެ ކޯޗް، އިސްމާއީލް މަހްފޫޒް (އިންމަ) ބުނެފި އެވެ.

މިދިޔަ އާދިއްތަ ދުވަހު، ވެލެންސިއާ އާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން މީޑިއާ އާ ވާހަކަ ދައްކަމުން އިންމަ ބުނެފައި ވަނީ، ޓީމުގެ އެތޭރޭގައި މައްސަލަތަކެއް ހުރި ކަމަށެވެ. އެ ޓީމު އެންމެ ފަހުން ކުޅުނު ފަސް މެޗުން ވެސް މޮޅު ވެވިފައެއް ނުވެ އެވެ. އެ ފަސް މެޗުން އެ ޓީމަށް ހޯދުނީ އެންމެ ޕޮއިންޓެވެ.

"ދަނޑު މަތީގައި އަޅުގަނޑުމެންގެ ކުޅުންތެރިންގެ ތެރޭގައި ހަމަނުޖެހުންތަކެއް ހިނގަމުން ދިޔަ. އެއްޗެކޭ ބުނީމަ އޭގެ ރަނގަޅު ނޫން ބަސްތައް ކުޅުންތެރިންގެ ފަރާތުން އައި. މިކަހަލަ ކަންތައްތަކަކާ ހެދި އަޅުގަނޑުމެންގެ ޕާފޯމަންސް އެހާ ބޮޑަށް ވެއްޓިގެން ދިޔައީ،" މިދިޔަ ހުކުރު ދުވަހު އިންމަ ބުނެފައި ވެއެވެ.

މާދަމާ ރޭ، ގްރާންޑޭއިން ނުކުންނާނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާ ދެކޮޅަށެވެ. މިއަދު ބޭއްވި ޕްރީ މެޗު ޕްރެސްގައި ވާހަކަ ދައްކަމުން އިންމަ ބުނީ ޓީމުގެ އެތޭރޭގައި ހުރި މައްސަލަތައް މިހާރު ހައްލުވެފައިވާ ކަމަށެވެ. އަދި ކުޅުންތެރިންނަށް ނުދެވި ހުރި މުސާރަތައް ވެސް މިއަދު ނޫނީ މާދަމާ ދޭން ފަށާނެ ކަމަށް އޭނާ ބުންޏެވެ.

ގްރާންޑޭއާ ދެކޮޅަށް ނުކުންނަ އިރު ސަސް ވެސް އޮތީ އުނދަގޫ ހާލަތެއްގަ އެވެ. މެޗުތަކުން މޮޅު ނުވެވުމުގެ މައްސަލައިގައި އެ ޓީމުގެ ކޯޗް މުހައްމަދު ޝިޔާޒު (މޯހަން) ހުރީ ވަރަށް ކަންބޮޑު ވެފަ އެވެ. އިންމަ ބުނީ، އިދިކޮޅު ޓީމު އޮތް މަގާމެއް ބަލަން އޭނާ ބޭނުން ނުވާ ކަމަށެވެ.

"އަޅުގަނޑަށް މުހިންމީ މިވަގުތު އަޅުގަނޑުމެން ޓީމު އޮތް ޕޮޒިޝަނުން އެހެން މަގާމަކަށް ކުރިއަށް ދިިއުން." އިންމަ ބުންޏެވެ. "އިދިކޮޅު ޓީމު އޮތް މާގަމު ބަލާކަށް އަޅުގަނޑުމެންނަށް މުހިންމެއް ނޫން."

ދެ ޓީމުގައި ވެސް ތަޖުރިބާކާރު ކުޅުންތެރިން ތިބިކަން ފާހަގަ ކުރަމުން އިންމަ ބުނީ، މެޗުތަކުގައި ބައެއް ފަހަރު ތަޖުރިބާކާރު ކުޅުންތެރިންނާއެކުވެސް ނަތީޖާ ނުނެރެވިފައި އެބަހުރި ކަމަށެވެ.

"ބައެއް ދުވަސް ދުވަހު އެންމެ ރަނގަޅު ކުޅުންތެރިންވެސް ޕޯފޯމް ނުކުރެވި ދޭ ކިތަންމެ ތަޖުރިބާއެއް ހުރި ކަމުގައި ވިއަސް،" އިންމަ ބުންޏެވެ. "އަޅުގަނޑުމެންގެ ޓީމު ފުލް ޕޮޓެންޝިއަލްގައި ދަނޑަށް ނުކުމެ ޓެކްޓިކަލް ޑިސިޕްލިން ހިފަހައްޓައިގެން ކުޅޭ މަންޒަރު ދެކެން އަޅުގަނޑު ބޭނުން ވަނީ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ކުޅުންތެރިން މާދަމާ ރޭ މެޗުގައި އެކަން ކުރާނެ."

ލީގުގެ ތާވަލުގައި ސަސް އަށް ވުރެ ގްރާންޑޭ އޮތީ ހަތަރު ޕޮއިންޓް ކުރީގަ އެވެ. ގްރާންޑޭ ހަތަރު ވަނައިގައި އޮތް އިރު ސަސް އޮތީ ހަތް ވަނައިގަ އެވެ. ސަސް އަށް ވުރެ ގްރާންޑޭގެ ނަތީޖާތައް ރަނގަޅު ވެފައިވުމުން ބޮޑު ޕްރެޝަރެއް ގްރާންޑޭއަށް އޮތް ކަމަށް ގަބޫލު ކުރަންތޯ އެހެމުން އިންމަ ބުނީ، އޭނާގެ ޓީމަށް މާ ބޮޑު ޕްރެޝަރެއް އޮތް ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.

"ހަގީގަތުގައި އެވަރުގެ ޕްރެޝަރަކަށް އަޅުގަނޑުމެން ނުވެއްޓޭ،" އިންމަ ބުންޏެވެ. "ޕްރެޝަރަށް ނުދާ ސަބަބަކީ ވެސް އަޅުގަނޑުމެންގެ ޕާފޯމަންސް ރަނގަޅު ވަމުން އައުން. ފުރަތަމަ ބުރުގައި ފުދޭވަރަކަށް ރަނގަޅަށް ޕޮއިންޓް ހޯދާފަވެސް އޮތް ޓީމެއް. ކަންތައްތައް ދިމާވި ގޮތުން އަދި ދެ ވަނަ ބުރުގައި އަޅުގަނޑުމެންނަށް އެކަންކަމުން އަރައި ނުގަނެވިގެން މި އުޅެނީ. އަޅުގަނޑުމެންގެ ޕޮޒިޝަން އޮތް ގޮތުން އަޅުގަނޑުމެންނަށް އެއްވެސް ޕްރެޝަރެއް ނެތް."

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454