ކުޅިވަރު / ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް

ގުރާންޑޭ އޮތީ މައްސަލަގަނޑެއްގެ ތެރޭގައި: އިންމަ

18 އެޕްރީލް 2021 - 10:55

ގުރާންޑޭގެ ޓީމު މައްސަލަގަނޑެއްގެ ތެރޭގައި އޮތް ކަން އެ ޓީމުގެ ކޯޗް އިސްމާއީލް މަހްފޫޒް (އިންމަ) ހާމަ ކޮށްފި އެވެ.

ދިވެހި ޕްރިމިއާ ލީގްގައި ގުރާންޑޭ އެންމެ ފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން އެއްވެސް މެޗަކުން މޮޅުވެފައެއް ނުވެ އެވެ. އީގަލްސް އާ ދެކޮޅަށް ކުޅުނު މެޗުން އެއްވަރުވުން ފިޔަވައި ދެން ކުޅުނު ތިން މެޗުން އެ ޓީމު ވަނީ ބަލިވެފަ އެވެ. އެ ހަތަރު މެޗުން ދެ ލަނޑު ޖެހުނު އިރު އެ ޓީމު ކޮޅަށް 12 ލަނޑު ވަނެވެ. ލީގުގެ ފުރަތަމަ ބުރުގައި ރަނގަޅު ނަތީޖާތަކެއް ނެރުނު ޓީމަށް ވަނީ ބޮޑެތި މައްސަލަތަކެއް ކުރިމަތި ވެފަ އެވެ.

ޓީމުގެ ނަތީޖާތައް ގޯސް ވުމުގެ އިތުރަށް، ކުޅުންތެރިންގެ މެދުގައި "ހަމަނުޖެހުންތަކެއް ހިނގަމުން ދިޔަ" ކަން އިންމަ ފާހަގަ ކުރި އެވެ.

"ކޮންމެ ޓީމަކަށްވެސް އުނދަގޫ ވާނެ އެއް ކުޅުންތެރިޔަކު އަނެއް ކުޅުންތެރިޔަކަށް އެހީ ނުވެ މެޗު ދާ ކަމަށް ވަންޏާ، ކޯޗަކަށް ހުންނަ މީހަކަށްވެސް އުނދަގޫ ވާނެ،" މިރޭ ވެލެންސިއާ އާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އިންމަ ބުންޏެވެ.

"ކުރިން މެޗުގައި ދަނޑު މަތީގައި އަޅުގަނޑުމެންގެ ކުޅުންތެރިންގެ ތެރޭގައި ހަމަނުޖެހުންތަކެއް ހިނގަމުން ދިޔަ. އެއްޗެކޭ ބުނީމަ އޭގެ ރަނގަޅު ނޫން ބަސްތައް ކުޅުންތެރިންގެ ފަރާތުން އައި. މިކަހަލަ ކަންތައްތަކަކާ ހެދި އަޅުގަނޑުމެންގެ ޕާފޯމަންސް އެހާ ބޮޑަށް ވެއްޓިގެން ދިޔައީ. ގެއްލޭ ބޯޅަތަކުގައި އެއް ކުޅުންތެރިޔަކު އަނެއް ކުޅުންތެރިޔަކަށް އެއްޗިހި ބުނެ މިކަހަލަ ކަންތައްތަކެއް ދިމަވި."

އެ ޓީމުގެ ޕާފޯމަންސް ދަށް ވުމުގައި ކުރިމަތިވި އަނެއް މައްސަލައެއްގެ ގޮތުގައި އިންމަ ފާހަގަ ކުރީ ކޮވިޑާ ގުޅިގެން ނެގި ބުރޭކުގައި ޓީމުގެ ޓްރޭނިން ސެޝަންތައް އެންމެ ހިތްހަމަޖެހޭ ގޮތަށް ނުދިއުމެވެ. އެނގިފައިވާ ގޮތުގައި ގުރާންޑޭގެ ޓީމަށް މުސާރައިގެ މައްސަލަތައް ވަނީ ކުރިމަތި ވެފަ އެވެ. އިންމަ ބުނީ އެކަންކަން ދުވަހުން ދުވހަށް ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ޓީމުގެ ކެޕްޓަންގެ ގޮތުގައި ހުރި ޔަޝްފާދު ހަބީބު (މުލަކޭ) އަތުން ކެޕްޓަންގެ މަސްއޫލިއްޔަތުތައް ވަނީ ނަގައިފަ އެވެ.

ކުރިން އިންމަ ބުނެފައި ވަނީ ކެޕްޓަން ބޭންޑް އެކި ފަހަރު އެކި ކުޅުންތެރިންގެ އަތުގައި އޮންނާނެ ކަމަށެވެ.

ވެލެންސިއާ އާ ދެކޮޅަށް ކުޅޭ މެޗަކީ، ގުރާންޑޭ އަށް މުހިންމު މެޗެއްކަން ފާހަގަ ކުރަމުން އޭނާ ބުނީ ވެލެންސިއާ އަތުން މޮޅުވެއްޖެ ނަމަ ގުރާންޑޭގެ ޓާނިން ޕޮއިންޓަކަށް އެކަން ވާނެ ކަމަށެވެ. ވެލެންސިއާ މެޗަށް ނުކުންނާނީ ޓީމު ތެރޭގައި ހުރި ކަންކަން ހަައްލު ކޮށްގެން ކަމަށް އިންމަ ބުންޏެވެ. އޭނާ ބުނީ މިރޭގެ މެޗުން ބަލިވިޔަސް ޓީމު އަޑިއަޅާލިޔަ ނުދޭ ކަމަށެވެ.

"އަޅުގަނޑުމެން އެވަރަށް ވެއްޓުނަކަ ނުދޭނަން،" އިންމަ ބުންޏެވެ.

މި ސީޒަންގައި ގުރާންޑޭ ޓީމަށް ނަތީޖާ ނެރުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރި އަޔާޒު އަހްމަދު ޕްރެކްޓިހަށް ނުނިކުންނަތާ 10 ވަރަކަށް ދުވަސް ވެއްޖެ އެވެ. ޕްރެކްޓިހަށް ހާޒިރު ނުވާ ކުޅުންތެރިންނަށް މެޗުން ފުރުސަތު ދޭނަންތޯ އެހުމުން އެއަށް ވަކި އެއްޗެއް އިންމަ ނުބުނެ އެވެ. ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށް އެންމެ ފަހުން ކުޅުނު މެޗުން ވެސް އަޔާއަށް ފުރުސަތު ދިނެވެ.

"ދެން ކީކޭތޯ އަޅުގަނޑު ތިކަމާ ދަންނަ ވާނީ، ޕްރެކްޓިސް ކުރާ މީހުން ބޯޅަ ކުޅޭނެ. ޕްރެކްޓިސް ނުކުރާ މީހުންނަށް ބޯޅައެއް ނުކުޅޭނެ،" ޕްރެކްޓިހަށް ހާޒިރު ނުވާނަމަ މެޗުން ބާކީ ކުރާނަންތޯ އެހުމުން އިންމަ ބުންޏެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 50%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454